ކުޅުދުއްފުށި ޗެންޕިއަންޝިޕުގައި ބައިވެރިވާ ހދ. ހަނިމާދޫ ޓީމަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާނެ ފައިސާ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލް.

އަޙުމަދު ޔާސީން އިބްރާހީމް، މަރިޔަމް ރައުޝާ އިބްރާހީމް، އާހިލް ބިން އިބާރާހީމް- 12ސީ

ސުވާލު:

ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޅުދުއްފުށީ ޗެންޕިއަންޝިޕް 2024ގައި ހދ. ހަނިމާދޫ ތަމްސީލު ކުރުމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ ފުޓުބޯޅަ ޓީމެއް ބައިވެރިކުރުމަށް ހަމަޖައްސާފައެވެ. ވީމާ، މި މުބާރާތުގައި ހަނިމާދޫ ޓީމަށް ޚަރަދުކުރަން ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ހަނިމާދޫ ކައުންސިލަށް ހުށަހަޅާނެ ޕްރޮޕޯސަލްއެއް ލިޔާށެވެ! މި ޕްރޮޕޯސަލްގައި ކުޅުދުއްފުށީ ޗެންޕިއަންޝިޕްގައި ހަނިމާދޫ ޓީމު ބައިވެރިވުމުގެ މުހިންމުކަމާއި، މުބާރާތުގެ މެޗުތައް ކުރިއަށް ދާނެ ގޮތާއި ދަތުރުފަތުރު ރޭވިފައިވާ ގޮތުގެ އިތުރުން ހަނިމާދޫ ޓީމަށް ކުރަންޖެހޭ އެންމެހާ ޚަރަދުތަކުގެ ތަފްސީލު ހިމަނަންވާނެއެވެ. ޕްރޮޕޯސަލްގެ ދިގުމިނަކީ 25 ފޮޅުވަތާއި 30 ފޮޅުވަތާއި ދެމެދެވެ.

ޖަވާބު:

ކުޅުދުއްފުށި ޗެންޕިއަންޝިޕުގައި ބައިވެރިވާ ހދ. ހަނިމާދޫ ޓީމަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާނެ ފައިސާ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލް.

ތަޢާރަފް

      މިއީ ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ކުޅުދުއްފުށި ޗެންޕިއަންޝިޕް 2024ގައި ހދ. ހަނިމާދޫ ތަމްސީލުކުރުމަށް ބައިވެރިވާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމަށް ކުރަންޖެހޭ ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލަށް ހުށަހަޅާ ޕްރޮޕޯސަލެކެވެ. މި ޕްރޮޕޯސަލް ހިމަނާފައިވާނީ، ހަނިމާދޫ ޓީމު މި މުބާރާތުގައި ބައިވެރިކުރުމުގެ މުހިންމުކަމާއި މުބާރާތުގެ މެޗުތައް ކުރައަށްދާނެގޮތާއި ދަތުރުފަތުރު ރޭވިފައިވާގޮތާއި މުބާރާތުގެ ކަންކަމަށް ހިނގާނެ އެންމެހާ ޚަރަދުތަކުގެ ތަފްޞީލެވެ.

މި މުބާރާތުގައި ހަނިމާދޫ ޓީމު ބައިވެރިކުރުމުގެ މުހިންމުކަން

      ހދ. ހަނިމާދޫއަކީ ކޮންމެ އަހަރަކުވެސް ކުޅުދުއްފުށި ޗެންޕިއަންޝިޕުގައި ޓީމެއް ބައިވެރިކުރާ ރަށެކެވެ. މީގެއިތުރުން 2023ވަނަ އަހަރުގެ މުބާރާތުގައި ހަނިމާދޫގެ ކުޅަދާނަ ޓީމުވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް، ޒިގްޒެގް ޓީމުގެ އަތުން ބަލިވެފައެވެ. އެހެންކަމުން، ހަނިމާދޫ ޓީމުންދަނީ އައު ހިތްވަރެއްލައި މި މުބާރާތުގެ ތަށި ނެގުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އަދި، ހަމަ މިއާއެކު މި މުބާރާތުގެ ތެރެއިން ދިވެހިރާއްޖޭގެ ސީނިއާ ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ހަމަޖެހިފައިވުމުން މި މުބާރާތަކީ ހަނިމާދޫގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނަށް ވަރަށް މުހިއްމު މުބާރާތެކެވެ. އެހެންކަމުން، މި މުބާރާތުގައި ހަނިމާދޫ ތަމްސީލުކުރުމަށް ޓީމެއް ބައިވެރިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދާނެ ގޮތް

      މި މުބާރާތުގައި މިފަހަރު ޖުމުލަ 8 ޓީމެއް ވާދަކުރާއިރު، މެޗުތައް ބަހާލެވިފައިވަނީ 8 ޓީމު 2 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ޓީމެއް ގްރޫޕް ސްޓޭޖްގައި ޖުމުލަ 3 މެޗް ކުޅެ ގްރޫޕް ތާވަލުގެ އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލް ކުޅޭގޮތަށެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ޓީމް ހިމެނިފައިވަނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ހަނިމާދޫ ޓީމްގެ އިތުރުން ދެން ހިމެނޭ ޓީމްތަކަކީ މާއްޓޭ ސްޕޯޓްސް އާއި ކްލަބް ތިލަދުންމަތި އަދި ޒިގްޒެގް ފޮރ ޔޫތް ލިންކައޭޖްއެވެ.

