ރަނގަޅު މަޒުމޫނެއް ލިޔާނީ ކިހިނެއް؟

ޢާއިޝަތު ޙަނާން އިލްޔާސް- 12ސީ

ތަޢާރަފު:

މަޒުމޫނަކީ ކޮބައިތޯއެވެ؟ ދިވެހިބަހުގެ ރަދީފްގައި ވާގޮތުން ނަމަ، ”މަޒުމޫނު“ މި ލަފުޒުގެ މާނައަކީ ”މައިގަނޑުނަމެއްގެ މައްޗަށް ލިޔެފައިވާ ބަޔާން“އެވެ. ލިޔުންތެރިން އެއްބަސްވާ ގޮތުގައި މަޒުމޫނަކީ ވަކި މައިގަނޑު ނަމެއްގެ މައްޗަށް ބިނާކޮށްގެން އެއްކުރެވިފައިވާ ޕެރެގްރާފުތަކެކެވެ. އެހެންވީމާ ރަނގަޅު މަޒުމޫނަކީ ރީތި ފެށުމަކާއި އޮއްޓަރު ހުރި ބަދަހި މައިގަނޑަކާއި ޚުލާޞާކޮށްދެނިވި ނިންމުމެއް ގެނެސްފައިވާގޮތަށް ތަފާތު ނުކުތާތަކުގެ މައްޗަށް ވަކި ޚިޔާލެއްގެ މައްޗަށް ލިޔެ އެއްކުރެވިފައިވާ މަޢުލޫމާތުތަކެކެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ އެސްއެސްސީ އަދި އެޗްއެސްސީ އިމްތިޙާނުގައި ހިމެނޭ އޮޅުންފިލުވައިދޭ މަޒުމޫނަށެވެ.

އޮނިގަނޑު:

މަޒުމޫނެއްގެ އޮނިގަނޑު މައިގަނޑު ތިން ބަޔަކަށް ބަހާލެވެއެވެ. އެއީ:

  1. ފެށުން:

މަޒުމޫނުގެ ފެށުމަކީ މަޒުމޫނުގެ އެންމެ މުހިންމު ބައިކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ، ކިޔާ މީހާ އެންމެ ފުރަތަމަ ކިޔާނީ މި ޕެރެގުރާފެވެ. އެހެންކަމުން މި ޕެރެގްރާފު ވާންޖެހޭނީ ކިޔާމީހާ އެ މަޒުމޫނެއް ކިޔުމަށް ޝައުޤުވެރި ކުރުވާނެ ޕެރެގުރާފަކަށެވެ.

  • މައިގަނޑު:

މަޒުމޫނުގައި ހިމެނޭ މުހިއްމު ހުރިހާ މަޢުލޫމާތެއް (އޮއްޓަރު) ހިމެނިފައިވަނީ މިބައިގައެވެ. އަދި މަޒުމޫނުގެ މޮޅު/ދެރަ މިން ބިނާވެފައިވާނީ މި އޮއްޓަރުގެ މައްޗަށެވެ. ވީމާ މޮޅު، ފެންވަރު ރަނގަޅު މަޒުމޫނެއް ނަމަ، މައިގަނޑު ޚިޔާލާއި ނުވަތަ ޕޮއިންޓާއި ގުޅުންހުރި ގޮތަކަށް މުހިންމު ގިނަ މައުލޫމާތުތަކެއް، އެމުނި އެކުލެވިފައިވާ ޢިބާރާތުން މައިގަނޑު ބައިގައި ހިމެނުން މުހިންމެވެ.

  • ނިންމުން:

މަޒުމޫނެއްގެ ނިންމާ ޕެރެގުރާފުގެ މައިގަނޑު މަޤްޞަދަކީ، ލިޔުމުގައި ގެނެސްދީފައިވާ ޚިޔާލުތައް ޚުލާޞާކުރުމާއެކު، ލިޔުން ވަށާޖައްސާލުމެވެ. އަދި ހަމަ އެހެންމެ، ކިޔުންތެރިޔާގެ ވިސްނުން ބަދަލުކޮށްލުމަށްވެސް އެންމެ މުހިންމުވާނީ ޤަބޫލޫކުރެވޭނެ ފެންވަރެއްގެ ނިންމުމެކެވެ.

ފެށުން:

މަޒުމޫނުގެ ކޮންމެ ޕެރެގުރާފެއްގައިވެސް ވަކި އޮނިގަނޑެއް އޮވެއެވެ. އެގޮތުން، ފަށާ ޕެރެގުރާފުގެ އޮނިގަނޑަކީ:

  • ހޫކް ޖުމްލަ

ހޫކް ޖުމުލައަކީ ކިޔުންތެރިޔާގެ ޝައުގުވެރިކަން ދަމައިގަތުމަށް އެންމެ މުހިންމު ޖުމުލައެވެ. މި ޖުމުލަ ގެނެވޭނެ ބައިވަރު ގޮތްތައް ހުރެއެވެ. އެގޮތުން، ސުވާލަކުން، ނޫނީ އަދުގެ ޙާލަތުންވެސް ފެށިދާނެއެވެ. މަޤުޞަދަކީ ކިޔުންތެރިޔާ މި މަޒުމޫނު ކިޔަން މަޖުބޫރު ކުރުވުމެވެ.

ތިރީގައި މިވަނީ ހޫކްޖުމުލަ ގެނެވިދާނެ އިތުރު ބައެއް ގޮތްތަކެވެ.

  • މަޝްހޫރު މީހެއްގެ ބުނުމެއް (މައުޟޫޢާ ގުޅޭ)ބަހުގެ ޢިލްމުވެރިޔާ ޑޭވިޑް ކުރިސްޓަލް ހާމަކުރައްވާގޮތުގައި އެހެންޤައުމުތަކުން އަންނަ ބީދޭސީންނާއި، ވަޒަންވެރިން، އެޤައުމުގެ ބަހަށް ބަދަލުތައް ގެނައުމުގެ ސަބަބުން، ބަސް މަރުވާން ދިމާވެއެވެ. މައުޟޫޢުގައި ހިމެނޭ ލަފުޒެއްގެ މާނަ ބުނެދީގެންދިވެހި ބަސްފޮތުގައި ވާގޮތުން ހަކަތައަކީ އެއްޗެއްގައި ހުންނަ އެއްޗެއް ހިންގައިދިނުމަށް ކިޔާ ނަމެކެވެ.ސުރުޚީގައި ހިމެނޭ އެންމެ މުހިއްމު ވާހަކައަށް އަލިއަޅުވާލައިގެން. ދިވެހި ބަހަކީ ދިވެހިންގެ މާދަރީބަހުގެ އިތުރުން ދިވެހިންގެ ޤައުމިއްޔަތުގެ ރަމްޒެވެ. މައުޟޫޢާ ގުޅޭ ގޮތުން ވަޒަންބަހުރުވައިގެ ބާވަތެއް ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ

                އަސްތަ އަސްތާ ގުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ

  • ފަސްމަންޒަރު

ފަސްމަންޒަރުގެ ބޭނުމަކީ ލިޔުން ކިޔަން ފެށުމުގެ ކުރިން ކިޔުންތެރިޔާއަށް ބޭނުންވާނެ އިތުރު މަޢުލޫމާތު ހިއްސާކޮށްދިނުމެވެ. މިސާލަކަށް، މަޒުމޫނަކީ ޓެކްނޮލޮޖީގެ ގެއްލުންތައް އޮޅުންފިލުވައިދޭ މަޒުމޫނެއް ކަމަށްވާނަމަ، ފަސްމަންޒަރުގައި އަދުގެ ދުނިޔޭގައި ޓެކްނޮލޮޖީ އާންމުވެފައިވާ މިންވަރު އަންގައިދޭކަހަލަ ވާހަކަތައް ހިމެނިދާނެއެވެ. އޭރުން ޓެކްނޮލޮޖީގެ މި ގެއްލުންދެނިވި އަސަރުތަކުގެ މުހިންމުކަން ކިޔުންތެރިޔާއަށް މާ ފަސޭހައިން ދެނެގަނެވޭނެއެވެ.

  • ތީސީސް ޖުމުލަ/ތީސީސް ޖުމުލަތައް

އާމިނަތު އިބްރާހީމް، އަޙުމަދު ޙާޝިމާއި ޙަވާލާދެއްވާ (އަޙްމަދު ޝަބީ، (2015)(. ހާމަކުރައްވާ ގޮތުގައި “މަޒުމޫނެއްގައި ނަމަ ކިޔުންތެރިޔާއަށް މަޒުމޫނު ހުޅުވާލަދޭ ތީސިސް ޖުމްލަ އޮންނަންވާނެއެވެ. އަދި ތީސިސް ޖުމްލައަކީ މަޒުމޫނު ކުރިޔަށް ގެންދާނެ ގޮތުގެ މަގުޗާޓެވެ. އަދި ހަމައެހެންމެ ތީސީސް ޖުމްލައަކީ މަޒުމޫނުގެ ކުރިއަށް އޮތްބައިގައި ލިޔަން ޚިޔާލުކުރާ ކަމެއް ވީއެންމެ ރަނގަޅަކަށް ސާފޮކޮށްދީފައި އޮންނަ ޖުމްލައެވެ“.

ތީސީސް ޖުމުލަ ނުވަތަ ތީސީސް ސްޓޭޓްމެންޓުން މަޒުމޫނު ކުރިއަށްދާނެގޮތާއި، ލިޔުންތެރިޔާގެ ވިސްނުމަކީ ކޮބައިކަން ސާފުވާން ޖެހޭނެއެވެ.

މައިގަނޑު:

މައިގަނޑު ޕެރެގުރާފުވެސް ބަހާލެވިފައިވަނީ ތިން ބަޔަކަށެވެ. އެއީ:

  • މައިގަނޑު ޖުމުލަ

މައިގަނޑު ޖުމުލައަކީ އެ ޕެރެގުރާފެއްގައި ގެނެސްދޭނެ ޚިޔާލު ހުށައަޅައިދޭ ޖުމުލައެވެ. މައިގަނޑު ޖުމުލަ ކިޔާލުމުން، އެ ޕެރެގުރާފުގައި ދެކެވޭނީ ކޮން ވާހަކައެއްކަން ކިޔުންތެރިޔާއަށް ދޭހަވާން ޖެހޭނެއެވެ.

  • ހެކި، މިސާލު، ތަފާސްހިސާބު

މިއީ ކުރިން ގެނެސްދިން މައިގަނޑު ޖުމުލައިގެ ތެދުކަން ސާބިތުކޮށްދިނުމަށްޓަކައި ގެނެސްދޭ ބާރުދޭ ޖުމުލަތަކެވެ. މިސާލަކަށް ބަލާލާނަމަ، މައިގަނޑު ޖުމުލައިގައި ގެނެސްދިނީ ޓެކްނޮލޮޖީގެ ސަބަބުން ޞިއްޙަތަށް ލިބޭ ގެއްލުންތައް ކަމަށްވާނަމަ، ބާރުދޭ ޖުމުލަތަކުގައި ހުންނަންވާނީ ޞިއްޙަތަށް ލިބޭ ގެއްލުންތަކާ، އެކަން ސާބިތުކޮށްދޭ ހެކިތަކެވެ.

  • ވަށާޖައްސާ ޖުމުލަ

ވަށާޖައްސާ ޖުމުލައިން މުޅި ޕެރެގުރާފު ޚުލާޞާކުރެވެން ވާނެއެވެ. އެއީ އަލުން އަނބުރާ މައިގަނޑު ޖުމުލައަށް ދިއުމެވެ. ނުވަތަ ރީފްރޭސް ކޮށްލުމެވެ.

ނިންމުން:

ނިންމުން ބަހާލެވިފައިވަނީ އަންނަނިވި ތިން ބަޔަށެވެ.

  • ތީސީސް ޖުމުލަ އެހެން ޢިބާރާތަކުން އަލުން ގެނައުން

މިއީ ފެށުމުގައި ގެނެސްދިން ތީސީސް ސްޓޭޓްމެންޓް އަލުން، ރީފްރޭސް ކޮށްގެން ގެނެސްދިނުމެވެ.

  • މައިގަނޑުގެ ޚުލާޞާ

ޚުލާސާގައި، މައިގަނޑުގައި ގެނެސްދިން ހުރިހާ ޕޮއިންޓެއް ކުރުގޮތަކަށް ގެނެސްދޭން ވާނެއެވެ.

  • ނިންމާ ޢިބާރާތް ( ހުރިހާ ވާހަކައެއް ވަށައިޖައްސާ ޖުމުލަ )

މިއީ މުޅި ލިޔުން ވަށާޖައްސާ އިބާރާތެވެ. މި ޖުމުލަ އޮންނަންވާނީ މުޅި މަޒުމޫނުގައި ދެއްކި ވާހަކަތައް ވަށާޖައްސާ ނިންމާލާ ކަހަލަ ގޮތަކަށެވެ.

