Category: ފީޗަރ އާޓިކަލް

  • މީސްމީޑިއާގެ ދަންތުރައިގައި ޖެހި އާއިލީ ގުޅުންތައް ހީނަރުވެފައި

    މީސްމީޑިއާގެ ދަންތުރައިގައި ޖެހި އާއިލީ ގުޅުންތައް ހީނަރުވެފައި

    އާއިލާއެކު ކެއުމަކަށް އިންޞާފުކޮށްލަން ރެސްޓޯރެންޓަކަށް ދިޔަ ދުވަހު، ދަރިން އެ އުޅުނު ގޮތުން އަޖައިބުވެ އަންތަރީސްވާވަރު ވިއެވެ. ”އެކަކުވެސް ކާންނުފަށާތި، ސްނެޕްކޮށްލައި، އިންސްޓަގްރާމް ސްޓޯރީއަށް ލާނޭ ފޮޓޯއެއް ނެގެންދެން އިހަށް ތިބޭ!“ ގޮނޑިމައްޗަށް ކޮޅަށްއަރައި، ފޮޓޯނަގަން ހުރެފައި، އަހަރެންގެ ސޯޅަ އަހަރަށްދާ އަންހެންދަރި ބުންޏެވެ. ވަށައިގެން ނަޒަރު ހިންގާލުމުން މުޅިންވެސް ފެނުނީ އެ ޒާތުގެ މަންޒަރުތަކެވެ.

    ހަމައެކަނި ކާއެއްޗެހި ފޮޓޯނަގައި މީސްމީޑިއާއަށް ދޫކުރުމަކުން ނިމުނީއެއް ނޫނެވެ. ކެއުމުގެ ތެރޭގައިވެސް އެކަކު އަނެކަކާ ވާހަކަދެއްކޭވަރެއް ނުވިއެވެ. އެކަކު އިނީ އޭނާ ފޭސްބުކަށް ލީ ފޮޓޯއަށް ލިބޭ ”ލައިކް“ ގުނާށެވެ. އަނެކަކު އިނީ ސްނެޕްގްރޫޕުގައި، އޭނާގެ ”ދުރުގައި ތިބި ރައްޓެހިންނާ“ ވާހަކަދައްކާށެވެ.

    މިއީ މިއަދުގެ މުޖުތަމައުން ވަރަށް އާންމުކޮށް ފެންނަމުންދާ، އެހެނަސް ގަބޫލުކުރަން ދަތި ހިތި ޙަޤީޤަތެކެވެ. މީސްމީޑިއާގެ އަވައިގައި ޖެހި ކައިރީގައި ގާތް މީހުން އެއީ ޙަޤީޤަތުގައި ދުރު، ބީރައްޓެހި ބަޔަކަށް ވެއްޖެއެވެ. ”އަހަރެމެން މިއަދު ތިބީ އެއް މޭޒެއްގެ ދެފަރާތުގައި ކަމަށްވިޔަސް، ހަގީގަތުގައި ތިބީ އެކި ދުނިޔެތަކުގައި“ އިޖުތިމާޢީ މައްސަލަތައް ދިރާސާކުރާ ބޭފުޅަކު ވިދާޅުވިއެވެ. އާއިލީ ސުފުރާތަކާއި، އެކުވެރިންގެ އެއްވުންތަކަކީ އެކަކު އަނެކަކުގެ ހާލުބަލައި، އުފަލާއި ހިތާމަ ހިއްސާކުރާ ވަގުތުތަކަކަށް ވުމުގެ ބަދަލުގައި، މިއަދު އެއީ މީސްމީޑިއާއަށް ”ކޮންޓެންޓް“ އުފައްދާ މައިދާނަކަށް ވަނީ ބަދަލުވެފައެވެ.

    މީސްމީޑިއާގެ މަންސަތަކުން ލިބޭ ”ލައިކް“ ތަކާއި ”ކޮމެންޓް“ ތަކަކީ އިންސާނާގެ ނަފްސާނީ ހަމަޖެހުމާއި އުފާވެރިކަން މިންކުރާ މިންގަނޑަކަށް ހެދުމުގެ ނަތީޖާއަކީ، ހަގީގީ ދުނިޔޭގައި ލިބޭ އުފާތަކަށް ދެވޭ ސަމާލުކަން ކުޑަވުމެވެ. ”ގިނަ މީހުންގެ ސަމާލުކަން މުޅިން ހުންނަނީ ފޯނުގެ ސްކްރީނަށް، ކުރިމަތީގައި ތިބި އާއިލާގެ މޫނުތަކަކަށް ނޫން“ މިއީ މިއަދުގެ ގިނަ ޒުވާނުންގެ ހާލަތު އަމިއްލައަށް ގަބޫލުކުރާ ގޮތެވެ. ޒުވާނުންނާއި ކުޑަކުދިންގެ ހާއްސަ އިހުސާސްތައް މިއަދު ގުޅިފައިވަނީ ސްކްރީނުގެ ފަހަތުގައި ތިބި އޭނާ ނުވެސް ދަންނަ އެތައް ބަޔަކު ދޭ ތައުރީފާއެވެ. މީގެ ސަބަބުން، ކުރިމަތީގައި ތިބި މައިންބަފައިންނާއި، ދަރިންނާއި، ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ޚާއްޞަ ލޯތްބާއި ގުޅުން ދަނީ ދުވަހުން ދުވަހަށް ހީނަރުވަމުންނެވެ.

