އަޙުމަދު ޢަޠޫފް މުޙައްމަދު، މަރިޔަމް މަނާލް މަމްދޫޙް، މަލްސާ އަޙުމަދު – 12ސީ
ސުވާލު:
ދިވެހިރާއްޖެއަށް ނިސްބަތްވާ މުޙައްމަދު އާން ޙުސައިނަކީ 2024 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ބޭއްވުނު އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކޮށް، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ މަޝްހޫރު ފެތުންތެރިއެކެވެ. އެހެން ފެތުންތެރިންނާ އަޅައިބަލާއިރު، ފެތުމުގައި އާން ގެންގުޅެނީ ވަރަށް ތަފާތު އުކުޅުތަކަކާއި ވައްޓަފާޅިއެކެވެ. އެންމެ ފުރަތަމަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނަސް، އޭނާގެ ހިތްވަރުގަދަ ރޫޙާއެކު އެ އުކުޅުތައް ބޭނުންކުރަން ފަރިތަކޮށް، އޮލިމްޕިކްސްގައާއި އެހެނިހެން މުބާރާތްތަކުގައި އޭނާވަނީ ފެތުމުގެ ޤައުމީ ރިކޯޑުތައް މުގުރާލާފައެވެ. ކުޅަދާނަ ފެތުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އާން ފެތުމުގެ ދާއިރާގައި ކޮށްފައިވާ ތަޖުރިބާތަކަށް އަމާޒުކޮށް، ފީޗަރ އާޓިކަލެއް ލިޔާށެވެ. ލިޔުމުގެ ދިގުމިނަކީ 25 ފޮޅުވަތާއި 30 ފޮޅުވަތާ ދެމެދެވެ.
ވިދަމުން އަންނަ ޒުވާން ފެތުންތެރިޔާ – އާން .
ބާރު ދުވެލީގައި ފެންގަނޑު ކަފަމުން، އަންނަ މުޙައްމަދު އާން ޙުސައިންގެ ޢަޒުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނުގައި ކުލަޖައްސާލައި، އެ ހުވަފެން ޙަޤީޤަތަކަށް ހެދުމެވެ. އެއީ ފެތުމުގެ މުބާރާތްތަކުގައި ރަން ވަނަތައް ޙާޞިލުކޮށް، ބައިނަލްއަޤުވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލުކުރުމެވެ. މި ހުވަފެނުގައި ކުލަޖެހުނީ 2024 ވަނަ އަހަރު ފްރާންސްގެ ޕެރިހުގައި ބޭއްވުނު އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލުކުރުމުގެ ފުރަޞަތު ލިބުނު ހިސާބުންނެވެ.
އާންގެ ހިތުގައި ފެތުމަށް ލޯބިޖެހުނީ އޭނާގެ ޢުމުރުން އެންމެ ނުވަ އަހަރުގައެވެ. އެގޮތުން ސްކޫލުތަކުގެ މެދުގައި ބޭއްވޭ ފެތުމުގެ މުބާރާތްތަކުގައި އޭނާ ވަނީ، އޭނާ ފެތުމަށް ތަޢާރަފުވީއްސުރެ ކޮންމެ އަހަރަކުވެސް ބައިވެރިވެފައެވެ. ”އެންމެ ފުރަތަމަ ވަރަށް އުނދަގޫ، އޭރު ވަރަށް ގަދައަށް ނޭވާހިއްލާނެ. އެހެންވެ ވަރުބަލިވެ ގެނބިގެން ވަރަށް ގިނަ ފަހަރު ހަސްފަތާލުގައި އެނދުމަތިކުރަން ވެސް ޖެހުނު.“ ނަމަވެސް، މި ހުރިހާ ކަންކަމަށް ހޭނި، ޢުމުރުން ބާރަ އަހަރުގައި ސްކޫލުތަކުގެ މެދުގައި ބޭއްވުނު ފެތުމުގެ މުބާރާތެއްގައި، ފަނަރަ އަހަރުން ދަށުގެ ޢުމުރުފުރާއިން 25 މީޓަރު ފްރީސްޓައިލް ފެތުމުން ލޯ މެޑަލް ޙާޞިލްކުރި އާން ކުޑައިރު ދިމާވި ގޮންޖެހުންތައް ފާހަގަކުރަމުން ބުނެލިއެވެ.
”އޮލިމްޕިކްސްގައި ކޮލިފިކޭޝަން ރައުންޑުތައް ވަރަށް އުނދަގޫވި. އެކަމަކު ކޮންމެ ފަހަރަކު ވެސް ﷲ އަށް ދުޢާ ދަންނަވައިގެން އަޅުގަނޑު އެއްވަނައާ ހަމައަށް ވާޞިލުވުމަށް ހިތްވަރުކުރިން. އަޅުގަނޑުގެ ހުވަފެން ހަޤީޤަތަކަށްވުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. اَلْحَمْدُ لِلَّهِ.“ 2024 ވަނަ އަހަރުގެ އޮލިމްޕިކްސަށް ހޮވުނު އެތްލީޓުންނަށް ދިން އިންޓަރވިއުގައި އާން ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ”މޮޅެތި ފެތުންތެރިންގެ ހުނަރު ބެލިނަމަވެސް އަޅުގަނޑު ގެންގުޅެނީ އަޅުގަނޑުގެ އަމިއްލަ އުކުޅުތަކަކާ ވައްޓަފާޅިއެއް“ އެ ސްޓައިލްތައް ފަރިތަކުރުމަށް ގިނަ ދުވަސްތަކެއް ފާއިތުވިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި އެ އުކުޅުތައް ފަރިތަކަމާއެކު ބޭނުންކުރެވެން ފެށުމުން ވަނަތައް ޙާޞިލުކުރަން އުނދަގޫ ކަމަކަށް ނުވާކަމަށް ވެސް އާން ވަނީ އެ އިންޓަރވިއުގައި ބުނެފައެވެ.
2024 ވަނަ އަހަރުގެ އޮލިމްޕިކްސްގައި އާންއަށް އެއްވެސް މެޑަލެއް ހޯދިފައި ނުވިކަމުގައި ވިޔަސް އޭނާ ވަނީ އެކި އިވެންޓުތަކުން ޤައުމީ ރިކޯޑުތަކެއް އައުކޮށްފައެވެ. އެގޮތުން އޭނާ ވަނީ 50 މީޓަރު ފްރީސްޓައިލް ފެތުން 24.22 ސިކުންތުން ނިންމައި، ހީޓުގެ ތިންވަނައިގައި ހިފަހައްޓައިލާފައެވެ. އެ ހީޓުގައި އޭނާއާއެކު 8 އެތްލީޓުން ވާދަކޮށްފައިވެއެވެ. ”ވަނައެއް ނުލިބުނަސް ޤައުމީ ރިކޯޑު މުގުރާލެވުމަކީ ފަސޭހައިން ކުރެވުނު ކަމެއް ނޫން. މީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއެކު ކުރެވުނު ކަމެއް. އަޅުގަނޑާއެކީ ވާދަކޮށް ރަން ވަނަތައް ޙާޞިލުކުރި ހުރިހާ އެތްލީޓުންނަށް މަރުޙަބާ ކިޔަން.“ ފަޚުރުވެރިކަމާއެކު އާން ބުންޏެވެ.
މިހާރު ޢުމުރުން އެންމެ 20 އަހަރުގެ އާންއަކީ އެހާ ހަގު ޢުމުރެއްގައި ފެތުމުގެ ކުޅިވަރަށް ތަޢާރަފުވެ، އަހަރަކަށް ފަހު އަހަރަކު ކުރިއަރައި، ވިދަމުން އަންނަ ތަރިއެކެވެ. ”އަޅުގަނޑުގެ މައިންބަފައިންނާއި ކޯޗު އަދި އެކުވެރި ފެތުންތެރިންގެ އެހީއާ ނުލައި މިހާ ހިސާބަށް އަޅުގަނޑަށް ވާޞިލުނުވެވުނީސް. އެކަމަށް ޓަކައި އަޅުގަނޑަށް ޖުމްލަގޮތެއްގައި އެހީވެދެއްވި އަދި އެހީތެރިކަން އަދިވެސް ފޯރުކޮށް ދެއްވަމުންދާ ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރުގެ ޖިޒީ އަމުނާލަން. އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑު ކަހަލަ ފެތުންތެރިން ދިވެހިރާއްޖެއަށް އުފަންވެ އިތުރު ކުރިއެރުންތައް ދިވެހިރާއްޖެއަށް ލިބިގެންދިއުން.“ އާން ބުންޏެވެ. އާންގެ ހިތްވަރަށާއި ކާމިޔާބަށް މަރުޙަބާއެވެ. ދިވެހިރާއްޖެއަށް ބޭނުންވަނީ މިފަދަ ހިތްވަރުގަދަ ދަރިންނެވެ.