Category: ރިކައުންޓް

  • ފަހީމިއްޔާ ސްކޫލުގެ އަހަރީ އަދަބީ ފޯވަހި

    ފަހީމިއްޔާ ސްކޫލުގެ އަހަރީ އަދަބީ ފޯވަހި

    އިވެންޓް ރިކައުންޓު

    ފަހީމިއްޔާ ސްކޫލުގެ ދިވެހި ކްލަބުން އިންތިޒާމުކުރި އެ ސްކޫލުގެ ”އަހަރީ އަދަބީ ފޯވަހި“ ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ 3 ސެޕްޓެންބަރު ވީ ހޮނިހިރު ދުވަހުގެ ރޭ އެ ސްކޫލުގެ ހޯލުގައެވެ. މި ފޯވަހީގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އިތުރުކޮށް، ވާހަކަދެއްކުމާއި، ޅެންހެދުމާއި، ބަޙުޘްކުރުން ފަދަ އަދަބީ ހުނަރުތައް ތަރައްޤީކޮށް، ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

    ރަސްމިއްޔާތު ފެށުނީ އެ ރޭ 8:00 ގައެވެ. ކީރިތި ޤުރްއާނުގެ ބަރަކާތުން ރަސްމިއްޔާތު ފެށުމަށްފަހު، ދިވެހި ކްލަބުގެ ރައީސް، މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަދެއްކިއެވެ. އެއަށްފަހު، ފާއިތުވި ހަފުތާގެ ތެރޭގައި ކުރިއަށްދިޔަ މުބާރާތްތަކުގެ (ޅެންހެދުން، މަޒުމޫނު ލިޔުން، ކުރުވާހަކަ ލިޔުން އަދި ޚަބަރު ކިޔުން) ތަފްޞީލު ހިމެނޭ ވީޑިއޯ ރިޕޯޓެއް ހުށަހެޅިއެވެ. މި ރިޕޯޓުން ދަރިވަރުން މުޅި ހަފުތާގައި ކުރި ބުރަ މަސައްކަތާއި، އެ ކުދިންގެ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ސިފަވިއެވެ.

    އެ ރޭގެ އެންމެ ޚާއްޞަ އަދި ފޯރިގަދަ ޙަރަކާތެއްގެ ގޮތުގައި ކުރިއަށްދިޔައީ ރޭގަނޑު 8:45 ގައި އޮތް ހައުސްތަކުގެ މެދުގައި ބޭއްވުނު ބަޙުޘް މުބާރާތުގެ ފައިނަލް މެޗެވެ. މި މެޗުގައި ވާދަކުރީ ”ޣާޒީ ހައުސް“ އާއި ”ހުރަވީ ހައުސް“ އެވެ. ބަޙުޘްގެ މައުޟޫޢަކީ ”ޤައުމީ ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީއެވެ.“ ދެ ހައުސްގެ ބައިވެރިންވެސް ވަރަށް ފުރިހަމައަށް އެ ޓީމެއްގެ ކޮޅަށް ހެކިދައްކައި ވަކާލާތުކޮށް، ސާބިތު ދަލީލުތައް ހުށައެޅިއެވެ. އިދިކޮޅު ޕޮއިންޓުތައް މުގުރުމަށް، ދިން ވަރުގަދަ ރައްދުތަކުގެ ސަބަބުން ހޯލުގައި ތިބި ބެލެނިވެރިންނާއި ދަރިވަރުންގެ ތަރުހީބުގެ އަތްތިލަބަޑީގެ އަޑުން، އިރުއިރުކޮޅުން ހޯލުތެރެ ގުގުމާލިއެވެ.