    ”މީސްމީޑިއާއަށް ދެވިހިފުމަކީ އާއިލީ ގުޅުންތައް ހީނަރުވެ، ދަރިންގެ މުއާމަލާތްކުރުމުގެ ހުނަރު ކުޑަކޮށްދޭ ކަމެއް“ ނަފްސާނީ ޢިލްމުވެރިއަކު އޭނާގެ ރައުޔު ފާޅުކުރަމުން ބުންޏެވެ. މި ފަދަ އާދަތަކުގެ ސަބަބުން ކުޑަކުދިންގެ އިޖުތިމާއީ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. މީސްމީޑިއަށް ދެވިހިފާފައި ތިބޭ ކުދިންގެ ފަރާތުން ފާހަގަވަނީ މޫނަށް ބަލައިގެން ވާހަކަދެއްކުމާއި، މީހުންގެ އިހުސާސްތައް ދެނެގަތުމުގެ ގާބިލުކަން ކުޑަވެ، އެކަނިވެރިކަމުގެ އިހުސާސްކުރެވޭ މިންވަރު އިތުރުވާކަމެވެ. ވަގުތީ އުފަލަކަށްޓަކައި މީސްމީޑިއާގައި ކުރާ ޕޯސްޓްތަކުގެ ފަހަތުން ދުވާއިރު، އަހަރެމެންގެ އަތުން ބީވެގެން މިދަނީ އެނބުރި ނުލިބޭނެ އަގުހުރި ވަގުތުތަކެވެ. އާއިލާއާއެކު ހޭދަކުރެވޭ އުފާވެރި ހަނދާންތަކުގެ ބަދަލުގައި، އާޚިރުގައި އެކަކު އަނެކަކަށް ދެނެގަނެވޭނީ ސްކްރީނުން ފެންނަ ނަގުލީ ތަސްވީރެކެވެ.

    ”ފޯނު ނިއްވާލުމަކީ އުނދަގޫ ކަމެއް އެހެނަސް އެއީ އާއިލާއަށް ސަމާލުކަން ދޭން ކުރަންޖެހޭ މުހިންމުކަމެއް“ ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންކުރުމާ ގުޅޭ ގޮތުން  ވާހަކަދައްކަމުން ވަސޭހަތްތެރިއަކު ފާހަގަކުރިއެވެ. މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި އަހަރެމެންގެ އަމަލީ ދިރިއުޅުމަށް އަވަސް ބަދަލުތަކެއް ގެންނަންޖެހެއެވެ. ކާންއިށީންނަ ވަގުތުތަކާއި، އާއިލީ އެއްވުންތަކުގައި ފޯނު ބޭނުންނުކުރާނެ ސަރަހައްދުތަކާއި ވަގުތުތައް ކަނޑައެޅުން މުހިންމެވެ. މީސްމީޑިއާގެ ވަސްވާސްތަކުން ދުރުވެ، ކުރިމަތީގައި ތިބި އާއިލާގެ މެންބަރުންގެ ވާހަކަތަކަށް އަޑުއަހައި، އެމީހުންގެ އިހުސާސްތަކުގައި ބައިވެރިވުމަކީ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ.

    ހަގީގީ ދިރިއުޅުމުގެ ރީތިކަން އޮތީ ސްކްރީނުގެ އަލީގެ ތެރެއަކު ނޫނެވެ. އެއީ ކުރިމަތީގައި ތިބި އާއިލާއާއި އެކުވެރިންގެ ހިނިތުންވުމާއި، އެމީހުންނާއެކު ހޭދަކުރެވޭ ހަގީގީ ވަގުތުތަކުގައެވެ. މިއީ މީސްމީޑިއާގެ ކަސްތޮޅުއެޅުން ނެއްޓި އާއިލީ ގުޅުންތައް އާލާކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން މިއަދު މިވަނީ މަޖުބޫރުވެފައެވެ.

  • ”ބަދިގެއިން“ ވިދާލި ސަލީމު: ދިވެހި ރަހަތަކުގެ އެންމެ އުހަށް!

    ”ބަދިގެއިން“ ވިދާލި ސަލީމު: ދިވެހި ރަހަތަކުގެ އެންމެ އުހަށް!

