އަޙުމަދު ޔާސީން އިބްރާހީމް – 12ސީ (2024)
މަންމަ އެހެން ބުނުމުން މުޅި މާހައުލަށް ހަމަހިމޭންކަންވެރިވިއެވެ. އަހަރެންވެސް ހުރީ ޤަބޫލުކުރަން ދަތިވެ، އަންތަރީސްވެފައެވެ. އެހާ އަވަހަށް އެކަން ހާމަވީ ކިހިނެކުންކަން ނޭނގިގެންނެވެ. އެ ބަސްތަކުން އެންމެންގެ ހިތްތައް ކުދިކުދިކޮށްލާ ލޮލުން ކަރުނަ ހިލުވައިލިއެވެ. ހިތާމައިގެ މޫނުތައް ފޮރުވަން އާއިލާގެ އެންމެން ތިބީ އިސްދަށަށް ޖަހައިގެންނެވެ. އެކަމަކު އަހަރެންގެ ބޭބެއާ ބެހޭގޮތުން މަންމަ އެ ދިން ޚަބަރަކުން އަހަރެންނަށް އެއްވެސް އަސަރެއް ނުކުރިއެވެ.
ޖާބިރަކީ ކުޑައިރުއްސުރެ އަހަރެންނާއެކު ވަގުތުހޭދަކުރަން ބޭނުންވި ހަމައެކަނި އިންސާނާއެވެ. އެންމެ ގާތް އެކުވެރިއަކީ އާއިލާގެ މީހެއްކަމުގައި ބުނުމުން މީހުން ފޫހިވިއެއްކަމަކު އެއީ އަހަރެންގެ ދިރިއުޅުމުގެ ޙަޤީޤަތެވެ. ސުކޫލުގެ އެހެން އަންހެން ކުދިން އަހަރެންނަށް ގަނާކޮށް، ހިތަށް ކެތްނުވާވަރަށް ފުރައްސާރަކޮށް، ހަޑިހުތުރު ނަންތަކުން ގޮވާ، ދޮގުނުބައި ވާހަކަ މުޅިސުކޫލުގައި ފަތުރާ، އަމިއްލަ ނަފްސާމެދުކުރެވޭ އިތުބާރު ފުނޑުފުނޑު ކޮށްލިއިރުވެސް އަހަރެންގެގާތުގައި ހިތްވަރުދޭން ހުރީ ހަމައެކަނި ޖާބިރުކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. މަންމަމެން ގާތު ބުނަން ނުކެރޭ ވާހަކަވެސް އަހަރެން ބުނަނީ ބޭބެ ގާތުގައެވެ. އަހަރެންގެ ހަޔާތުގެ ފެށޭކޮޅު މަންމައާއި ބައްޕަގެ ދައުރުވެސް އަދާކުރީ ޙަޤީޤަތުގައި ޖާބިރުކަމަށް އަހަރެންނަށް އިޙްސާސްކުރެވުނެވެ. ނަމަވެސް މަންމަގެ ޤަބޫލުކުރުން ހުރީ އެއާ ދިމާ އިދިކޮޅަށެވެ.
މަންމަ އަހަރެން ގާތު އަބަދުވެސް ބުނަމުން އައީ ޖާބިރުއާ ވާހަކަ ނުދެއްކުމަށެވެ. އެކީ ކުޅެއުޅެން އެހެން ކުދިން ހޯދުމަށެވެ. ކުލާސް ކުދިންނާ ބޮޑަށް ރައްޓެހިވުމަށެވެ. އަހަރެން އަބަދުވެސް ހިތީ މަންމަ އެ އިރުޝާދުތައް ދެނީ އަހަރެންނާއި ބޭބެއާ ދެމެދުގައިވާ ޢުމުރުގެ ތަފާތުކަމުން ކަމަށެވެ. 27 އަހަރުގެ މީހަކު، 13 އަހަރުގެ އަންހެން ކުއްޖަކާއެކު ކުޅެއުޅުމަކީ މީހުންނަށް ބަލައިގަންނަން ޖެހިލުންވާނެ ކަމެއްކަން އަހަރެންގެ ޅަ ސިކުނޑިއަށްވެސް ވިސްނުނެވެ. ނަމަވެސް އަހަރެންނަށް ފަހުން ހާމަވީ މަންމަގެ ލަފާތައް މިއަމާޒުވަނީ އެއަށް ވުރެ ފުންކޮށް ހިނގާކަމަކަށް ކަމެވެ.
އަހަރެންނާއި ޚިލާފަށް ޖާބިރަކީ އޭނާގެ ޢުމުރުގެ ކުދިންތަކުގެ ތެރޭގައި މަޝްހޫރު ޝަޚްޞިއްޔަތެކެވެ. ޕާޓީއެއް އޮތިއްޔާ އެންމެ ފުރަތަމަވެސް ދަޢުވަތު އަންނާނީ ޖާބިރަށެވެ. އެހާމެ ރައްޓެހިން ގިނައެވެ. އެކިކަންކަމުގައި ޖާބިރު އޭނާގެ ރައްޓެހިން ގެއަށް ގެންނާތީ، މިތަނުން ދެތިން ރައްޓެހިން މިހާރު އަހަރެންވެސް ދަނެއެވެ. ބައްދަލުވާ އިރަކު އަހަރެންނާ ވާހަކަވެސް ދައްކައެވެ. އެހެންވީމަ އަހަރެންވެސް މަޑުމަޑުން އެމީހުންނާ ވާހަކަ ދައްކަންފެށީމެވެ. އަދި ޖާބިރު ނެތްއިރުވެސް އެމީހުންނާއެކީ މަޖާކުރަން ނިކުންނަން ފެށީމެވެ.
ޖާބިރުގެ އެކުވެރިން ކޮށްއުޅުނީ އާންމުކޮށް 13 އަހަރުގެ ކުއްޖާކާއެކު ކޮށްއުޅޭ ކަންތައްތަކެއް ނޫނެވެ. ރޭގަނޑުގެ ކަނުއަނދިރި ވަގުތުތަކުގައި ގޭގެއަށް ވަދެ އެއްޗެހި ފޭރިގަނެގެން މީހަކަށް ނުފެނި ނިކުންނާނެ ގޮތް އެމީހުން އަހަރެންނަށް ބުނެދިނެވެ. މީހުންނަށް ހަމަލާދޭނެގޮތާއި، މަރުވެފަވާ މީހަކު ފޮރުވާނެ ގޮތާއި، މީހަކަށް ހާނިއްކައެއް ކުރެވުމުން އެކަމާ ހިތާމަކޮށް ކަންބޮޑުވުމުން އެއްކިބާވުމަށް އަމިއްލަ ނަފްސު ތައްޔާރުކުރާނެ ގޮތް ޖާބިރު އަހަރެންނަށް ކިޔައިދިނެވެ. އޭރު އަހަރެންނަށް ވިސްނުނީ އެ ހުރިހާ މަޢުލޫމާތަކީ އާންމު މަޢުލޫމަތުތަކެއް ކަމަށެވެ. މި ކަންތައްތަކަކީ ބޮޑުވީމާ ކުރަންޖެހޭނޭ ކަންތައްތަކެއް ކަމަށެވެ. ޖާބިރު ކަހަލަ ގިނަ ރައްޓެހިން ތިބޭ މީހަކަށް ވުމަށް ބޭނުންވާނަމަ އެ ކަންތައް އެނގި، ވީހާވެސް ގިނަ މީހުންގާތު އެ ވާހަކަ ކިޔާ އަހަރެމެންގެ ބައިގަނޑު ބޮޑުކުރަންޖެހޭ ކަމަށެވެ. އެ މީހުން އަހަރެން ގާތު ބުނަމުން ދިޔައީވެސް އެހެންނެވެ. ބައިގަނޑު ބޮޑުކުރަން އެހީވާށެވެ. އަންހެން ކުއްޖެއްވީމާ އެކަންކުރަން ފަސޭހަވާނެނޫން ހެއްޔެވެ. އޭރުން ރައްޓެހިންވެސް ގިނަވާނެތާއެވެ. އެންމެފަހުން އެމީހުން ބުނި ގޮތަށް ކަންތައްކުރަންފެށީމެވެ. ހަމައެކަނި ބައިބޮޑުކުރުމެއް ނޫނެވެ. އެމީހުންނެކޭ އެއްފަދައިން، މާރާމާރީގެ ހަރަކާތްތަކުގައިވެސް ބައިވެރިވީމެވެ.
ފަސްއެނބުރި ބަލާލާއިރު، އަހަރެންނަށް ތަންދޮރުއޮޅުންފިލާފައި ނުވުމުގެ ސަބަބުނެ އެމީހުންގެ ނުލަފާ ސަކަރާތްތައް ފެތުރުމަށް އަހަރެންގެ ތަސައްރަފުފުދިފައިނުވާ ފުރާނަ ބޭނުންކުރި ކަމަށް މިހާރު ވިސްނެއެވެ. އެކަމަކު އޭރު އަހަރެންނަށް ވިސްނުނީ އެ ހުރިހާކަމެއް ހިނގަނީ ހަމަ އަހަރެންގެ ސަބަބުންކަމެވެ. އަހަރެންނަކީ ބޭބޭގެ ޝިކާރައެއް ކަމަށް ޤަބޫލުކުރަން ހާދަ އުނދަގޫވިއެވެ. އަހަރެންނާއެކު ކުޑައިރު ހަރުބޯޅައިން ފުޓްބޯޅަކުޅެ، ހޭނަކަތާ މޫސުން އައުމުން ބަނބުކެޔޮ ކިރާއި އިލޮށި ހިފައިގެން ނިކުތް، އަހަރެންނާ އެކީ މަޖާކުރުމަށް އަތުގަޔާއި މުޅި މޫނުމަތީގައި ކުލައުނގުޅި، އަހަރެންނަށް އެހާ އޯގާތެރިވި ޖާބިރަކީ މަސްތުވާތަކެތި ވިއްކުމާއި ގޭންގު މާރާމާރީ ހިންގުމުގައި އިސްކޮށް ހުރި މީހާކަމަށް ޤަބޫލުކުރަން އަހަރެންނަށް ދަތިވާނެ ނޫން ހެއްޔެވެ؟ ނަފްސާނީ އަނދަވަޅެއްގެ ތެރޭގައި އަހަރެން ތާށިވެފައި އޮތީ ކިހާ ދުވަހެއްވަންދެންކަމެއް އަންދާޒާ ކުރާކަށްވެސް ނޭނގެއެވެ. އަހަރެންނަށް އެނގެނީ ދެ އަހަރު ވަންދެންވެސް އެ ރައްޓެހިންނާއެކު މީހުންނަށް ހަމަލާދީ އެއްޗެހި އަތުލަން އުޅުނިންކަމެވެ. ޖާބިރު ބުނާގޮތަށް ވިއްކަންދޭ އެއްޗެހި އޭނާ ބުނާ ތާކަށް ބުނާ ވަގުތަކު ގެންގޮސްދިނިންކަމެވެ. އެނާ މަޅި އަޅުވައިގެން ގެނެސްފައި ތިބި އެހެން ކުދިން އެ މީހުން ބުނާގޮތް ނުހެދުމުން އަދަބުދޭތަން ދުށިންކަމެވެ. ނަމަވެސް މިއީ އެމީހުންކުރި އެންމެ ގޯސްކަންތައްތަކެއްވެސް ނޫނެވެ.
