12އޭ
ސުވާލު:
ޒ. ޒައިދުފުށި އިންވެގެން އޮންނަ ޒ. ޒަކަރައިދޫއަށް މާޒިން އައްޔޫބީ ދަތުރުކުރީ، އެރަށުގައި އޮތް އޭނާގެ ގާތް ރަހްމަތްތެރިޔާ ޤާނިތު ސުލައިމާންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށެވެ. މި ދަތުރު ވެގެން ދިޔައީ މާޒިން އައްޔޫބީއަށް ނަފްސާނީ ގޮތުން އަސަރުކުރި ދަތުރަކަށެވެ. މި ޙާދިސާއަށް ބިނާކޮށް، 25 ފޮޅުވަތާއި 30 ފޮޅުވަތަށްވުރެ ދިގު ނުވާނޭހެން ދަތުރުނާމާއެއް ލިޔާށެވެ!
ހުއްސަރިބައިވި ދަތުރު
ފަތިހުގެ ރަންދޯދިން ފަޒާ އަލިކޮށް ދުނިޔެ އައު ދުވަހަކަށް މަރުހަބާކީ އަހަރެން (މާޒިން އައްޔޫބީ) ހެނދުނު ހައެއް، ޖަހަނިކޮށް ބަނދަރު މަތީގައި ހުއްޓައެވެ. ޒ. ޒައިދުފުށި އިންވެގެންއޮތް ޒ. ޒަކަރައިދޫއަށް ދާ ލޯންޗުގެ އިންތިޒާރުގައި އަހަރެން ޖެޓީމަތީގައި ހުއްޓިލައިގެން ހުއްޓާ، ނެރުން ވަދެގެން އައީ އަހަރެން އިންތިޒާރު ކުރަމުން އައި ހިއްޗެ ނަމަކަށް ކިޔާ ލޯންޗެވެ. ލޯންޗަށް އަރައިގެން އަހަރެން ޒ. ޒަކަރައިދޫއަށް ދަތުރުފެށީ ލޯންޗުގެ ކައްޕިތާނާއި އެ ލޯންޗުގެ ފަޅުވެރިޔަކާ އެކުއެވެ. ލޯންޗުގެ އިންޖީނު ހިންގާލުމާއެކު އަހަރެން ޒ. ޒަކަރައިދޫއަށް ގޮސް ކުރާނެ ކަންތައްތަކާއި މެދު ވިސްނާލީމެވެ. އަދި ދަތުރަށް ގެންދާ ހުދު ގަމީހާ ނޫ ފަޓުލޫނު، އޮންނާނީ ދަބަސް ތެރޭގައި ރޫޖެހިފަ ބާވައޭ ވެސް ހިތަށްއެރިއެވެ. އަދި އެ ރަށުގައި އުޅޭ އަހަރެންގެ ލޯބިވެރިޔާ ޒައީދާ ފެންނާނެ ބާވައޭވެސް ހިތަށް އެރިއެވެ.
އެ ހިޔާލުގައި އިންދާ 6:30 ކަން ހާއިރު ޒ. ޒަކަރައިދޫ ނެރުން ލޯންޗު ވަދެ ބަނދަރުކުރިއެވެ. އެރަށު ޖެޓީ މަތީގައި އަހަރެން ހުއްޓާ، އަހަރެންގެ ގާތް އެކުވެރިޔާ ޤާނިތު ސުލައިމާން އަހަރެންގެ އިސްތިޤުބާލުގައި ހުރިތަން ފެނުނެވެ. ޤާނިތު ސުލައިމާނާއި އެއްކޮށް އޭނާ ސައިކަލު ފަހަތަށް އަރައިގެން ގޮސް މަޑުކޮށްލީ އޭނާގެ ގެ ކައިރީގައެވެ. އެ ގެޔަށް ދިޔައިރު ޤާނިތު ސުލައިމާންގެ މަންމަ ސައި ހަދާފައި ހުރުމުން ސައިކޮޅެއް ބޯލައިގެން އަހަރެން ނިދާލަން ދިޔައީމެވެ.
ހޭލެވުނީ ގާތްގަނޑަކަށް 1:30 ވަނިކޮށެވެ. އެނދުން ތެދުވެގެން ގޮސް ފާހާނައަށް ވަދެ މެންދުރު ނަމާދަށް ވުޟޫ ކޮށްލައިން ނުކުންނަން ތަޅުގައި ހިފާލި އިރު، ތަޅުލެވިފައިކަން އަހަރެންނަށް އެނގުނެވެ. އަހަރެން ޤާނިތު ސުލައިމާނަށް ދެތިން ފަހަރު ގޮވުމުން ވެސް، ގޭގައި އެއްވެސް މީހެއްގެ ހިލަމެއް ނުވާތީ ހިތް ބިރުގަންނަން ފެށިއެވެ. މީހާއެކަށް އުދާސްވެ މާ ނޭވާ ލެވެން ފެށިއެވެ. ނޭވާ ނުލެވިގެން އުޅެނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ އެތާއިން ފެންލައިޓެވެ. އަހަރެން އަވަސް އަވަހަށް އެ ފެންލައިޓުތެރެއިން ނުކުތުމަށް ފާހާނަ ތަށިމައްޗަށް އަރައި، ފެންލައިޓު ތެރެއިން ދެމިގަންނަށް މަސައްކަތްކުރީމެވެ. ނަމަވެސް ވަކި ހިސާބަކުން އަހަރެންގެ އުނަގަނޑު ފެންލައިޓު ތެރޭ ތާށިވިއެވެ. ވަރަށް ހާލުން ފެންލައިޓު ތެރެއިން ނިކުމެ، ގަޑި ބަލާލި އިރު 3 ޖަހަން ކައިރި ވަނީއެވެ. އެނބުރި ކޮޓަރިއަށް ވަދެ ހަމަޖެހިލައިގެން ނަމާދު ކޮށް، ޤާނިތު ސުލައިމާންގެ ކައިވެނި ސަޔަށްދާން ތައްޔާރު ވެގެން މަގަށް ނުކުތީމެވެ.
މިއީ ޒ. ޒަކަރައިދޫއަށް އަހަރެން އައި އެންމެ ފުރަތަމަ ފަހަރު ކަމުން ރަށުގެ އެތަން މިތަނަށް ބަލަމުން ދަނިކޮށް އަހަރެންނަށް ކައިވެނި ހަފްލާ އޮތް ތަނަށް، ދާންވީ މަގުއޮޅުނެވެ. އަނެއްކާވެސް އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ. މުޅި މީހާ އޭރު ހުރީ ދާހިލި ތެމިފޯވެފައެވެ. އެކި ކޮޅުކޮޅަށް ބެލި އިރުވެސް ލޮލުގެ ފެނުން ގޮސް ޖެހެނީ ވަށައިގެން ހުރި ބަނބުކެޔޮ ގަސްތަކާއި، މިދިލި ގަސްތަކަށެވެ. އަހަރެން ބިރުގަނެފާހުރި ވަރުން ފޯނު ނަގާ ޤާނިތު ސުލައިމާނަށް ގުޅަން ފެށީމެވެ. އެކަމަކު އޭނާގެ ފޯނު އޮތީ ނިވާލާފައެވެ. ދެން އަހަރެން ގުޅީ އަހަރެންގެ ލޯބިވާ ޒައީދާއަށެވެ. އޭނާވެސް ފޯނު ނުނަގާތީ ބިރުން ތުރުތުރުއަޅާ ހާލު ކުރިޔަށް ދަނިކޮށް ނިކުމެވުނީ ހިމަ ގޯޅިގަނޑަކަށެވެ. އެމަގުން ކައިވެނި ހަފްލާއަކަށް،ދާ ކަހަލަ ގޮތަކަށް ހެދުން އަޅައިން ތިބި ބައެއް ފެނުމުން އަހަރެން އެ މީހުން ފަހަތުން ހިނގާފައި ދިޔައީމެވެ.
ގޮނޑުދޮށުގައި އޮތް ޤާނިތު ސުލައިމާންގެ ކައިވެންޏަށް ދެވުން އިރު ގަޑިން 5:30 ވަނީއެވެ. ސަލާން ކުރާ ސަފު ފެށޭ ކޮޅުގައި ހުރި ބޯޑުގައި ޖަހާފައި ހުރި ނަންތައް އަހަރެންނަށް ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. ބޯޑު ކިޔާލުމާއެކު އަހަރެންގެ ހިތުގެ ތެޅުން އަވަސްވެ، މާޔޫސްކަން ފެތުރެންފެށިއެވެ. އަހަރެންގެ ގާތް އެކުވެރިޔާ ޤާނިތު ސުލައިމާން ކައިވެނި ކުރީ އަހަރެންގެ ލޯބިވެރިޔާ ޒައީދާއާކަން އެނގުމުންނެވެ. ޤަބޫލުކުރަން ދަތިވެފައި ހުރީމައި ޝައްކުތައް ފިލުވާލަން މީހުންނާއި ސަލާންކުރަން ތިބި ޖޯޑަށް ބަލާލެވުނެވެ. ޝައްކުތަށް ފިލާގޮސް އަހަރެންނަށް ދެން ގިސްލާ ރޮވެން ފެށުނެވެ. އެގަޑީގައި ހިތްއެކަށް ފަޅައިގެން ދިޔަ ކަހަލައެވެ.
ހުރެވުނު ތަނެއް، ކުރެވުނު ކަމެއް އަހަރެންނަކަށް ނޭނގުނެވެ. މީހާއެކަށް ނަފްސާނީކޮށްލި ކަހަލަ އިޙްސާސެއްވިއެވެ. ގިސްލަމުން ދުވަމުން ގޮސް އަހަރެންނަށް ހުއްޓެވުނީ ޒަކަރައިދޫ ބަނދަރު މަތީގައެވެ. އެވަގުތު ލޮލުގައި އަޅައިގަތީ އެތާ މީހަކާ ވާހަކަ ދައްކަން ހުރި އަހަރެން މިރަށަށްއައި ހިއްޗެ ލޯންޗުގެ ކައްޕިތާނު ޖީބުގައި އޮތް ލޯންޗު ތަޅުދަނޑިފަށްޗެވެ. އެ ދަމައިގަނެގެން އަހަރެން ލޯންޗަށް އަރާ އިންޖީނު ހިންގާލީ ޒ. ޒަކަރައިދޫއަށް ދުވަހަކުވެސް ނައިސް، ލޯބިވެރިޔާއާއި އެކުވެރިޔާއާއި ގުޅުން ކަނޑާލަން އަޒުމު ކަނޑައަޅައިގެންނެވެ. ޒ. ޒައިދުފުށްޓަށް 8 ޖަހާއިރު އާދެވުނު އިރު އަހަރެންގެ އިސްތިޤުބާލުގައި ޕޮލިހުން ޖެޓީމަތީގައި ތިއްބެވެ.