    މަރިޔަމް ޖަނާން މުޙައްމަދު (ޖަލާލުއްދީން ސްކޫލް، 12ބީ)

    ބ.ބޮލިދޫ، ފެންފިޔާޒުގޭގެ ދޮރާށިން އެތެރެވުމާއެކު ފުރަތަމަ ވެސް ލޮލުގައިއަޅައިގަތީ މެދުގޯތީގެ އެއްފަރާތެއްގައި ތަރުތީބުކޮށްފައިވާ ދަރުބޮނޑިތަކެވެ. ގެއާ އިންވެގެން ހުރި ދަރުބަދިގެއިން އޭރު ވެސް ދުވަނީ މީރު ރިހާކުރުވަހެވެ. މެދުގޯތީގައި އަވީލައިފައި ހުރި މަސްލީލިތައް ވެސް ހުރީ ކުޅުދިޔާވާ ކަހަލަ ގޮތަކަށެވެ. އަހަރެމެން ގޮވާލި ސަލާމަށް އިޖާބަދެމުން ބަދިގެ ތެރެއިން ނުކުމެ ހިނިތުންވެލީ ދެވަނަ އެހެން މީހެއް ނޫނެވެ. މުޅި ރާއްޖެއަށް މަޝްހޫރު ”ބަދިގެއިން“ ބުރޭންޑު ވުޖޫދުކުރި މުޙައްމަދު ސަލީމެވެ.

    ”ފުރަތަމަ ހެދީ ޓީޗިންގ، ދެން ރަށުން ވަޒީފާއެއް ނުލިބުނީމާ ބޭނުންވީ ގޭގައި ހުރެގެން ކުރެވޭނޭ ކަހަލަ މަސައްކަތެއް ކުރަން“ އޭނާގެ ދަރުބަދިގެއަށް ވަނުމަށް އަތުން އިޝާރާތްކުރަމުން، މަސައްކަތް ފެށުނު ގޮތް، 27 އަހަރުގެ ސަލީމު ކިޔައިދިނެވެ. ދިރިއުޅުމުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލަން ޖެހޭ ވަރަށް ގިނަ ޙާލަތްތައް އަންނާނެއެވެ. ސަލީމުގެ ނަސީބަކަށްވީ އޭނާގެ އުފަން ގެއަކީ މަސްދޯންޏެއް ދުއްވާ ގެއަކަށް ވުމެވެ. އެހެންކަމުން ކައްކާނޭ މަސް ހޯދުމަށް ތަކުލީފެއް އުފުލާއަކަށް އޭނާއަކަށް ނުޖެހުނެވެ. ބައްޕައާއި ދޮށްޓަށް ތިބޭ ދެ ބޭބެއިން ގެއަށް ގެންނަ މަސްތައް ކަނޑައި ސާފުކޮށް ކެއްކުކުމުގެ ހުރިހާ މަސައްކަތަކާ ސަލީމު ހަވާލުވީ އޭނާ އަމިއްލައަށް ބޭނުންވެގެންނެވެ.

    ”ކުރިން ވެސް މަންމަމެން ވަރަށް ގިނައިން މަސް ދިލަޖައްސާނެ، ގޭގައި ބޭނުންކުރާވަރަށް. އެމީހުންގެ މަސައްކަތް ފެނި އެކަމުގެ ތެރޭގައި ކުރިން ވެސް ކޮންމެވެސް ވަރަކަށް އުޅެވޭ. އެ ގޮތަށް އަސްލު މި މަސައްކަތް ދަސްވީ.“ މަސައްކަތުގެ ތެރެއަށް ވަދެވުނުގޮތާއި ޚިޔާލު ލިބުނުގޮތް ކިޔައިދެމުން ޒުވާން ސަލީމު ބުންޏެވެ. މަސައްކަތުގައި އޭނާ އަބަދުވެސް ކަށަވަރު ކުރަމުން ދިޔައީ އުފައްދާ ބާވަތްތަކުގެ ފެންވަރެވެ. އެކަން އެގޮތަށް ކުރުމުގެ ނަތީޖާއަކަށްވީ އޭނާގެ ބާވަތްތަކަށް އޮތް ”ޑިމާންޑު“ ބޮޑުވުމެވެ. މިއަދު އޭނާގެ ”ބްރޭންޑް ބަދިގެއިން“ ގެ ލޭބަލު ޖެހިގެން ނުކުންނަ ވަޅޯމަހާއި، ހިކިމަހާއި، ތުނިމަހާއި، ރިހާކުރަކީ އާންމުން އެ ރަހަތަކަށް އެދިއެދި ތިބޭ ރަހަތަކަކަށް ވަނީ ވެފައެވެ.

    ”ރިހާކުރު ކެއްކީ އަސްލު އަޖުމަ ބަލާލަން. ފުރަތަމަ ވިއްކީ ވެސް ގާތް މީހުންނަށް. އެކަމަކު ފަހުން ފަހުން އެނގިއްޖެ ރިހާކުރުން ލިބޭ ނަފާ މާ ބޮޑަށް ވެސް އިތުރުކަން“ އުނދުންމަތީގައި އޮލަވާން ފަށާފައިހުރި ރިހާކުރު ލޯގަނޑުގެ ތެރޭގައި ދޭފަތް ހިންގާލަމުން ސަލީމު ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ހަޑި މަސައްކަތެއް ނޫނެވެ. އަދި ”އަންހެން“ މަސައްކަތެއް ވެސް ނޫނެވެ.

    ކިޔަވައިދިނުމުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ ހުވަފެން ދެކެމުން އައިސް، ހަޔާތުގެ ލަގަން އެހެން ދިމާއަކަށް ބަދަލުކޮށްލުމަށް ފަހު ޒުވާން އުމުރުގައި މަސްކައްކަން ބަދިގެއަށް ވަނުމަކީ، ސަލީމު ދެކޭގޮތުގައި އޭނާއަށް ނިންމުނު އެންމެ ރަނގަޅު ނިންމުމެވެ. ”ބަދިގެއިން“ ބްރޭންޑާއެކު މުޅި ރާއްޖެއަށް ވިދާލި ސަލީމު މިއަދު ވަނީ ދިވެހި ރަތަކުގެ އެންމެ އުހަށް ވާސިލުވެފައެވެ.

  • ހުސާމަތު: ކުޅުދުއްފުށީގެ ކުޅަދާނަ އުފެއްދުންތެރިއެއް!

    ހުސާމަތު: ކުޅުދުއްފުށީގެ ކުޅަދާނަ އުފެއްދުންތެރިއެއް!

    ޙަމްދާ ޙަސަން ޙަމީދު (12ސީ)

    އޭނާގެ މަސައްކަތުގެ މާހައުލަށް ނަޒަރުހިންގާލުމުން ފެންނަނީ ހުނަރުވެރިކަމެވެ. މާބޮނޑިތަކާއި ސަޤާފީ ރުމާފަޅިތަކެވެ. ރިބަނުން ތަފާތު ޑިޒައިން ތަކަށް މާޖަހާފައިވާ ހެދުމާއި ބާލީސްއުރައެވެ. މިއީ ހދ. ކުޅުދުއްފުށްޓަށް އުފަން ހުސާމަތު އަބްދުﷲގެ ހުނަރުން ފުރިފައިވާ މިންނެތް މަސައްކަތްތަކެވެ.

    ”ކުޑައިރުވެސް ހަމަ އާޓުގެ އެކި ކަހަލަ މަސައްކަތް ވަރަށް ކުރާހިތްވޭ. ދެން 2012ވަނަ އަހަރު ހެދިން ބޭސިކް ރިބަން އެންބްރޮއިޑެރީ ކޯހަކާއި އައިސިން ކޭކު އަޅާ ކޯހެއް. ކޭކު އެޅީ ގިނައިން ހަމަ އާއިލާ ކުދިންނަށް.  2019ވަނަ އަހަރުގެ ފަހުން ބޮޑަށް ރިބަނުން އެއްޗެހި ހަދަން ފެށީ. ހަމަ ވަރަށް ކުރާހިތްވާ ކަމެއް އެއީ. ޔޫޓިއުބުން ބަލައިގެން ތަފާތު އެކި ޑިޒައިން ދަސްކުރިން.“ ހުސާމަތު އޭނާގެ ހުނަރުތައް ފެށުނު ގޮތް ޚުލާޞާކުރަމުން ކިޔައިދިނެވެ. ރިބަނުން މާ ޖަހާފައި އޭނާ ފަހާ ހެދުންތަކުން ވެސް ހުސާމަތުގެ ހުނަރުވެރިކަން ދައްކައިދެއެވެ.

    ”2019 ވަނަ އަހަރު ހެދިން ފަހާ ކޯހެއް. އޭގެ ކުރިންވެސް ހެދުމެއްގައި ފަށްޗެއް ޖަހާލުން ކަހަލަ އާދައިގެ ކަންކަން ކުރަން އެނގޭ. ދެން އަމިއްލަ އަށް ހެދުން ފަހާ، ހެދުމާއި ގުޅޭ ރިބަން މާޖެހި ބޭންޑުވެސް ހަދަން“ ހުސާމަތު އޭނާގެ ފެހުމާ ބެހޭގޮތުން ކިޔައިދިނެވެ.  ރިބަނުން މާ ހެދުމުގެ އިތުރުން ސަޤާފީ ހެދުމާއެކު ޖަހާ ރުމާފައްޗާއި ސްކޫލު ކުދިންގެ ޓައީ ދަތިވެސް ހުސާމަތު ހަދައެވެ.

    ”ސްކޫލު ހުޅުވޭ ދުވަސްވަރާ ދިމާކޮށްފައި ވަރަށް އޯޑަރު ލިބޭ ބޮލުގައި ޖަހާ ޓައީ ދައްޗަށް. ދެން ސަޤާފީ ހެދުން ލާ ދުވަސްވަރު ހަމަ އެކި ކަހަލަ ރުމާފަޅިވެސް ވަރަށް މަޤުބޫލުވޭ.“ އޭނާ ތައްޔާރު ކޮށްފައިވާ ރުމާފަޅިތަކަށް އިޝާރާތްކޮށް ހުސާމަތު ބުންޏެވެ.

