12އޭ
ސުވާލު:
އައިޝަތު ޝައުފާއަކީ ރާއްޖެ އެންމެ ފުރަތަމަ ދުށް އަންހެން މެކޭނިކަލް އިންޖިނިއަރެވެ. ރ. މީދޫ، ހަނދުވަރުގޭ ޝައުފާއަށް އެރަށު ކައުންސިލުން އަގުވަޒަން ކުރުމުގެ ގޮތުން އިނާމެއްވެސް ދީފައެވެ. އަދި ޝައުފާވަނީ އަމިއްލަ ގަރާޖެއް ހުޅުވައި އެތައް ބަޔަކަށް ޚިދުމަތްކޮށްދޭންވެސް ފަށާފައެވެ. މި ޝަހުސިއްޔަތުގެ ހަޔާތުނާމާއެއް ލިޔާށެވެ!
އަންހެން މެކޭނިކު
ރ. މީދޫ، ހަނދުވަރުގޭ އައިޝަތު ޝައުފާ ހަސަނަކީ ރާއްޖެ އެންމެ ފުރަތަމަ ދުށް އަންހެން މެކޭނިކަލް އިންޖިނިއަރެވެ. 1992ގައި އުފަންވި ޝައުފާއަކީ އެގޭ ހަސަން އަލީ އަށާއި ހައްވާ އަހުމަދަށް ލިބުނު ދެވަނަ ދަރިފުޅެވެ. ހިތްތިރި، މަޑުމައިތިރި އަދި ސަކަ މިޒާޖުގެ ޝައުފާ ވަނި މެކޭނިކުގެ މަސައްކަތުގައި ގިނަ މީހުންގެ މަޤުބޫލުކަން ހޯދާފައެވެ.
ޝައުފާގެ ތައުލީމީ ހަޔާތުގެ ބިންގާ އެޅުނީ އެރަށުގެ ޕްރީސްކޫލުންނެވެ. އެ ދުވަސްވަރު ވެސް ގޭގައި ގިނަ ވަގުތު ހޭދަކުރަނީ ބައްޕައާއެކު ބައްޕަގެ ގަރާޖުގައެވެ. އޭރުއްސުރެ ޝައުފާ ދިޔައީ ބައްޕަ ކުރި މަސައްކަތް ދަސްކުރަމުންނެވެ. އެރަށު މަދަރުސާއިން އޯލެވަލް ނިމުނުއިރު ޝައުފާއަށް ގަރާޖެއްގައި ކުރަން ނޭނގޭ މަސައްކަތެއްނެތެވެ. ކަންދިމާކުރިގޮތުން ޝައުފާގެ ބޮޑުބޭބެއަކީ ވެސް މާލޭގައި އެފަދަ މަސައްކަތްތައް ކުރަމުންދިޔަ މީހަކަށްވާތީ، ޤައުމީ ޔުނިވަރސިޓީން މެކޭނިކަލް އިންޖިނިއަރިންގ ޑިގްރީ ހޯދީ ބޮޑުބޭބެ ކައިރީގައި މަސައްކަތް ކުރަމުންނެވެ. ވުމުން ޑިގްރީއާއެކު ވަޒީފާގެ މައިދާނުގައި ދިމާވާނެ ކަންކަންވެސް ދަސްކުރިއެވެ.
ޑިގުރީ ނިމުމާއެކު ޝައުފާ އެނބުރި ރަށަށް އައިސް އަމިއްލަ ގަރާޖެއް ހުޅުވިއެވެ. އެހެންނަމަވެސް މުޖުތަމަޢުގައި ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށް މީހުން ދެކެމުންއައި ދާއިރާއަކުން ޝައުފާފަދަ އަންހެން ކުއްޖެއް ފެނުމުން، ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. އަންހެން ކުއްޖަކު ގަރާޖެއްގައި މަސައްކަތް ކުރާތީއޭ ކިޔާ ގިނަ ބަޔެއްގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. އަދި މީގެ އިތުރުން ޝައުފާ މަސައްކަތް ކުރަމުން ދިޔަ ގަރާޖަށް ބަޔަކު ވަގަށް ވަދެ އެތަނުގެ ތަކެއްޗަށް ގެއްލުންދީ މުޅިތަނަށް ކަޅުތެޔޮ ޖެހިއެވެ. މިއީ މަސައްކަތުގެ ކުރީކޮޅު ޝައުފާއަށް ކުރިމަތިލާންޖެހުނު ބޮޑު ގޮންޖެހުމެވެ.
ކިތަންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނަސް ޝައުފާގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. މައިންބަފައިންނާއި ގާތް ރަހުމަތްތެރިންގެ ހިތްވަރުގެ ބަސްތަކުން ޝައުފާގެ އަޒުމު އިތުރަށް ވަރުގަދަވިއެވެ. ގޮންޖެހުންތައް ހުރަސްކުރުމަށްފަހު ޝައުފާ ވަނީ ގިނަ ކާމިޔާބިތަކެއް ހޯދާފައެވެ. އެގޮތުން ރަށުގައި ގަރާޖުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ޝައުފާވަނީ ރަށުގެ އެތައް ބަޔަކަށް ޚިދުމަތް ކޮށްދީފައެވެ. މިގެ ސަބަބުން ޝައުފާގެ ޤާބިލުކަން އެމިހުން ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބައެއްގެ ލޮލުގައި މި ”އަންހެން މެކޭނިކު“ އަޅައިގަތެވެ. މިގެ ސަބަބުން އަތޮޅުގެ އެހެން ރަށްތަކުންވެސް ދުއްވާ އެކިއެކި އުޅަނދުތައް ހަލާކުވުމުން ހަދަން ފޮނުވަނީ ޝައުފާގެ ގަރާޖާށެވެ. އެއިން ކޮންމެ މިހަކަށްވެސް ޝައުފާ ޙިދުމަތް ކޮށްދިނީ އެންމެ މަތީ ފެންވަރުގައެވެ. މިހެންވެ ގިނަބަޔެއްގެ ތައުރީފު ޝައުފާއަށް ލިބެމުން ދިޔައެވެ. އަދި ޝައުފާގެ ގަރާޖު ވެގެން ދިޔައީ ރާއްޖޭގައި ހުރި އެންމެ މަޤުބޫލު ގަރާޖުތަކުގެ ތެރެއިން އެއް ގަރާޖަށެވެ.
މިހާރު ޝައުފާއަކި ތން އަންހެން ކުދިންގެ މަންމައެކެވެ. މަންމައެއްގެ މަސްޢޫލިއްޔަތު އުފުލަމުންވެސް ޝައުފާ ގަރާޖުގައި މަސައްކަތް ކުރަމުން ގެންދިޔައެވެ. ޝައުފާއަށް، އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މިދޫ ކައުންސިލުން ވަނީ އިނާމެއްވެސް ދީފައެވެ. ޝައުފާގެ އުންމީދަކީ ކުރިޔަށް އޮތް މުސްތަޤުބަލުގައި މިދާއިރާއިން ގިނަ އަންހެން ކުދިން ފެނިގެން ދިއުމެވެ.