ފާތިމަތު ލައިސާ ނާޖިޙް(11B)
ޤައުމެއް ތަރައްޤީވެ ކުރިއަރާ ދިޔުމުގެ މައި ނާރެސް ކަމުގައި ވެފައިވަނީ “ އަހަރެންގެ މޭ ޤައުމަށް ޓަކައި އައްޑަނަ އަކަށް ދިއްކޮށްލުމީ، ފަހު ނޭވަޔަށް ދަންދެން މޮޓޯ ކަމުގައި ޚިޔާރުކުރާނަމޭ“ ބުނަން ކެރޭ ފެންވަރުގެ ހިތްވަރުގަދަ ކެރުންތެރި ޒުވާނުންނެވެ. ތާރީޚުގެ ފަތްފުށްތަކުން ފެނި ހާމަވަނީ ދަރަނިވެރިވެ ބަނގުރޫޓުވެފައި އޮތް އިޤްތިސާދުތައް ހަލި ދުވެލީގައި ކުރިއަރުވާ އަރަނިވެރި ކުރުވި މޭސްތިރިންނަކީ އެ ޤައުމުތަކުގެ ޒުވާނުންކަމެވެ. ނަމަވެސް މިއަދު ލޯތަކުން ކަރުނަ އޮހޮރުވައިލާ ހިތި ހަޤީގަތަކީ އެ ޖޯޝާއި ޒިންމާދާރުކަން ދިވެހި އުންމަތުގެ ރައުސުލްމާލު ކަމުގައިވާ އަދުގެ ޒުވާނުންގެ ކިބައިން ނުފެނުމެވެ.
އަދުގެ ޒުވާނުންގެ ޒިންމާދާރުކަމެއް ނެތްކަން ހާމަވާ އެންމެ އަލިގަދަ ހެއްކަކީ ވަޒީފާއެއް ނެތް ޒުވާނުންގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމެވެ. ގަޑިއަށް ފަރުވާތެރިނުވުމާއި ހަވާލުކުރެވޭ ޒިންމާތައް ފުރިހަމައަށް އަދާ ނުކުރުމުގެ ސަބަބުން ކޮންމެ އަހަރަކު އެތައް ޒުވާނުންނެއް ވަޒީފާ އިން ވަކިކުރެއެވެ. އާމްދަނީ ހޯދޭނެ ގޮތެއްނެތި އަތްމަތި ދަތިވުމުން ގިނަ ޒުވާނުން ދެން ޚިޔާރުކުރަނީ މަސްތުގެ ކަށިކުނބުރު ޖަންގަލީގެ ތެރެޔަށް ވަދެގެން ދިޔުމަށެވެ. މިކަމުގެ އާޚިރު ނަތީޖާ އަކީ ރޭގަނޑެއް ދުވާލެއް ވަކިކުރަން ނޭނގި މަސްތުގެ ރަން ދުނިޔެއެއްގާ ހަޔާތުގެ އަގުހުރި ވަގުތުތައް ނަގައިލަމުންދާ ނޫކަށިފުރައިގެ ޒުވާނުން މުޖުތަމަޢުގެ ބަލައިލާ ކޮންމެ ދިމާލަކުންވެސް ފެންނަމުން ދިޔުމެވެ. ވަޒީފާގެ މައިދާނުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައިވާ އަދުގެ ޒުވާނުން ވަނީ ޒުވާނުންގެ ޒިންމާ އަދާކުރުމަށް ނުކުޅެދިފައެވެ.
ޒުވާނުންގެ ޒިންމާދާރުކަމެއް ނެތްކަން ހާމަވާ އަނެއްކަމަކީ ކުށުގެ ވެށީގައި ޒުވާނުންގެ ހިއްސާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔުމެވެ. އެގޮތުން ސްކޭމްކޯލްތަކާއި ފޭކް ލިންކްތަކުގެ ޒަރިއްޔާއިން ، އުމުރުދުވަހު ކުރި މަސައްކަތުން އެއްކުރެވުނުހާ ފައިސާއެއް ފޭރިގަންނަނީ އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ވައްކަމާއި މަގުފޭރުމުގެ މައްސަލަތަކުގައި ވެސް އެންމެ ގިނައިން ހައްޔަރުކުރަނީ ޒުވާނުންނެވެ. ބިރުން ފިތްކަނޑައިގެންދާ ވަރުގެ ރަހުމްކުޑަ ގަތުލުތަކާއި އަނިޔާވެރި އެތައް މާރާމާރީއެއްގެ ފަހަތުގައިވެސް ތިބީ ހަމަ ޒުވާނުންނެވެ. ކުށުގެ ހާއްޔަކަށް ގައުމު ބަދަލުކުރުމުގެ މިލަ ޒުވާނުންގެ އަތްތަކުގައި ހޭކިފައިވުމުން ރަމްޒުކޮށްދެނީ ޒުވާނުންގެ ޒިންމާދާރުކަމެއް ނެތް ކަމެވެ.
އަދުގެ ޒުވާނުންގެ ޒިންމާދާރުކަން ކުޑަވެފައިވާ މައިގަނޑު އެއް ސަބަބަކީ، ދިވެހި އުދަރެހުގެ އެންމެ އުހުގައި ޓެކްނޮލޮޖީ ފިޔަޖަހަން ފެށުމާއިއެކު، މި ޒުވާނުންގެ ހަޔާތުގެ އައްސޭރިއަށް ބިންދަންފެށި އޮންލައިން ގޭމްކުޅުމުގެ ވަރުނުލާ ރާޅުތަކެވެ. ގޭމް ކުޅުމަށް ދެވިހިފާ ގޭމްގެ ދުނިޔެއެއްގައި ފިޔަ ކޮށަލާފައިވާ ދޫނިތަކެއް ފަދައިން ބަންދުވެފައި މިއަދު އެތައް ޒުވާނުންނެއް އެބަތިއްބެވެ. އިޖުތިމާއީ އެތައް މައްސަލައެއްގެ ތެރޭގައި ދިވެހި އުންމަތް ހަނާވަމުންދާއިރު ވެސް އަދުގެ ޒުވާނުން ތިބީ ޣާފިލްކަމުގެ ނިދިން ނިދައިފައެވެ. އެޒުވާނުންގެ ހިކުމަތާއި ހިންމަތަށް އެދި ޙުއްބުލްވަތަން ރޮއި އާދޭސްކުރަމުންދާއިރު ވެސް ގޭމްތަކުގެ އަވައިގައި ޖެހި ވަގުތުތައް ނަގައިލާނީ ޒިންމާ ނެގުމުގެ ގާބިލްކަން އެ ޒުވާނުންގެ ކިބައިގައި ނެތުމުންނެވެ.
މައިންބަފައިން މުސްކުޅިވީ ދުވަހު އެމީހުންނާއި މެދު އިހުމާލުވެ ފަރުވާކުޑަކުރަމުން ދަނީ މި ޒުވާނުންގެ ކިބައިގައި ޒިންމާދާރުކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތުމުންނެވެ. މައިންބަފައިން އެމީހުންގެ ދެލޮލުގެ ކޮއިފަދައިން ބަލާ ބޮޑުކުރި ދަރިން އެ މައިންބަފައިން މުސްކުޅިވާ ދުވަހު، ފެނުކައްކާ ބޮލީގެ ޢިއްޒަތް ދީފައި، ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންގޮސް ލާއިރު، އެ ދަރިންގެ ހިތުގައި އިންސާނިއްޔަތު ކަމުގެ ކުނޑިފަށެއް ވެސް ނެތީ ބާއެވެ؟ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އިސްރަށްވެހިންގެ ދުލުން އޮހޮރި އެމުނެމުން ދަނީ، އެމީހުންގެ ޒުވާން ދަރިންގެ ފަރާތުން ތަޙައްމަލް ކުރަން ޖެހިފައިވާ އަނިޔާއާއި އިހުމާލުން، ކަޅިވެފައިވީ ވޭނީ ފަސާނާތަކެވެ. މަންމަގެ ފައިތިލަ ދަށުގައި ސުވަރުގެ ވާއިރު އެ މައިމީހާ އާއި މެދު އެހާ އިހާނެތިކޮށް އަމަލުކުރަންކެރޭނީ އަދުގެ ގިނަ ޒުވާނުންގެ ކިބައިގައި ޒިންމާދާރުކަމެއް ރަހުމެއް ޙަމްދަރުދީއެއް ނެތުމުންނެވެ.
ޤައުމުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލި ނަމަވެސް ފެނިގެންދަނީ އަދުގެ ޒުވާނުންގެ ޒިންމާދާރުކަމެއް ނެތް ކަމެވެ. ގިނަ ޒުވާނުން ވަނީ ހަރުދަނާ ވަޒިފާއެއްގެ ނަސީބުން އަމިއްލަ ނަފްސު މަހުރޫމް ކޮށްފައެވެ. ތަޣައްޔަރު ވެފައިވާ ދިވެހި ކުށުގެ ވެށީގައި ފައިތިލަ ސާބިތުކޮށްފައެވެ. އަވާމެންދުރެއް ފަދަ އޮންލައިން ގޭމްގެ އަވައިގައި ޖެހި ހަޔާތް އޮޔާ ލައިފައެވެ. ދެގޮތެއް ނުވެ އަބަދުވެސް ގާތުގައިވީ މައިންބަފައިން މުސްކުޅިވީ ދުވަހު ބާކީ ކޮށްލައިފައެވެ. ކަންމިހެން ހުރުމާއިއެކު ދިވެހި ޤައުމުގެ މުސްތަޤުބަލް ރޯޝަންކޮށް ހުޅުދާން ކުރެވޭނީ ”ނާރުތަކުގާ ދިވެހި ލޭ ހިނގާ ނަމަ މަގޭ ޖާނުގަ ވިންދު މިގޮތަށް ޖަހާ ނަމަ އިނގޭ، ބާރުގައި ނަމަ އެކަނި ފައިގެ ފިޔަވަޅު ނެގޭ ފާރަވެރިވާން މި ގައުމަށް މަ ހުންނާނަމޭ“ ބުނާނެ ފަދަ ޒިންމާދާރު ޒުވާން ޖީލެއް ބިނާ ކުރެވިގެންނެވެ.