    ”2023 ވަނަ އަހަރު ވޫލުން ވިޔަން (ކްރޮޝޭ) ވެސް ދަސްކުރިން. އޭގެ ފަހުން މިދިޔަ އަހަރު ޕައިޕްކްލީނަރުން ވެސް މާބޮނޑި ހަދަން ފެށިން. އޮފީސް ކުއްޖަކު ދިން ޚިޔާލެއް އެއީ. އެދުވަހު ހަމަ އޮފީހުން އައިސް ވަރަށް މަޢުލޫމާތު ހޯދިން އެކަމާ ބެހޭގޮތުން. ދެން ވަރަށް ކަމުދިޔަ، އެހެންވެ ހަމަ ތަކެތި އޯޑަރުކޮށްގެން މި މަސައްކަތް ވެސް ކުރަން ފެށީ.“ ހުސާމަތު ބުނާ ގޮތުގައި މިދުވަސްވަރު ޕައިޕްކްލީނަރުން ހަދާ މާ ބޮނޑިއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބެއެވެ.

    މާބޮނޑި ތަކުގެ އިތުރުން، ޗޮކުލެޓު ފަދަ އެއްޗެހި އަޅާފައި ބޮކޭ އަދި ގިފްޓް ބޮކްސް ވެސް ހުސާމަތު ތައްޔާރު ކޮށްދެއެވެ. އޭނާގެ މިފަދަ ހުރިހާ އުފެއްދުންތައް އެއްތަނަކުން ލިބޭނެހެން މިހާރު އިންސްޓަގުރާމުގައި އޭނާގެ ޕޭޖެއްވެސް ވަނީ ހަދާފައެވެ.

    ”ކުރިންވެސް ޕޭޖެއް ހަދަން ވިސްނައިގެން ހުއްޓާ އޮފީސް ކުއްޖަކު ދިން ޚިޔާލެއް އެއީ. މިހާރު ވަރަށް ފަސޭހަ ޕޭޖެއް އޮތީމާ.“ އޭނާ ދާދި ފަހުން ”ކްރާފްޓް ބައި ހުޝާ“ ގެ ނަމުގައި ހުޅުވި ޕޭޖުގެ ފެށުން ކިޔައިދެމުން ބުންޏެވެ.

    ”ރިބަން ކަހަލަ އެއްޗެހި ބޭނުންވާ ކުލަ ކުލައިން ނުލިބޭ މި ރަށުން. ދެން ޕައިޕްކްލީނަރު ކަހަލަ އެއްޗެއްސަކީވެސް އޯޑަރު ކޮށްގެން ގެންނަން ޖެހޭ އެއްޗެހި. އަދި އެއީ ވަރަށް އަގުބޮޑު އެއްޗެހި. އެހެންވެ ވަރަށް އުނދަގުވޭ. އަސްލު ހަމަ ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ރަށުން ތަކެތި ނުލިބުން.“ ހުސާމަތު އޭނާގެ މަސައްކަތުގައި ދިމާވާ ދަތިތައް ހިއްސާކުރިއެވެ.

    ”އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ފަރާތުން ސަޕޯޓު ލިބޭ ކޮންމެ ކަމަކަށްވެސް. އެހެންވެ ވަރަށް އުފާވޭ. ރަށުން ބޭރުން އޯޑަރު އަންނާތީވެސް ހަމަ ވަރަށް ހިތްހަމަޖެހޭ. އަމިއްލަ ޕޭޖެއް އުފެއްދި ފަހުން ވަރަށް ފަސޭހަ. އަޅުގަނޑު ދެން ބޭނުމީ މިހާރަށް ވުރެވެސް މި ވިޔަފާރި ފުޅާކުރަން.“ ހުސާމަތު އޭނާގެ ވާހަކަ ކުރުކޮށްލަމުން ބުންޏެވެ. ތަފާތު އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް އޭނާގެ ޝައުގުވެރިކަން އޮންނަ މިންވަރު ހާމަވާ އެންމެ ބޮޑު ކަމަކީ މިއިން ކޮންމެ ކަމަކަށްވެސް  ވަގުތު ހުސްކުރުމާއި، ނުހަނު ކުރާހިތުން ކުރުމެވެ. އޭނާގެ ބުރަ މަސައްކަތަށް ސަޕޯޓުކުރާ އެންމެން ދޭ ހިތްވަރާއެކު އަދިވެސް ކުރިއަށް ދިޔުމަށް ހުސާމަތު ހުރީ ވަރުގަދަ އަޒުމެއްގައިއެވެ. އަޅުގަނޑު އެދެނީ ހުސާމަތުގެ މަސައްކަތަށް ގިނަބައެއްގެ ސަމާލުކަން ލިބި، އިތުރު ކާމިޔާބީތަކެވެ.

