ލޫޠު އަޙުމަދު (ޖަލާލުއްދީން ސްކޫލް، 12ބީ)
މިއީ އަހަރެން (ކުޅުދުއްފުށި ސިޓީ، ބިންބިވިލާ، އަޙުމަދު މުނީޒު) އާއި އަހަރެންނާއެކު ހޮސްޕިޓަލުގައި މަސައްކަތްކުރާ އިތުރު ދެ ނަރުހުންނާއި ސީއެންބިއުލާންސްގެ ފަޅުވެރިއަކާއި ކައްޕިއާއެކު، ބަލިމީހަކު ބަލައި ކުޅުދުއްފުށި ސިޓީން ހދ.ކުމުންދޫއަށް ކުރި ދަތުރުގެ ދަތުރުނާމާއެވެ. ކުއްލި ޙާލަތުގައި ކުމުންދޫ ޞިއްޙީ މަރުކަޒުގައި އޮތް ބަލި މީހަކު ކުޅުދުއްދުށީ ހޮސްޕިޓަލަށް ގެންނަންޖެހޭކަން މެނޭޖުމަންޓުން އެންގުމުން އަހަރެމެން ދަތުރަށް ފުރީ، 2026 ޖުލައި 2ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ގައެވެ. އާންމުކޮށް ބަލިމީހަކު ބަލައި ކުރާ ދަތުރުތަކުގައި ގެންދާ ކުއްލި ޙާލަތުގައި ފަރުވާދެވޭނޭ ސާމާނާއި އަތުގައި އޮތް ފޯނު ފިޔަވައި އިތުރު އެއްޗެއް އަހަރެމެން ނުގެންދަމެވެ.
ދަތުރަކީ އެ ދުވަހުގެ ހަވީރު ކުރަން އޮތް ދަތުރެއް ނަމަވެސް އެރޭ ދަންވަރަށް ދަތުރު ފަސްކުރެވުނީ ވެސް ވިއްސާރަވެ ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކޮށް، މުސުމާބެހޭ އިދާރާއިން އޮރެންޖު ސަމާލު ނެރެފައިވާތީއެވެ. އެހެން ނަމަވެސް ބަލިމީހާގެ ނާޒުކު ހާލަތަށް ބަލައި، އޮރެންޖު ސަމާލު ހުދު ސަމާލަކަށް ބަދަލުވީމާ، އަދި އެއީ 15ވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި އޮތް ރަށަކަށް ވާތީއާ ވެސް އެކުގައި، އެހެން ގޮތެއް ނެތުމުން ދަތުރަށް ފެށީއެވެ.
ބޮޑުމުޙައްމަދު ކަލޭފާނު ބަނދަރުން ނުކުމެގެން ރަށުގެ ނިވަލަށް ނުދެވެނީސް ފުރަތަމަ ރާޅު ލޯންޗުގެ ތެރެއަށް ބިންދާލިއެވެ. އެވަގުތު ސިފަކުރެވުނީ ވަރަށް ބިރުވެރި، އަދި އެހާމެ ނުރައްކާތެރިކޮށެވެ. އަހަރެމެން އެންމެނަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު ތަކުބީރު ކިޔަން ފެށުނީ އިޚްތިޔާރަކާނުލައެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ ނުތަނަވަސްކަމާއި ހާސްކަމެވެ. ލޯންޗުތެރެއަށް ލޮނުގަނޑު ވައްދާލީ ކުރީކޮޅުގެ ދޮރުގެ ތަންޑު ނޭޅުވި ހުރީމާކަމަށް ބުނެ ފަޅުވެރި މޫސަ ތަންޑު ރަނގަޅަށް އަޅުވައިލުމުން ކައްޕި އާދިލް ލޯންޗުގެ ދުވެލި ހަރުކޮށްލިއެވެ. މާކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން އެއް ރާޅު މަތިން، އަނެއް ރާޅުގައި ކަތި ވިއްދަމުން ލޯންޗުގަނޑު ތަޅުވަމުން ދިޔައިރު ހީވީ ދެންމެދެންމެ ލޯންޗު ފަޅައިގެން ހިނގައިދާނޭ ހެންނެވެ.
ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑަކާއެކު ދޮރުގައި ހުރި ތަންޑުގަނޑު ބިންދާލައި ދެވަނަ ރާޅު ލޯންޗުގެ ތެރެއަށް ވައްދާލީ ކުމުންދޫ ކަނޑިންމާ ފައިކަށިކައިރިން ފަޅަށް ވަންނަށް ހުންގާނު އަނބުރާލި ވަގުތުއެވެ. އިސާހިތަކު ލޯންޗުގެ ތެރޭގައި ދިޔަބޮޑުވެ ލޯންޗުގެ ބެޓެރި ސެޓަށް ލޮނުއެޅި އިންޖީނު ނިވުނެވެ. އަހަރެމެންނަށް ރަށުގެ ފަޅުތެރެއަށް ވަދެވުނީ އެ ވަގުތު އެ ރަށު ފަޅަށް ވަން މުދާއުފުލާ ބޯޓެއްގެ އެހީގައެވެ.
ލޯންޗުގެ އިންޖީނު އިސްޓާޓުނުވުމުން، ބަލައިދިޔަ ބަލިމީހާ ގޮވައިގެން ސީއެންބިއުލާންސުގައި އެ ރަށުން ފުރޭ ގޮތެއް ނުވިއެވެ. އެ ރަށު އަމިއްލަ މީހެއްގެ ލޯންޗެއްގައި އެނބުރި ކުޅުދުއްފުށްޓަށް އައުމަށް ފުރީ ބަލިމީހާއާއި ބަލިމީހާގެ އެހީތެރިއަކާއި އަހަންނާއި އަހަންނާއެކު ދަތުރުގައި ބައިވެރިވި އަނެއް ދެ ނަރުހުންނެވެ. ކައްޕިއާއި ފަޅުވެރިޔާ މަޑުކުރީ ސީއެންބިއުލާންސް މަރާމާތުކުރާށެވެ. އެނބުރި އައިއިރު ދަތުރުކުރީ ވަޔާ އެއްކޮޅަށް ކަމަށް ވާތީ ކަނޑުގަދަކަމުގެ އިހްސާސްކުރެވުނީ ތަންކޮޅެއް ކުޑަކޮށެވެ. އެހެން ނަމަވެސް ކަނޑު މަޑެއް ނޫނެވެ.
ﷲގެ ހެޔޮ ރަޙުމަތުން ދަތުރުގެ މަޤްޞަދު ހާސިލުކޮށް ކުޅުދުއްފުށީ ބަނދަރަށް ލޯންޗު ބިތްކުރިއިރު މެންދަމު 3:30 ވަނީއެވެ. އޭރު އެންބިއުލާންސް އަހަރެމެންގެ އިންތިޒާރުގައި އެ ސަރަހައްދުގައި އޮތެވެ. އެއީ ދުވަހަކުވެސް ހަނދާނުން ނުފިލާނޭ ބިރުވެރި ދަތުރެކެވެ.