    ބަޙުޘް މެޗު ނިމުމަށްފަހު، ރޭގަނޑު 9:45 ގައި ދަރިވަރުންގެ ޚާއްޞަ އަދަބީ ހުށަހެޅުމެއް ކުރިއަށްދިޔައެވެ. މީގެ ތެރޭގައި ދަރިވަރުން ހުށަހެޅި ވާދަ ރައިވަރުތަކާއި، ދިވެހި ބަހުގެ މުއްސަނދިކަން ދައްކުވައިދޭ ކުރު ތަމްސީލުތައް ހިމެނުނެވެ. އެއަށްފަހު، ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ދިވެހި ބަހާއި ސަޤާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

    ރޭގަނޑު 10:15 ގައި ކުރިއަށްދިޔައީ މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށާއި ހައުސްތަކަށް އިނާމާއި ސެޓްފިކެޓް ހަވާލުކުރުމެވެ. ކޮންމެ މުބާރާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ ދަރިވަރުންނަށް ތަށްޓާއި ސެޓްފިކެޓް ދިނެވެ. މުޅި ފޯވަހިން އެންމެ މޮޅު ވާހަކަދެއްކުންތެރިޔާގެ މަޤާމު ގްރޭޑް 10 ގެ ދަރިވަރަކު ހޯދިއިރު، މުޅި މުބާރާތުން އެއްވަނަ ހައުސްގެ ތަށި އުފުލާލީ ”ޣާޒީ ހައުސް“ އެވެ.

    ރޭގަނޑު 11:00 ގައި ރަސްމިއްޔާތު ނިމުނުއިރު، އެންމެންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. މިއީ ހަމައެކަނި ވަނަތަކެއް ހޮވުމަށް ބޭއްވުނު ރަސްމިއްޔާތެއް ނޫނެވެ. މިއީ ދިވެހި ބަހުގެ މުއްސަނދިކަން އިޙްސާސްކޮށްދީ، ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަން އިތުރުކޮށްދިން، ފުރިހަމަ ފޯރިގަދަ އަދަބީ އިވެންޓެކެވެ.

  • އަމަލީ ތަޖުރިބާގެ ދަތުރު

    އަމަލީ ތަޖުރިބާގެ ދަތުރު

    އިވެންޓް ރިކައުންޓު

    ތިމާވެށީގެ ދިރުންތަކާއި އެ ދިރުންތަކުގެ މާހައުލާ ބެހޭ ގޮތުން ދިރާސާކުރުމަށް، ހަމީދިއްޔާ ސްކޫލުގެ ސައިންސް ކުލަބުގެ ދަރިވަރުން، މާލެ އަތޮޅު ދިއްފުށްޓަށް ދަތުރު ދިޔައީ 29 އޯގަސްޓު ވީ ހޮނިހިރު ދުވަހުއެވެ. ދަތުރުގެ މައިގަނޑު މަޤްޞަދަކީ ކުޅިތަކާއި މާހައުލުތަކުގައިވާ ދިރުންތައް ދެނެގަނެ، އެ މާހައުލުތަކުގެ ސިފަތައް ދެނެގަތުމެވެ.

    ދަތުރުގެ ކަންކަން ފެށުނީ އެ ދުވަހުގެ ހެނދުނު 6:00 ގައެވެ. ދަރިވަރުންނާއި މުދައްރިސުން މާލޭގެ އުތުރު ޖެޓީ ސަރަހައްދަށް ޖަމާވުމަށްފަހު، ހާޒިރީ ބަލައި، ބޭނުންވާ ސާމާނު ހަމަތޯ ބެލުމަށްފަހު ދިއްފުށްޓަށް ދިޔުމަށް ފުރީ 6:30 ގައެވެ. ދަތުރު ކުރީ 28 މީޙުންގެ ޖާގައިގެ ބޮޑު ލޯންޗެއްގައެވެ. މޫސުން ރީތިވެފައި ކަނޑުވެސް ތެމާކޮށް އޮތުމުގެ ސަބަބުން ދަތުރުގެ މާޙައުލު ވަރަށް އުފާވެރިއެވެ. ހެނދުނު 7:15 ގައި ދިއްފުށްޓަށް ލެފުމާއެކު، އެންމެ ފުރަތަމަ ކުރިއަށްދިޔައީ ރައްކާތެރިކަމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައެކެވެ. އެ މަޢުލޫމާތު ދިނީ އެ ރަށުގެ ކައުންސިލުގެ މުވައްޒަފުންނެވެ. އެއަށްފަހު، ދަރިވަރުން 4 ގްރޫޕަކަށް ބަހާލައި، ކޮންމެ ގްރޫޕަކަށް ޓީޗަރަކާއި އެ މާހައުލުގެ އާޖުފާޖު އެނގޭ އެ ރަށު މީހަކު ހަމަޖެއްސިއެވެ.