މަޒުމޫނެއް ނިންމުމުގައި އަންނަނިވި ގޮތްތައް ވެސް ބޭނުންކުރެވިދާނެއެވެ.:

  • ތިމާ ޤަބޫލުކުރާގޮތެއް ބަޔާންކުރުން/ މައްސަލައާމެދު ދެކޭގޮތް
    • މައްސަލަ ހައްލުކުރަން ކުރެވިދާނެ ކަންކަން ބަޔާންކުރުން
      • ފެށުމުގައި ބޭނުންކުރި ބަސްތައް ތަކުރާރުކޮށްލުން
      • ކުރިމަގުގައި އަތުވެދާނެ/ ނުވަތަ ގެންނަން ފެންނަ ބަދަލުތައް ހާމަކޮށްދިނުން
      • މައިގަނޑުނަމާ ގުޅޭ ކޮމާކޯޅި ޢިބާރާތްކޮޅެއް ބޭނުންކުރުން

ތިރީގައި މިވަނީ އެޗްއެސްސީ ގެ ފޯމެޓްއަށް ތައްޔާރުކޮށްފައިވާ ސުވާލަކާއި، ސުވާލުގެ ޖަވާބެކެވެ.

ސުވާލު:

ބަހަށް ބަދަލު އައުމަކީ ޠަބީޢީ ކަމެކެވެ. ބަހަކީ އިޖުތިމާޢީ އެއްޗެކެވެ. ފަރުދީ އެއްޗެއް ނޫނެވެ. އެހެންވީމާ މުޖުތަމަޢަށް އަންނަ ބަދަލު ބަހަށް އަންނާނެއެވެ. ބަހުގެ ބޭނުންކުރާ މީހާ ހަމައެކަނި ވާހަކަދައްކަނީއެއް ނޫނެވެ. އެ ވާހަކަތަކުގެ ޒަރީޢާއިން އޭނާގެ ވެށީގެ ހަމަތަކާއި ސަގާފަތާއި އާދަތައްވެސް ހާމަކުރަނީއެވެ. އެހެންވީމާ އެއިން ކޮންމެ ކަމަކަށް ބަދަލު އަޔަސް ބަހުގެ ތެރެއިން އެ ބަދަލެއް ފާޅުވެ ފެންނާނެއެވެ. ތިޔަ ދަރިވަރަކީ ދިވެހި ބަހާ ބެހޭގޮތުން ދިރާސާކުރަމުންދާ ދަރިވަރެއް ކަމުގައި ބަލައިގެން ދިވެހިބަހަށް އަންނަ މިފަދަ ބަދަލުތައް އޮޅުން ފިލުވައިދިނުމަށް މަޒުމޫނެއް ލިޔާށެވެ. މަޒުމޫނުގެ ދިގުމިނަކީ 55 ފޮޅުވަތާއި 65 ފޮޅުވަތާއި ދެމެދެވެ.

ޖަވާބު:

      އެއްވެސް ކަމަކީ އަބަދު އެއްގޮތަކަށް އޮންނާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން ބޭނުންވިޔަސް ބޭނުންނުވިޔަސް ޒަމާނާއެކު ހުރިހާ ކަމެއްވެސް ދާނީ ބަދަލުވަމުންނެވެ. މި އުސޫލާއި އެއްގޮތަށް އަޅުގަނޑުމެންގެ ދިވެހިބަސްވެސް ދަނީ ފުރޮޅެމުން، އެނބުރެމުން، ބަދަލުވަމުންނެވެ. އެއް ތުނޑި ވޮޑެމުންދާއިރު އަނެއް ތުނޑި ގިރަމުންދާގޮތަށް މި ބަދަލުތަކުގެ ތެރޭގައި އެދެވޭ ބަދަލުތަކާއި ނޭދެވޭ ބަދަލުތައް ހިމެނޭނެކަމާމެދު ޝައްކެއްނެތެވެ. މިހާރު އަޅުގަނޑުމެން މި ވާހަކަދައްކާ ދިވެހިބަހާއި  އަޅުގަނޑުމެން ކާބަފައިން ވާހަކަދައްކާ އުޅުނު ދިވެހިބަހުގައި ތަފާތުތަކެއް، ބަދަލުތަކެއް ހުންނާނެއެވެ. ބަހުގެ ޠަބީޢަތަކީ އެއީއެވެ. އެއްގޮތެއްގައި ދެމިހުރުމަކީ ނާދިރުކަމެކެވެ. އެގޮތުން، ބަހަށް އަސަރުތައް ކުރުވާ އަދި ބަހަށް ބަދަލުއައުމަށް މެދުވެރިވާ ސަބަބުތަކަށް ބަލައިލުމަކީ މުހިއްމު ކަމެކެވެ.

