ޖަލާލުއްދީން ސްކޫލުގެ ތަރި

އާމިނަތު ހުދާ ޢަލީ، ނާޞިޙާ ޢަބުދުﷲ ނަޞީރު. ޖަޒްލީ ބިންތު ޖުޒްއަލް، ޙަސްނާ އާދަމް – 11ބީ (2024-2025)

ކުޅުދުއްފުށީ ސިޓީއަށް އުފަން މާފަލު ހިޔާ ސީ01 މުޙައްމަދު ޚާޝިޢު ޙަސަނަކީ ޖަލާލުއްދީން ސްކޫލުގައި ނަން ވިދަމުންދާ ފާހަގަކޮށްލެވޭ އަރުތަވެރިއެކެވެ. 2007 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް ޚާޝިޢުއަކީ ހއ. މާރަންދޫ، ޝިފާނީ މަންޒިލްގޭ ޙަސަން ޝިފާނާއި ކުޅުދުއްފުށީ ސިޓީ، ފިނިވާގޭ ޚަދީޖާ ޢުމަރަށް ލިބުނު ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. ޚާޝިޢުގެ ޢާއިލާއާއި އެކުވެރިން ބުނާ ގޮތުގައި ޚާޝިޢުއަކީ ދީނަށް ލޯބިކުރާ، ކުދިންނާއި ގުޅޭ، ނުހަނު ހީވާގި އިސްވާރެކެވެ.

2011 ވަނަ އަހަރު، އަމީރު އަމީން ސްކޫލުގައި ތަޢުލީމީ ހަޔާތް ފެށުމަށްފަހު ޕްރީސްކޫލު ތަޢުލީމް ޙާޞިލްކޮށް 2014 ވަނަ އަހަރުން ފެށިގެން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 1 އިން ގުރޭޑް 6 އާއި ހަމައަށް ކިޔެވިއެވެ. އެއަށްފަހު، 2020 ވަނަ އަހަރު ގުރޭޑް 7 އަކަށް ޖަލާލުއްދީން ސްކޫލަށް ބަދަލުވެ، ކުލަގަދަ ކާމިޔާބީތަކަކާއިއެކު ގުރޭޑް 10 ނިންމައި ދަސްވެނިވިއެވެ. ސާނަވީ މަރުޙަލާ ނިންމުމަށްފަހު، މިހާރު ޚާޝިޢު ދަނީ ޖަލާލުއްދީން ސްކޫލްގައި މަތީ ސާނަވީގެ ގުރޭޑް 11ގައި ކިޔަވަމުންނެވެ.

2024 ވަނަ އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތަކުން ފަޚުރުވެރި އެއްވަނަ ހާޞިލްކުރި ޚާޝިޢު، އެންމެ ހިތްހަމަޖެހެނީ ދިވެހިން ލިބުނު ނަތީޖާއާ މެދުގައެވެ. ޚާޝިޢުގެ މި ކާމިޔާބީއަކީ ބުރަ މަސައްކަތާއެކު ހޯދި ކާމިޔާބީއެކެވެ. އެގޮތުން، ކާމިޔާބަށް ވާސިލުވުމަށް ބަރާބަރަށް އަޅުކަންތައްކުރުމާއި ގިނަގިނައިން ދުޢާ ކުރުމުގެ އިތުރުން ފިލާވަޅު ތަކުރާރުކޮށް ކިޔުމުގެ ބަދަލުގައި އެއް ފަހަރުން ފަހުމު ވާނެ ގޮތަކަށް ކިޔަން މަސައްކަތްކުރިއެވެ. މިއާއެކު، ކިޔެވުމުގެ ވަރުބަލިކަން ފިލުވައިލުމަށް ކޮންމެ ހަފްތާއަކު މޫދަށް ދިޔައެވެ. ޚާޝިޢުގެ ނަޒަރުގައި ލޮބުވެތި މައިންބަފައިންގެ ދުޢާއަކީ ވެސް މި އަރުތައިގެ ފަހަތުގައިވާ ސިއްރެކެވެ.

