މުޙައްމަދު އިފްހާމް އިބްރާހީމް. ޢާއިޝަތު މުޒުނާ މުޙައްމަދު، އީނާސް އަޙުމަދު- 12ސީ
ސުވާލު :
ށ. ކަނޑިތީމަކީ ހިތްހެޔޮ ހީވާގި ބަޔަކު އުޅޭ ރަށެކެވެ. ގުދުރަތީ ގޮތުން ޗާލު ފުރިހަމަ ރަށެކެވެ. ރަށުގެ ޒުވާނުންގެ ބުރަ މަސައްކަތުން ހަދާފައިވާ ”އީކޯ ޕާކް“ ތަކުން ރަށަށް އިތުރު ފުރިހަމަކަން ގެނެސްދެއެވެ. އަދި ކުރީ ޒަމާނުގެ ތަފާތު ކަންކަމާއި ތަކެތި ދައްކުވައިދޭ ދާރުލްއާސާރެއްވެސް އެ ރަށުގައި ހުރެއެވެ. ކުޅުދުއްފުށީ ސިޓީ އަލިވިލާގޭ މުޙައްމަދު ހުމާމް ވަނީ އޭނާގެ ޢާއިލާއާއެކު ށ. ކަނޑިތީމު ބަލައިލާ މަޖާކޮށްލުމަށް ދަތުރެއް ކޮށްފައެވެ. ތިޔަ ދަރިވަރަކީ މުޙައްމަދު ހުމާމް ކަމުގައި ބަލައިގެން މި ދަތުރުގެ ދަތުރުނާމާ ލިޔާށެވެ.
ޖަވާބު :
ހިތްގައިމު ކަނޑިތީމު ދަތުރު
2024 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވީ ހޮނިހިރު ދުވަހުގެ އިރު ފެނުން ތޮޅެލީ އަހަރެން ( ކުޅުދުއްފުށީ ސިޓީ އަލިވިލާގެ މުޙައްމަދު ހުމާމް) އަހަރެންގެ ޢާއިލާގެ 12 މެމްބަރުންނާއެކު ށ.ކަނޑިތީމަށް ދިޔުމަށް ދަތުރަށް ތައްޔާރު ވަނިކޮށެވެ. ޢާއިލާއާއެކު މަޖާކޮށްލާ، ކަނޑިތީމުގެ ހިތްގައިމުކަން ބަލައިލަން ކުރެވުނު އެދަތުރުގައި ދަތުރުމަތީ ބޯނެ ފެންފޮދެއް ފިޔަވައި އިތުރު އެއްޗެއް ނުގެންދަމެވެ. އުޑުމަތި ސާފު ހިތްފަސޭހަ އެދުވަހުގެ ގަޑިން ހެނދުނު 6 ޖެހީ ”މުރިނގު“ ލޯންޗުގައި އަހަރެމެން ކުޅުދުއްފުށި ސިޓީން ފުރި ތަނާއެވެ.
ވިއްސަކަށް މިނެޓުގެ ނިޔާމަ ދަތުރަކަށްފަހު ކަނޑިތީމަށް ބަނދަރު ކުރެވުނީ 6:20 ގައެވެ. ރަށަށް ފޭބުނު އިރު ދޮންބޭބެ ގޯތި ޢަލީ އަހަރެމެންގެ އިސްތިޤުބާލުގައި ހުއްޓެވެ. އެންމެން ސަލާންގަލާންކޮށް ނިންމާފައި އަވަސްވެގަތީ ހައިހޫނުކަން ފިލުވާލުމަށްޓަކައި ޢަލީގެ ގެއަށް ސައިބޯން ދިޔުމަށެވެ. ޢަލީގެ އަންހެނުން ހަދާފައި ހުރި ހަތަރު ވައްތަރުގެ މަސްހުންޏާއި ހުނިލީ ރޮށްޓާއި ހޫނު ކަޅުސަޔަށް އިންސާފު ކޮށްގެން ރަށުތެރެ ބަލައިލަން ނިކުމެވުނު އިރު ގަޑިން 7 ޖަހައިފިއެވެ. އެންމެ ފުރަތަމަ ވެސް ދިޔައީ ރަށުގެ ފުއްޓަރު ފަރާތުގައި ހަދާފައިވާ ”ފުއްޓަރު އަށި“ ބަލައިލުމަށެވެ. ބޮޑު މިދިލި ގަހެއްގައި ހަދާފައިވާ މި ”ޓްރީހައުސް“ އަކީ ތިމާވެއްޓާ ރައްޓެހިކޮށް ހަމައެކަނި ލަކުޑި ބޭނުން ކޮށްގެން ހަދާފައިވާ ތަނެކެވެ. މޫދު ފެންނާނެހެން ހުންނަ މިތަނުގައި އިށީންނާނެ ޖޯލިފަތިތަކާއި ކޮފީ މޭޒުތައް ހުއްޓެވެ.