      ދެބަސްވެވެންނެތް ޙަޤީގަތަކީ، ދިވެހިބަހަށް އެންމެ ބޮޑެތި އަސަރުތައް ކުރާ އެކައްޗަކީ ތަރައްޤީވުމުގެ ސަބަބުން ރާއްޖެއަށް ތަޢާރަފުވި ބަސްތަކެވެ. ވަކިން ޚާއްޞަކޮށް ދަންނަވާނަމަ އިނގިރޭސި ބަހެވެ. ޓެކްނޮލޮޖީގެ ގިނަ ވަޞީލަތްތައް ރާއްޖޭގައި ބޭނުންކުރެވޭއިރު، ހުރިހާ އާލާތެއްގައި އިންޓަރފޭސް މި ހުންނަނީ އިނގިރޭސިންނެވެ. މި ހުންނަ އިނގިރޭސި ބަސްތައް ވާހަކަދެއްކުމުގެ ތެރެއަށް ނުލައި ދައްކަން ބޭނުންވާ ވާހަކަ އަނެއް މީހާއަށް ފަހުމު ނުވެދާނެއެވެ. އެއްޗެއް އަޅާށޭ ބުނުމާއި އެއްޗެއް އަޕްލޯޑު ކުރާށޭ ބުނުމުން ދޭހަވާ މާނަ ތަފާތުވާނެކަން ޔަޤީނެވެ. ’އަޕްލޯޑް’ގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒެއް ހަދަން އުޅެވުނުއިރު އެ ލަފުޒު މި ވަނީ އެހެން ލަފުޒަކަށް ޖާގައެއް ދޭން އުނދަގޫ މިންވަރަށް ދިވެހިންގެ ދޫ މައްޗަށް ފަސޭހަވެފައެވެ. މީގެއިތުރުން މިފަދަ އިނގިރޭސި ބަސްތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ބަސް އާންމުންނަށް އެނގޭއިރު އެއްކަލަ އިނގިރޭސި ލަފުޒު އޮންނަނީ ވައިގަހިފާފައެވެ. ދިވެހި ބަހުގެ ތެރެއަށް ވަދެ ލާމެހިފައެވެ. ސުމޭކީ ދުނިޔެއެއްގައި ދިވެހިން އުޅެން މަޖުބޫރުވެފައިވަނީ މި ލާމެހުމާ އެކުގައެވެ. ނަތީޖާއެއްގެ ގޮތުން، އަދުގެ ދިވެހިބަސް ދަނީ ދިވެހިން ތަރައްޤީވަމުން ދާ ވަރަކަށް ބަދަލުވަމުންނެވެ.

