ކުޅުދުއްފުށީގެ ޒުވާން ތަރި

މުޙައްމަދު މިޙްރާން މަމްދޫހް – 10އޭ

 2006ވަނަ އަހަރު، ފެބްރުއަރީ 28 ވީ އަނގާރަ ދުވަހު، ހދ.ކުޅުދުއްފުއްޓަށް އުފަންވި މަތީން ބަޝީރަކީ ޝެހެނާޒްގޭ ޢާޠިފާ މުޙައްމަދަށާއި، ހަމަ އެގޭ ބަޝީރް ޔޫސުފަށް ލިބިފައިވާ 4 ދަރިން ތެރެއިން 3 ވަނަ ދަރިއެވެ. މަތީން އެއްބަނޑު އެއްބަފާ މީހުންގެ ތެރޭގައި އަންހެން ކޮއްކޮއަކާއި ދެ ބޭބެ ތިބެއެވެ. މަތީނަކީ ކުޅުދުއްފުށީގައި ފުޓުބޯޅައިގެ ދާއިރާއިން ފާހަގަ ކޮށްލެވޭ، މީހުންގެ ލޯބި ލިބިފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.

      ކުޑަ އިރުންސުރެ މަތީން އައީ އޭނާގެ ބައްޕަ ފުޓުބޯޅަ ކުޅޭތަން ބަލަމުންނެވެ. އޭނާގެ ބައްޕަ ފުޓުބޯޅަކުޅެގެން ހޯދާފައި ހުރި ރަން ތަށިތައް ފެނި މަތީންގެ ހިތުގައި ފުޓުބޯޅައަށް ޝައުޤުއުފެދުނެވެ. މީގެއިތުރުން މަތީންގެ އުމުރުން 6 އަހަރުގައި އޭނާގެ ބައްޕަ، ފުޓުބޯޅަ ކުޅެން ދަސްކޮށްދިނުމުން އޭނާ މި ކުޅިވަރާ ހުރި ގާތްކަން ބޮޑުވިއެވެ. 2012 ވަނަ އަހަރު މަތީންގެ ބައްޕަ އުފެއްދި ”ބަޝީރު ސްޕޯރޓްސް އެކަޑަމީ“ ގައި މަތީން ބައިވެރިވީ ފޮނި އުއްމީދުތަކަކާއެކުއެވެ. އޭރުވެސް މަތީނަކީ މި އެކަޑަމީގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިއެކެވެ. މަތީން މި އެކަޑަމީއަށް ވަންއިރު ކުރި ފޮނި އުއްމީދުތަކުގައި ކުލަޖެހުނީ ހީކުރިވަރަށްވުރެ ފުރިހަމައަށެވެ.

       މަތީންއަކީ ކުޅުދުއްފުށިން އަރަމުން އަންނަ ޒުވާން ތަރިއެކެވެ. އޭނާގެ ފަރާތުން ރަށު ފެންވަރުގައްޔާއި ސްކޫލް ފެންވަރުގައި ބާއްވާ މުބާރާތްތަކުން މޮޅު ކުޅުމެއް ފެންނަމުންދާއިރު، އެންމެ ފަހުން ބޭއްވި ކުޅުދުއްފުށި ޗެމްޕިއަންޝިޕުގައި ޒިގްޒެގަށް ކުޅުނު މަތީން ވަނީ ތަފާތު ރަނގަޅު ކުޅުމެއް ދައްކާފައެވެ. ހަމަ މީގެ އިތުރުން މަތީން ވަނީ 19 އަހަރުން ދަށުގެ ޤައުމީ ޓީމަށް ހޮވި، ކުޅުދުއްފުށިން، ފުރަތަމަ 19 އަހަރުން ދަށުގެ ޤައުމީ ޓީމަށް ހޮވުނު ކުޅުންތެރިޔާގެ ޝަރަފް ހޯދައި ކުޅުދުއްފުއްޓަށާއި ބަޝީރް ސްޕޯރޓްސް އެކަޑަމީއަށް ރީތި ނަމެއް ހޯދައިދީފައެވެ.

       މަތީން މި ކާމިޔާބީތައް ޙާސިލް ކުރީ ގޮންޖެހުން ތަކަކާ ކުރިމަތިލައިގެންނެވެ. އިސްކޫލުން ދޭ ފިލާވަޅުތައް ގިނަކަމުން ކުޅެން ނުދެވުމާއި  ރައްޓެހިންނާ އެކީ ކުޅޭއިރު އަނިޔާވުން، މި ގޮންޖެހުންތަކުތެރޭގައި ހިމެނެއެވެ. މަތީނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެން ދިޔައީ ”މާއްޓޭ އިންޓަރ ސްކޫލް ފުޓްބޯލް ޓޯރނަމެންޓް“ ގައި ކުޅެމުން ދަނިކޮށް، އޭނާގެ ފަލަމަސްގަނޑު ފަޅައިގެން ދިޔުމެވެ. ނަމަވެސް އޭނާގެ މައިންބަފައިންނާއި، ޓީމު އެންމެންގެ އެހީތެރިކަމާއެކު، މަތީން ހިތްވަރުކޮށްގެން މުބާރާތް ނިންމިއެވެ.

       މިހާރު އުމުރުން 17 އަހަރުވީ މަތީން ބަޝީރު އަންނަނީ އޭނާގެ ބައްޕައާއެކު، ބަޝީރް ސްޕޯރޓްސް އެކަޑަމީގައި ކޯޗުކަން ކޮށްދެމުންނެވެ. މީގެ އިތުރުން މަތީނަށް ވަނީ ޓީސީ ސްޕޯރޓްސްއަށް ކުޅުމުގެ ފުރުސަތުވެސް ލިބިފައެވެ. ޒުވާން ކުޅުންތެރިންނަށް މަތީން ދޭން ބޭނުންވާ މެސެޖަކީ، ފުޓުބޯޅަ ކުޅުމުގައި ހުނަރު ހުރި ކަމުގައިވިޔަސް، ބުރަ މަސައްކަތާ ނުލައި ކާމިޔާބެއް ނުވާނެވެ.

Leave a Reply

Your email address will not be published. Required fields are marked *