އަޙުމަދު ޒަކަރިއްޔާ
ދުވަސް ފެށުނީ ހަމަ އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށެވެ. ގޭތެރޭގެ މަސައްކަތްތައް ރަމަތަކޮށްލާފައި އާބިދާ މަގުކުނިހަން ނުކުތީ އެއީ ކޮންމެ ދުވަހަކުވެސް ހެނދުނުގެ ތާވަލުގައި އޮންނަ ކަމަކަށް ވާތީއެވެ. އޭރު ޖެހިގެން ހުރި ރާގުޑީގޭ ޝަރީފާ ވެސް މަގުމަތީގައި ކުނިކެހުމުގައި އުޅެއެވެ. ކުއްލިއަކަށް މަގުމަތި ހަލަބޮލިވެ މުޅި ސަރަހައްދުގައި އަޑުގަދަވިއެވެ. އޭރު ފޮނިތޮށިގޭ ސަކީނާގެ ރުއިމުގެ އަޑާއި އޭނާގެ ފިރި އާދަނުގެ ހަޅޭކުގެ އަޑުވެސް ގަދަވަމުން ދިޔައެވެ. ވަނީ ކީއްތޯ ބަލާލަން، އާބިދާއާއި ޝަރީފާވެސް އެ ދިމާއަށް މިސްރާބު ބެހެއްޓިއެވެ.
އަނެއްކާ ފޮނިތޮށިގޭގައި ރޯވީތަ؟ މިއޮއް ހެނދުނާ ހާދަ އަޑުގަދަވަނީ އަނެއްކާ…؟ ވަލުން ފަން ހޮވައިގެން އަންނަމުން އެހިސާބާ އަރައިހަމަވެފައި ޝަރީފާގެ ފިރި އިލްޔާސް އައިސް ޝަރީފާގެ އުކުޅުގައި އިން ކުޑަކަނބުލޯ އުރާލަމުން އަހާލިއެވެ.
ހިސާބުގަނޑަށް މީހުން އެއްވީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެއްވެސް މީހަކަށް ވާނުވާއެއް ނޭނގެއެވެ. އޭރު ފޮނިތޮށިގެ ހީވަނީ ރޫޅިދާނެހެންނެވެ. އެއްޗެހި އުކާއަޑާއި ސަކީނާގެ ރުއިމުގެ އަޑާއި އާދަނާއި، އާދަނުގެ ފިރިހެންދަރި ރާމިޒުގެ ޒުވާބުގެ އަޑުންނެވެ. ހިސާބުގަނޑުގައި ތިބި އެއްވެސް މީހަކަށް އެތެރެއަށް ވަދެވެ ޚަބަރު ބެލޭނޭ ގޮތެއް ނުވިއެވެ. ދޮރާށި ތަޅުލައިފައި ހުރީމައެވެ. އެވަރުންވެސް ފާރުމަތިން ބޯއަރުވައިގެން އެތެރެއިން އެއްޗެއް ފެނޭތޯ ބެލިއަސް އެކަން ކާމިޔާބެއް ނުވިއެވެ.
ކޮންމެއަކަސް އެޒުވާބާ އެ ހަޅޭކުގެ އަޑުކެނޑި ހަޅަޖަހައި ހަޅަ މައިތިރިވީ ގަޑިއެއްހާއިރު ފަހުންނެވެ. ވީކަމެއް ހަމަ އެކަކަށްވެސް ނޭނގުނެވެ. އިވުނީ ހަމައެކަނި އަޑެކެވެ. ފޮނިތޮށިގޭގައި އުފެދުނު ހައިޖާނުގަނޑު އުފެދެން މެދުވެރިވި ސަބަބުވީ ބޮޑު ސިއްރަކަށެވެ.
އާބިދާވެސް ކުނިކަހާ ނިންމާލާފައި ދަރިން ސްކޫލަށް ދިޔަ ދަރިން އިންޓޯލަށް އަންނަންވާއިރަށް ސައިތައްޔާރުކުރުމަށް އަވަސްވިއެވެ. ކުރީދުވަހު ކެއްކި ގަރުދިޔަތެލި ރިހާކުރަން ހެދުމުގެ މަސައްކަތް ފެށީ އެއަށްފަހުއެވެ. ހުސޭނު މަހުން ލަފަންވާއިރަށް މަސްކައްކާ ލޯގަނޑު ދޮވެ ތައްޔާރުކުރިއެވެ. މިއީ ހަމަ ކޮންމެ ދުވަހަކުވެސް އާބިދާގެ ދުވަހީ މަސައްކަތްތައް ހުންނަ ގޮތެވެ.