  • އަޙްމަދު އަލީ: އީޖާދީ ދަނޑުވެރިޔެއް

    އަޙްމަދު އަލީ: އީޖާދީ ދަނޑުވެރިޔެއް

    12އޭ

    ސުވާލު

    ހދ.ފިނޭ އަޙްމަދު އަލީއަކީ ދަނޑުވެރިކަމުގެ ދާއިރާއިން މުޅި އަތޮޅުންވެސް ފާހަގަކޮށްލެވޭ ޒުވާނެކެވެ. އަތޮޅުގެ ހުރިހާ ރަށަކަށް ދަނޑުވެރިކަމުގެ އެކި ބާވަތްތައް ވިއްކަމުންދާ މި ޒުވާނާ ދަނޑުވެރިކަން ކުރަން ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް މިހާރު އޭނާއަކީ މުޅި އަތޮޅުގައި ހުރި އެންމެ ބޮޑު ”ގްރީން ހައުސް“ގެ ވެރިޔާއެވެ. އަޙްމަދަކީ ދަނޑުވެރިކަމާގުޅޭ މައުލޫމާތު ހޯދާ، ގަސް އިންދުމުގައި ޒަމާނީ އާ ގޮތްތައް ބޭނުންކުރާ ޒުވާނެކެވެ. އެހެންކަމުން، މި ޝަހުސިއްޔަތުގެ މަސައްކަތަށް އަމާޒުކޮށް ފީޗަރއާޓިކަލެއް ލިޔާށެވެ.

    ————————————————————————————

    އަޙްމަދު އަލީ: އީޖާދީ ދަނޑުވެރިޔެއް

          ”އަހަރެންނަކީ އެއްވެސް އިރެއްގައި އާއިލާއާ ދުރުގައި މަސައްކަތްކުރާހިތްވާ މިހެއް ނޫން. އެއްފަހަރު ރިސޯޓުން ޗުއްޓީއެއް ނަގައިގެން އައިސް މިކަންތައް ފެށީ. އަދިވެސް މިހުރީ އޭރު އައި ގޮތަށް ރަށުގަ.“ ހިނިގަނޑެއް ޖަހާލަމުން އަޙްމަދު އަލީ އޭނާގެ ވާހަކަ ކިޔައިދޭން ފެށިއެވެ. ހދ. ފިނޭއަށް އުފަން އަޙްމަދު އަލީއަކީ ހދ. އަތޮޅާއި ކައިރި އެހެން އަތޮޅުތަކަށްވެސް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކާ ޒުވާނެކެވެ.

          ”އަހަރެން ވެސް އެންމެ ފުރަތަމަ ގަސް އިންދީ ބިންގަނޑުގައި ގަސް ޖަހައިގެން. މިހާރު ޔޫޓިއުބާއި އެކި ލިޔުންތައް ބަލައިގެން މި ބޭނުން ކުރަނީ ހައިޑްރޯޕޮނިކް ސިސްޓަމެއް.“ އަޙްމަދު އަލީ ބުންޏެވެ.

           އަޙްމަދު އަލީއަކީ މުޅި އަތޮޅުގައިވެސް ހުރި އެންމެ ބޮޑު ”ގްރީންހައުސް“ގެ ވެރިޔާއެވެ. އޭނާގެ ގްރީންހައުސް ތަކުގައި ހައްދާ ބާވަތްތަކުގެ ތެރޭގައި ބަށްޓާއި، ލެޓިއުސް އަދި މިރުސް ހިމެނެއެވެ.

            ”ފެނުގައި އިންދާ ގަހަށް ބޭސް ޖަހާކަށް ނުޖެހޭ. އެހެންވީމާ ފެނުގައި ހައްދާ އެއްޗެހީގެ ރަހަވެސް މާ ރަނގަޅު. ދެން އަހަރެންނަށް ލިބޭ ހިތްހަމަ ޖެހުމެއް އެއީ ރައްކާތެރި ކާބޯތަކެތި މީހުންނަށް ފޯރުކޮށްދެވުމަކީ“ ފެނުގައި ގަސް އިންދަން އޭނާ ފެށި މައިގަނޑު ސަބަބު ކިޔައިދިނެވެ.

            އަޙްމަދު ބުނި ގޮތުގައި ދަނޑުވެރިކަން ދަސްކުރީ މީހުންނާއި ސުވާލުކޮށް އަމިއްލަޔަށްވެސް މަޢުލޫމާތު ހޯދައިގެންނެވެ. ”ހައިޑްރޮޕޯނިކްސް ނިޒާމެއް ގާއިމް ކުރަން ދަސްކުރީ ޔޫޓިއުބު ބަލައި އެކަން ތަޖުރިބާ ކޮށްގެން.“ އަޙްމަދު ދެކެ ގޮތުގައި ޝައުގުވެރިކަން ހުރިއްޔާ ކޮންމެ މީހަކަށްވެސް ދަނޑުވެރިކަން ކުރެވިދާނެވެ.

