ބެހުނު ފަރުމަސް ދަތުރު

މުޙައްމަދު އިފްޙާމް 12ބީ

2020ވަނަ އަހަރުގެ ޖެނުއަރީ 23ވީ ހުކުރު ދުވަހުގެ އަސުރުން ފައިބައިގެން އަހަރެން (ހއ.ތަކަންދޫ، ތަށިމުށިވިލާ ޢަލީ ޙާޝިމް) އާއި  އަހަރެންގެ އެކުވެރި ދިއްގާގޮސްދޮށުގޭ ފަރުހަތު ޒާހިރާއި ހަމަ އެގޭ ނުޢުމާން ޒާހިރުގެ އިތުރުން ތަތްކުރޮޅިގޭ ހަސަން އާމިރު ފަރުމަހަށް ނުކުތީ އިރުއޮއްސެން ވާއިރަށް އެރޭ ބާބަކިއު ހެދޭނޭ ވަރަށް ފަރުމަސް ބޭނުމުގެ ޢަޒުމުގައެވެ. އާމިރުގެ ބައްޕަގެ ކުޑަ ޑިންގީގަނޑުގައި ކުރެވުނު މި ދަތުރުގައި ނަނުބަޔަކާއި ދެފުޅި ބޯފެނުގެ އިތުރުން ފަސްލީޓަރު ޕެޓްރޯލު ފިޔަވައި އިތުރު އެއްޗެއް ނުގެންދަމެވެ.

ރަށުން ފުރިގޮތަށް ފުރަތަމަވެސް އަހަރެމެން ދިޔައީ މާރަންދޫ ބޭރަށެވެ. އެއީ އަހަރެމެން އެންމެ އާންމުކޮށް ފަރުމަސް ބާނާ ވަންޏެވެ. ނަމަވެސް އެ ދުވަހު އެތަނުން ދެ ގިޔުޅު ފިޔަވައި އިތުރު އެއްޗެއް ނުލިބުމުން ގައްލަންދޫ ކަނޑުއޮޅީގައި އޮންނަ ތިލައާ ދިމާއަށް މިސްރާބު ބެހެއްޓީމެވެ. ތިލައަށް ފޯރިއިރު ގަޑިން ފަހެއް ޖަހަނީއެވެ. ނަސީބު ރަނގަޅުކަމުން މާގިނަ އިރަކު އެތާ މަޑުކުރާކަށްވެސް ނުޖެހުނެވެ. ވިއްސަކަށް މިނެޓު ތެރޭގައި އަހަރެމެން ބޭނުންވާ ވަރަށް ވުރެ އިތުރަށްވެސް މަސްބޭނިއްޖެއެވެ. އެހެންކަމުން ލަސްނުކޮށް ރަށަށް އަންނަން މިސްރާބުޖެހީމެވެ. އޭރު ހުޅަނގު އުތުރު ފަރާތުން ވިއްސާރަ ވިލާގަނޑެއްގެ ނިޝާންތައް ފެންނަން ހުއްޓެވެ. މާ ގިނައިރެއް ނުވެއެވެ. ވިލާގަނޑުގެ ވައި އަހަރެމެންނާ ހަމައަށް ފޯރައިފިއެވެ. އަހަރެމެން ދުށްވަމުން ދިޔައީ ވިލާގަނޑުގެ ކުރިން ރަށަށް ފޯރާތޯއެވެ.

ކޮންމެއަކަސް ރަށާ އަރާ ހަމަނުވަނީސް ކޮޅިގަނޑުގައި ޖެހިއްޖެއެވެ. ވާރެވެހޭލެއް ބޯކަމުން ތަނެއްދޮރެއް ވަތްކެއް ނުވެއެވެ. އިންތިހާއަށް ވައިބާރުވެ ރާޅުތައް ގިނަވެ ކަނޑު މުޅިން ހުދުފޮނަށް ހަދާލައިފިއެވެ. ޑިންގީގަނޑު ދެފަރާތަށް ތަޅުވަމުން ކުރިޔަށް ދިޔަ ނަމަވެސް، ދެވޭ ނުދެވޭ ދިމާއެއް ނޭނގެއެވެ. އިރުއިރުކޮޅުން ޑިންގީގަނޑު ތެރެއަށް ބިންދާލާ ބިޔަ ރާޅުތައް ބިންދާލާއިރު ހީވަނީ ހަމަ ދެންމެދެންމެ އަޑިޔަށް ހިނގައިދާނެހެންނެވެ. ދޭތެރެދޭތެރެއިން އެ ޖަހާލާ ގުގުރީގެ ބާރު އަޑުފަށްގަނޑާއެކު ގެނުވާ ސިހުން އިތުރުވެއެވެ. ގޮތް ހުސްވެފައި ނުހުރެ ޑިންގީގައި އޮތް ހަންބުރިއަކުން އޭގެ ދިޔަގަނޑު ހިއްކޭތޯ މަސައްކަތްކުރީމެވެ. ދުއްވަން އިން ނުއުމާނުވެސް ރާޅުތަކާ ދެކޮޅަށް ގަދަ ހިތްވަރު ދެއްކިއެވެ. އެ ބިރުވެރިކަމުގައި ބައިގަޑިއިރަށްވުރެ ގިނައިރުވެފައި ވިލާގަނޑުގެ ވައިމަޑުވެ ވާރޭ ތުނިކޮށްލިއިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ތިބެވުނު ހިސާބު ބަލައިލިއިރު ވަނގާރު ކަނޑުން ރާއްޖެއިން ބޭރުވާން ދަނީއެވެ. ހުރި ޕެޓްރޯލުކޮޅުގެ މަދުކަމާއެކު އެންމެނަށް ވެސް އިއްތިފާގުވެވުނީ ހިކިފަސްތަނަކަށް ފައިބާށެވެ. އެހެންކަމުން މަޑުމަޑުން ދުއްވާފައި ވަނގާރަށް ކައިރިކުރީމެވެ.

ވަނގާރަށް ފައިބައި ބޯނެ ކުރުނބާ އަޅައި ވަލުން ދެތިން ކާށްޓާއި ބޯކަށިކެޔޮގަނޑެއް ނެރެވުނުއިރު އިރުއޮއްސި މޫނުއަނދިރިކަން ވެރިވެއްޖެއެވެ. ފޯނުތަކަށް ލޮނުއެޅި ހަލާކުވެފައިވުމުން އަލިކުރެވޭނޭ ގޮތެއް ނެތެވެ. ޑިންގީގައި އޮތް ވަޅިއަކުން ކުރުނބާ ހަދައިގެން އެވަގުތަށް ހައިހޫނުކަން ފިލުވާލެވުނެވެ. އޭގެ އަނެއް ދުވަސްވެސް ވޭތުވީ ހަމަ އެފަދަ ހާލެއްގައެވެ. އެ ދުވަހުގެ ރޭ ކަނޑަށް ވެއްޓުނު އަލިގުޅައެއް ފެނި އެކަމާ ބިރުން، އެކަކުވެސް ނުނިދައެވެ.

ޖެހިގެންއައި ދުވަހު ވަނގާރަށް، ކާށްޓާއި ފަންހޮވަން ބަޔަކު އައުންވީ އަހަރެމެންގެ ނަސީބަށެވެ. ތުރާކުނުން އައި އެ ދޯނީގައި އަހަރެމެންނަށް ރަށަށް އާދެވޭނޭގޮތް ހަމަޖެހުނެވެ. ހަނދާނުން ފިލުވާލަން ދަތި އެ ދަތުރުން އެނބުރި ރަށަށް ލެފުނުއިރު އަނބިދަރިންނަށާއި ޚުދު އަހަރެމެންނަށްވެސް ވަނީ ނަފްސާނީ އަސަރުތަކެއް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *