ލިޔުނީ: އަޙްމަދު ޔާސީން އިބްރާހިމް، އަދުހަމް ހަސަން، އަބްދުﷲ ހިޝާމް މުޙައްމަދު (12ސީ)
ޤައުމު ހައިރާންކުރަނިވި އީޖާދުތަކާއި އިންޤިލާބީ އުންސުރުތަކެއް އުފަންކޮށް އަމިއްލަ ރަށުގެ މުސްތަޤްބަލު އުޖާލާކުރި މޫސާ ސިރާޖަކީ ހ.ފިނިމާދޫ މޯފީމުގެ، ހުސެއިން އާދަމާއި ހަމައެގޭ މަރިޔަމް އަމާނީއަށް ލިބިފައިވާ 9 ދަރިންގެ ތެރެއިން ތިންވަނައަށް އެންމެ ހަގުކުއްޖާއެވެ. 1990 ވަނަ އަހަރު ޖެނުއަރީ 21ގައި ފިނިމާދޫއަށް އުފަން ސިރާޖުގެ ހަޔާތުން 17 އަހަރު، ފެނުގެ ނިޒާމަށް ޚިދުމަތްކުރުމަށް ހޭދަކޮށްފައިވާއިރު، އޭނާ އެންމެ މަޝްހޫރުވެފައިވަނީ “ރިވާސް އޮސްމޯސިސް“ އުފަންކުރި މުއައްސިސްގެ ގޮތުގައެވެ. އުފެއްދުންތެރި މަސައްކަތްތަކުގައި ޝާމިލްވާ ސިރާޖު ފާހަގަ ކުރެވެނީ ހިތްވަރުގަދަ، ދުރަށް ވިސްނާ ފަހުލަވާނެއްގެ ގޮތުގައެވެ.
ސިރާޖުގެ ތަޢުލީމީ ހަޔާތްފެށުނީ 1996ގައި އުމުރުން އެންމެ 6 އަހަރުގައި ފިނިމާދޫ މަދަރުސާގެ ގްރޭޑް އެކަކާއި ގުޅުނު ހިސާބުންނެވެ. މި ސުކޫލުން ތަޢުލީމު ޙާސިލްކުރުމަށްފަހު ޘާނަވީ އިމްތިހާނުތަކާ ކުރިމަތިލީ ރަނގަޅު ވަޒީފާއެއް ހޯދާ، ޢާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ޝަޚްޞިއްޔަތަކައްވުމުގެ ނިޔަތުގައެވެ. އެހެންކަމުން 2006 ވަނަ އަހަރު އޯލެވެލް އިމްތިޙާނު ނިމުމާއެކު އެމް.ޑަބުލިއު.އެސް.ސީގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާގެ މައިދާނަށް ނިކުންނަން އޭނާ ނިންމިއެވެ.
އެމް.ޑަބްލިއު.އެސް.ސީ ގައި ސިރާޖު މަސައްކަތްފެށީ ގެތަކަށް ގޮސް މީޓަރުގެ ރީޑިންގ ނަގާ މީހެއްގެ ގޮތުގައެވެ. މި ވަޒީފާގައި އޭނާ 3 އަހަރު ހޭދަކުރުމަށް ފަހު، އިތުރު ތަމްރީނާއެކު ޕްރައިމަރީ ޓެކްނިޝަންކަމުގެ މަޤާމު އޭނާއަށް ހަވާލުކުރެވުނެވެ. މީގެ އިތުރުން، އޭނާގެ ހުނަރުވެރިކަން އެ ކުންފުންޏަށް ފާހަގަވެ، އެމް.ޑަބްލިޔު.އެސް.ސީ މުވައްޒަފުންގެ ޤާބިލްކަން އިތުރަށް ހަރުދަނާކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ޢަމަލީ ތަޖުރިބާ ހޯދުމަށް މެލޭޝިއާގެ ފެންޕްލާންޓަށް ޒިޔާރަތްކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެގޮތުން މިޓްރޭނިންގެ ތެރެއިން ދަސްވެގެން ދިޔަ އުކުޅުތަކާއި ފަންނިއްޔާތުގެ ޒަރީއާއިން، ޒަމާނީ އުފެއްދުންތައް އީޖާދުކުރުމުގެ ޝައުގުވެރިކަން އޭނާގެ ސިކުނޑީގައި ހަރުލިއެވެ. މި ހިތްވަރާއި އަޒުމާއެކު، އޭނާ 2009 ވަނަ އަހަރު ރާއްޖެއައިސް ދުވަހަކުވެސް ދުނިޔެއަށް ފެނިފައި ނުވާ ފަދަ މެޝިނުތަކެއް އުފަން ކުރުމުގެ މަސައްކަތް ފެށިއެވެ. “ރިވާސް އޮސްމޯސިސް” ގެ ނަމުގައި ލޮނު ފެނުން ބޯފެން އުފެއްދުމުގެ އަޖައިބުކުރުވަނިވި ލަނޑުދަނޑިއާއެކުގައެވެ.