             ”ދަނޑުވެރިކަން މިއީ ހަމަ ޒުވާނުން ކުރަން ރަނގަޅު މަސައްކަތެއް. މިއީ އަމިއްލަ މަސައްކަތުން ހަލާލު އާމްދަނީއެއް ހޯދަން ރަނގަޅު ކަމެއް.“ ދަނޑުވެރިކަން ފަށަން ބޭނުންވާ ޒުވާނުންނަށް އޭނާ ބުންޏެވެ.

             އަޙްމަދު އަލީގެ އަމާޒަކީ އޭނާގެ ދަނޑުވެރިކަން އަދިވެސް އިތުރަށް ތަރައްގީކުރުމެވެ.  

  • ވިދަމުން އަންނަ ޒުވާން ފެތުންތެރިޔާ – އާން

    ވިދަމުން އަންނަ ޒުވާން ފެތުންތެރިޔާ – އާން

    އަޙުމަދު ޢަޠޫފް މުޙައްމަދު، މަރިޔަމް މަނާލް މަމްދޫޙް، މަލްސާ އަޙުމަދު – 12ސީ

    ސުވާލު:

    ދިވެހިރާއްޖެއަށް ނިސްބަތްވާ މުޙައްމަދު އާން ޙުސައިނަކީ 2024 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ބޭއްވުނު އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ މަޝްހޫރު ފެތުންތެރިއެކެވެ. އެހެން ފެތުންތެރިންނާ އަޅައިބަލާއިރު، ފެތުމުގައި އާން ގެންގުޅެނީ ވަރަށް ތަފާތު އުކުޅުތަކަކާއި ވައްޓަފާޅިއެކެވެ. އެންމެ ފުރަތަމަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނަސް، އޭނާގެ ހިތްވަރުގަދަ ރޫޙާއެކު އެ އުކުޅުތައް ބޭނުންކުރަން ފަރިތަކޮށް، އޮލިމްޕިކްސްގައާއި އެހެނިހެން މުބާރާތްތަކުގައި އޭނާވަނީ ފެތުމުގެ ޤައުމީ ރިކޯޑުތައް މުގުރާލާފައެވެ. ކުޅަދާނަ ފެތުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އާން ފެތުމުގެ ދާއިރާގައި ކޮށްފައިވާ ތަޖުރިބާތަކަށް އަމާޒުކޮށް، ފީޗަރ އާޓިކަލެއް ލިޔާށެވެ. ލިޔުމުގެ ދިގުމިނަކީ 25 ފޮޅުވަތާއި 30 ފޮޅުވަތާ ދެމެދެވެ.

    ވިދަމުން އަންނަ ޒުވާން ފެތުންތެރިޔާ – އާން .

                ބާރު ދުވެލީގައި ފެންގަނޑު ކަފަމުން، އަންނަ މުޙައްމަދު އާން ޙުސައިންގެ ޢަޒުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ކުލަޖައްސާލައި، އެ ހުވަފެން ޙަޤީޤަތަކަށް ހެދުމެވެ. އެއީ ފެތުމުގެ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކޮށް، ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލުކުރުމެވެ. މި ހުވަފެނުގައި ކުލަޖެހުނީ 2024 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ބޭއްވުނު އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލުކުރުމުގެ ފުރަޞަތު ލިބުނު ހިސާބުންނެވެ.

                އާންގެ ހިތުގައި ފެތުމަށް ލޯބިޖެހުނީ އޭނާގެ ޢުމުރުން އެންމެ ނުވަ އަހަރުގައެވެ. އެގޮތުން ސްކޫލުތަކުގެ މެދުގައި ބޭއްވޭ ފެތުމުގެ މުބާރާތްތަކުގައި އޭނާ ވަނީ، އޭނާ ފެތުމަށް ތަޢާރަފުވީއްސުރެ ކޮންމެ އަހަރަކުވެސް ބައިވެރިވެފައެވެ. ”އެންމެ ފުރަތަމަ ވަރަށް އުނދަގޫ، އޭރު ވަރަށް ގަދައަށް ނޭވާހިއްލާނެ. އެހެންވެ ވަރުބަލިވެ ގެނބިގެން ވަރަށް ގިނަ ފަހަރު ހަސްފަތާލުގައި އެނދުމަތިކުރަން ވެސް ޖެހުނު.“  ނަމަވެސް، މި ހުރިހާ ކަންކަމަށް ހޭނި، ޢުމުރުން ބާރަ އަހަރުގައި ސްކޫލުތަކުގެ މެދުގައި ބޭއްވުނު ފެތުމުގެ މުބާރާތެއްގައި، ފަނަރަ އަހަރުން ދަށުގެ ޢުމުރުފުރާއިން 25 މީޓަރު ފްރީސްޓައިލް ފެތުމުން ލޯ މެޑަލް ޙާޞިލްކުރި އާން ކުޑައިރު ދިމާވި ގޮންޖެހުންތައް ފާހަގަކުރަމުން ބުނެލިއެވެ.

