Category: އިރުޝާދުދޭ ލިޔުން

  • ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަންތައް ކުރަންވީގޮތް

    ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަންތައް ކުރަންވީގޮތް

    ޒިޔާދާ މުޙައްމަދު (ޒިޔާދާ މިސް) – 26 އޮކްޓޯބަރ 2024

    ދުނިޔޭގައި އުޅުމަށް ލިބޭ މަދު ދުވަސްކޮޅު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ނަމަވެސް މިފަދަ ޞިއްޙަތެއްގައި ދެމިހުރުމަށް ކުރަންޖެހޭ ކަންތައްތައް ގިނަފަހަރަށް އޮންނަނީ ނުކުރެވިފައެވެ. އެހެންކަމުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ހިއްސާކޮށްލާނަމެވެ.

                ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި އެންމެ ފުރަތަމަވެސް ކެއުމުގައި ފަރުވާތެރިވާށެވެ. އެގޮތުން ކެއުމަކީ ދިރިހުރުމުގެ އަސާސެއްކަމުގައި ދެކިގެން ގަޑިންގަޑިއަށް ކާން އާދަކުރާށެވެ. އަދި ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް މިންހެޔޮކާނާ ބޭނުންކުރަން ސަމާލުކަންދޭށެވެ. ހަމަ އެއާއެކު އިންސާނަކަށް ކޮންމެ ދުވަހަކަށް ބޭނުންވާ މިންވަރަށް، 8 ތަށި ފެން ބޯށެވެ. ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް ހެނދުނު ވަރަށް ފުރިހަމައަށް ސައިބޯށެވެ. މެންދުރުގެ ކެއުން މެދުމިނެއްގައި ހިފަހައްޓާށެވެ. އަދި ރޭގަނޑުގެ ކެއުން މަދުކުރާށެވެ. ކެއުން މިގޮތަށް ބައްޓަންކުރުމާއެކު ޞިއްޙަތަށް ގެއްލުންވާފަދަ ތަކެއްޗާ ދުރުހެލިވާށެވެ. އެގޮތުން ތައްޔާރީ ކާނާއާއި އެނާޖީ ޑްރިކްސް ފަދަ ބުއިންތައް އެއްގޮތަކަށް ވެސް ބޭނުންނުކުރާށެވެ. އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްވެސް އެއްޗެއް ހަށިގަނޑުން އެތެރެނުކުރާށެވެ. މިގޮތަށް ކަންތައްކުރުމުން ކެއުމަށް ސަމާލުކަންދީގެން ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ލިބޭ ބާރަކަށް ވާނެއެވެ.

                ކެއުމަށް ސަމާލުކަންދިނުމާއެކު ބަރާބަރަށް ކަސްރަތުކުރަން އާދަކުރާށެވެ. އެގޮތުން ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ރަނގަޅު މީހަކަށް ވުމަށްޓަކައި މަދުވެގެން 15 މިނިޓް ކަސްރަތުކުރާށެވެ. މީގެ އިތުރުން ހަފްތާ ބަންދުގައި ކަސްރަތުކުރުމުގައި ގިނަ ވަގުތު ހޭދަކުރާށެވެ. އަމިއްލައަށް ކަސްރަތުކުރުމަށް ވަގުތު ހުސްކުރަން އުނދަގޫނަމަ، އެކަޑަމީއަކާ ގުޅިގެން ކުރިއަށްދާށެވެ. ފައިގެ މަސްތައް ވަރުގަދަކުރުމަށްޓަކައި، މޫދު ކަސްރަތު ވެސް ކުރާށެވެ. ބޭރަށް ގޮސް ކަސްރަތުކުރަން އުނދަގޫނަމަ، ގޭގައި ކުރެވޭނެ ކުދިކުދި ކަސްރަތުކުރާށެވެ. އޭރުން ލޭ ދައުރުކުރުމަށް ލުއި ލިބި، ބަލިތަކުން ދުރުކޮށްދީ ޞިއްޙަތު ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް މަގުފަހިވެގެންދާނެއެވެ.

                ކަސްރަތުކުރުމާއެކު، ދުވާލެއްގެ މައްޗަށް ނިދި ހަމަ ކުރަންޖެހޭ މިންވަރަށް ނިދަން އާދަކުރާށެވެ. އެގޮތުން ރޭގަނޑު 8 ގަޑިއިރު ނިދަން ވަގުތު ހޯދާށެވެ. އަވަހަށް ނިދުމަށްފަހު އަވަހަށް ހޭލަން އާދަކުރާށެވެ. ރޭގަނޑު އެހެން ހަރަކާތެއްގައި ވަގުތު ހޭދަކުރަންޖެހޭ ނަމަ، ދުވަހުގެ ތާވަލުން، ނިދުމަށް ވަގުތުކޮޅެއް ހޯދާށެވެ. އޭރުން ނިދި މަދުވުމުން ދިމާވާ ޞިއްޙީ އެހެން މައްސަލަތަކާ ދުރުހެލިވެގެންދާނެއެވެ.

                ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ފުރަތަމަކަމަކަށް ކެއުމަށް ފަރުވާތެރިވާށެވެ. އެއަށްފަހު، ކަސްރަތުކުރުމަށް ވަގުތުކޮޅެއް ހުސްކުރާށެވެ. މީގެ އިތުރުން ނިދި ހަމަކުރާށެވެ. މި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށްފިނަމަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެހީއަކަށް ވާނެއެވެ.

  • ސްކޫލުގައި އުޅޭއިރު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމުގައި ޢަމަލުކުރަންވީ ގޮތް

    ސްކޫލުގައި އުޅޭއިރު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމުގައި ޢަމަލުކުރަންވީ ގޮތް

    އާމިނަތު މުނީފާ 10އޭ

    ސްކޫލުގައި އުޅޭއިރު ދަރިވަރުން ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމަކީ އެ ކުދިން، އެ ކުދިންގެ އަމިއްލަ ކުރިމަގަށްޓަކައި ކޮށާ ވަރަށް މުހިންމު މަގެކެވެ. އެހެނީ، ބައެއް ކުދިންނަކީ އެ ކުދިންގެ ސްކޫލުގެ ޙަޔާތް ނިމޭއިރު ވެސް ކުރިއަށްދާނޭ ދާއިރާއެއް ކަނޑަނޭޅި ހަތަރު އަނގޮޅި ކަންމައްޗެއްގައި ތިބެވޭ ކުދިންނެވެ. އެހެންކަމުން ސްކޫލުގައި އުޅޭއިރު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ހިއްސާކޮށްލާނަމެވެ.

    ސްކޫލުގައި އުޅޭއިރު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމަށް ޓަކައި ގްރޭޑު 8އަށް ދިޔުމުގެ ކުރިން އެކުއްޖަކު ކުރިއަށްދާން ބޭނުންވާ، ޝައުގުވެރިވާ ދާއިރާތައް ބަލާށެވެ. އަދި އެ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުގެ މަޢުލޫމާތު އެއްކުރާށެވެ. ހަމައެއާއެކު އެ ދާއިރާއަކުން ކުރިއަށް ދިޔުމަށް ކޮންމެހެން ކިޔަވަންޖެހޭ މާއްދާތަކަކީ ކޮބައިތޯ ބަލާށެވެ. އަދި އެ ދާއިރާއިން ފަހިވެފައި ހުރި ފުރުޞަތުތަކާއި އަދާކުރެވޭނޭ ވަޒީފާތައްވެސް ބަލާށެވެ. އޭރުން ޝައުގުވެރި ދާއިރާއެއް ކަނޑައަޅަން ފަސޭހަވާނެއެވެ.

    ސްކޫލުގައި އުޅޭއިރު ކުރިއަށްދާނޭ ޝައުގުވެރި ދާއިރާއެއް ކަނޑައެޅުމަށް ކުރިން ހޯދައި ބެލި މަޢުލޫމާތަށް ރިއާޔަތްކޮށް، ގްރޭޑު 9ގައި ކިޔަވާނޭ ސްޓްރީމް ނަގާށެވެ. އެއަށްފަހު ސްޓްރީމުގައި ހިމެނޭ މާއްދާތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ކޮންމެ އިމްތިޙާނަކުންވެސް ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިންމަތާއެކު ކިޔަވާށެވެ. އަދި ލިބޭ ނަތީޖާއަށް ބަލައި އެ މާއްދާތަކާ ގުޅޭ ޝައުގުހުރި ދާއިރާއެއް ނުވަތަ ދެތިން ދާއިރާ އިޚްތިޔާރުކުރާށެވެ. އޭރުން އޮންނާނީ އެކުއްޖަކު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމުގެ ފުރަތަމަ މަރުހަލާ ނިމިފައެވެ.

    ސްކޫލުގައި އުޅޭއިރު އެ ކުއްޖަކު ކުރިއަށްދާނޭ ދާއިރާއެއް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމަކަށްވާއިރު ގްރޭޑް 8ގައި އުޅޭއިރު ޝައުގުވެރި ދާއިރާތަކާ ބެހޭ މަޢުލޫމާތު އެއްކުރާށެވެ. އެއަށްފަހު އެ ދާއިރާއާ ގުޅޭ މާއްދާތައް ހިމެނޭ ސްޓްރީމު އިޚްތިޔާރުކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. މި އިރުޝާދުތަކަށް ޢަމަލުކުރުމުން ސްކޫލުގައި އުޅޭއިރު، އެ ކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާ ކަނޑައަޅަށް ވަރަށް ފަސޭހަވާނެއެވެ.

  • ސްކޫލް ފެހިކޮށް ބަގީޗާއެއްގެ ގޮތުގައި ބާއްވާނެ ގޮތް

    ސްކޫލް ފެހިކޮށް ބަގީޗާއެއްގެ ގޮތުގައި ބާއްވާނެ ގޮތް

    އިބްރާހީމް އަރުޝަމް (10ބީ، 2024)

    ރަށުގެ ރީތިކަން އިތުރުކޮށްދޭ އެންމެ ރީތި ބަގީޗާތަކެއްގެ ގޮތުގައި ރަށްރަށުގައި ކުރިން ހުންނަނީ އިހުގެ ސްކޫލްތަކެވެ. ނަމަވެސް މިހާރަކަށް އައިސް، ކުރީގައި އެފެންނަ ފެހިކަމާއި އާރޯކަމެއް ސްކޫލްތަކަކުން ނުފެނެއެވެ. އޭރު ސްކޫލްތަކުގައި ބަގީޗާ ހައްދައި ރީތި ކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރީ ސްކޫލުތަކުގެ ދަރިވަރުންނެވެ. އެހެންކަމުން، ތިޔަ ކުދިންގެ ސްކޫލް ފެހިކޮށް ރީތި ބަގީޗާއެއްގެ ގޮތުގައި ބާއްވާނެ އިރުޝާދު މި ލިޔުމުން ހިއްސާކޮށްލާނަމެވެ.

    މިހާރު ސްކޫލް އޮތްގޮތާއި އިހުގެ ސްކޫލްތައް ހުރި ގޮތް އަޅާކިޔާށެވެ. އިހުގެ ސްކޫލްތަކަށް ވުރެ ރީތިކުރުމަށް ކުރެވިދާނެ ކަންކަން ވިސްނާށެވެ. ސްކޫލް ފެހިކުރުމަށް ޓަކައި، ސްކޫލަށް ގެންނާނެ ބަދަލުތައް ކަނޑައަޅާށެވެ. ސްކޫލުގައި އިންދަން އެންމެ ރަނގަޅުވާނީ އަދި އެންމެ ރީތިވާނީ ކޮންކަހަލަ ގަސްތަކެއްތޯ ބަލާށެވެ. އެ ގަސްތައް އިންދާނެ ތަންތަނާއި ގަސްތައް ތަރުތީބުކުރާނޭ ގޮތްތައް ރާވާށެވެ. އޭރުން ސްކޫލު ފެހިކޮށް ރީތިކުރުމުގެ މަސައްކަތަށް ފަށައިގަނެވި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދެވޭނެއެވެ.

    ސްކޫލުގައި އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގައި ދަރިވަރުން އިސްނަގާށެވެ. އަދި އިސްނަގަން ފުރުޞަތުދޭށެވެ. މިކަން ކުރުމަށް ދަރިވަރުން ގްރޫޕް ހަދާށެވެ. ސްކޫލުގައި ބަލަހައްޓަންޖެހޭ ސަރަހައްދުތައް މި ގްރޫޕްތަކަށް ބަހާލާށެވެ. ގަސްތަކަށް ފެންދީ ޤަވާޢިދުން ބަލަހައްޓާށެވެ. އެ ގްރޫޕަކަށް ކަނޑައެޅުނު ސަރަހައްދު، އެންމެ ރަނގަޅަށް ބެލެހެއްޓުމަށް އެއް ގްރޫޕް އަނެއް ގްރޫޕާ ވާދަކުރާށެވެ. ރަށުގައި އޮންނަ އެންމެ ރީތި ސްކޫލް އަދި އެންމެ ރީތި ބަގީޗާއަކަށް ހެދުމަށް އެއް ޢަޒުމެއްގައި މަސައްކަތްކުރާށެވެ. ނަތީޖާއެއްގެ ގޮތުގައި ސްކޫލުގެ ފެހިކަމާއި އާރޯކަން އިތުރުވެ ރީތި ބަގީޗާއެއްގެ ގޮތުގައި ބޭއްވޭނެއެވެ.

    ސްކޫލަކީ އެންމެ ފެހި އަދި އެންމެ ރީތި ބަގީޗާއަކަށް ހެދުމަށް އިހުގެ ސްކޫލްތައް ހުރި ގޮތް ބަލައި އަޅާކިޔާ، މުސްތަގުބަލުގައި ސްކޫލް އޮންނަން ބޭނުންވާގޮތް ރާވާށެވެ. އެއާއެކު ރޭވުމަށް ޢަމަލީ ސިފަ ގެނައުމަށް ދަރިވަރުން އިސްނަގާށެވެ. އެންމެ ރީތި ސްކޫލަކަށް ހެދުމަށް އެއް ޢަޒުމެއްގައި މަސައްކަތް ކުރާށެވެ. މި ލިޔުމުގައިވާއިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމުން ތިޔަ ކުދިންގެ ސްކޫލް ފެހިވެ، ބަގީޗާއެއްގެ ގޮތުގައި ބޭއްވޭނެއެވެ.