Category: ވާހަކަ

  • ހެޔޮ ނަޞޭޙަތްދޭ މީހުން ޙަޔާތުގައި ލެއްވުމަކީ ހާދަހާ ބޮޑު ނަސީބެކެވެ.

    ހެޔޮ ނަޞޭޙަތްދޭ މީހުން ޙަޔާތުގައި ލެއްވުމަކީ ހާދަހާ ބޮޑު ނަސީބެކެވެ.

    ޖީލީން މިސް.

    ވޭތުވެދިޔަ 4،3 އަހަރު ގާތްގަނޑަށް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު އަހަރެންނަށް އަންނަ ފޯން ކޯލަކީ ލޭގެ ގުޅުމެއްނެތް އެހެނަސް އާއިލާގެ ގާތް ދުވަސްވީ ބޭބެއެއްގެ ފޯނު ކޯލެވެ. 

    އެންމެ ފުރަތަމަވެސް އަހާނީ މިއަދު މިއީ ހުކުރު ދުވަސް ކަމާއި ކަހަފް ސޫރަތް ކިޔަވައިފިންތޯ އަދި ކުދިން ލައްވާ ކިޔުއްވައިފިންތޯއެވެ.

    ތަކުރާރުކޮށް ކޮންމެ ދުވަހެއްގައިވެސް ދޭ ނަސޭހަތަކީ ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔުމުގެ ފައިދާއާއި ކުދިން ލައްވާ ކިޔުއްވުމުގެ މުހިއްމުކަމެވެ.

    ނަސޭހަތް ދެއްވުމުގައި ގެންގުޅޭ ޕޮޒިޓިވްނެސް ވަރަށް ފާހަގަކުރެވެއެވެ. ވޭތުވެދިޔަ ރަމަޟާން މަހުގެ ހުކުރު ދުވަހެއްގެ ކޯލްގައި ސުވާލުކުރީ ދަރިންނަށް ޚަތިމް ކުރެވޭތޯއެވެ. ނުކުރެވުނަސް އެއީ މައްސަލައެއް ނޫންކަމާއި އެކަމަށް ހިތްވަރު ދީ ކޮންމެދުވަހަކުވެސް އެހެން ބުނަމުން  ގެންދަންވާނޭ ބުންޏެވެ. ސަބަބުވެސް ކިޔައިދިނެވެ. ކުދިން ކުޑަވީމަ އޭގެ މުހިއްމުކަން މާ ބޮޑަށް ނޭގުނަސް ކޮންމެ ދުވަހަކުވެސް މައިންބަފައިންގެ ދުލުން އެ ނަސޭހަތް ލޯބިން ދިނުމުން އެކުދިން ބޮޑުވެގެން އެ ނަސޭހަތުގެ މުހިއްމުކަން ހަނދާންކުރާނެ ވާހަކަ ކިޔައިދިނެވެ. އަދި އަމިއްލަ ދަރިން އެގޮތަށް ތަރުބިއްޔަތު ކުރުމުގެ ހިޔާލް ގެންގުޅޭނެކަން ބުނެދިނެވެ.

    ކޮންމެ ދުވަހެއްގައިވެސް ކޮންމެވެސް އާ ނަސޭހަތެއްދެއެވެ. ނަސޭހަތްދޭއިރު އާންމުކޮށް އަހަރެމެންނަށް ގަސްތަކާ ނުލައި ހެދޭ ކުދިކުދި ގޯސްތައް ފާހަގަކޮށް އެއީ މައްސަލައެއްނޫންކަމާއި އެކަން ރަނގަޅުކޮށްލާނެގޮތް ވަރަށް މަޑުމައިތިރިކަމާއެކު ބުނެދެއެވެ. 

    އަހަރެމެންގެ އާޚިރްގެ މަންޒިލަކީ ސުވަރުގެ ކަމަށް ހެދޭނީ އަހަރެމެން މިއަދު  ކުރި މަސައްކަތަކުން ކަމާއި ސުވަރުގޭގެ ރީތި ވާހަކަތައް ޅެންބަހުން ކިޔައިދިނުމަށް އަންނަނިވި ބައިތުތައް ކިޔައިދެއެވެ.

