އަޙުމަދު ޒަކަރިއްޔާ
ދިވެހިރާއްޖޭގެ އުތުރުން އެންމެ ބައިބޯ، މިހާރު ސިޓީއެއްގެ ދަރަޖަ ދީފައިވާ ކުޅުދުއްފުށި ސިޓީއަކީ އުތުރުގެ މައި ތަނބުގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ. އާބާދީގައި 10046 (ދިހަ ހާސް ސާޅީސް ހަ) މީހުންތިބި ކުޅުދުއްފުށި ސިޓީއަކީ 247 ހެކްޓަރުގެ ބޮޑު މާ ރަށެކެވެ. އޭގެ ތެރެއިން 180 ހެކްޓަރުގައި މީހުން ދިރިއުޅޭއިރު 67 ހެކްޓަރު ހިމެނިފައި އޮތީ މީހުން ދިރިނޫޅޭ ސަރަހައްދުގެ ގޮތުގައެވެ. ރަށުގެ ބިން ބޭނުންކުރެވޭ ގޮތަށް ބަލާއިރު ރަށުގައި މީހުން ދިރިއުޅުމަށް ރަށުގެ ބިމުން 4241 ގޯތި ދޫކޮށްފައިވާއިރު އޭގެ ތެރެއިން މީހުން ދިރިއުޅޭކަމަށް ރިކޯޑުކުރެވިފައިވަނީ 2784 ގޯތީގައެވެ. ބޮޑު އާބާދީތަކާ އަޅާބަލާއިރު ނިސްބަތުން ކުށް މަދު، ހަމަނުޖެހުން ކުޑަ ކުޅުދުއްފުށި ސިޓީއަކީ ހިތްހެޔޮ، އަދި ޙާޟިރު ޖަވާބު އަވަސް ބައެއްގެ ގޮތުގައި ފާހަގަކުރެވޭ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.
ޒަމާނުއްސުރެ ކުޅުދުއްފުށި މަޝްހޫރުވެފައިވަނީ ރޯނުވެށުމަށް އެންމެ ކުޅަދާނަ މީހުން ތިބި ރަށުގެ ގޮތުގައެވެ. ރަށުގެ އަންހެނުންނަށް ޚާއްޞަ މި މަސައްކަތުގައި، އިހުގައި އާބާދީގެ ބޮޑު އިންސައްތައެއް ހިއްސާވިކަމުގައި ވިޔަސް، ޒަމާނަށް އައި އެކިއެކި ބަދަލުތަކާއި، އާމްދަނީ ހޯދޭނޭ އިތުރު މަގުތަކާއި ގޮތްތައް ތަޢާރަފުވުމާވެސް އެކު، މިހާރު ރޯނުވެށުމުގެ މަސައްކަތުގައި ތިބި މީހުންގެ ނިސްބަތް ކުރިއާ އަޅައިބަލާއިރު މާބޮޑަށްވެސް މަދެވެ. ކަނބުރުވެރިކަމަކީ ކުޅުދުއްފުށި ސިޓީގެ ފިރިހެނުން ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ޚާޢްޞަ މަސައްކަތެކެވެ. މި މަސައްކަތްކުރާ މީހުންގެ ޢަދަދު މަދުކަމުގައި ވިޔަސް މި މަސައްކަތުން އުފައްދާ ތަކެތި ފާހަގަކުރެވެނީ މުޅި ރާއްޖެއަށްވެސް ވެސް މަޝްހޫރު ”ބްރޭންޑު“ ތަކެއްގެ ގޮތުގައެވެ. ހަމައެހެންމެ މަސްވެރިކަމުންނާއި އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ފާހަގަކުރެވެނީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ އާމްދަނީ ބަރޯސާވާ މަސައްކަތްތަކެއްގެ ގޮތުގައެވެ. ރަށުގެ ނަމާއެކު ކެވެލިޖެހިފައިވާ އަނެއް މަސައްކަތްކަމުގައިވާ ހާލުފޮޅި ފިހުމުގެ މަސައްކަތަކީ މިއަދުވެސް އެ މަސައްކަތަށް ބޮޑު ’ޑިމާންޑެއް‘ އޮތް، ތަރައްޤީވަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތުން އުފައްދާ ހާލުފޮޅިއަކީ ކުޅުދުއްފުށްޓަށް ޚާއްޞަ، މުޅި ރާއްޖެއަށް މަޝްހޫރު ފޮނިކާއެއްޗެކެވެ.
ކުޅުދުއްފުށީގެ އަސްލަކީ ”ކުޅިދުށްފުށި“ ކަމަށް އިހުގެ މީހުން ބުނާ ސަބަބަކީ ރަށުގައި އޮތް ބޮޑު މަށިކުޅިއެވެ. ރާއްޖޭގެ އެހެން ކުޅިތަކާ ތަފާތު ހުދުމަށްޓަށް ޚާއްޞަ މި ކުޅިއަކީ ރަށުގައި އޮތް އެންމެ ޚާއްޞަ އެއް ސަރަހެއްދެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންގެ އެއް މަންޒިލަކަށްވާ ކުޅުދުއްފުށީގެ ކުޅިއަކީ ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ތަނެކެވެ. ރަށުގެ ވައިގެބަނދަރު އެޅުމަށް ކުޅިން ބައެއް ހިއްކިކަމުގައި ވިޔަސް، އަސްލު ނުގެއްލޭގޮތަށް އެ ގުދުރަތީ މުއްސަނދިކަމާއެކު ކުޅި އަދިވެސް އެބައޮތެވެ. ދޭތެރެދޭތެރެއިން އަންނަ ގުޑުގުޑާދޫނި ފަދަ މޫސުމީ ދޫނިތަކުގެ މަންޒިލަކަށްވެފައިވާ ކުޅުދުއްފުށީކުޅިއަކީ ފޮޓޯގްރާފަރުންގެ ލެންސުތައް އަމާޒުކުރާ ޚާއްޞަ ސަރަހައްދެކެވެ. ކުޅުދުއްފުށްޓާއި ރާއްޖޭގެ ތާރީޚާއި ސަގާފަތާ ގުޅިފައިވާ އެތައް ކަމެއް އެއްތާކުން ދުށުމަށް، ރަށަށް އަންނަ މެހެމާނުންގެ ޒިޔާރަތްކުރާ ރަށްވެހި އާސާރަކީވެސް ރަށުގައި ހުރި، މަޝްހޫރުތަނެކެވެ. އަމިއްލަ ފަރާތަކުން އިސްނަންގަވައިގެން ޚިދުމަތްދެއްވާ މި އާސާރަކީ ކުޅުދުއްފުށި ސިޓީއަށް މުހިންމު ތަނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކުޅުދުއްފުށި ސިޓީއަށް ޚާއްޞަ، ދަމުހިނގުމާއި ހިތްޗަށްވަޑައިގަތުންފަދަ ސަގާފީ ކުޅިވަރުތަކަކީ އެންމެ އިހު ޒަމާނުއްސުރެ ރަށުގައި ކުޅެމުންއަންނަ ދިވެހިވަންތަ ކުޅިވަރުތަކެކެވެ. އަދި ފަހުން މި ލިސްޓަށް އިތުރުވި މަށިމާލި ޕެރޭޑަކީ ޢީދުގައި ކުޅޭކުޅިވަރަކަށް ވިޔަސް މުޅި ރާއްޖެއަށްވެސް މަޝްހޫރު ކުޅިވަރަކަށް މިހާރުވަނީ ވެފައެވެ. މުޅި ރަށަށާއި އަތޮޅަށްވެސް ޚާއްޞަ، ހޮނިހިރު ބާޒާރަކީވެސް ރަށުގެ ސަގާފަތުގެ ތެރެއިން ޖާޖަހޯދާފައިވާ، ކޮންމެ ހޮނިހިރު ދުވަހަކު އޮންނަ ބާޒާރެކެވެ. އުތުރުގެ ތިން އަތޮޅުގެ މީހުން އެމީހުންގެ ވިޔަފާރީގެ މައި މަރުކަޒުކަމުގައި ދެކޭ ކުޅުދުއްފުށީގައި ހޯލްސޭލަށް މުޅިރާއްޖެއަށްވެސް މަޝްހޫރު ވިޔަފާރިތަކުގެ ގޮފިތަކާއި ރީޓެއިލް ފިހާރަތައްވެސް ވަރަށް ގިނައެވެ. މީގެ އިތުރުން ރާއްޖެއާއި ބޭރު ޤައުމުތަކާމެދު ދުއްވާ ބޯޓުފަހަރަށް ޚާއްޞަ ބައިނަލްއަގުވާމީ ބަނދަރަކާއި އިތުރު ލޯކަލް ދެ ބަނދަރު އޮންނަ ކުޅުދުއްފުށި ސިޓީގައި މިހާރުވަނީ ވައިގެވައިގެ ބަނދަރެއްވެސް އަޅައި އެތެރޭގެ އުނދުހުންތަކުގެ ދަތުރުތައް ފަށައި ޚިދުމަތްދޭން ފަށާފައެވެ. އަދި ހަމައެހެންމެ ކަނޑުމަގުން ރަށްތައް ގުޅާލުމަށް ސަރުކާރުން ފެށި އާރް.ޓީ.އެލް ފެރީތަކަށް ޚާއްޞަ ބަނދަރެއްގެ ޚިދުމަތް ލިބޭ ކުޅުދުއްފުށިސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ދެ ޓެކްސީ ސެންޓަރަކުން ޓެކްސީގެ ޚިދުމަތްވެސް ފަސޭހަކަމާއެކު އެ ސިޓީއިން ލިބެއެވެ.
އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނަ ސިއްހީ ޚިދުމަތްތަކަކީވެސް ކުޅުދުއްފުށި ސިޓީން ފާހަގަކުރެވޭ ޚިދުމަތެވެ. ރާއްޖެއިން ލިބެންހުރި ސިއްހީ ފަރުވާތަކުގެ ތެރެއިން ގިނަ ފަރުވާތަކެއް ލިބެންހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުން މީހުން ފަރުވާހޯދާ، މުހިންމު ހޮސްޕިޓަލެކެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ކްލިނިކްތައްވެސް ކުޅުދުއްފުށި ސިޓީގައި ގާއިމުވެފައިވާކަން ފާހަގަކުރެވެއެވެ.
ކުޅުދުއްފުށި ސްކޫލުތަކުން، ހޯދާ ޢިލްމީ ރަންވަނަތަކަކީ ތަޢުލީމީގޮތުން ކުޅުދުއްފުށި ސިޓީ ފާހަގަވާ އަނެއް ސަބަބެވެ. ސަރުކާރުގެ ތިން ސްކޫލާއި އަމިއްލަ ފަރާތަކުން ހިންގާ ޕްލޭ ސްކޫލެއް ކުޅުދުއްފުށި ސިޓީގައި ހުރެއެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަކާއި އަމިއްލަ ކޮލެޖުތަކުގެ ކެމްޕަސްތައް ހުރި ކުޅުދުއްފުށި ސިޓީން އިބްތިދާޢީ ތަޢުލީމުން ފެށިގެން މަތީ ތަޢުލީމުގެ އެންމެ މަތީ ހަރުފަތަށް ވާސިލުވުމުގެ މަގުވެސް ފަހިވެފައިވާކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ ވަޒީފާ ނުވަތަ ސިވިލްސަރވިސްގެ މަޤާމުތަކުގައި ގިނަބަޔަކު ވަޒީފާއަދާކުރާ ކުޅުދުއްފުށި ސިޓީގައި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް އެބަހުއްޓެވެ. އަދި ދެ ބޭންކާއި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުއްފުނީގެ މަރުޒުތައްވެސް އެ ސިޓީގައި ޤާއިމުވެފައި ހުރިކަން ފާހަގަކުރެވެއެވެ.
ޝަހީދު ހުސައިން އާދަމް ޕާކާއި ރަށްމަތިފަންނާއި އާޓިފިޝަލް ބީޗާއި ތަރިޕާކުފަދަ ފިނިމައިޒާންތަކުގެ އިތުރުން ކުޅިވަރުކުޅުމަށް ޚާއްޞަ ސަރަހައްދީ ޒޯން ސްޓޭޑިޔަމަކާއި ފުޓްބޯޅަކުޅުމަށް ޚާއްޞަ 3 ފުޓްބޯޅަ ދަނޑާއި އިންޑޯ ކުޅިވަރުތަކަށް ޚާއްޞަ މަރުކަޒަކާއި ބާސްކެޓް ކޯޓަކާއި ނެޓްބޯޅަ ކޯޓަކާއި ފުޓްސެލްއަށް ޚާއްޞަ ދަނޑެއްވެސް އޮތް ކުޅުދުއްފުށި ސިޓީއަކީ ގިނަ ކުޅިވަރުތަކެއް ކުޅެވޭނޭ މަގުފަހިވެފައިވާ ރަށެއްކަން ފާހަގަކުރެވެއެވެ.
ބޮޑު 6 މިސްކިތާއި އަންހެނުން ނަމާދުކުރުމަށް ޚާއްޞަ 2ނަމާދުގެ ހުރި އަދި މީހުން ވަޅުލުމަށް 2ޤަބުރަސްތާނުވެސް އޮތް ކުޅުދުއްފުށި ސިޓީގައި އަދިވެސް ތަފާތު އެތައް ތަންތަނާއި ޚިދުމަތްތަކެއް ޤާއިމުވެފައި ވެއެވެ.
ސިޓީއެއްގެ ދަރަޖަ ދިނުމުގެ އިތުރުން އަތޮޅުގެ ވެރި ރަށުގެ ގޮތުގައިވެސް އޮތް ކުޅުދުއްފުށި ސިޓީއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަ ސިޓީއެކެވެ. އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން އެތައް ކަމަކަށް ބަރޯސާވާ ސިޓީއެކެވެ. އެތައް ޚިދުމަތްތަކެއް އެއްތާކުން ލިބެންހުރި ދަތުރުފަތުރުކޮށް މުދާގަތުމަށް ފަސޭހަ ސިޓީއެކެވެ. މެހެމާނުން ހިތްހަމަޖައްސާލާނޭ ކަންތައްތަކަކާއި ގޮތްތަކެއް ގާޢިމުވެފައިހުރި އަމާން ސިޓީއެކެވެ.