    ދަތުރުގެ މެންދުރުކުރީގެ ވަގުތުތައް ޚާއްޞަކުރެވުނީ ޢަމަލީ ދިރާސާގެ މަސައްކަތްތަކަށެވެ. ކޮންމެ ގްރޫޕަކުން ވެސް އެ ގްރޫޕަކަށް ހަވާލުވި ސަރައްހަދުގެ ދިރުންތަކާއި އެ ދިރުންތައް އުޅޭ މާހައުލުގެ ސިފަތައް ދިރާސާކުރިއެވެ. އެއް ގްރޫޕުން ކުޅީގެ ސަރައްހައްދު ބެލިއެވެ. އަނެއް ގްރޫޕުން ކަނޑޫފަލުގެ ގަސްގަހާގެހީގެ ފަތްތަކާއި މޫތަކުގެ އަސާސީ ސިފަތައް ނޯޓުކޮށް، އެ ސަރަޙައްދުގައި އުޅޭ ތަފާތު ދޫނިސޫފާސޫފީގެ މަޢުލޫމާތު އެއްކުރިއެވެ. އެހެން ގްރޫޕަކުން ކުޅީގެ ފެނުގެ ކޮލިޓީ ޓެސްޓުކުރުމާއި، މާޙައުލުގައިވާ ތަފާތު ދިރުންތަކާ ބެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ. މި މަސައްކަތުގެ ތެރެއިން ދަރިވަރުން ވަނީ ފޮތުން އެނގުނު އެތައް ކަމެއް ލޮލުން ދެކެ، އަތުންހިފައި ތަޖުރިބާކޮށްފައެވެ.

    މެންދުރު 12:30 ގައި އެންމެން އެކުގައި މެންދުރުގެ ކެއުމަށް އަތިރިމަތީގައި ހުރި ހިޔާބޮޑު ގަހެއްގެދަށަށް ޖަމާވިއެވެ. ދަރިވަރުން ގެންދިޔަ ކާބޯތަކެތި އެކަކު އަނެކަކާ ހިއްސާކޮށް، ތަޖުރިބާގެ ވާހަކަތަކާއި މަޖާ ސަމާސާގައި ވަގުތު ހޭދަކުރިއެވެ. ކެއުމަށްފަހު، 1:30 ގައި ކުރިއަށްދިޔައީ ގްރޫޕްތަކުގެ މެދުގައި ބޭއްވުނު ސުވާލު މުބާރާތެކެވެ. މި މުބާރާތުގައި މުޅި ދުވަހު އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސުވާލުކުރެވުނުއިރު، ދަރިވަރުންގެ މެދުގައި ވަރަށް ވާދަވެރި އަދި ފޯރިގަދަ މާޙައުލެއް އުފެދިގެންދިޔައެވެ. އެއަށްފަހު، ރަށުގެ ތިމާވެށި ރައްކާތެރިކުރުމުގެ އަމަލީ ހަރަކާތެއްގެ ގޮތުން ގުދުރަތީ ސަރަޙައްދު ސާފުކުރުމުގެ އިޖުތިމާޢީ މަސައްކަތެއް ކުރިއަށްދިޔައެވެ. މީގެ ސަބަބުން ޕްލާސްޓިކް ކުނީގެ ނުރައްކާތެރިކަން ދަރިވަރުންނަށް އިތުރަށް އިޙްސާސް ކުރެވުނެވެ.