    ޙަޔާތުގެ ފިކުރު ނެތް ތަނެކޭ މަރެއްގެ ޚިޔާލު ނެތްތަނެކޭ

            ގަޔާ ވެވިގެން ތިބޭ މަތިވެރި ހަޔާތެއްވާ އެއީ ތަނެކޭ

    އިމާރާތްތައް ނުހަނު މަތިވެރި ޚަޒާނާތައް ނުހަނު އަގުހުރި

           ދިމާއަށް ހާމަވެވިފައިހުރި ނިޔާމަ އަރާމު ހުރި ތަނެކޭ 

    ހަމަ ކޮންމެ ދުވަހަކުވެސް ކޯލް ނިންމާލާނީ އަހަރެންގެ މައިންބަފައިންގެ ހާލުއަހާ އެމީހުންނަށް ހެޔޮ ދުޢާކުރަމުންނެވެ.  އަދި އަހަރެން ކުރާ ކޮންމެ ދުޢާއެއްގައި މައިންބަފައިންގެ ނަން ހިމެނުމަށް ވަޞިއްޔަތްކުރަމުންނެވެ.

    މިފަދަ ކޮންމެ ނަސޭހަތަކާއި ދައްކާ ވާހަކަތަކާއި އެބޭބެގެ އުޅުމާއި ގުޅުމުން އަހަރެންނަށް ފެންނަން ހުރި ފިލާވަޅަކީ އެއީ އެއްވެސް ބަދަލެއް ނެތި މީހުންނަށް ހެޔޮކޮށްހިތާ އެހީތެރިވާ އެއްވެސް މީހަކާމެދު  ހިތުގައި ނަފްރަތެއް ރުޅިވެރިކަމެއް ނުވާ ސާފު ހިތެއްގެ ވެރިއެއްކަމެވެ. ހަމަޔަގީނުންވެސް ވަރަށް ގިނަ ބަޔަކަށް އެބޭބެގެ ފަރާތުން އެހީތެރިކަން ލިބިފައިވެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން އުއްމީދެއް ނުކުރެއެވެ. މިއީ އެ ބޭބެގެ އުފާވެރިކަމުގެ އެއް ސަބަބެވެ.

    ހަޔާތުގައި މިފަދަ ހެޔޮ މީހުން ލެއްވުމަކީ ހާދަހާ ބޮޑު ނަސީބެކެވެ. الحمدلله

    ބޭބެގެ އުމުރުގައި ބަރަކާތް ލައްވައި ހެޔޮ ސިއްޙަތުގައި ލައްވާށި! އާމީން 

    ޢިބްރަތްތައް:

    1. ބައެއް މީހުންނަކީ ލޭގެ ގުޅުމެއް ނެތްކަމުގައި ހިތާ ގުޅިފައިވާ ބައެކެވެ.
    2. ދަރިންނަށް ހެޔޮ ނަސޭހަތްދިނުމުގައި ދެމިހުންނާށެވެ. 
    3. ނަސޭހަތްދިނުމުގައި އެއްދުވަހާ ބައިވަރު ނަސޭހަތް ދިނުމުގެ ބަދަލުގައި، ލޯތްބާއެކު އެކި ދުވަސްތަކާ ހާލަތަށް ބަލާ ނަސޭހަތްދޭށެވެ.
    4. މީހަކަށް ގޯސްކަމެއް ކުރެވުމުން އިޞްލާޙްކުރެވޭނެ ގޮތް ބުނެދީ ހިތްވަރުދޭށެވެ.
    5. އަނެކުންނަށް ހެޔޮ ފޯރުކޮށްދިނުމުގައި ދެމިހުންނާށެވެ. 
    6.  އުފާވެރި މީހަކަށްވުމަށް މީހުންގެ ފުށުން މާބޮޑެތި އުއްމީދުތައް ނުކުރާށެވެ.
    7. اللهًއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާށެވެ. 
    8. ތިމާގެ އަޚާއަށް ހެޔޮ ދުޢާކުރުމަކީ މާތް މީހުންގެ ސިފައެކެވެ.
  • އަސަރެއް ނުކުރޭ

    އަސަރެއް ނުކުރޭ

    އަޙުމަދު ޔާސީން އިބްރާހީމް – 12ސީ (2024)

    މަންމަ އެހެން ބުނުމުން މުޅި މާހައުލަށް ހަމަހިމޭންކަންވެރިވިއެވެ. އަހަރެންވެސް ހުރީ ޤަބޫލުކުރަން ދަތިވެ، އަންތަރީސްވެފައެވެ. އެހާ އަވަހަށް އެކަން ހާމަވީ ކިހިނެކުންކަން ނޭނގިގެންނެވެ. އެ ބަސްތަކުން އެންމެންގެ ހިތްތައް ކުދިކުދިކޮށްލާ ލޮލުން ކަރުނަ ހިލުވައިލިއެވެ. ހިތާމައިގެ މޫނުތައް ފޮރުވަން އާއިލާގެ އެންމެން ތިބީ އިސްދަށަށް ޖަހައިގެންނެވެ. އެކަމަކު އަހަރެންގެ ބޭބެއާ ބެހޭގޮތުން މަންމަ އެ ދިން ޚަބަރަކުން އަހަރެންނަށް އެއްވެސް އަސަރެއް ނުކުރިއެވެ.

         ޖާބިރަކީ ކުޑައިރުއްސުރެ އަހަރެންނާއެކު ވަގުތުހޭދަކުރަން ބޭނުންވި ހަމައެކަނި އިންސާނާއެވެ. އެންމެ ގާތް އެކުވެރިއަކީ އާއިލާގެ މީހެއްކަމުގައި ބުނުމުން މީހުން ފޫހިވިއެއްކަމަކު އެއީ އަހަރެންގެ ދިރިއުޅުމުގެ ޙަޤީޤަތެވެ. ސުކޫލުގެ އެހެން އަންހެން ކުދިން އަހަރެންނަށް ގަނާކޮށް، ހިތަށް ކެތްނުވާވަރަށް ފުރައްސާރަކޮށް، ހަޑިހުތުރު ނަންތަކުން ގޮވާ، ދޮގުނުބައި ވާހަކަ މުޅިސުކޫލުގައި ފަތުރާ، އަމިއްލަ ނަފްސާމެދުކުރެވޭ އިތުބާރު ފުނޑުފުނޑު ކޮށްލިއިރުވެސް އަހަރެންގެގާތުގައި ހިތްވަރުދޭން ހުރީ ހަމައެކަނި ޖާބިރުކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. މަންމަމެން ގާތު ބުނަން ނުކެރޭ ވާހަކަވެސް އަހަރެން ބުނަނީ ބޭބެ ގާތުގައެވެ. އަހަރެންގެ ހަޔާތުގެ ފެށޭކޮޅު މަންމައާއި ބައްޕަގެ ދައުރުވެސް އަދާކުރީ ޙަޤީޤަތުގައި ޖާބިރުކަމަށް އަހަރެންނަށް އިޙްސާސްކުރެވުނެވެ. ނަމަވެސް މަންމަގެ ޤަބޫލުކުރުން ހުރީ އެއާ ދިމާ އިދިކޮޅަށެވެ.

         މަންމަ އަހަރެން ގާތު އަބަދުވެސް ބުނަމުން އައީ ޖާބިރުއާ ވާހަކަ ނުދެއްކުމަށެވެ. އެކީ ކުޅެއުޅެން އެހެން ކުދިން ހޯދުމަށެވެ. ކުލާސް ކުދިންނާ ބޮޑަށް ރައްޓެހިވުމަށެވެ. އަހަރެން އަބަދުވެސް ހިތީ މަންމަ އެ އިރުޝާދުތައް ދެނީ އަހަރެންނާއި ބޭބެއާ ދެމެދުގައިވާ ޢުމުރުގެ ތަފާތުކަމުން ކަމަށެވެ. 27 އަހަރުގެ މީހަކު، 13 އަހަރުގެ އަންހެން ކުއްޖަކާއެކު ކުޅެއުޅުމަކީ މީހުންނަށް ބަލައިގަންނަން ޖެހިލުންވާނެ ކަމެއްކަން އަހަރެންގެ ޅަ ސިކުނޑިއަށްވެސް ވިސްނުނެވެ. ނަމަވެސް އަހަރެންނަށް ފަހުން ހާމަވީ މަންމަގެ ލަފާތައް މިއަމާޒުވަނީ އެއަށް ވުރެ ފުންކޮށް ހިނގާކަމަކަށް ކަމެވެ.