ސިރާޖު ފެނުގެ ނިޒާމަށް ގެންނަން ބޭނުންވި އިންޤިލާބީ ބަދަލު އަސްލަކަށް ހެދުމަށްޓަކައި އޭނާ ހީކުރި ވަރަށްވުރެ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެހެނީ، އެމް.ޑަބަލިއު.އެސް.ސީ ގައި ވަޒީފާ އަދާކުރަމުން ދިޔަ އުމުރުން 20 އަހަރުގެ ސިރާޖަށް ހުސްވަގުތު ލިބުންވީ ދަތިކަމަށެވެ. ހަމައެހެންމެ މިމަޝްރޫޢު ފުޅާކުރުމަށް ބޭނުންވާނެ ފަންޑިން ނުލިބުމުން މިކަން ޙާޞިލްކުރުންވީ ނުވާނެ ކަމެއް ކަމުގައި އޭނާ ދެކެން ފެށިއެވެ. އެހެންނަމަވެސް، އޭނާގެ އިޚްލާޞްތެރި މަޤްޞަދާއި އޭނާ ކުރަން ބޭނުންވާ ކަންތަކުގެ ޚަބަރުތައް ރަށުތެރޭގައި އާންމުވުމާ ގުޅިގެން އެކި މުއައްސަސާތަކުން ސިރާޖަށް މި މަޤްޞަދު ޙާޞިލްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވިއެވެ. މި މުއައްސަސާތަކުގެ އެއްބާރުލުމާއެކު 2012 ވަނަ އަހަރު ރިވާސް އޮސްމޯސިސް މެޝިނު ވުޖޫދުވެގެން އައެވެ.
މި ހުރިހާ ބުރަ މަސައްކަތެއްގެ މޭވާ ފެންނަނީ މިއަދުއެވެ. ސިރާޖުގެ ރަށް ކަމަށްވާ ފިނިމާދޫ ފެނުގެ ނިޒާމުގައި މުޅިންވެސް ބޭނުންކުރަނީ އޭނާގެ އީޖާދެވެ. ހަމަމިއާއެކު އޭނާވަނީ އެމް.ޑަބްލިޔު.އެސް.ސީ އަށާއި ފެނަކައަށާއި އަދި ތަފާތު އެކި ސަރުކާރު މުއައްސަސާތަކަށް އެތައް އައު އީޖާދުތަކެއް އުފަންކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން ސިރާޖުގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2015 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ. އޭގެ އެއް އަހަރު ފަހުން އޭނާގެ މަސައްކަތްތައް ފޮތެއްގެ ގޮތުގައި ޝާއިޢުކުރުމާ ގުޅިގެން ދުނިޔޭގެ ޒުވާނުންގެ ޖަމިއްޔާއިން ނެރެފައިވާ ޚަބަރެއްގެ ފަލަ ސުރުޚީން ވެސް ވަނީ ޖާގަ ހޯދާފައެވެ.
މިއަދު ސިރާޖު މަސައްކަތް ކުރަމުންދަނީ ފިނިމާދޫ ކައުންސިލް އިދާރާގެ މެންބަރެއްގެ ގޮތުގައި، ރަށުގެ އެންމެހާ ރައްޔިތުންނަށް ބޯފެނުގެ އިތުރުން ލިބެންޖެހޭ އެހެނިހެން ޙައްޤުތައް ވެސް ކަށަވަރުކޮށްދޭށެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ސިރާޖު ވާނީ ހ.ފިނިމާދޫ ބަގީޗާގެ އައިޝަތު އިބްރާހިމްއާއެކު ޒަވާޖީ ހަޔާތެއް ފަށައި، އެ ކައިވެންޏަށް 2 އަންހެން ކުދިން ލިބި އުފާވެރި ޢާއިލާއެއް ބިނާކޮށްފައެވެ. ސިރާޖުގެ އުއްމީދަކީ މިއަދުގެ ޒުވާނުން، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރާ ޒިންމާދާރު ހަރުދަނާ ބަޔަކަށްވާތަން ފެނުމެވެ. އޭނާގެ ނަސޭހަތަކީ މަތީ ތަޢުލީމުގެ ހަރުފަތްތައް ކަޑައްތު ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ޢިލްމީ ދަރިންތަކަކަށްވުމަށް އެންމެންވެސް ޢަޒުމު ކަނޑައެޅުމެވެ. އަޅުގަނޑުގެ ދުޢާއަކީ ސިރާޖުގެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށެވެ.