Category: ހަޔާތުނާމާ

  • މަންހާގެ ޙަޔާތުން ޞަފްޙާއެއް.

    މަންހާގެ ޙަޔާތުން ޞަފްޙާއެއް.

    މައިހާ މުޙައްމަދު ޙަމީދު، މަރްޔަމް އަޙްލާ އަޙްމީމް،  އާމިނަތު ޝާނީ، ޢާއިޝަތު ފައިހާ އިބްރާހީމް  (11ބީ)

    ހދ. ކުޅުދުއްފުށީ ރީނދޫމާގޭ މަރިޔަމް މަންހާ ޔޫނުސްއަކީ، ހދ. ކުޅުދުއްފުށީ ރީނދޫމާގޭ ޔޫނުސް އިބްރާހިމާއި، އއ. ތޮއްޑޫ އަންނާރުމާގޭ ސަމީނާ މުޙއްމަދަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. 2006 ވަނަ އަހަރު ޖޫން މަހުގެ 22 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް މަންހާއަކީ ޖަލާލުއްދީން ސްކޫލުގައި ތައުލީމު ޙާޞިލް ކުރަމުން އަންނަ ދަރިވަރެކެވެ. މަންހާގެ ރަހުމަތްތެރިން ބުނާގޮތުގައި އޭނާއަކީ ހިތްހެޔޮ، އޯގާތެރި އަދި ކުދިންނާއި ގުޅިގެން އުޅޭ ކުއްޖެކެވެ.

    މަންހާގެ ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅުނީ އަމީރު އަމީން ސްކޫލުގައި 2009 ވަނަ އަހަރުއެވެ. ޕްރީސްކޫލްގެ ތައުލީމު ނިންމުމަށްފަހު ގްރޭޑް 1 އަށް ވަނީ ޢަފީފުއްދީން ސްކޫލަށެވެ. އެގޮތުން 2013 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ތަޢުލީމު ޙާޞިލުކުރީ ޢަފީފުއްދީން ސްކޫލުގައެވެ. ކިޔެވުމުގެ ޙަޔާތުގައި މަންހާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބުތަކެއް ހޯދާފައެވެ. މިގޮތުން އެތަކެއް ޤުރުއާން މުބާރާތް ތަކެއްގައި ބައިވެރިވެ، ވަނަތައް ހޯދާފައިވެއެވެ. މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކުގައިވެސް ބައިވެރިވެފައިވެއެވެ. ހަމައެއާއެކު އެ ސްކޫލުގައި ޕްރިފެކްޓުކަމުގެ މަގާމުވެސް އަދާކޮށްފައިވެއެވެ. އަދި ގާރލް ގައިޑަކަށްވެސް އުޅުނެވެ. އޭނާ ފާހަގަކުރާ ގޮތުގައި ގްރޭޑް ނިންމާލެވުނީ ހިތްއެދޭ ނަތީޖާއަކާއެކުއެވެ. އެގޮތުން ބެސްޓް އޯލް ރައުންޑާރގެ މަގާމު ޙާޞިލްވުމާއި ޤައުމީ ގަދަ 10އަކަށް އެރުން ވީ އޭނާގެ ތަޢުލީމީ ހަޔާތުގައި ރަން އަކުރުން ފަވާލެވުނު ކަމަކަށެވެ.

    ކިޔެވުމުގެ ދުވަސްވަރު މަންހާއަށްވެސް ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރައްޓެއްސަކާއި ޖެހުނު މައްސަލައަކާއި ގުޅިގެން އޭނާގެ ކިޔެވުމަށް ކުރި އަސަރެވެ. މިކަމުގެ ސަބަބުން ނަފްސާނީ އެތަކެއް މައްސަލަތަކަކާއި ކުރިމަތި ލާންޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލުގެ މަސައްކަތަށް ބުރޫއެރިކަން އެނާ ފާހަގަކުރިއެވެ. މަންހާ ބުނާގޮތުގައި މި ކަމުން އަރައިގަތުމަށް އޭނާއަށް އެހީތެރިވެދިނީ ގާތް ރައްޓެއްސެކެވެ. އޭނާގެ ރަޙުމަތްތެރިޔާގެ ފަރާތުން ލިބުނު ހިތްވަރާއެކު އަލުން ކިޔެވުމުގެ މަސައްކުރަން ފެށިއެވެ.

    މަންހާ މިހާރު ކުރަމުންދާ އުއްމީދަކީ އޭލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމާއެކު، ރަނގަޅު ކޮލެޖަކުން މަތީ ތަޢުލީމު ޙާޞިލްކުރުމެވެ.  ހަމައެއާއެކު، މުސްތަޤުބަލުގައި ރަނގަޅު ވަޒީފާއެއް ހޯދުމެވެ. އޭނާ މިހާރުގެ ކިޔަވާ ކުދިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ދުރާލާ ފިލާވަޅު ދަސްކުރުމާއެކު ހުރިހާ ކަމެއްގައި ގުޅިގެން މަސައްކަތްކުރުމެވެ. އަޅުގަނޑުގެ ދުޢާއަކީ މަންހާގެ އުއްމީދުތައް ފުރިހަމަކޮށްދެއްވައި އުފާވެރި، ކާމިޔާބު ދުވަސްތަކެއް މިންވަރު ކޮށްދެއްވުމެވެ.

  • އަބާން : ދެ ރަށެއް ކަމަކު، މިސްރާބު އެއް ދިމާއަކަށް

    އަބާން : ދެ ރަށެއް ކަމަކު، މިސްރާބު އެއް ދިމާއަކަށް

    މުޙައްމަދު ޙާލިދު، އިބްރާހީމް މަލްސޫން މުޙައްމަދު، ޢަލީ އައްޒާމް މުޙައްމަދު، އީމާން އަޙުމަދު ސަޢުދު  – 11ބީ (2024-2025)

           ކުޅުދުއްފުށީ ސިޓީއަށް އުފަން އެރަށު ސީޒާގޭ މުޙައްމަދު އަބާން ޢަބްދު ﷲ ރަޝީދަކީ – ހދ ނެއްލައިދޫ ސިމާގު ޢަބްދު ﷲ ރަޝީދު ޢަބްދުލް ރަޝީދާއި، ކުޅުދުއްފުށީ ސިޓީ ސީޒާގޭ ފާޠިމަތު އާދަމަށް ލިބުނު 3 ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. 2006 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު، ދުނިޔޭގެ އަލިކަން ދުށް އަބާނަކީ މިހާރު އޭ.ލެވެލްގައި ކިޔަވަމުންދާ، މީހުންނާ ގުޅޭ، މަޑުމައިތިރިކަމަށް ލޯބިކުރާ، ހިތްވަރުގަދަ ދަރިވަރެކެވެ.

          އަބާންގެ ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅިގެންދިޔައީ މަންމަގެ އުނގުންނެވެ. ޢުމުރުން 2 އަހަރުގައި އެދުރުގެއިން ކިޔަވަމުންގޮސް، ޕްރީ ސްކޫލުގެ މަރްޙަލާ އަބާން ނިންމާލީ ކުޅުދުއްފުށީ އަމީރް އަމީން ސްކޫލުގައެވެ. އެއަށްފަހު، އެރަށުގެ ޢަފީފުއްދީން ސްކޫލުގެ ގްރޭޑް 1 އަކަށް އަބާން ވަނީ ޢުމުރުން 6 އަހަރުގައެވެ. ޢަފީފުއްދީން ސްކޫލުގައި ހޭދަކުރި ދުވަސްތަކުގައި އަބާން ފާހަގަވެގެންދިޔައީ، ކުޅިވަރުގެ ރޮނގުގައި، ޢުމުރުގެ ތަފާތަކަށް ބެލުމެއްނެތި، އެންމެންނާ އެއްހަމައެއްގައި، ފަސްޖެހުމެއްނެތި ފައިހަމަކުރަމުންދިޔަ ހުނަރުވެރި ދަރިވަރެއްގެ ގޮތުގައެވެ.

          ކިޔެވުމުގެ ދުވަސްވަރު، އެކިކަހަލަ ގޮންޖެހުންތަކަކާ އަބާނަށް ކުރިމަތިލާންޖެހުނެވެ. ސައިންސް ސްޓްރީމްގެ މާއްދާތަކުގެ ނަތީޖާ ރަނގަޅުކުރުން އަބާނަށްވީ ދިމާވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މޮކް އިމްތިޙާނާއި އޯ.ލެވެލް އިމްތިޙާނާ ދެމެދު، ރަމަޟާން މަހުގެ ދުވަސްތައް ދިމާވުމުން، އޯ.ލެވެލް އިން ރަނގަޅު ނަތީޖާއެއް ނެރުމަށްޓަކައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ.

          ކިޔެވުމުގައި ކުރިމަތިވީ އެންމެހާ އަޑިގުޑަންތައް ގިރާކޮށް އަބާން ގްރޭޑް 10 ނިންމާލީ، ފަޚުރުވެރި ޤައުމީ ގަދަ 10 ގައި އަބާންގެ ނަން ރަން އަކުރުން ފަވާލާފައެވެ. އަބާން ބައިވެރިވީ ކޮންމެ ކުޅިވަރުގެ މުބާރާތެއް – އެއީ ފުޓްބޯޅަ ކަމަށްވިޔަސް، ބާސްކެޓްބޯޅަ ކަމަށްވިޔަސް، އެތްލެޓިކްސް އަދި ފެތުމުގެ މުބާރާތްތައް ކަމުގައި ވީނަމަވެސް، އެ މުބާރާތްތައް އަބާން ނިންމާލާފައިވަނީ އެކިވަރުގެ ކާމިޔާބީތަކެއް ޙާޞިލުކޮށް، އަބާންގެ ލޮބުވެތި ޢާއިލާގެ ހިތްތައް އުފާކޮށްދީފައެވެ. ހަމަމިއާއެކު، އަބާންގެ ޢުމުރުން އެންމެ 13 އަހަރުގައި ރާއްޖޭގެ މަޝްހޫރު ވިކްޓްރީ ސްޕޯޓްސް ކްލަބުގައި ކުޅުމުގެ ޝަރަފު ލިބިގެންދިޔުމުން، އަބާންއަށް ޓަކައި މުޅި ރަށް ފަޚުރުވެރިވެއެވެ.

            ކުރިމަގުގައި އޭވިއޭޝަންގެ ދާއިރާއިން ކުރިއަށް ދިޔުމުގެ ޝައުޤުވެރިކަން ހުރި އަބާންގެ އެންމެ ބޮޑު އަމާޒަކީ ހައި ސްކޮލާރޝިޕް ޙާޞިލުކޮށް، އޭވިއޭޝަންގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ، އަބާންގެ އުންމީދުތައް ޙާޞިލުކުރުމުގެ މަގުތައް ﷲ ތަޢާލާ ފަހިކޮށްދެއްވަވާ، އަބާންގެ ކުރިމަގު އުޖާލާ ކުރައްވެވުމެވެ. އަދި އެ އިލާހުގެ ރަޙްމަތާއި ބަރަކާތުގައި އަބަދުމެ ލެއްވެވުމެވެ. އާމީން!

  • ޖަލާލުއްދީން ސްކޫލުގެ ތަރި

    ޖަލާލުއްދީން ސްކޫލުގެ ތަރި

    އާމިނަތު ހުދާ ޢަލީ، ނާޞިޙާ ޢަބުދުﷲ ނަޞީރު. ޖަޒްލީ ބިންތު ޖުޒްއަލް، ޙަސްނާ އާދަމް – 11ބީ (2024-2025)

    ކުޅުދުއްފުށީ ސިޓީއަށް އުފަން މާފަލު ހިޔާ ސީ01 މުޙައްމަދު ޚާޝިޢު ޙަސަނަކީ ޖަލާލުއްދީން ސްކޫލުގައި ނަން ވިދަމުންދާ ފާހަގަކޮށްލެވޭ އަރުތަވެރިއެކެވެ. 2007 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް ޚާޝިޢުއަކީ ހއ. މާރަންދޫ، ޝިފާނީ މަންޒިލްގޭ ޙަސަން ޝިފާނާއި ކުޅުދުއްފުށީ ސިޓީ، ފިނިވާގޭ ޚަދީޖާ ޢުމަރަށް ލިބުނު ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. ޚާޝިޢުގެ ޢާއިލާއާއި އެކުވެރިން ބުނާ ގޮތުގައި ޚާޝިޢުއަކީ ދީނަށް ލޯބިކުރާ، ކުދިންނާއި ގުޅޭ، ނުހަނު ހީވާގި އިސްވާރެކެވެ.

    2011 ވަނަ އަހަރު، އަމީރު އަމީން ސްކޫލުގައި ތަޢުލީމީ ހަޔާތް ފެށުމަށްފަހު ޕްރީސްކޫލު ތަޢުލީމް ޙާޞިލްކޮށް 2014 ވަނަ އަހަރުން ފެށިގެން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 1 އިން ގުރޭޑް 6 އާއި ހަމައަށް ކިޔެވިއެވެ. އެއަށްފަހު، 2020 ވަނަ އަހަރު ގުރޭޑް 7 އަކަށް ޖަލާލުއްދީން ސްކޫލަށް ބަދަލުވެ، ކުލަގަދަ ކާމިޔާބީތަކަކާއިއެކު ގުރޭޑް 10 ނިންމައި ދަސްވެނިވިއެވެ. ސާނަވީ މަރުޙަލާ ނިންމުމަށްފަހު، މިހާރު ޚާޝިޢު ދަނީ ޖަލާލުއްދީން ސްކޫލްގައި މަތީ ސާނަވީގެ ގުރޭޑް 11ގައި ކިޔަވަމުންނެވެ.

    2024 ވަނަ އަހަރުގެ ސާނަވީ ނިންމާ އިމްތިހާނުތަކުން ފަޚުރުވެރި އެއްވަނަ ހާޞިލްކުރި ޚާޝިޢު، އެންމެ ހިތްހަމަޖެހެނީ ދިވެހިން ލިބުނު ނަތީޖާއާ މެދުގައެވެ. ޚާޝިޢުގެ މި ކާމިޔާބީއަކީ ބުރަ މަސައްކަތާއެކު ހޯދި ކާމިޔާބީއެކެވެ. އެގޮތުން، ކާމިޔާބަށް ވާސިލުވުމަށް ބަރާބަރަށް އަޅުކަންތައްކުރުމާއި ގިނަގިނައިން ދުޢާ ކުރުމުގެ އިތުރުން ފިލާވަޅު ތަކުރާރުކޮށް ކިޔުމުގެ ބަދަލުގައި އެއް ފަހަރުން ފަހުމު ވާނެ ގޮތަކަށް ކިޔަން މަސައްކަތްކުރިއެވެ. މިއާއެކު، ކިޔެވުމުގެ ވަރުބަލިކަން ފިލުވައިލުމަށް ކޮންމެ ހަފްތާއަކު މޫދަށް ދިޔައެވެ. ޚާޝިޢުގެ ނަޒަރުގައި ލޮބުވެތި މައިންބަފައިންގެ ދުޢާއަކީ ވެސް މި އަރުތައިގެ ފަހަތުގައިވާ ސިއްރެކެވެ.

    ޚާޝިޢު ބުނާގޮތުން ކިޔެވުމުގައި ރަނގަޅު ކާމިޔާބެއް ހޯދުމުގައި މައިގަނޑު ދައުރެއް އަދާކުރީ ޚާޝިޢުގެ އަމިއްލަ ހިތްވަރަށް ވުރެ ބޮޑަށް ޢާއިލާގެ ފަރާތުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރި އުއްމީދުތަކެވެ. އެގޮތުން، ހޯދަމުން އަންނަ ނަތީޖާ ދެމެހެއްޓުމަށް މައިންބަފައިން އަބަދުވެސް ދިޔައީ އެކަމަށް އެދެމުން ހިތްވަރުދެމުންނެވެ. އަދި ހަމަ އެގޮތަށް މިއީ ކޮއްކޮމެންނަށް ރަނގަޅު ނަމޫނާއަކަށްވުމަށް ކުރި މަސައްކަތުގެވެސް ހެޔޮ ނަތީޖާއެވެ.

    ސާނަވީ ނަތީޖާ ހާޞިލްކުރުމުގައި ޚާޝިޢުއަށް އެތައް ގޮންޖެހުންތަކަކާއި ވެސް ކުރިމަތިލާންޖެހުނެވެ. އެގޮތުން، ގޭގައި ކޮއްކޮމެން އުޅެމުންދާތީ ކިޔެވުމަށް ބުރޫއެރިއެވެ. އަދި އަބަދު އިމްތިޙާނާއި މެދު ވިސްނާ، ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އިމްތިޙާނު ފެށުނު ދުވަސްވަރު ފިލާވަޅަށް ފުރިހަމަ ސަމާލުކަން ދޭން އުނދަގޫވިއެވެ. މިއާއެކު، އިމްތިޙާނާއި މެދު ކަންބޮޑުވުމާއި ވަގުތު ރަނގަޅަށް ރާވާނުލެވުމުގެ ސަބަބުން އެންމެ ހިތްހަމަޖެހޭވަރަކަށް ފިލާވަޅެއް ދަހެއްނުކުރެވެއެވެ.

    ކާމިޔާބަށް ވާސިލުވުމުން ނުހަނު އުފާވި ނަމަވެސް ނަތީޖާ ހޯދުމަށް ފުރިހަމައަށް މަސައްކަތް ނުކުރެވުނީތީ ދެރަވެސްވިއެވެ. ވުމާއެކު، ކުރިއަށް އޮތް މުސްތަޤުބަލުގައި އޭ ލެވެލްގައި ރަނގަޅަށް މަސައްކަތްކުރުމަށް އޭނާވަނީ ޢަޒުމުކަނޑައަޅާފައެވެ. މިގޮތުން، ސްކޫލް ކެޕްޓަންގެ މަޤާމަށް ކުރިމަތިލައި، ކާމިޔާބުކޮށް މަތީ ސާނަވީގައި ޚާޝިޢުއާއެކު ކިޔަވާ ހުރިހާ ކުދިންނާ ގުޅިގެން، ހުރިހާ ކުދިން ދަސްވެނިވުމަށް އެހީވެ މަގުފަހިކޮށްދިނުމަކީ ޚާޝިޢު ކުރާ އުއްމީދެކެވެ. މީގެ އިތުރުން، އޭ ލެވެލްއަށް ދުރާލާ ތައްޔާރުވެ ސާނަވީ ނަތީޖާ ދަމަހައްޓާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހޯދުމަކީ ވެސް ޚާޝިޢު ދެކެމުން އަންނަ ހުވަފެނެކެވެ.

    ކިޔަވާ ކުދިންނަށް ޚާޝިޢު ދޭން ބޭނުންވާ މެސެޖަކީ ގިނަގިނައިން ދުޢާކޮށް، ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކުރުމާއެކު ތަޢުލީމު އުނގެނުމަށާއި ދުނިޔޭގެ ހުރިހާކަމެއްގައި ވެސް ޚާލިޤުވަންތަ މާތް ﷲ އަށް ވަކީލުކޮށް ކުރިއަރައިދިއުމަށް މަސައްކަތްކުރާށެވެ. އަދި އަބާދާއަބަދު ކިޔެވުމުގެ ބަދަލުގައި ނަފްސު ހިތްހަމަޖެހޭ ކަމެއް ކޮށްލުމަށް ވަގުތުކޮޅެއް ހުސްކޮށްލާށެވެ. މިގޮތުން، ކިޔެވުމަށް ހޭދަކުރާ ވަގުތަށް ވުރެ، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަންދޭށެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ޚާޝިޢުގެ މި ތަޢުލީމީ ދަތުރުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާ ޚާޝިޢު އުއްމީދު ކުރާ ފަދަ ކާމިޔާބީތައް މިންވަރުކުރެއްވުމެވެ.

  • ހަނާން؛ ވިދަމުން އަންނަ ތަރި

    ހަނާން؛ ވިދަމުން އަންނަ ތަރި

    އާމިނަތު އިނާލާ އާދަމް، މަރިޔަމް ޝައުސަން ބަޝީރް، އާމިނަތު މާޝާ ޢަބްދުއްސަލާމް،  އާލިމާ އަބުދުލް މަޖީދު، އާމިނަތު އަމާނާ އަޒީމް   11ބީ

    ހދ.ކުޅުދުއްފުށި ނީލަމް ޢާއިޝަތު ޙަނާން އިލްޔާސްއަކީ ހަމަ އެގޭ އިލްޔާސް ހަސަނަށާއި ރޯޒްބޭންކް ޝަރީފާ ޢަލީއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ޙަނާން އުފަންވީ 2005ވަނަ އަހަރުގެ މެއި މަހުގެ 14ވީ ހޮނިހިރު ދުވަހުއެވެ. ޞިއްޙީ ދާއިރާއިން ކުރިއަށް ދިޔުމުގެ ހުވަފެން ދެކެމުން ދާ ޙަނާންއަކީ މައިންބަފައިންނާއި އެކުވެރިން ބުނާގޮތުގައި ކުދިންނާ ގުޅިގެން މަސައްކަތްކުރާ، ކަންކަމުގައި އިސްނަގާ، ސަކަ މިޒާޖެއްގެ ކުއްޖެކެވެ.

    ޙަނާންގެ އެންމެ ފުރަތަމަ  އެދުރަކީ އޭނާގެ މަންމަ ނަމަވެސް އުމުރުން އެންމެ 3 އަހަރުގައި  އަމީރް އަމީން ސްކޫލުން ތަޢުލީމީ ޙަޔާތުގެ ބިންގާ އަޅައިފިއެވެ. އެ ސްކޫލުގައި 1 އަހަރު ހޭދަކުރުމަށް ފަހު ޕްރީސްކޫލުގެ ބާކީ އޮތް އަހަރުތައް  ނިންމާލީ އިރުމަތި އަވަށު ޕްރީސްކޫލް (އައި.ޕީ.އެސް) އިންނެވެ. އެއަށްފަހު އުމުރުން 6 އަހަރުގައި ޢަފީފުއްދީން ސްކޫލުގެ ގްރޭޑް 1ގައި ކިޔެވުން ފެށިއެވެ.

    ޢަފީފުއްދީން ސްކޫލުގައި ގްރޭޑް 10 ނިމެންދެން ކިޔެވިއިރު، ޙަނާންއަކީ ޕްރިފެކްޓެއްގެ އިތުރުން ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ހަރަކާތްތެރި ދަރިވަރެކެވެ.  އެގޮތުން ނެޓްބޯޅައާއި ޤުރުއާން މުބާރާތްތަކުގައާއި ދިވެހި އަދި އިނގިރޭސި އަދަބީ މުބާރާތްތަކުގައި ބައިވެރިވެ ގިނަގުނަ ކާމިޔާބުތަކެއް ހޯދާފައިވެއެވެ.  މީގެއިތުރުން ޙަނާންއަކީ ލިޓިލްމެއިޑް އަދި ގަރލްގައިޑްގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އިންޓަރ ހައުސް މުބާރާތްތަކުގެ އިތުރުން ސްކޫލުން ބައިވެރިވި ޤުރުއާން މުބާރާތްތަކުގައި ޙަނާން ވަނީ ސްކޫލު ތަމްސީލުކޮށް ސްކޫލަށް ރީތި ނަން ހޯދައިދީފައެވެ. އަދި ގްރޭޑް 9ގައި އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަންގެ ޕްރެޒިޑެންޓްގެ މަޤާމް އަދާކުރުމަށްފަހު ގްރޭޑް 10ގައި ސްކޫލު ކެޕްޓަންކަމުގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން ކިޔެވުމަށް ކުރި މިންނަތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން  އޯލެވެލް އިމްތިޙާން ނިންމާލީ ޤައުމީ ގަދަ 10ގެ ދެވަނަ ކާމިޔާބު ކުރުމަށްފަހުއެވެ.  މީގެ އިތުރުން އޭނާ ޢަފީފުއްދީން ސްކޫލުން ވަކިވެގެން ދިޔައީ 3 ފަހަރުމަތިން ބެސްޓު އެކަޑަމިކް ގައިޑަރ އާއި ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ފަޚުރުވެރި މަޤާމް ވެސް ޙާޞިލްކޮށްފައެވެ.

    މި ހުރިހާ ކާމިޔާބެއް ޙާޞިލްކުރުމުގެ ތެރެއިން ހަނާންއަށް ވަނީ ގޮންޖެހުންތަކަކާވެސް ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އޭނާއަކީ ހަމައެކަނި ދަރިފުޅު ކަމުގައި ވެފައި މައިންބަފައިން ގިނަވަގުތު ވަޒީފާގައި ހޭދަކުރަންޖެހޭތީ ކުޑައިރުއްސުރެ އެކަނިވެރިކަން އިޙުސާސްކުރަން ޖެހުނުކަން އޭނާ ފާހަގަކުރިއެވެ. އޯލެވެލް އިމްތިޙާނަށް ތައްޔާރުވަމުން އައި ދުވަސްވަރު ދިމާވި ނަފްސާނީ އަދި ޖިސްމާނީ ބަލިމަޑުކަމުގެ ސަބަބުން އެތައް ގޮންޖެހުންތަކަކާއި  ކުރިމަތިލާންޖެހުނެވެ.  

    ދިމާވި ހުރިހާ ގޮންޖެހުންތަކަކާ ކުރިމަތިލައި، ކާމިޔާބު ޙާޞިލްކޮށް، މިހާރު ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12ގައި ކިޔަވަމުންދާ ޙަނާންގެ އުންމީދަކީ އޭލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދާ، މެޑިކަލް ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި ސްކޮލަރޝިޕެއް ހޯދުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މާތް ﷲ ޙަނާންގެ ހުވަފެންތައް ޙަޤީޤަތަކަށް ހައްދަވައި، އުފާފާގަތި ދުވަސްތަކެއް މިންވަރު ކޮށްދެއްވުމެވެ.  

  • ކާމިޔާބީގެ ކުރިބޯށްޓަށް ޙަނާން

    ކާމިޔާބީގެ ކުރިބޯށްޓަށް ޙަނާން

    ނާފިޒް، ސައްމާޙް، ޝައިޙާ، ދުންޔާ، އަމާނީ 11ސީ

    ތަޢުލީމީ ގޮތުން ގިނަ ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާ، ހ.ދ ކުޅުދުއްދުފުށީ ނީލަމް، އާއިޝަތު ޙަނާން އިލްޔާސްއަކީ ހދ. ކުޅުދުއްފުށީ ރޯޒްބޭންކް ޝަރީފާ ޢަލީއާއި ހަމަ އެރަށު ނީލަމް އިލްޔާސް ޙަސަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. 14 މެއި 2005 ގައި ދުނިޔޭގެ އަލިކަން ދުށް ހަނާންއަކީ ސަކަ މިޒާޖެއްގެ ވެރި، އެހެނަސް ކޮންމެ ކަމެއް ކުރުމުގައިވެސް ގަދައަޅާ މަސައްކަތްކުރާ ކުއްޖެއްކަމަށް އޭނާގެ ޢާއިލާއާއި ގާތް ރައްޓެހިން އިއްތިފާޤުވެއެވެ.

    ޕްރީސްކޫލްގެ ފުރަތަމަ މަރުހަލާއަށް އޭނާ 2008 ވަނަ އަހަރު ގުޅުނީ އަމީރު އަމީން ސްކޫލާއެވެ. ނަމަވެސް 2009 ވަނަ އަހަރު އެ ސްކޫލުން ވަކިވެ ޕްރީސްކޫލް ދައުރު އޭނާ ނިންމާލީ އައި.ޕީ.އެސްގައެވެ. އެއަށްފަހު 2012 އިން 2022 އަށް ޢަފީފުއްދީން ސްކޫލުގައި ތަޢުލީމް ހާސިލްކުރުމަށްފަހު 2022 އިން ފެށިގެން މިއަދާ ޖެހެންދެން އޭނާ ތަޢުލީމް ޙާޞިލްކުރަމުން ގެންދަނީ ޖަލާލުއްދީން ސްކޫލުގައެވެ.

    ސްކޫލް ދައުރުގައި ޙަނާން ވަނީ އެކި މަޤާމުތަކުގެ މަސްޢޫލިއްޔަތުތައް އަދާކޮށްފައެވެ. އެގޮތުން ގްރޭޑް 9 ގައި އުޅުނު އިރު އީ.އެލް.އޭގެ ރައީސްކަން ކުރުމާއި ގްރޭޑް 10ގައި އުޅުނު އަހަރު ސްކޫލް ކެޕްޓަންގެ މަޤާމު ފުރުން ހިމެނެއެވެ. މީގެއިތުރުން، ޙަނާން ވަނީ އެކި މުބާރާތްތަކުގައި ވާދަކޮށް، ކާމިޔާބީގައި އޭނާގެ ނަން ރަން އަކުރުން ފަވާލާފައެވެ. އެގޮތުން އޭނާ އެންމެ ވިދާލާފައިވަނީ 2018 ވަނަ އަހަރު ރަށު ޤުރުޢާން މުބާރާތުން ލިބުނު ފުރިހަމަ ކާމިޔާބީގެ ސަބަބުންނެވެ. މީގެ ނަތީޖާއަކަށް ވެގެން ދިޔައީ އަތޮޅު މުބާރާތްތަކުންވެސް އޭނާއަށް ފުރުޞަތު ލިބެން ފެށުމެވެ.

    2019 ވަނަ އަހަރު ޢަފީފުއްދީން ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ހުށަހަޅަން ލިބުން ވެގެން ދިޔައީ އޭނާގެ އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ ބެސްޓް އޯލް ރައުންޑް ހޯދުމަށް އޭނާއަށް އެދެވެން ފެށުނު ސަބަބަށެވެ. އެދުވަހު ސްޓޭޖްމަތިން ކުދިން އިނާމް ހާސިލް ކުރިތަން ފެނި އޭނާވެސް އެފަދަ ކާމިޔާބީއެއް ހޯދުމަށް ނުގުޑާފަދަ ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ.

    އެހެނަސް ފައިނަލް އިމްތިޙާނަށް ތައްޔާރުވަމުން ދަނިކޮށް ނޭނގި ހުއްޓައި އޭނާގެ ޙަޔާތަށް ބިޔަ ރާޅެއް ބިންދާލިއެވެ. ގްރޭޑް 10ގެ އަހަރު ކުއްލިއަކަށް އޭނާ ބަލިވެ، ޞިއްޙަތު ދަށަށް ދިޔުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ނަފްސާނީ ގޮތުންވެސް ބަލިކަށިކަމާއި ކުރިމަތިލާން ޖެހުމެވެ. ކުރު ގޮތަކަށް ބުނާނަމަ އެ ރާޅުގެ ދަށުނުވެ އޭނާ ސަލާމަތްވީ ކިރިޔާއެވެ. އެހެނަސް މައިންބަފައިންގެ ލޯތްބާއި އެތައް ބައެއްގެ އެހީތެރިކަމުގެ ނަތީޖާއަކަށްވެގެން ދިޔައީ ގަދަ 10ގެ ދެވަނައިގައި އޭނާ ހިމެނި، ސާނަވީ މަރުހަލާއަށް އޭނާ ކަނޑައެޅި ގިނަ ލަނޑުދަނޑިތަކަށް ވާސިލްވެވުމެވެ.

    މިހާރު އޭނާ ކިޔަވަމުންދަނީ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 12ގައެވެ. މިހާރު ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ޙަނާންގެ އުންމީދަކީ މަތީ ސާނަވީގެ ގަދަ 10ގައި ހިމެނި ހައި އެޗީވާސް ސްކޮލާޝިޕް ހޯދުމެވެ. އޭލެވެލް ކިޔަވާ ދަރިވަރުންނަށް އޭނާ ދޭ ނަސޭހަތަކީ އެންމެ ފުރަތަމަ ދުވަހުއްސުރެ ކުރެވޭ އެންމެ ބޮޑަކަށް މަސައްކަތް ކުރާށޭއެވެ. މާތްﷲގެ އިރާދަފުޅުން ޙަނާންގެ އެންމެހައި ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހި، ކާމިޔާބީގެ އިތުރު ހަރުފަތްތަކަކަށް ވާސިލްވުމުގެ ހެޔޮ ތަޢުފީޤު ދެއްވާށި! އާމީން.

  • ރިވާސް އޮސްމޯސިސްގެ ބާނީ

    ލިޔުނީ: އަޙްމަދު ޔާސީން އިބްރާހިމް، އަދުހަމް ހަސަން، އަބްދުﷲ ހިޝާމް މުޙައްމަދު (12ސީ)

    ޤައުމު ހައިރާންކުރަނިވި އީޖާދުތަކާއި އިންޤިލާބީ އުންސުރުތަކެއް އުފަންކޮށް އަމިއްލަ ރަށުގެ މުސްތަޤްބަލު އުޖާލާކުރި މޫސާ ސިރާޖަކީ ހ.ފިނިމާދޫ މޯފީމުގެ، ހުސެއިން އާދަމާއި ހަމައެގޭ މަރިޔަމް އަމާނީއަށް ލިބިފައިވާ  9 ދަރިންގެ ތެރެއިން ތިންވަނައަށް އެންމެ ހަގުކުއްޖާއެވެ. 1990 ވަނަ އަހަރު ޖެނުއަރީ 21ގައި ފިނިމާދޫއަށް އުފަން ސިރާޖުގެ ހަޔާތުން 17 އަހަރު، ފެނުގެ ނިޒާމަށް ޚިދުމަތްކުރުމަށް ހޭދަކޮށްފައިވާއިރު، އޭނާ އެންމެ މަޝްހޫރުވެފައިވަނީ “ރިވާސް އޮސްމޯސިސް“ އުފަންކުރި މުއައްސިސްގެ ގޮތުގައެވެ. އުފެއްދުންތެރި މަސައްކަތްތަކުގައި ޝާމިލްވާ ސިރާޖު ފާހަގަ ކުރެވެނީ ހިތްވަރުގަދަ، ދުރަށް ވިސްނާ ފަހުލަވާނެއްގެ ގޮތުގައެވެ.

          ސިރާޖުގެ ތަޢުލީމީ ހަޔާތްފެށުނީ 1996ގައި އުމުރުން އެންމެ 6 އަހަރުގައި ފިނިމާދޫ މަދަރުސާގެ ގްރޭޑް އެކަކާއި ގުޅުނު ހިސާބުންނެވެ. މި ސުކޫލުން ތަޢުލީމު ޙާސިލްކުރުމަށްފަހު ޘާނަވީ އިމްތިހާނުތަކާ ކުރިމަތިލީ ރަނގަޅު ވަޒީފާއެއް ހޯދާ، ޢާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ހަރުދަނާ ޝަޚްޞިއްޔަތަކައްވުމުގެ ނިޔަތުގައެވެ. އެހެންކަމުން 2006 ވަނަ އަހަރު އޯލެވެލް އިމްތިޙާނު ނިމުމާއެކު އެމް.ޑަބުލިއު.އެސް.ސީގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާގެ މައިދާނަށް ނިކުންނަން އޭނާ ނިންމިއެވެ.

          އެމް.ޑަބްލިއު.އެސް.ސީ ގައި ސިރާޖު މަސައްކަތްފެށީ ގެތަކަށް ގޮސް މީޓަރުގެ ރީޑިންގ ނަގާ މީހެއްގެ ގޮތުގައެވެ. މި ވަޒީފާގައި އޭނާ 3 އަހަރު ހޭދަކުރުމަށް ފަހު، އިތުރު ތަމްރީނާއެކު ޕްރައިމަރީ ޓެކްނިޝަންކަމުގެ މަޤާމު އޭނާއަށް ހަވާލުކުރެވުނެވެ. މީގެ އިތުރުން، އޭނާގެ ހުނަރުވެރިކަން އެ ކުންފުންޏަށް ފާހަގަވެ، އެމް.ޑަބްލިޔު.އެސް.ސީ މުވައްޒަފުންގެ ޤާބިލްކަން އިތުރަށް ހަރުދަނާކުރުމުގެ ޕްރޮގްރާމެއްގެ ދަށުން، ޢަމަލީ ތަޖުރިބާ ހޯދުމަށް މެލޭޝިއާގެ ފެންޕްލާންޓަށް ޒިޔާރަތްކުރުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. އެގޮތުން މިޓްރޭނިންގެ ތެރެއިން ދަސްވެގެން ދިޔަ އުކުޅުތަކާއި ފަންނިއްޔާތުގެ ޒަރީއާއިން، ޒަމާނީ އުފެއްދުންތައް އީޖާދުކުރުމުގެ ޝައުގުވެރިކަން އޭނާގެ ސިކުނޑީގައި ހަރުލިއެވެ. މި ހިތްވަރާއި އަޒުމާއެކު، އޭނާ 2009 ވަނަ އަހަރު ރާއްޖެއައިސް ދުވަހަކުވެސް ދުނިޔެއަށް ފެނިފައި ނުވާ ފަދަ މެޝިނުތަކެއް އުފަން ކުރުމުގެ މަސައްކަތް ފެށިއެވެ.  “ރިވާސް އޮސްމޯސިސް” ގެ ނަމުގައި ލޮނު ފެނުން ބޯފެން އުފެއްދުމުގެ އަޖައިބުކުރުވަނިވި ލަނޑުދަނޑިއާއެކުގައެވެ. 

          ސިރާޖު ފެނުގެ ނިޒާމަށް ގެންނަން ބޭނުންވި އިންޤިލާބީ ބަދަލު އަސްލަކަށް ހެދުމަށްޓަކައި އޭނާ ހީކުރި ވަރަށްވުރެ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެހެނީ، އެމް.ޑަބަލިއު.އެސް.ސީ ގައި ވަޒީފާ އަދާކުރަމުން ދިޔަ އުމުރުން 20 އަހަރުގެ ސިރާޖަށް ހުސްވަގުތު ލިބުންވީ ދަތިކަމަށެވެ. ހަމައެހެންމެ މިމަޝްރޫޢު ފުޅާކުރުމަށް ބޭނުންވާނެ ފަންޑިން ނުލިބުމުން މިކަން ޙާޞިލްކުރުންވީ ނުވާނެ ކަމެއް ކަމުގައި އޭނާ ދެކެން ފެށިއެވެ. އެހެންނަމަވެސް، އޭނާގެ އިޚްލާޞްތެރި މަޤްޞަދާއި އޭނާ ކުރަން ބޭނުންވާ ކަންތަކުގެ ޚަބަރުތައް ރަށުތެރޭގައި އާންމުވުމާ ގުޅިގެން އެކި މުއައްސަސާތަކުން ސިރާޖަށް މި މަޤްޞަދު ޙާޞިލްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވިއެވެ. މި މުއައްސަސާތަކުގެ އެއްބާރުލުމާއެކު 2012 ވަނަ އަހަރު ރިވާސް އޮސްމޯސިސް މެޝިނު ވުޖޫދުވެގެން އައެވެ. 

          މި ހުރިހާ ބުރަ މަސައްކަތެއްގެ މޭވާ ފެންނަނީ މިއަދުއެވެ. ސިރާޖުގެ ރަށް ކަމަށްވާ ފިނިމާދޫ ފެނުގެ ނިޒާމުގައި މުޅިންވެސް ބޭނުންކުރަނީ އޭނާގެ އީޖާދެވެ. ހަމަމިއާއެކު އޭނާވަނީ އެމް.ޑަބްލިޔު.އެސް.ސީ އަށާއި ފެނަކައަށާއި އަދި ތަފާތު އެކި ސަރުކާރު މުއައްސަސާތަކަށް އެތައް އައު އީޖާދުތަކެއް އުފަންކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން ސިރާޖުގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2015 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެއްވާފައެވެ. އޭގެ އެއް އަހަރު ފަހުން އޭނާގެ މަސައްކަތްތައް ފޮތެއްގެ ގޮތުގައި ޝާއިޢުކުރުމާ ގުޅިގެން ދުނިޔޭގެ ޒުވާނުންގެ ޖަމިއްޔާއިން ނެރެފައިވާ ޚަބަރެއްގެ ފަލަ ސުރުޚީން ވެސް ވަނީ ޖާގަ ހޯދާފައެވެ.

          މިއަދު ސިރާޖު މަސައްކަތް ކުރަމުންދަނީ ފިނިމާދޫ ކައުންސިލް އިދާރާގެ މެންބަރެއްގެ ގޮތުގައި، ރަށުގެ އެންމެހާ ރައްޔިތުންނަށް ބޯފެނުގެ އިތުރުން ލިބެންޖެހޭ އެހެނިހެން ޙައްޤުތައް ވެސް ކަށަވަރުކޮށްދޭށެވެ.  މީގެ އިތުރުން 2017 ވަނަ އަހަރު  ސިރާޖު ވާނީ ހ.ފިނިމާދޫ ބަގީޗާގެ އައިޝަތު އިބްރާހިމްއާއެކު  ޒަވާޖީ  ހަޔާތެއް ފަށައި، އެ ކައިވެންޏަށް 2 އަންހެން ކުދިން ލިބި އުފާވެރި ޢާއިލާއެއް ބިނާކޮށްފައެވެ. ސިރާޖުގެ  އުއްމީދަކީ މިއަދުގެ ޒުވާނުން، މުޖުތަމަޢުގެ  ލާބަޔާއި  މަންފާއަށް މަސައްކަތް ކުރާ ޒިންމާދާރު ހަރުދަނާ ބަޔަކަށްވާތަން ފެނުމެވެ. އޭނާގެ ނަސޭހަތަކީ މަތީ ތަޢުލީމުގެ ހަރުފަތްތައް ކަޑައްތު ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ޢިލްމީ ދަރިންތަކަކަށްވުމަށް އެންމެންވެސް ޢަޒުމު ކަނޑައެޅުމެވެ. އަޅުގަނޑުގެ ދުޢާއަކީ ސިރާޖުގެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށެވެ. 

  • އަންހެން މެކޭނިކު

    އަންހެން މެކޭނިކު

    12އޭ

    ސުވާލު:
    އައިޝަތު ޝައުފާއަކީ ރާއްޖެ އެންމެ ފުރަތަމަ ދުށް އަންހެން މެކޭނިކަލް އިންޖިނިއަރެވެ. ރ. މީދޫ، ހަނދުވަރުގޭ ޝައުފާއަށް އެރަށު ކައުންސިލުން އަގުވަޒަން ކުރުމުގެ ގޮތުން އިނާމެއްވެސް ދީފައެވެ. އަދި ޝައުފާވަނީ އަމިއްލަ ގަރާޖެއް ހުޅުވައި އެތައް ބަޔަކަށް ޚިދުމަތްކޮށްދޭންވެސް ފަށާފައެވެ. މި ޝަހުސިއްޔަތުގެ ހަޔާތުނާމާއެއް ލިޔާށެވެ!

              
    އަންހެން މެކޭނިކު

    ރ. މީދޫ، ހަނދުވަރުގޭ އައިޝަތު ޝައުފާ ހަސަނަކީ ރާއްޖެ އެންމެ ފުރަތަމަ ދުށް އަންހެން މެކޭނިކަލް އިންޖިނިއަރެވެ. 1992ގައި އުފަންވި ޝައުފާއަކީ އެގޭ ހަސަން އަލީ އަށާއި ހައްވާ އަހުމަދަށް ލިބުނު ދެވަނަ ދަރިފުޅެވެ. ހިތްތިރި، މަޑުމައިތިރި އަދި ސަކަ މިޒާޖުގެ ޝައުފާ ވަނި މެކޭނިކުގެ މަސައްކަތުގައި ގިނަ މީހުންގެ މަޤުބޫލުކަން ހޯދާފައެވެ.
       ޝައުފާގެ ތައުލީމީ ހަޔާތުގެ ބިންގާ އެޅުނީ އެރަށުގެ ޕްރީސްކޫލުންނެވެ. އެ ދުވަސްވަރު ވެސް ގޭގައި ގިނަ ވަގުތު ހޭދަކުރަނީ ބައްޕައާއެކު ބައްޕަގެ ގަރާޖުގައެވެ. އޭރުއްސުރެ ޝައުފާ ދިޔައީ ބައްޕަ ކުރި މަސައްކަތް ދަސްކުރަމުންނެވެ. އެރަށު މަދަރުސާއިން އޯލެވަލް ނިމުނުއިރު ޝައުފާއަށް ގަރާޖެއްގައި ކުރަން ނޭނގޭ މަސައްކަތެއްނެތެވެ. ކަންދިމާކުރިގޮތުން ޝައުފާގެ ބޮޑުބޭބެއަކީ ވެސް މާލޭގައި އެފަދަ މަސައްކަތްތައް ކުރަމުންދިޔަ މީހަކަށްވާތީ، ޤައުމީ ޔުނިވަރސިޓީން މެކޭނިކަލް އިންޖިނިއަރިންގ ޑިގްރީ ހޯދީ ބޮޑުބޭބެ ކައިރީގައި މަސައްކަތް ކުރަމުންނެވެ. ވުމުން ޑިގްރީއާއެކު ވަޒީފާގެ މައިދާނުގައި ދިމާވާނެ ކަންކަންވެސް ދަސްކުރިއެވެ.
       ޑިގުރީ ނިމުމާއެކު ޝައުފާ އެނބުރި ރަށަށް އައިސް އަމިއްލަ ގަރާޖެއް ހުޅުވިއެވެ. އެހެންނަމަވެސް މުޖުތަމަޢުގައި ފިރިހެނުންނަށް ހާއްސަ މަސައްކަތެއް ކަމަށް މީހުން ދެކެމުންއައި ދާއިރާއަކުން ޝައުފާފަދަ އަންހެން ކުއްޖެއް ފެނުމުން، ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވިއެވެ. އަންހެން ކުއްޖަކު ގަރާޖެއްގައި މަސައްކަތް ކުރާތީއޭ ކިޔާ ގިނަ ބަޔެއްގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. އަދި މީގެ އިތުރުން ޝައުފާ މަސައްކަތް ކުރަމުން ދިޔަ ގަރާޖަށް ބަޔަކު ވަގަށް ވަދެ އެތަނުގެ ތަކެއްޗަށް ގެއްލުންދީ މުޅިތަނަށް ކަޅުތެޔޮ ޖެހިއެވެ. މިއީ މަސައްކަތުގެ ކުރީކޮޅު ޝައުފާއަށް ކުރިމަތިލާންޖެހުނު ބޮޑު ގޮންޖެހުމެވެ.
       ކިތަންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނަސް ޝައުފާގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. މައިންބަފައިންނާއި ގާތް ރަހުމަތްތެރިންގެ ހިތްވަރުގެ ބަސްތަކުން ޝައުފާގެ އަޒުމު އިތުރަށް ވަރުގަދަވިއެވެ.  ގޮންޖެހުންތައް ހުރަސްކުރުމަށްފަހު ޝައުފާ ވަނީ ގިނަ ކާމިޔާބިތަކެއް ހޯދާފައެވެ. އެގޮތުން ރަށުގައި ގަރާޖުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ޝައުފާވަނީ ރަށުގެ އެތައް ބަޔަކަށް ޚިދުމަތް ކޮށްދީފައެވެ. މިގެ ސަބަބުން ޝައުފާގެ ޤާބިލުކަން އެމިހުން ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ގިނަ ބައެއްގެ ލޮލުގައި މި ”އަންހެން މެކޭނިކު“ އަޅައިގަތެވެ. މިގެ ސަބަބުން އަތޮޅުގެ އެހެން ރަށްތަކުންވެސް ދުއްވާ އެކިއެކި އުޅަނދުތައް ހަލާކުވުމުން ހަދަން ފޮނުވަނީ ޝައުފާގެ ގަރާޖާށެވެ. އެއިން ކޮންމެ މިހަކަށްވެސް ޝައުފާ ޙިދުމަތް ކޮށްދިނީ އެންމެ މަތީ ފެންވަރުގައެވެ. މިހެންވެ ގިނަބަޔެއްގެ ތައުރީފު ޝައުފާއަށް ލިބެމުން ދިޔައެވެ. އަދި ޝައުފާގެ ގަރާޖު ވެގެން ދިޔައީ ރާއްޖޭގައި ހުރި އެންމެ މަޤުބޫލު ގަރާޖުތަކުގެ ތެރެއިން އެއް ގަރާޖަށެވެ.
       މިހާރު ޝައުފާއަކި ތން އަންހެން ކުދިންގެ މަންމައެކެވެ. މަންމައެއްގެ މަސްޢޫލިއްޔަތު އުފުލަމުންވެސް ޝައުފާ ގަރާޖުގައި މަސައްކަތް ކުރަމުން ގެންދިޔައެވެ. ޝައުފާއަށް، އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން މިދޫ ކައުންސިލުން ވަނީ އިނާމެއްވެސް ދީފައެވެ. ޝައުފާގެ އުންމީދަކީ ކުރިޔަށް އޮތް މުސްތަޤުބަލުގައި މިދާއިރާއިން ގިނަ އަންހެން ކުދިން ފެނިގެން ދިއުމެވެ.

  • ވިޔަފާރީގެ ދާއިރާއިން ކުރިބޯށްޓަށް.

    ވިޔަފާރީގެ ދާއިރާއިން ކުރިބޯށްޓަށް.

    އިބްރާހީމް މާހިލް ޢަބުދުﷲ، އަޙުމަދު ޔައިޝް މުޙައްމަދު، ޢާއިޝަތު ޙަނާން އިލްޔާސް- 12ސީ

    ސުވާލު:

    ޑ.ގުރައިދޫ ފެންފިޔާޒުގޭ މޫސާ ޢަލީ އަޙްމަދަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅަދާނަ ޝަޚްޞިއްޔަތެކެވެ. އަމިއްލަ މަސައްކަތުން ފެށި ވިޔަފާރި ފުޅާކޮށް، މިހާރު އޭނާއަކީ މާލޭގައި ހުންނަ އެންމެ ބޮޑު ޝޮޕިންމޯލުގެ ވެރިމީހާއެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އޭނާގެ ވިޔަފާރީގެ ގޮތްޕެއް ހުރެއެވެ. ރާއްޖެއިން ބޭރަށް އޭނާގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްކުރަމުންދާ މި ހިތްވަރުގަދަ ޝަޚްޞިއްޔަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަޔާތުނާމާއެއް ލިޔާށެވެ.