    އިރުއޮއްސެން ކައިރިވެފައި ވަނިކޮށް، ހަވީރު 5:30 ގައި އެނބުރި މާލެ ދިޔުމަށް ލޯންޗުގައި ދަތުރުފެށިއެވެ. މުޅި ދުވަހު އަވީގައި އުޅުމުގެ ސަބަބުންނާއި ކުރެވުނު ބުރަ މަސައްކަތުން ވަރުބަލިވި ނަމަވެސް، އެންމެންގެ މޫނުމަތިންވެސް ފެންނުނީ އުފާވެރިކަމާއި، އާ މަޢުލޫމާތުތަކެއް ލިބުމުގެ ހިތްހަމަޖެހުމެވެ.

    މި ދަތުރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުރެވުނު ދަތުރެއް ނޫނެވެ. މިއީ ދަރިވަރުންނަށް، ތިމާވެށި ރައްކާތެރިކުރުމުގެ މަޢުލޫމާތު ލިބުމުގެ އިތުރުން އެ ފަދަ މާހައުލުތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބުނު ދަތުރެކެވެ.

  • މޭކަޕުކުރުމުގެ ފަންނުގައި، މާޖިދާ

    މޭކަޕުކުރުމުގެ ފަންނުގައި، މާޖިދާ

    އައިޝަތު ރައިނާ އިބްރާހީމް 7ބީ

    ޗ.މިނާދޫ ބަހާރުގޭ ވަހީދު ހަސަނަށާއި ހުވަނދުގޭ ހައްވާ އިބުރާހީމަށް ލިބުނު 8 ދަރިންގެ ތެރެއިން އެންމެ ހަގު އަންހެން ދަރިއަކީ މާޖިދާ ވަހީދެވެ. 1990 ވަނަ އަހަރުގެ ޖޫން މަހުގެ 7ވަނަ ދުވަހު އުފަންވި މާޖިދާއަކީ ރާއްޖެއަށް މަޝްހޫރު މޭކަޕު އާޓިސްޓެކެވެ.

    މާޖިދާއަކީ ކުޑައިރުއްސުރެ މޫނުގެ ރީތިކަމަށް ލޯބިކުރަމުން އައި ކުއްޖެކެވެ. އޭނާއަކީ އަމިއްލަ މޫނުގައި ހޭކުމަށް، ހަންގަނޑާގުޅޭ ރައްކާތެރި އެއްޗެހި ހޯދައި އެ ބޭނުންކޮށްގެން މޫނު ރީތިކުރަމުން އައި މާޖިދާ، 2000ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 10 އަހަރުގައި ސްކޫލުގައި އޮތް މޭކަޕު މުބާރާތަކުން 1ވަނަ ލިބުން ވެގެންދިޔައީ މަސައްކަތެއްގެ ގޮތަށް މޭކަޕުކުރުމުގެ ޝައުގުއުފެދުނު ކަމަކަށެވެ. އަދި ހަމަ އެ އަހަރު ޗ.މިނާދޫގައި ބޭއްވި ”ބިއުޓީ މުބާރާތެއްގައި“ މާޖިދާ ކުރި މޭކަޕަށް 3ވަނަ ލިބި މޭކަޕުކުރުމަށް މަޝްހޫރު ނަމަކަށް އޭނާ ވިއެވެ.