ޖާބިރުމެން އެ ހިންގާ ޖަރީމާތަކަށް އަހަރެންގެ ލޯހުޅެވުނީ އޭގެ ތިން އަހަރުފަހުން، ޖާބިރު ހަށިވިއްކުމުގެ ވިޔަފާރިވެސް ކުރާކަން އެނގުނު ދުވަހުއެވެ. އަހަރެން ލައްވާ ކުލާސް ކުދިން އެ ބައިގަނޑުތެރެއަށް ގެނެސް އެ ކުރަން ޖެއްސި ކަންތައްތައް ފެނުމުން އަހަރެން ރުޅިއައެވެ. އަމިއްލަ ނަފްސާ މެދު ފަކުރުވެސްގަތެވެ. އެ ހުރިހާ ކަމެއްގައި އެހީވާން އުޅެވުނުތީއެވެ. އަހަރެންގެ ސަބަބުން އެހެން މީހުން، އަމުދުން ޙަޤީޤީ އެކުވެރިންގެ ގޮތުގައި ބަލައިގަންނަންޖެހޭ ކުދިން، ހަލާކުގެތެރެއަށް އެއްލާލެވުނީތީއެވެ. ކޮންމެއަކަސް، ޖާބިރުގެ ވަކިތަކުން މި ކުދިން ސަލާމަތްނުވާނެކަން އަހަރެންނަށް މާރަނގަޅަށް އެނގުނެވެ. އެހެންމީހަކު ގާތު ބުނަން އުޅެފިނަމަ އެ ޚިޔާލު ނުކުރިނަމައޭ ހިތަށް އަރާވަރަށް އަނިޔާ ކޮށްފާނެއެވެ. ޕޮލިހުންނަށް ގުޅައިފިނަމަ ކުޑަ ކުދިންވީމާ ބަސް ބަލައިނުގަނެފާނެއެވެ. ޖާބިރުގެ ފާހިޝްކުޅިވަރުތައް ކުޅެން ގެނެސްތިބި އަހަރެންގެ މަޢުޞޫމު މިއެކުވެރިންގެ ހުރިހާ މަގެއްހެން ހުރީ ބަންދުވެފައެވެ. އެހެންކަމުން، އިތުރު ވިސްނުމަކާ ނުލައި އަމިއްލަ އަތްމައްޗަށް މިކަންތައް ނެގުމަށް އަހަރެން ނިންމީމެވެ. އަދި އިތުރު ވަގުތަކާ ނުލައި މި މުޅި މައްސަލައަށް ދާއިމީ ހައްލެއް ގެނައީމެވެ.
މަންމައަށް ޖާބިރުގެ މަރުގެ ޚަބަރު އިވި އެންމެންނަށް އެހާ އަވަހަށް ޙިއްޞާކުރެވުނީ ކިހިނެއްކަމާމެދު އަހަރެން އަންތަރީސްވިއެވެ. އޭނަގެ އަތްފައި ބުރިކޮށް، ކުދިކުދި ކުރުމަށް ފަހުވެސް އެއީ ޖާބިރުކަން ފުލުހުންނަށް ވަކިކުރަން އެނގުނީ ކިހިނަކުންކަމާމެދުވެސް އަހަރެންނަށް ސުވާލު އުފެދުނެވެ. ކޮންމެއަކަސް، ޔަޤީންކަމާއެކު އަހަރެން މި މައްސަލައިގައި ކުށްވެރިނުވާނެކަން އަހަރެންނަށް އެނގެއެވެ. އާއިލާ މީހަކު މަރުވީތީ އެންމެން ހިތާމަކުރާއިރު އަހަރެންނަށް އެއްވެސް އަސަރެއް ނުކުރެއެވެ. ހަމަ ޖާބިރު ކިޔައިދިން ގޮތަށެވެ.