      ތަރައްޤީގެ ސަބަބުން ތަޢާރަފުވާ އެހެން ބަސްބަހުގެ އިތުރުން، އަލަށް ތަޢާރަފްކުރެވޭ އާލާތްތަކާއި އެއްޗެއްސަކީވެސް ބަސް ބަދަލުކުރުވާ އެއްޗެއްސެވެ. މިކަމަށް ހެކިދޭ އެންމެ ފަސޭހަ މިސާލަކީ ”އޯމޯ“ގެ މިސާލެވެ. ނަމުގައި އެއީ ދޮންނަކުނޑި ކަމަށް ވިޔަސް، ދިވެހިންނަށް އެއީ އޯމޯ ނޫން އެއްޗަކަށް ނުވެއެވެ. އެއީ އެ ދޮންނަކުނޑީގެ އިނގިރޭސި ނަމެއް ނޫނެވެ. އެހެންނަމަވެސް އެއީ އެންމެ ފުރަތަމަ ރާއްޖެ އެތެރެކުރެވުނު ދޮންނަކުނޑީގެ ބްރޭޑް ނަމެވެ. އާ އެއްޗެއް ތަޢާރަފުވުމުން އެންމެ ފަސޭހައިން އެއަށް ކިޔޭނެ އެއްޗެއް ކިޔާ، އެ ނަން ހަރުލަނީއެވެ. ހައިމާކަކީ ވެސް އެކްސްކަވޭޓަރަށް މިފަދައިން ދެވުނު ނަމެއް ކަމަށް ބެލެވެއެވެ. އަލަށް އެއްޗެއް ތަޢާރަފްވުމާއެކު ދިވެހިން މި އޮންނަނީ އެ އެއްޗަކަށް ފަސޭހަ ނަމެއްދީ ހަރުކޮށްފައެވެ. ރަސްމީ ނަމެއް ދެވޭއިރު އެންމެ ފުރަތަމަ އެއަށް ކިޔާ ނަން ހުންނަނީ ބިންވަޅުނެގިފައެވެ. އެއްކަލަ ނަން ދިވެހިބަހުގެ ތެރެއަށް ވަދެފައެވެ. ދިވެހިބަހުގެ އުޞޫލުތަކަށް ފެތޭގޮތަށް ލަފުޒު ބަދަލުކޮށްލާފައެވެ. ތާރމޯސް ތަރުމޯޒަށް ވެފައި، ޝޯރްޓްސް ސޯޓަށްވެފައި މިހުންނަނީ މި ސަބަބަށްޓަކައެވެ. އެހެންކަމުން، މީހުންގެ ތެރެއަށް އާ އާލާތްތަކާއި ތަކެތި ތަޢާރަފުވުމަކީ ބަހަށް ބޮޑެތި ބަދަލުތައް ގެނެސްދޭ ކަމެއްކަމާމެދު ޝައްކެއްނެތެވެ.

      ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން، ތިމާވެއްޓަށް އައު އެއްޗިހި ތަޢާރަފުވެގެން ދިއުމަކީވެސް ބަހަށް ބޮޑެތި ބަދަލުތައް ގެނުވާ ކަމެކެވެ. އެތަންމިތަނުން އެކި ވައްތަރުގެ ގަސްގަހާގެއްސާއި މާމެލާމެލި ގެނެސް ގޯތިގެދޮރުގައި ހައްދާއިރު، މިއީ އިހުޒަމާނުގައި ދިވެހިން ހުވަފެނުންވެސް ދުށް ވައްތަރު ތަކެއްޗެއް ނޫނެވެ. އެހެންކަމުން މި ގަސްގަހަށް ކިޔާނެ ދިވެހި ނަމެއް ނޯވެއެވެ. މިދެންނެވީ އަޅުގަނޑުމެންގެ ވެށީގައި އާންމު މަގޫ، ނިކަ، ރުއް، ހިތި، ފަދަ ނަންތައް ކަހަލަ ”ދިވެހިވަންތަ“ ނަމެއް ނޯވެއެވެ. ޑްރެގަން ފްރުޓް އެއީ ޑްރެގަން ފްރުޓެވެ. ކިތަންމެ ގިނަ ގެއަކު ހެއްދި ނަމަވެސް މެއެވެ. ދުވަސްކޮޅަކުން އެ ނަން ”ދިވެހިވެގެން“ ޑުރެގަނު ފުރުޓަށް ވާ ތަން ފެނިދާނެއެވެ. އެ މޭވާއަށް އާ ”ދިވެހި“ ނަމެއް ހެދިޔަސް އެ ނަން އާންމު ނުވާ މަންޒަރު ފެނިގެން ހިނގައިދާނެއެވެ. މިއީ އަބަދުވެސް ކަން ހިނގާ އުސޫލެވެ. އެހެންވީމާ، ވަށައިގެންވާ ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ބަހަށްވެސް ބަދަލުތަކެއް އަންނަކަން ސާބިތުކޮށްދެއެވެ.   