    2010ގައި އޭނާގެ މަސައްކަތަށާއި ޙަޔާތަށްވެސް ބޮޑު ގޮންޖެހުމެއް ކުރިމަތިވިއެވެ. އެއީ އޭނާގެ ގޭގެ ސިޑިން ވެއްޓި ވަރަށް ބޮޑަށް އަނިޔާވުމެވެ. އަދި އުމުރަށް ވެސް ނުފިލާނޭ ލަކުނުތަކެއް މޫނުގައި ލުމެވެ. ބަލި އެނދުގައި ތިން މަސްދުވަހު އޮތުމަށް އެއްކޮށް ރަނގަޅުވުމަށް ފަހު އެންމެ ފުރަތަމަ ވެސް އޭނާގެ ނިޔަތަކަށްވީ މޫނުގައި ހުރި ލަކުނުތައް ފޮރުވާލައި މޫނު ރީތިކޮށްލުމެވެ. އެކަމުގެ ތެރެއިން މޭކަޕުކުރުމުގެ އާ ހުނަރުތައް ދައްކާލުމަށް ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯތަކުން އެތައް ބައެއްގެ ލޯބި އޭނާއަށް ލިބުނެވެ. އަދި އޭނާގެ މަސައްކަތް ކާމީޔާބީގެ އާ ހަރުފަތަކަށް ޖައްސާލިއެވެ.

    2018 ވަނަ އަހަރު ފެށުނުއިރު އޭނާއަކީ އޭނާގެ އިންސްޓަގްރާމުގައި އޭނާގެ ފޮލޯވަރުންގެ ގޮތުގައި، ތިން ލައްކަ މީހުން ތިބި، މޭކަޕުގެ ދާއިރާގައި މަޝްހޫރު ކަނބަލެކެވެ. މިހާރު 5 ދަރިން ތިބި، މޭކަޕު އާޓިސްޓު މާޖިދާއަކީ މީހުންނަށް މޭކަޕު ދަސްކޮށްދިނުމަށް ތަމްރީނުތައް ދިނުމުގައިވެސް މަޝްހޫރު މީހެކެވެ.

  • ކުޅުދުއްފުށީގެ ޒުވާން ތަރި

    ކުޅުދުއްފުށީގެ ޒުވާން ތަރި

    މުޙައްމަދު މިޙްރާން މަމްދޫހް – 10އޭ

     2006ވަނަ އަހަރު، ފެބްރުއަރީ 28 ވީ އަނގާރަ ދުވަހު، ހދ.ކުޅުދުއްފުއްޓަށް އުފަންވި މަތީން ބަޝީރަކީ ޝެހެނާޒްގޭ ޢާޠިފާ މުޙައްމަދަށާއި، ހަމަ އެގޭ ބަޝީރް ޔޫސުފަށް ލިބިފައިވާ 4 ދަރިން ތެރެއިން 3 ވަނަ ދަރިއެވެ. މަތީން އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައި އަންހެން ކޮއްކޮއަކާއި ދެ ބޭބެ ތިބެއެވެ. މަތީނަކީ ކުޅުދުއްފުށީގައި ފުޓުބޯޅައިގެ ދާއިރާއިން ފާހަގަ ކޮށްލެވޭ، މީހުންގެ ލޯބި ލިބިފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.

          ކުޑަ އިރުންސުރެ މަތީން އައީ އޭނާގެ ބައްޕަ ފުޓުބޯޅަ ކުޅޭތަން ބަލަމުންނެވެ. އޭނާގެ ބައްޕަ ފުޓުބޯޅަކުޅެގެން ހޯދާފައި ހުރި ރަން ތަށިތައް ފެނި މަތީންގެ ހިތުގައި ފުޓުބޯޅައަށް ޝައުޤުއުފެދުނެވެ. މީގެއިތުރުން މަތީންގެ އުމުރުން 6 އަހަރުގައި އޭނާގެ ބައްޕަ، ފުޓުބޯޅަ ކުޅެން ދަސްކޮށްދިނުމުން އޭނާ މި ކުޅިވަރާ ހުރި ގާތްކަން ބޮޑުވިއެވެ. 2012 ވަނަ އަހަރު މަތީންގެ ބައްޕަ އުފެއްދި ”ބަޝީރު ސްޕޯރޓްސް އެކަޑަމީ“ ގައި މަތީން ބައިވެރިވީ ފޮނި އުއްމީދުތަކަކާއެކުއެވެ. އޭރުވެސް މަތީނަކީ މި އެކަޑަމީގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިއެކެވެ. މަތީން މި އެކަޑަމީއަށް ވަންއިރު ކުރި ފޮނި އުއްމީދުތަކުގައި ކުލަޖެހުނީ ހީކުރިވަރަށްވުރެ ފުރިހަމައަށެވެ.