ޚާޝިޢު ބުނާގޮތުން ކިޔެވުމުގައި ރަނގަޅު ކާމިޔާބެއް ހޯދުމުގައި މައިގަނޑު ދައުރެއް އަދާކުރީ ޚާޝިޢުގެ އަމިއްލަ ހިތްވަރަށް ވުރެ ބޮޑަށް ޢާއިލާގެ ފަރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރި އުއްމީދުތަކެވެ. އެގޮތުން، ހޯދަމުން އަންނަ ނަތީޖާ ދެމެހެއްޓުމަށް މައިންބަފައިން އަބަދުވެސް ދިޔައީ އެކަމަށް އެދެމުން ހިތްވަރުދެމުންނެވެ. އަދި ހަމަ އެގޮތަށް މިއީ ކޮއްކޮމެންނަށް ރަނގަޅު ނަމޫނާއަކަށްވުމަށް ކުރި މަސައްކަތުގެވެސް ހެޔޮ ނަތީޖާއެވެ.

ސާނަވީ ނަތީޖާ ހާޞިލްކުރުމުގައި ޚާޝިޢުއަށް އެތައް ގޮންޖެހުންތަކަކާއި ވެސް ކުރިމަތިލާންޖެހުނެވެ. އެގޮތުން، ގޭގައި ކޮއްކޮމެން އުޅެމުންދާތީ ކިޔެވުމަށް ބުރޫއެރިއެވެ. އަދި އަބަދު އިމްތިޙާނާއި މެދު ވިސްނާ، ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އިމްތިޙާނު ފެށުނު ދުވަސްވަރު ފިލާވަޅަށް ފުރިހަމަ ސަމާލުކަން ދޭން އުނދަގޫވިއެވެ. މިއާއެކު، އިމްތިޙާނާއި މެދު ކަންބޮޑުވުމާއި ވަގުތު ރަނގަޅަށް ރާވާނުލެވުމުގެ ސަބަބުން އެންމެ ހިތްހަމަޖެހޭވަރަކަށް ފިލާވަޅެއް ދަހެއްނުކުރެވެއެވެ.

ކާމިޔާބަށް ވާސިލުވުމުން ނުހަނު އުފާވި ނަމަވެސް ނަތީޖާ ހޯދުމަށް ފުރިހަމައަށް މަސައްކަތް ނުކުރެވުނީތީ ދެރަވެސްވިއެވެ. ވުމާއެކު، ކުރިއަށް އޮތް މުސްތަޤުބަލުގައި އޭ ލެވެލްގައި ރަނގަޅަށް މަސައްކަތްކުރުމަށް އޭނާވަނީ ޢަޒުމުކަނޑައަޅާފައެވެ. މިގޮތުން، ސްކޫލް ކެޕްޓަންގެ މަޤާމަށް ކުރިމަތިލައި، ކާމިޔާބުކޮށް މަތީ ސާނަވީގައި ޚާޝިޢުއާއެކު ކިޔަވާ ހުރިހާ ކުދިންނާ ގުޅިގެން، ހުރިހާ ކުދިން ދަސްވެނިވުމަށް އެހީވެ މަގުފަހިކޮށްދިނުމަކީ ޚާޝިޢު ކުރާ އުއްމީދެކެވެ. މީގެ އިތުރުން، އޭ ލެވެލްއަށް ދުރާލާ ތައްޔާރުވެ ސާނަވީ ނަތީޖާ ދަމަހައްޓާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހޯދުމަކީ ވެސް ޚާޝިޢު ދެކެމުން އަންނަ ހުވަފެނެކެވެ.

ކިޔަވާ ކުދިންނަށް ޚާޝިޢު ދޭން ބޭނުންވާ މެސެޖަކީ ގިނަގިނައިން ދުޢާކޮށް، ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކުރުމާއެކު ތަޢުލީމު އުނގެނުމަށާއި ދުނިޔޭގެ ހުރިހާކަމެއްގައި ވެސް ޚާލިޤުވަންތަ މާތް ﷲ އަށް ވަކީލުކޮށް ކުރިއަރައިދިއުމަށް މަސައްކަތްކުރާށެވެ. އަދި އަބާދާއަބަދު ކިޔެވުމުގެ ބަދަލުގައި ނަފްސު ހިތްހަމަޖެހޭ ކަމެއް ކޮށްލުމަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. މިގޮތުން، ކިޔެވުމަށް ހޭދަކުރާ ވަގުތަށް ވުރެ، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަންދޭށެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ޚާޝިޢުގެ މި ތަޢުލީމީ ދަތުރުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާ ޚާޝިޢު އުއްމީދު ކުރާ ފަދަ ކާމިޔާބީތައް މިންވަރުކުރެއްވުމެވެ.

Leave a Reply

Your email address will not be published. Required fields are marked *