         އަހަރެންނާއި ޚިލާފަށް ޖާބިރަކީ އޭނާގެ ޢުމުރުގެ ކުދިންތަކުގެ ތެރޭގައި މަޝްހޫރު ޝަޚްޞިއްޔަތެކެވެ. ޕާޓީއެއް އޮތިއްޔާ އެންމެ ފުރަތަމަވެސް ދަޢުވަތު އަންނާނީ ޖާބިރަށެވެ. އެހާމެ ރައްޓެހިން ގިނައެވެ. އެކިކަންކަމުގައި ޖާބިރު އޭނާގެ ރައްޓެހިން ގެއަށް ގެންނާތީ، މިތަނުން ދެތިން ރައްޓެހިން މިހާރު އަހަރެންވެސް ދަނެއެވެ. ބައްދަލުވާ އިރަކު އަހަރެންނާ ވާހަކަވެސް ދައްކައެވެ. އެހެންވީމަ އަހަރެންވެސް މަޑުމަޑުން އެމީހުންނާ ވާހަކަ ދައްކަންފެށީމެވެ. އަދި ޖާބިރު ނެތްއިރުވެސް އެމީހުންނާއެކީ މަޖާކުރަން ނިކުންނަން ފެށީމެވެ.

         ޖާބިރުގެ އެކުވެރިން ކޮށްއުޅުނީ އާންމުކޮށް 13 އަހަރުގެ ކުއްޖާކާއެކު ކޮށްއުޅޭ ކަންތައްތަކެއް ނޫނެވެ. ރޭގަނޑުގެ ކަނުއަނދިރި ވަގުތުތަކުގައި ގޭގެއަށް ވަދެ އެއްޗެހި ފޭރިގަނެގެން މީހަކަށް ނުފެނި ނިކުންނާނެ ގޮތް އެމީހުން އަހަރެންނަށް ބުނެދިނެވެ. މީހުންނަށް ހަމަލާދޭނެގޮތާއި، މަރުވެފަވާ މީހަކު ފޮރުވާނެ ގޮތާއި، މީހަކަށް ހާނިއްކައެއް ކުރެވުމުން އެކަމާ ހިތާމަކޮށް ކަންބޮޑުވުމުން އެއްކިބާވުމަށް އަމިއްލަ ނަފްސު ތައްޔާރުކުރާނެ ގޮތް ޖާބިރު އަހަރެންނަށް ކިޔައިދިނެވެ. އޭރު އަހަރެންނަށް ވިސްނުނީ އެ ހުރިހާ މަޢުލޫމާތަކީ އާންމު މަޢުލޫމަތުތަކެއް ކަމަށެވެ. މި ކަންތައްތަކަކީ ބޮޑުވީމާ ކުރަންޖެހޭނޭ ކަންތައްތަކެއް ކަމަށެވެ. ޖާބިރު ކަހަލަ ގިނަ ރައްޓެހިން ތިބޭ މީހަކަށް ވުމަށް ބޭނުންވާނަމަ އެ ކަންތައް އެނގި، ވީހާވެސް ގިނަ މީހުންގާތު އެ ވާހަކަ ކިޔާ އަހަރެމެންގެ ބައިގަނޑު ބޮޑުކުރަންޖެހޭ ކަމަށެވެ. އެ މީހުން އަހަރެން ގާތު ބުނަމުން ދިޔައީވެސް އެހެންނެވެ. ބައިގަނޑު ބޮޑުކުރަން އެހީވާށެވެ. އަންހެން ކުއްޖެއްވީމާ އެކަންކުރަން ފަސޭހަވާނެނޫން ހެއްޔެވެ. އޭރުން ރައްޓެހިންވެސް ގިނަވާނެތާއެވެ. އެންމެފަހުން އެމީހުން ބުނި ގޮތަށް ކަންތައްކުރަންފެށީމެވެ. ހަމައެކަނި ބައިބޮޑުކުރުމެއް ނޫނެވެ. އެމީހުންނެކޭ އެއްފަދައިން، މާރާމާރީގެ ހަރަކާތްތަކުގައިވެސް ބައިވެރިވީމެވެ.  