ފުއްޓަރު އަށީގައި ބައިގަޑިއެއް ހާއިރު ހޭދަކޮށްލުމަށްފަހު ދެން މިސްރާބު ޖެހީ ރަށުގައި އޮންނަ އަސްދޫނި ފެންގަނޑު ބަލައިލުމަށެވެ. ތަފާތު އެކި ކުލައިގެ އަސްދޫނި އެ ފެންގަނޑުގައި ތިބި އިރު ތަނބުރު ފަދަ ރީތި މާ އަޅާ ވެޔޮތައް ފެންގަނޑުގެ ކައިރީގައި ހައްދާފައި ހުއްޓެވެ. އަދި އެ ފެންގަނޑު ދައުރު ކުރުމަށްޓަކައި ފެންއަރުވާ ވަޑާންތައް ހަދާފައި ހުއްޓެވެ. އެތަނުން އިވެމުން ދިޔަ ފެންފައިބާ އަޑާއި އަސްދޫނި ގޮވާ އަޑުން ކުޑަކޮށް ކަންފަތަށް އުނދަގޫ ވީ ނަމަވެސް ފެނުނު ހިތްގައިމު މަންޒަރުން ހިތަށް ވެރިވި އުފާވެރިކަން ބަޔާން ކޮށްދޭން އުނދަގުލެވެ.
އަސްދޫނި ފެންގަނޑުގެ ފޮޓޯ ނަގަނަގާ ވަރުބަލިވުމުން ދެން މިސްރާބު ޖެހީ ރަށުގެ ދެކުނު ފަރާތުގެ އަތިރިމައްޗަށެވެ. ތުނޑިއެއް ފަދަ ބޮޑު ހިމުން ދޮންވެލިގަނޑެއް އޮންނަ މި ސަރަހައްދުގެ މޫދު ވެސް ބިއްލޫރިހާ ސާފެވެ. ހިތްފަސޭހަ މި ސަރަހައްދުގެ ހޭޅިފަށުގައި އަމިއްލަ ފަރާތަކުން ތައްޔާރުކޮށްފައިވާ ފިނި މައިޒާނެއް ވެސް ހުއްޓެވެ. އެ މައިޒާނުގައި ފިނި ކޮށްލުމަށް އިރުކޮޅަކު މަޑުކޮށްލުމަށްފަހު ދެން ފެށުނީ އެ ހިމުން ވެލިގަނޑުގައި ފައިގަތަޅާ ކުޅުމެވެ. ކުޅިވަރުގެ ފޯރިއާއި މަޖަލުގައި ވަގުތުތައް ހޭދަވެގެންދިޔަ ގޮތް ވެސް ނޭނގުނެވެ. ގަޑިން ވީއިރު ރޭކާލީ މެންދުރު ނަމާދަށް ބަންގި ގޮވުމުންނެވެ. އެއާއެކު އަތްފައި ދޮވެގެން ފިރިހެންވެރިން ދިޔައީ މިސްކިތަށެވެ. އަންހެންވެރިން އެނބުރި ދިޔައީ ޢަލީގެ ގެއަށެވެ.
މެންދުރު ނަމާދުކޮށްލައިގެން ޢަލީގެ ގެއަށް އާދެވުނު އިރު ކާމޭޒު ހުރީ ތައްޔާރަށެވެ. ތަފާތު ވައްތަރުތަކުގެ ކާތަކެތި ހަދާފައި ހުއްޓެވެ. ދެބަނޑަށް ކައި ބަނޑު ފުރާލައިގެން ދެން އޮތީ ކަނޑިތީމުގެ އާސާރީ ކަންކަން ދައްކުވައިދޭ ”ކަނޑިސާރު“ ބަލައިލަން ދިޔުމެވެ. ކުރިން މިސްކިތެއް ގޮތުގައި ބޭނުންކުރި އިމާރާތެއްގައި ހަދާފައިވާ މި ދާރުލްއާސާރުގައި އިހު ޒަމާނުގައި ބޭނުންކޮށް އުޅުނު ގިނަ ތަކެތި ހުއްޓެވެ. އަދި އެތަނާ ބެހޭ މައުލޫމާތު ދޭން ހުންނެވި ބޭފުޅާ، ފާނޫޒު ފަދަ ބައެއް ތަކެތި ބޭނުން ކުރާގޮތް ދައްކަވައިލެއްވިއެވެ.
ކަނޑިސާރުން ނިކުތް ގޮތަށް ދެން މިސްރާބު ޖެހީ އެނބުރި ރަށަށް އައުމަށް ބަނދަރާ ދިމާލަށެވެ. ބަނދަރަށް އާދެވެނު އިރު ލޯންޗު ތައްޔާރު ނުވާތީ، ބަނދަރުމަތީ ގަސްތަކުގައި އެލުވާފައި ހުރި އުނދޯލިތަކުގައި ޖައްސާލީމެވެ. އުފާވެރި ވަގުތުތަކަކަށްފަހު އަހަރެމެން ކަނޑިތީމަށް އަލްވަދާޢު ކީ އެދުވަހުގެ 3 ޖަހަނިކޮށެވެ. މާބޮޑު އާދަޔާޚިލާފު ކަންތައްތަކެއް ނުވި ނަމަވެސް މި ދަތުރުގެ މަޤްޞަދު ވަރަށް ފުރިހަމައަށް ޙާޞިލްވިއެވެ. މަޖާ ވަގުތުތަކެއް ހޭދަކުރެވުނު މިދަތުރު ނިންމާލުމަށްފަހު އަހަރެމެންނަށް ކުޅުދުއްފުށި ސިޓީއަށް ފޭބުނީ އެދުވަހުގެ 3:30 ހާއިރުއެވެ.