ދަތުރުފަތުރު ރޭވިފައިވާ ގޮތް

     މުބާރާތުގެ މެޗުތައް ޖެހިޖެހިގެން ކުޅެން ހަމަޖެހިފައިނުވާތީ ހަނިމާދޫ ޓީމުން ނިންމައިފައިވަނީ މެޗު އޮންނަ ދުވަހު ކުޅުދުއްފުއްޓަށް ދިއުމަށެވެ. މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ 16:15 ކަމުން ޓީމު މެޗަށް ފުރަން ގަސްތުކޮށްފައިވަނީ 14:00 ގައެވެ. ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ”ސަމުގާ“ ލޯންޗުގައެވެ. މެޗު ނިމުމުން،ކައިގެން ޓީމު ކުޅުދުއްފުށިން ފުރުމަށް ހަމަޖެހިފައިވަނީ 19:00 ގައެވެ. މި ދަތުރުވެސް ކުރުމަށް ހަމަޖެހިފައިވަނީ އެއް ލޯންޗެއްގައެވެ. ހަނިމާދޫއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރެއްގެ ދިގުމިނަކީ ގާތްގަނޑަކަށް 45 މިނެޓެވެ.

ބަޖެޓްގެ ތަފްޞީލް

      މި މުބާރާތުގައި ބައިވެރިވާ ހަނިމާދު ޓީމަށް ހިނގާނެ ކަމަށް އަންދާޒާ ކުރާ ޚަރަދުތަކުގެ ތެރޭގައި ދަތުރުފަތުރާއި ޖާޒީ ބަޔާއި ކެއުމާއި އެހެނިހެން ބައެއް ޚަރަދުތައް ހިމެނެއެވެ. އެގޮތުން 3 ދުވަހުގެ ދެކޮޅު ދަތުރަށް ޖުމްލަ 4800 ރުފިޔާ ޚަރަދުވާނެއެވެ. ސެމީ އަދި ފަނިނަލަށް ދަތުރުކޮށްފިނަމަ ދަތުރުފަތުރުގެ ޖުމްލަ 7700 ރުފިޔާއަށް އަރާނެއެވެ. މީގެ އިތުރުން 30 މީހުންގެ ޖާޒީއާއި ޕްރެކްޓިސް ކިޓް އަދި ބިބް ގަތުމަށް ޖުމްލަ 5200 ރުފިޔާ ޚަރަދުވާނެއެވެ. ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ 5 ދުވަހުގެ ކެއުމަށް 11250 ރުފިޔާ ޚަރަދުވާނެއެވެ. ޓީމުގެ ކެއުން ހަމަޖެހިފައިވަނީ ބުފޭގެ ގޮތަށް ބޮލަކަށް 75 ރުފިޔާގެ ރޭޓުން އޮރެންޖް ޑެކްއިންނެވެ. އަދި މެޗުތައް ކުރިއަށްދާ ވަގުތުގައި ޓީމަށް ހިނގާނޭ އެހެނިހެން ޚަރަދުތަކަށް 3000 ރުފިޔާ ހޭދަވާނެއެވެ. އެހެންކަމުން ޖުމްލަ ޚަރަދުތަކުގެ ގޮތުގައި 27150 (ހަތާވީސްހާސް އެއްސަތޭކަ ފަންސާސް ރުފިޔާ) ރުފިޔާ ހޭދަވާނެއެވެ.

ނިންމުން

     މި މުބާރާތުގެ ތެރެއިން ހަނިމާދޫގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންނަށް ފުޓްބޯޅައިގެ ރޮނގުން ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިވާނެތީއާއެކު މި މުބާރާތުގެ ތަށި ކާމިޔާބު ކުރެވިއްޖެނަމަ ރަށަށް ރީތި ނަމެއް ލިބިގެންދާނެއެވެ. ހަމައެހެންމެ ހަނިމާދޫގެ ފުޓްބޯޅައިގެ ތާރީޚުގައި މި ކާމިޔާބީ ރަން އަކުރުން ފެވިގެންދާނެއެވެ. ހަނިމާދޫ ކައުންސިލަކީ ހަނިމާދޫގެ ކުރިއެރުމަށް މަސައްކަތްކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތެއްކަމަށްވާތީ، މި ޕްރޮޕޯސަލްގައި ހިމެނޭ ކަންމަށް ބައްލަވައި، މި ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުން އެދި ހުށަހަޅަމެވެ.

Leave a Reply

Your email address will not be published. Required fields are marked *