                ”އޮލިމްޕިކްސްގައި ކޮލިފިކޭޝަން ރައުންޑުތައް ވަރަށް އުނދަގޫވި. އެކަމަކު ކޮންމެ ފަހަރަކު ވެސް ﷲ އަށް ދުޢާ ދަންނަވައިގެން އަޅުގަނޑު އެއްވަނައާ ހަމައަށް ވާޞިލުވުމަށް ހިތްވަރުކުރިން. އަޅުގަނޑުގެ ހުވަފެން ހަޤީޤަތަކަށްވުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. اَلْحَمْدُ لِلَّهِ.“ 2024 ވަނަ އަހަރުގެ އޮލިމްޕިކްސަށް ހޮވުނު އެތްލީޓުންނަށް ދިން އިންޓަރވިއުގައި އާން ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ”މޮޅެތި ފެތުންތެރިންގެ ހުނަރު ބެލިނަމަވެސް އަޅުގަނޑު ގެންގުޅެނީ އަޅުގަނޑުގެ އަމިއްލަ އުކުޅުތަކަކާ ވައްޓަފާޅިއެއް“ އެ ސްޓައިލްތައް ފަރިތަކުރުމަށް ގިނަ ދުވަސްތަކެއް ފާއިތުވިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އެ އުކުޅުތައް ފަރިތަކަމާއެކު ބޭނުންކުރެވެން ފެށުމުން ވަނަތައް ޙާޞިލުކުރަން އުނދަގޫ ކަމަކަށް ނުވާކަމަށް ވެސް އާން ވަނީ އެ އިންޓަރވިއުގައި ބުނެފައެވެ.

                2024 ވަނަ އަހަރުގެ އޮލިމްޕިކްސްގައި އާންއަށް އެއްވެސް މެޑަލެއް ހޯދިފައި ނުވިކަމުގައި ވިޔަސް އޭނާ ވަނީ އެކި އިވެންޓުތަކުން ޤައުމީ ރިކޯޑުތަކެއް އައުކޮށްފައެވެ. އެގޮތުން އޭނާ ވަނީ 50 މީޓަރު ފްރީސްޓައިލް ފެތުން 24.22 ސިކުންތުން ނިންމައި، ހީޓުގެ ތިންވަނައިގައި ހިފަހައްޓައިލާފައެވެ. އެ ހީޓުގައި އޭނާއާއެކު 8 އެތްލީޓުން ވާދަކޮށްފައިވެއެވެ. ”ވަނައެއް ނުލިބުނަސް ޤައުމީ ރިކޯޑު މުގުރާލެވުމަކީ ފަސޭހައިން ކުރެވުނު ކަމެއް ނޫން. މީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއެކު ކުރެވުނު ކަމެއް. އަޅުގަނޑާއެކީ ވާދަކޮށް ރަން ވަނަތައް ޙާޞިލުކުރި ހުރިހާ އެތްލީޓުންނަށް މަރުޙަބާ ކިޔަން.“ ފަޚުރުވެރިކަމާއެކު އާން ބުންޏެވެ.

                މިހާރު ޢުމުރުން އެންމެ 20 އަހަރުގެ އާންއަކީ އެހާ ހަގު ޢުމުރެއްގައި ފެތުމުގެ ކުޅިވަރަށް ތަޢާރަފުވެ، އަހަރަކަށް ފަހު އަހަރަކު ކުރިއަރައި، ވިދަމުން އަންނަ ތަރިއެކެވެ. ”އަޅުގަނޑުގެ މައިންބަފައިންނާއި ކޯޗު އަދި އެކުވެރި ފެތުންތެރިންގެ އެހީއާ ނުލައި މިހާ ހިސާބަށް އަޅުގަނޑަށް ވާޞިލުނުވެވުނީސް. އެކަމަށް ޓަކައި އަޅުގަނޑަށް ޖުމްލަގޮތެއްގައި އެހީވެދެއްވި އަދި އެހީތެރިކަން އަދިވެސް ފޯރުކޮށް ދެއްވަމުންދާ ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރުގެ ޖިޒީ އަމުނާލަން. އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑު ކަހަލަ ފެތުންތެރިން ދިވެހިރާއްޖެއަށް އުފަންވެ އިތުރު ކުރިއެރުންތައް ދިވެހިރާއްޖެއަށް ލިބިގެންދިއުން.“ އާން ބުންޏެވެ. އާންގެ ހިތްވަރަށާއި ކާމިޔާބަށް މަރުޙަބާއެވެ. ދިވެހިރާއްޖެއަށް ބޭނުންވަނީ މިފަދަ ހިތްވަރުގަދަ ދަރިންނެވެ.