އަސުރަށް އިރުތިރި ނުވަނީސް އަނެއްކާވެސް ފޮނިތޮށިގެއާ ދިމާގައި މީހުން ހޭލަމޭލަވާ ހެން ހީވެގެން އާބިދާވެސް އެދިމާއަށް މިސްރާބުޖެހިއެވެ. މަންޒަރު ފެނުނީ ހެނދުނާ މުޅިން ތަފާތުކޮށެވެ. ތަނަށް ވެރިވެފައިވަނީ ރުއިމުގެ އަޑެވެ. އާދަނުވެސް ހުރީ ބަސްހުއްޓިފައެވެ. ލޮލުން ކަރުނަ ހިލިފައެވެ. ކުރެވުނު ބޮޑުކުށަކަށް އިޢުތިރާފުވެގެން ހުރި ކުށްވެރިއެއްހެން ގޭގެ ދޮރުކަނީގައި ލެނގިގެން ހުއްޓެވެ. މީހުންގަނޑު ފަޅަމުން އާބިދާވެސް ގޭތެރެއަށް ވަނެވެ. އޭރު ސަކީނާގެ ހޭވެރިކަމެއް ނެތެވެ. އޭނަގެ މޫނަށް ފެންޖަހައި ހޭއެރުވޭތޯ ހޭހަންކުރުމުގެ މަސައްކަތުގައި ޝަރީފާމެން އުޅެމުން ދިޔައެވެ. ދެން ފެނުނު މަންޒަރުން އާބިދާގެ މޭގަނޑުވެސް އަތަށް އައި ކަހަލައެވެ. ކުރިމަތީގައި ހުރި ބޮޑުމޭޒުމަތީގައި އެ އޮތީ ރާމިޒެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ކަރުގައި އައްސާފައިހުރި ދަންމަޅިން ބައެއް އޭރުވެސް ނައްޓައިނުލައި ހުއްޓެވެ. ކުއްލިއަކަށް ރާމިޒުގެ ނެތިދިޔުމާއި ހެނދުނު ހިނގި ޒުވާބާ ކޮންމެވެސް ގުޅުމެއްވާނެއޭ އާބިދާ ހިތަށްއެރިއެވެ.
ރާމިޒުގެ ކަށުނަމާދު އޮތީ އެރޭ އިޝާ ނަމާދަށްފަހުއެވެ. ކަށުކަމާކެމީގެ ހުރިހާކަމެއް ނިމި ރަށުތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ. އާބިދާ އަދިވެސް ހުރީ ހިނގައިދިޔަ ކަންތައްގަނޑު ގަބޫލުކުރަން އުނދަގޫވެފައެވެ. ސަބަބު އޮޅުންފިލުވަން ބޭނުންވެފައެވެ. ރާމިޒުގެ މަރުގެ ސަބަބެވެ. ހެނދުނު ހިނގި ޒުވާބުގެ އަސްލެވެ. ހަމަ އެވަގުތު އެ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވިއެވެ. އެހެންކަމުން، ހުސޭނުވެސް ގޭގައި އުޅޭތީ އަވައްޓެރި ޝަރީފާ ހޯދަން ރާގުޑިގެއަށް ދިޔައެވެ.
ޝަރީފާ ކިޔައިދިން ގޮތުން އެނގުނީ މީހަކު ދެއްކި ދޮގުވާހަކަތަކަކުން ރާމިޒުގެ އަންހެނުން އެގެއިން ނުކުމެގެން ދިޔަ ކަމެވެ. ކައިވެންޏަށް އަހަރެއް ވެސް ނުވަނީސް ވަރިއަށް އެދުނުކަމެވެ. ރާމިޒުގެ ބައްޕަވެސް ކުށްވެރިކުރީ ރާމިޒެވެ. ސަކީނާވެސް ދުށީ ހަމަ އެ ނަޒަރުންނެވެ. އެ ހިސާބުން އާބިދާ ދެލޮލުން ކަރުނަހިލި މުޅިމީހާ ދާހިއްލާ ހާސްވާގޮތްވިއެވެ. މުޅިން ނެގިމަޑުވެ އެގެއިން ނުކުމެގެން އަމިއްލަ ގެއާ ދިމާއަށް ހިނގަންފެށީ މަރުވެފައި ހުރި މައްޔިތެއް ހެންނެވެ.
އާބިދާއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ރާމިޒުގެ ގާތިލަކީ ޚުދު އޭނާކަމަށް އަމިއްލަ ޒަމީރު ބުނަމުން ދިޔަ ކަހަލައެވެ. އާނއެކެވެ. ރާމިޒުގެ ސައިކަލު ފަހަތަށް އޭނާގެ އޮފީހުގައި އުޅޭ ހައްވަ ލައިގެން ދިޔަ މަންޒަރު ފެނުނީ އާބިދާއަށެވެ. އެވާހަކަ ބޮޑުކޮށްގެން، ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ރާމިޒުގެ އަންހެނުންގާތުގައި ކީ ހަމަ އާބިދާއެވެ.