      ދިރިއުޅުމުގެ އާދަކާދައަށް އަންނަމުންދާ ބަދަލުތަކަކީ ބަހަށް އެންމެ ބޮޑެތި ބަދަލުތައް ގެނުވާ އެއް ބަހާއެވެ. މީގެ މިސާލަކަށް ”ފޮޅިއެޅުން“ މި ބުނުމަށް ބަލާލަމާ ހިންގަވާށެވެ. ފޮޅިއެޅުމަކީ ކުރީގެ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނުނުކަމެކެވެ. ޚާއްޞަކޮށް ކުޅުދުއްފުށީގައި ކުރެވުނު ކަމެއްކަމަށް ބެލެވޭ ފޮޅިއެޅުމަކީ ނަދުރު ބުނެގެން އެ ނަދުރު ފުއްދުމަށް ކޮށްއުޅުނު ކަމެކެވެ. އެއީ ޞަލަވާތް ފާޠިޙާ ކިޔެވުމަށްފަހު ކުއްޖާގެ ހަށިގަނޑު ނިވާވަންދެން ހާލުފޮޅި ޖެއްސުމަށްފަހު އެ ފޮޅިތައް ޞަދަޤާތްކުރުމެވެ. ފޮޅިއެޅުމޭ ބުނުމުން އިހުގައި ދޭހަވާނީ އެ މާނައެވެ. ނަމަވެސް މިއަދު ދޭހަވަނީ ކޮން މާނައެއްތޯއެވެ؟ ދިވެހިންގެ އެ އާދަކާދަ ގެއްލިގެން ދިއުމުން، މިވެނި މީހަކު ފޮޅިއެޅިއްޔޭ ބުނުމުން ދޭހަވާ މާނަވެސް މުޅިން ބަދަލުވީއެވެ. ހާލުފޮޅި ޚިޔާލަށް ވެސް ނައިސް ކޮންމެވެސް މީހަކު ރުޅިއައިސްގެން އެއްޗެހިގޮވީކަން މިހާރު އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގޭނެއެވެ. މިފަދަ ”އާ މަޖާޒޭ“ މި ބުނެވޭ ގިނަ ބަސްތަކަކީ އެ ދުވަސްވަރެއްގެ އާދަކާދަޔާ ގުޅިގެން އަންނަ ބަސްތަކާއި ބުނުންތަކެވެ. އެހެންކަމުން، އާދަކާދަޔާއި އެކީ، ބަސްވެސް ބަދަލުވެގެންދާކަމީ ފެންނަންއޮތް ޙަޤީޤަތެވެ.

      އަދަދުނުކުރެވޭހާ ގިނަ ސަބަބުތަކާހުރެ ދިވެހިބަހަށް އަސަރުކޮށް، ބަސް ބަދަލުވެގެންދާ މަންޒަރު އަޅުގަނޑުމެން އެންމެންނަށްވެސް ފެނެއެވެ. ތަރައްޤީގެ ސަބަބުން ތަޢާރަފުވާ ބަސްބަހާއި ތަކެތީގެ އިތުރުން، ތިމާވެއްޓަށް އަންނަ ބަދަލުތަކަކީވެސް ބަސް ބަދަލުކުރުވާ ކަމެއްކަން ފެނިގެން އެބަދެއެވެ.  އަދި އާދަކާދަ ބަދަލުވުމުންވެސް ބަހަށް ބޮޑެތި ބަދަލުތަކެއް އަންނަކަން މިވަނީ ހާމަވެފައެވެ. މި އެންމެހާ ކަމަކުން ދޭހަވަނީ، ބަސް ބަދަލުވުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމެވެ. އަދި ބަސް އެނގުމަށް ވަށައިގެން ހިނގާ ހުރިހާ ކަމެއްވެސް އެނގެން ޖެހޭނޭކަމެވެ. ދިވެހި ބަހަކީ މިހާ ނާޒުކު، އެހެނަސް ފުރިހަމަ ބަހެކެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދޭހަވަނީ ދިވެހިބަހުގެ ”އެޑެޕްޓަބިލިޓީ“އެވެ. މާނައަކީ ހާލަތާއެކު ބަދަލުވުމުގެ ފުރިހަމަކަމެވެ. މިފަދައިން ބަދަލު ނުވާނަމަ، ބަސް ދެމިއޮތުމަށްވުރެ ނެތިދިއުން ގާތެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންނަކީ ދިވެހިބަސް ދަސްކޮށް މާހައުލުގެ އެހީގައި ބަސް ދެނެގަނެ، ބަސް ކުރިއެރުވުމަށް މަސައްކަތްކުރާ ބަޔަކަށް ވަމާ ހިނގާށެވެ.

Leave a Reply

Your email address will not be published. Required fields are marked *