    ފަސްއެނބުރި ބަލާލާއިރު، އަހަރެންނަށް ތަންދޮރުއޮޅުންފިލާފައި ނުވުމުގެ ސަބަބުނެ އެމީހުންގެ ނުލަފާ ސަކަރާތްތައް ފެތުރުމަށް އަހަރެންގެ ތަސައްރަފުފުދިފައިނުވާ ފުރާނަ ބޭނުންކުރި ކަމަށް މިހާރު ވިސްނެއެވެ. އެކަމަކު އޭރު އަހަރެންނަށް ވިސްނުނީ އެ ހުރިހާކަމެއް ހިނގަނީ ހަމަ އަހަރެންގެ ސަބަބުންކަމެވެ. އަހަރެންނަކީ ބޭބޭގެ ޝިކާރައެއް ކަމަށް ޤަބޫލުކުރަން ހާދަ އުނދަގޫވިއެވެ. އަހަރެންނާއެކު ކުޑައިރު ހަރުބޯޅައިން ފުޓްބޯޅަކުޅެ، ހޭނަކަތާ މޫސުން އައުމުން ބަނބުކެޔޮ ކިރާއި އިލޮށި ހިފައިގެން ނިކުތް، އަހަރެންނާ އެކީ މަޖާކުރުމަށް އަތުގަޔާއި މުޅި މޫނުމަތީގައި ކުލައުނގުޅި، އަހަރެންނަށް އެހާ އޯގާތެރިވި ޖާބިރަކީ މަސްތުވާތަކެތި ވިއްކުމާއި ގޭންގު މާރާމާރީ ހިންގުމުގައި އިސްކޮށް ހުރި މީހާކަމަށް ޤަބޫލުކުރަން އަހަރެންނަށް ދަތިވާނެ ނޫން ހެއްޔެވެ؟ ނަފްސާނީ އަނދަވަޅެއްގެ ތެރޭގައި އަހަރެން ތާށިވެފައި އޮތީ ކިހާ ދުވަހެއްވަންދެންކަމެއް އަންދާޒާ ކުރާކަށްވެސް ނޭނގެއެވެ. އަހަރެންނަށް އެނގެނީ ދެ އަހަރު ވަންދެންވެސް އެ ރައްޓެހިންނާއެކު މީހުންނަށް ހަމަލާދީ އެއްޗެހި އަތުލަން އުޅުނިންކަމެވެ. ޖާބިރު ބުނާގޮތަށް ވިއްކަންދޭ އެއްޗެހި އޭނާ ބުނާ ތާކަށް ބުނާ ވަގުތަކު ގެންގޮސްދިނިންކަމެވެ. އެނާ މަޅި އަޅުވައިގެން ގެނެސްފައި ތިބި އެހެން ކުދިން އެ މީހުން ބުނާގޮތް ނުހެދުމުން އަދަބުދޭތަން ދުށިންކަމެވެ. ނަމަވެސް މިއީ އެމީހުންކުރި އެންމެ ގޯސްކަންތައްތަކެއްވެސް ނޫނެވެ.  