           މަތީންއަކީ ކުޅުދުއްފުށިން އަރަމުން އަންނަ ޒުވާން ތަރިއެކެވެ. އޭނާގެ ފަރާތުން ރަށު ފެންވަރުގައްޔާއި ސްކޫލް ފެންވަރުގައި ބާއްވާ މުބާރާތްތަކުން މޮޅު ކުޅުމެއް ފެންނަމުންދާއިރު، އެންމެ ފަހުން ބޭއްވި ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި ޒިގްޒެގަށް ކުޅުނު މަތީން ވަނީ ތަފާތު ރަނގަޅު ކުޅުމެއް ދައްކާފައެވެ. ހަމަ މީގެ އިތުރުން މަތީން ވަނީ 19 އަހަރުން ދަށުގެ ޤައުމީ ޓީމަށް ހޮވި، ކުޅުދުއްފުށިން، ފުރަތަމަ 19 އަހަރުން ދަށުގެ ޤައުމީ ޓީމަށް ހޮވުނު ކުޅުންތެރިޔާގެ ޝަރަފް ހޯދައި ކުޅުދުއްފުއްޓަށާއި ބަޝީރް ސްޕޯރޓްސް އެކަޑަމީއަށް ރީތި ނަމެއް ހޯދައިދީފައެވެ.

           މަތީން މި ކާމިޔާބީތައް ޙާސިލް ކުރީ ގޮންޖެހުން ތަކަކާ ކުރިމަތިލައިގެންނެވެ. އިސްކޫލުން ދޭ ފިލާވަޅުތައް ގިނަކަމުން ކުޅެން ނުދެވުމާއި  ރައްޓެހިންނާ އެކީ ކުޅޭއިރު އަނިޔާވުން، މި ގޮންޖެހުންތަކުތެރޭގައި ހިމެނެއެވެ. މަތީނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔައީ ”މާއްޓޭ އިންޓަރ ސްކޫލް ފުޓްބޯލް ޓޯރނަމެންޓް“ ގައި ކުޅެމުން ދަނިކޮށް، އޭނާގެ ފަލަމަސްގަނޑު ފަޅައިގެން ދިޔުމެވެ. ނަމަވެސް އޭނާގެ މައިންބަފައިންނާއި، ޓީމު އެންމެންގެ އެހީތެރިކަމާއެކު، މަތީން ހިތްވަރުކޮށްގެން މުބާރާތް ނިންމިއެވެ.

           މިހާރު އުމުރުން 17 އަހަރުވީ މަތީން ބަޝީރު އަންނަނީ އޭނާގެ ބައްޕައާއެކު، ބަޝީރް ސްޕޯރޓްސް އެކަޑަމީގައި ކޯޗުކަން ކޮށްދެމުންނެވެ. މީގެ އިތުރުން މަތީނަށް ވަނީ ޓީސީ ސްޕޯރޓްސްއަށް ކުޅުމުގެ ފުރުސަތުވެސް ލިބިފައެވެ. ޒުވާން ކުޅުންތެރިންނަށް މަތީން ދޭން ބޭނުންވާ މެސެޖަކީ، ފުޓުބޯޅަ ކުޅުމުގައި ހުނަރު ހުރި ކަމުގައިވިޔަސް، ބުރަ މަސައްކަތާ ނުލައި ކާމިޔާބެއް ނުވާނެވެ.