    ވިޔަފާރީގެ ދާއިރާއިން ކުރިބޯށްޓަށް.

     1979 ވަނަ އަހަރުގެ ޖުލައި މަހުގެ 3ވީ ހޯމަދުވަހު ދުނިޔޭގެ އަލިކަން ދުށް މޫސާ ޢަލީ އަޙްމަދަކީ، ޏ.ގުރައިދޫ ފެންފިޔާޒުގޭ އަޙްމަދު ޙުސައިނަށާއި ހަމަ އެގޭ މަރިޔަމް ހަސަނަށް ލިބފައިވާ 5 ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. އުމުރުން 15 އަހަރުން ފެށިގެން ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މޫސާ ޢަލީއަކީ، ހީވާގި މަސައްކަތްތެރިއެކެވެ.  މީހުންގެ މަޤުބޫލުކަން ހޯދާފައިވާ ކުޅަދާނަ ޝަޚްޞިއްޔަތެކެވެ.

    ކުޑައިރުންސުރެ ވިޔާފާރީގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ޢަލީ، ތަޢުލީމު ޙާޞިލުކުރީ ޑ.އަތޮޅު ތަޢުލީމީ މަރުކަޒުން ގުރޭޑު 1ން 7އަށެވެ. ރަށުން އިތުރަށް ކިޔެވެން ނެތުމާއެކު ސުކޫލު ނިންމާލުމަށްފަހު، ވަގުތު ހޭދަކުރީ މަންމައާއި ބައްޕަގެ ދަނޑުން ލިބޭ ތަކެތި ވިއްކުމުގައެވެ. މި މަސައްކަތް ކުރުމުގެ ތެރެއިން، އޭނާގެ ކުޅަދާނަކަން ފެނި، އެރަށުގެ އޭރުގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ މުނީރުގެ ފިހާރައިގައި ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނެވެ. ވަޒީފާގައި އުޅުމުން ލިބުނު ތަޖުރިބާއާއި އާމްދަނީގެ ބޭނުންކޮށްގެން، އޭނާގެ އެންމެ ފުރަތަމަ ކުޑަ ފިހާރަ ހުޅުވީ 1999 ވަނަ އަހަރު، ”ފަންސަންގު“ ގެ ނަމުގައެވެ.

    މޫސާ ޢަލީގެ ފުރަތަމަ ވިޔަފާރި ހިނގައިގަންނަ ގޮތެއް ނުވިއެވެ. ލިބޭ ފައިސާކޮޅުން ޚަރަދަށް ކަނޑާފައި ބާކީއެއް ނުވެއެވެ. މި ޙާލުގައި އުޅެނިކޮށް އެކުވެރިއެއްގެ ލަފާގެމަތީން ވިޔަފާރީގެ އުކުޅުތައް ބަދަލުކޮށް، ޚިދުމަތް ލިބިގަންނަ މީހުންނާއި ގުޅުން ބަދަހިކޮށް ކުރި ބުރަ މަސައްކަތުން ވިޔަފާރި ހިނގައިގަތީ ވަރަށް އަވަހަށެވެ.  ނަތިޖާއެއްގެ ގޮތުން 2002ވަނަ އަހަރަކީ އޭނާގެ ދެވަނަ ފިހާރައެއް، ގުރައިދޫއާއި ކައިރި ޑ.މީދޫގައި ހުޅުވި އަހަރެވެ. މި ފިހާރައަކީ ފަންސަންގާއި ޚިލާފަށް، ކާބޯތަކެތީގެ އިތުރު އެހެނިހެން ބާވަތްތައް ވެސް ލިބެންހުރި ފިހާރައެކެވެ. މޫސާގެ ދެވަނަ ފިހާރަ ”އަލިފުޅު ޓްރޭޑް“ ވެގެންދިޔައީ އޭނާގެ ވިޔަފާރީގެ ޙަޔާތުގެ ކާމިޔާބީގެ ފެށުމަށެވެ.

          ޖެހިގެން އައި އަހަރުތަކުގެ ތެރޭގައި، އަތޮޅުތެރޭ ރަށްތަކުގައި ވިޔަފާރި ކުރިއަރުވާ، 2007 ވަނަ އަހަރު މާލޭގައި ”ފަރިހި“ ގެ ނަމުގައި ބޮޑު ފިހާރައެއް ހުޅުވިއެވެ. އާންމު ދިރިއުޅުމުގައި ބޭނުންވެދާނެ ހުރިހާ އެއްޗެއް ލިބޭނޭހެން ހުޅުވި މި ފިހާރަ ވެގެންދިޔައީ މާލޭގައި ވަރަށް މަގުބޫލު ފިހާރައަކަށެވެ. ލިބުނު ބޮޑު ތަރުޙީބާއެކު ”އެމް.އޭ.އޭ މޯލް“ ގެ ނަމުގައި 2013 ވަނަ އަހަރު މާފަންނުގައި ހުޅުވުނު ބޮޑު ޝޮޕިން މޯލްއާއެކު މޫސާގެ ކާމިޔާބުގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފެށިއެވެ. މޫސާގެ މި ކާމިޔާބާ ގުޅިފައިވަނީ ވިޔަފާރީގައި ގެންގުޅޭ އުކުޅުތަކެވެ. ޚާއްޞަކޮށް ކަސްޓަމަރުންނާ އޮންނަ ގުޅުމެވެ. ރާއްޖޭގެ އެކި ހިސާބުގައި ފިހާރަތައް ހުރިނަމަވެސް، ކިތަންމެ ގިނަ މުވައްޒަފުންނެއް ގެންގުޅުނު ނަމަވެސް އޭނާގެ ހުރި ހުށިޔާރުކަމެވެ. މަސައްކަތްތެރިކަމާއި މުރާލިކަމެވެ. އޭނާގެ އެހީ ބޭނުންވި ކޮންމެ މީހަކަށް އެއްވެސް ފަސްޖެހުމެއް ނެތި ފޯރުކޮށްދޭ އެހީތެރިކަމެވެ. ދެގޮތެއްނުވާ އިޖުތިމާޢީ ޚިދުމަތެވެ. މިއަދު ވެސް މޫސާގެ ހުރިހާ ވިޔަފާރިއެއް ހުއްޓުމެއް، މަޑުޖެހުމެއް ނެތި ހިނގަމުން ދާ ދިއުން މިކަމުގެ ހެތްކަކަށް ފުދެއެވެ.

     2001ވަނަ އަހަރު ޒަވާޖީ ޙަޔާތެއް ފެށި މޫސާއަކީ ރާއްޖޭގެ އެންމެންގެ ޤަދަރާއި އިޙްތިރާމް ހޯދާފައިވާ މަހުޖަނެއްގެ އިތުރުން ތިން ކުދިންގެ ބައްޕަވެސްމެއެވެ. އޭނާގެ ލޮބުވެތި އަންހެނުން ޒުލައިޚާ ރަފީޢާއެކު އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތުކުރަމުންދާ މޫސާ ޢަލީ މުޙައްމަދުގެ އުއްމީދަކީ ކައިރި މުސްތަޤުބަލެއްގައި ރާއްޖެއިން ބޭރަށް އޭނާގެ ”އެންޕަޔަރ“ ފުޅާކުރުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މޫސާ ޢަލީގެ  މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވައި އޭނާގެ އުއްމީދުތައް ފުރިހަމަކޮށްދެއްވުމެވެ.