    ޖާބިރުމެން އެ ހިންގާ ޖަރީމާތަކަށް އަހަރެންގެ ލޯހުޅެވުނީ އޭގެ ތިން އަހަރުފަހުން، ޖާބިރު ހަށިވިއްކުމުގެ ވިޔަފާރިވެސް ކުރާކަން އެނގުނު ދުވަހުއެވެ. އަހަރެން ލައްވާ ކުލާސް ކުދިން އެ ބައިގަނޑުތެރެއަށް ގެނެސް އެ ކުރަން ޖެއްސި ކަންތައްތައް ފެނުމުން އަހަރެން ރުޅިއައެވެ. އަމިއްލަ ނަފްސާ މެދު ފަކުރުވެސްގަތެވެ. އެ ހުރިހާ ކަމެއްގައި އެހީވާން އުޅެވުނުތީއެވެ. އަހަރެންގެ ސަބަބުން އެހެން މީހުން، އަމުދުން ޙަޤީޤީ އެކުވެރިންގެ ގޮތުގައި ބަލައިގަންނަންޖެހޭ ކުދިން، ހަލާކުގެތެރެއަށް އެއްލާލެވުނީތީއެވެ. ކޮންމެއަކަސް، ޖާބިރުގެ ވަކިތަކުން މި ކުދިން ސަލާމަތްނުވާނެކަން އަހަރެންނަށް މާރަނގަޅަށް އެނގުނެވެ. އެހެންމީހަކު ގާތު ބުނަން އުޅެފިނަމަ އެ ޚިޔާލު ނުކުރިނަމައޭ ހިތަށް އަރާވަރަށް އަނިޔާ ކޮށްފާނެއެވެ. ޕޮލިހުންނަށް ގުޅައިފިނަމަ ކުޑަ ކުދިންވީމާ ބަސް ބަލައިނުގަނެފާނެއެވެ. ޖާބިރުގެ ފާހިޝްކުޅިވަރުތައް ކުޅެން ގެނެސްތިބި އަހަރެންގެ މަޢުޞޫމު މިއެކުވެރިންގެ ހުރިހާ މަގެއްހެން ހުރީ ބަންދުވެފައެވެ. އެހެންކަމުން، އިތުރު ވިސްނުމަކާ ނުލައި އަމިއްލަ އަތްމައްޗަށް މިކަންތައް ނެގުމަށް އަހަރެން ނިންމީމެވެ. އަދި އިތުރު ވަގުތަކާ ނުލައި މި މުޅި މައްސަލައަށް ދާއިމީ ހައްލެއް ގެނައީމެވެ.

    މަންމައަށް ޖާބިރުގެ މަރުގެ ޚަބަރު އިވި އެންމެންނަށް އެހާ އަވަހަށް ޙިއްޞާކުރެވުނީ ކިހިނެއްކަމާމެދު އަހަރެން އަންތަރީސްވިއެވެ. އޭނަގެ އަތްފައި ބުރިކޮށް، ކުދިކުދި ކުރުމަށް ފަހުވެސް އެއީ ޖާބިރުކަން ފުލުހުންނަށް ވަކިކުރަން އެނގުނީ ކިހިނަކުންކަމާމެދުވެސް އަހަރެންނަށް ސުވާލު އުފެދުނެވެ. ކޮންމެއަކަސް، ޔަޤީންކަމާއެކު އަހަރެން މި މައްސަލައިގައި ކުށްވެރިނުވާނެކަން އަހަރެންނަށް އެނގެއެވެ. އާއިލާ މީހަކު މަރުވީތީ އެންމެން ހިތާމަކުރާއިރު އަހަރެންނަށް އެއްވެސް އަސަރެއް ނުކުރެއެވެ. ހަމަ ޖާބިރު ކިޔައިދިން ގޮތަށެވެ.

  • ސަބަބު

    ސަބަބު

    އަޙުމަދު ޒަކަރިއްޔާ

    ދުވަސް ފެށުނީ ހަމަ އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށެވެ. ގޭތެރޭގެ މަސައްކަތްތައް ރަމަތަކޮށްލާފައި އާބިދާ މަގުކުނިހަން ނުކުތީ އެއީ ކޮންމެ ދުވަހަކުވެސް ހެނދުނުގެ ތާވަލުގައި އޮންނަ ކަމަކަށް ވާތީއެވެ. އޭރު ޖެހިގެން ހުރި ރާގުޑީގޭ ޝަރީފާ ވެސް މަގުމަތީގައި ކުނިކެހުމުގައި އުޅެއެވެ. ކުއްލިއަކަށް މަގުމަތި ހަލަބޮލިވެ މުޅި ސަރަހައްދުގައި އަޑުގަދަވިއެވެ. އޭރު ފޮނިތޮށިގޭ ސަކީނާގެ ރުއިމުގެ އަޑާއި އޭނާގެ ފިރި އާދަނުގެ ހަޅޭކުގެ އަޑުވެސް ގަދަވަމުން ދިޔައެވެ. ވަނީ ކީއްތޯ ބަލާލަން، އާބިދާއާއި ޝަރީފާވެސް އެ ދިމާއަށް މިސްރާބު ބެހެއްޓިއެވެ.

    އަނެއްކާ ފޮނިތޮށިގޭގައި ރޯވީތަ؟ މިއޮއް ހެނދުނާ ހާދަ އަޑުގަދަވަނީ އަނެއްކާ…؟ ވަލުން ފަން ހޮވައިގެން އަންނަމުން އެހިސާބާ އަރައިހަމަވެފައި ޝަރީފާގެ ފިރި އިލްޔާސް އައިސް ޝަރީފާގެ އުކުޅުގައި އިން ކުޑަކަނބުލޯ އުރާލަމުން އަހާލިއެވެ.

    ހިސާބުގަނޑަށް މީހުން އެއްވީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެއްވެސް މީހަކަށް ވާނުވާއެއް ނޭނގެއެވެ. އޭރު ފޮނިތޮށިގެ ހީވަނީ ރޫޅިދާނެހެންނެވެ. އެއްޗެހި އުކާއަޑާއި ސަކީނާގެ ރުއިމުގެ އަޑާއި އާދަނާއި، އާދަނުގެ ފިރިހެންދަރި ރާމިޒުގެ ޒުވާބުގެ އަޑުންނެވެ. ހިސާބުގަނޑުގައި ތިބި އެއްވެސް މީހަކަށް އެތެރެއަށް ވަދެވެ ޚަބަރު ބެލޭނޭ ގޮތެއް ނުވިއެވެ. ދޮރާށި ތަޅުލައިފައި ހުރީމައެވެ. އެވަރުންވެސް ފާރުމަތިން ބޯއަރުވައިގެން އެތެރެއިން އެއްޗެއް ފެނޭތޯ ބެލިއަސް އެކަން ކާމިޔާބެއް ނުވިއެވެ.

    ކޮންމެއަކަސް އެޒުވާބާ އެ ހަޅޭކުގެ އަޑުކެނޑި ހަޅަޖަހައި ހަޅަ މައިތިރިވީ ގަޑިއެއްހާއިރު ފަހުންނެވެ. ވީކަމެއް ހަމަ އެކަކަށްވެސް ނޭނގުނެވެ. އިވުނީ ހަމައެކަނި އަޑެކެވެ. ފޮނިތޮށިގޭގައި އުފެދުނު ހައިޖާނުގަނޑު އުފެދެން މެދުވެރިވި ސަބަބުވީ ބޮޑު ސިއްރަކަށެވެ.

    އާބިދާވެސް ކުނިކަހާ ނިންމާލާފައި ދަރިން ސްކޫލަށް ދިޔަ ދަރިން އިންޓޯލަށް އަންނަންވާއިރަށް ސައިތައްޔާރުކުރުމަށް އަވަސްވިއެވެ. ކުރީދުވަހު ކެއްކި ގަރުދިޔަތެލި ރިހާކުރަން ހެދުމުގެ މަސައްކަތް ފެށީ އެއަށްފަހުއެވެ. ހުސޭނު މަހުން ލަފަންވާއިރަށް މަސްކައްކާ ލޯގަނޑު ދޮވެ ތައްޔާރުކުރިއެވެ. މިއީ ހަމަ ކޮންމެ ދުވަހަކުވެސް އާބިދާގެ ދުވަހީ މަސައްކަތްތައް ހުންނަ ގޮތެވެ.

    އަސުރަށް އިރުތިރި ނުވަނީސް އަނެއްކާވެސް ފޮނިތޮށިގެއާ ދިމާގައި މީހުން ހޭލަމޭލަވާ ހެން ހީވެގެން އާބިދާވެސް އެދިމާއަށް މިސްރާބުޖެހިއެވެ. މަންޒަރު ފެނުނީ ހެނދުނާ މުޅިން ތަފާތުކޮށެވެ. ތަނަށް ވެރިވެފައިވަނީ ރުއިމުގެ އަޑެވެ. އާދަނުވެސް ހުރީ ބަސްހުއްޓިފައެވެ. ލޮލުން ކަރުނަ ހިލިފައެވެ. ކުރެވުނު ބޮޑުކުށަކަށް އިޢުތިރާފުވެގެން ހުރި ކުށްވެރިއެއްހެން ގޭގެ ދޮރުކަނީގައި ލެނގިގެން ހުއްޓެވެ. މީހުންގަނޑު ފަޅަމުން އާބިދާވެސް ގޭތެރެއަށް ވަނެވެ. އޭރު ސަކީނާގެ ހޭވެރިކަމެއް ނެތެވެ. އޭނަގެ މޫނަށް ފެންޖަހައި ހޭއެރުވޭތޯ ހޭހަންކުރުމުގެ މަސައްކަތުގައި ޝަރީފާމެން އުޅެމުން ދިޔައެވެ. ދެން ފެނުނު މަންޒަރުން އާބިދާގެ މޭގަނޑުވެސް އަތަށް އައި ކަހަލައެވެ. ކުރިމަތީގައި ހުރި ބޮޑުމޭޒުމަތީގައި އެ އޮތީ ރާމިޒެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ކަރުގައި އައްސާފައިހުރި ދަންމަޅިން ބައެއް އޭރުވެސް ނައްޓައިނުލައި ހުއްޓެވެ. ކުއްލިއަކަށް ރާމިޒުގެ ނެތިދިޔުމާއި ހެނދުނު ހިނގި ޒުވާބާ ކޮންމެވެސް ގުޅުމެއްވާނެއޭ އާބިދާ ހިތަށްއެރިއެވެ.

    ރާމިޒުގެ ކަށުނަމާދު އޮތީ އެރޭ އިޝާ ނަމާދަށްފަހުއެވެ. ކަށުކަމާކެމީގެ ހުރިހާކަމެއް ނިމި ރަށުތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ. އާބިދާ އަދިވެސް ހުރީ ހިނގައިދިޔަ ކަންތައްގަނޑު ގަބޫލުކުރަން އުނދަގޫވެފައެވެ. ސަބަބު އޮޅުންފިލުވަން ބޭނުންވެފައެވެ. ރާމިޒުގެ މަރުގެ ސަބަބެވެ. ހެނދުނު ހިނގި ޒުވާބުގެ އަސްލެވެ. ހަމަ އެވަގުތު އެ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވިއެވެ. އެހެންކަމުން، ހުސޭނުވެސް ގޭގައި އުޅޭތީ އަވައްޓެރި ޝަރީފާ ހޯދަން ރާގުޑިގެއަށް ދިޔައެވެ.

    ޝަރީފާ ކިޔައިދިން ގޮތުން އެނގުނީ މީހަކު ދެއްކި ދޮގުވާހަކަތަކަކުން ރާމިޒުގެ އަންހެނުން އެގެއިން ނުކުމެގެން ދިޔަ ކަމެވެ. ކައިވެންޏަށް އަހަރެއް ވެސް ނުވަނީސް ވަރިއަށް އެދުނުކަމެވެ. ރާމިޒުގެ ބައްޕަވެސް ކުށްވެރިކުރީ ރާމިޒެވެ. ސަކީނާވެސް ދުށީ ހަމަ އެ ނަޒަރުންނެވެ. އެ ހިސާބުން އާބިދާ ދެލޮލުން ކަރުނަހިލި މުޅިމީހާ ދާހިއްލާ ހާސްވާގޮތްވިއެވެ. މުޅިން ނެގިމަޑުވެ އެގެއިން ނުކުމެގެން އަމިއްލަ ގެއާ ދިމާއަށް ހިނގަންފެށީ މަރުވެފައި ހުރި މައްޔިތެއް ހެންނެވެ.

    އާބިދާއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ރާމިޒުގެ ގާތިލަކީ ޚުދު އޭނާކަމަށް އަމިއްލަ ޒަމީރު ބުނަމުން ދިޔަ ކަހަލައެވެ. އާނއެކެވެ. ރާމިޒުގެ ސައިކަލު ފަހަތަށް އޭނާގެ އޮފީހުގައި އުޅޭ ހައްވަ ލައިގެން ދިޔަ މަންޒަރު ފެނުނީ އާބިދާއަށެވެ. އެވާހަކަ ބޮޑުކޮށްގެން، ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ރާމިޒުގެ އަންހެނުންގާތުގައި ކީ ހަމަ އާބިދާއެވެ.