އިބްރާހީމް މާހިލް ޢަބުދުﷲ، އަޙުމަދު ޔައިޝް މުޙައްމަދު، ޢާއިޝަތު ޙަނާން އިލްޔާސް- 12ސީ
ސުވާލު:
ޑ.ގުރައިދޫ ފެންފިޔާޒުގޭ މޫސާ ޢަލީ އަޙްމަދަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅަދާނަ ޝަޚްޞިއްޔަތެކެވެ. އަމިއްލަ މަސައްކަތުން ފެށި ވިޔަފާރި ފުޅާކޮށް، މިހާރު އޭނާއަކީ މާލޭގައި ހުންނަ އެންމެ ބޮޑު ޝޮޕިންމޯލުގެ ވެރިމީހާއެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އޭނާގެ ވިޔަފާރީގެ ގޮތްޕެއް ހުރެއެވެ. ރާއްޖެއިން ބޭރަށް އޭނާގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތްކުރަމުންދާ މި ހިތްވަރުގަދަ ޝަޚްޞިއްޔަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަޔާތުނާމާއެއް ލިޔާށެވެ.
ވިޔަފާރީގެ ދާއިރާއިން ކުރިބޯށްޓަށް.
1979 ވަނަ އަހަރުގެ ޖުލައި މަހުގެ 3ވީ ހޯމަދުވަހު ދުނިޔޭގެ އަލިކަން ދުށް މޫސާ ޢަލީ އަޙްމަދަކީ، ޏ.ގުރައިދޫ ފެންފިޔާޒުގޭ އަޙްމަދު ޙުސައިނަށާއި ހަމަ އެގޭ މަރިޔަމް ހަސަނަށް ލިބފައިވާ 5 ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. އުމުރުން 15 އަހަރުން ފެށިގެން ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މޫސާ ޢަލީއަކީ، ހީވާގި މަސައްކަތްތެރިއެކެވެ. މީހުންގެ މަޤުބޫލުކަން ހޯދާފައިވާ ކުޅަދާނަ ޝަޚްޞިއްޔަތެކެވެ.
ކުޑައިރުންސުރެ ވިޔާފާރީގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ޢަލީ، ތަޢުލީމު ޙާޞިލުކުރީ ޑ.އަތޮޅު ތަޢުލީމީ މަރުކަޒުން ގުރޭޑު 1ން 7އަށެވެ. ރަށުން އިތުރަށް ކިޔެވެން ނެތުމާއެކު ސުކޫލު ނިންމާލުމަށްފަހު، ވަގުތު ހޭދަކުރީ މަންމައާއި ބައްޕަގެ ދަނޑުން ލިބޭ ތަކެތި ވިއްކުމުގައެވެ. މި މަސައްކަތް ކުރުމުގެ ތެރެއިން، އޭނާގެ ކުޅަދާނަކަން ފެނި، އެރަށުގެ އޭރުގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ މުނީރުގެ ފިހާރައިގައި ސޭޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނެވެ. ވަޒީފާގައި އުޅުމުން ލިބުނު ތަޖުރިބާއާއި އާމްދަނީގެ ބޭނުންކޮށްގެން، އޭނާގެ އެންމެ ފުރަތަމަ ކުޑަ ފިހާރަ ހުޅުވީ 1999 ވަނަ އަހަރު، ”ފަންސަންގު“ ގެ ނަމުގައެވެ.
މޫސާ ޢަލީގެ ފުރަތަމަ ވިޔަފާރި ހިނގައިގަންނަ ގޮތެއް ނުވިއެވެ. ލިބޭ ފައިސާކޮޅުން ޚަރަދަށް ކަނޑާފައި ބާކީއެއް ނުވެއެވެ. މި ޙާލުގައި އުޅެނިކޮށް އެކުވެރިއެއްގެ ލަފާގެމަތީން ވިޔަފާރީގެ އުކުޅުތައް ބަދަލުކޮށް، ޚިދުމަތް ލިބިގަންނަ މީހުންނާއި ގުޅުން ބަދަހިކޮށް ކުރި ބުރަ މަސައްކަތުން ވިޔަފާރި ހިނގައިގަތީ ވަރަށް އަވަހަށެވެ. ނަތިޖާއެއްގެ ގޮތުން 2002ވަނަ އަހަރަކީ އޭނާގެ ދެވަނަ ފިހާރައެއް، ގުރައިދޫއާއި ކައިރި ޑ.މީދޫގައި ހުޅުވި އަހަރެވެ. މި ފިހާރައަކީ ފަންސަންގާއި ޚިލާފަށް، ކާބޯތަކެތީގެ އިތުރު އެހެނިހެން ބާވަތްތައް ވެސް ލިބެންހުރި ފިހާރައެކެވެ. މޫސާގެ ދެވަނަ ފިހާރަ ”އަލިފުޅު ޓްރޭޑް“ ވެގެންދިޔައީ އޭނާގެ ވިޔަފާރީގެ ޙަޔާތުގެ ކާމިޔާބީގެ ފެށުމަށެވެ.
ޖެހިގެން އައި އަހަރުތަކުގެ ތެރޭގައި، އަތޮޅުތެރޭ ރަށްތަކުގައި ވިޔަފާރި ކުރިއަރުވާ، 2007 ވަނަ އަހަރު މާލޭގައި ”ފަރިހި“ ގެ ނަމުގައި ބޮޑު ފިހާރައެއް ހުޅުވިއެވެ. އާންމު ދިރިއުޅުމުގައި ބޭނުންވެދާނެ ހުރިހާ އެއްޗެއް ލިބޭނޭހެން ހުޅުވި މި ފިހާރަ ވެގެންދިޔައީ މާލޭގައި ވަރަށް މަގުބޫލު ފިހާރައަކަށެވެ. ލިބުނު ބޮޑު ތަރުޙީބާއެކު ”އެމް.އޭ.އޭ މޯލް“ ގެ ނަމުގައި 2013 ވަނަ އަހަރު މާފަންނުގައި ހުޅުވުނު ބޮޑު ޝޮޕިން މޯލްއާއެކު މޫސާގެ ކާމިޔާބުގެ ތަރި މެދު އުޑުގައި ފިޔަޖަހަން ފެށިއެވެ. މޫސާގެ މި ކާމިޔާބާ ގުޅިފައިވަނީ ވިޔަފާރީގައި ގެންގުޅޭ އުކުޅުތަކެވެ. ޚާއްޞަކޮށް ކަސްޓަމަރުންނާ އޮންނަ ގުޅުމެވެ. ރާއްޖޭގެ އެކި ހިސާބުގައި ފިހާރަތައް ހުރިނަމަވެސް، ކިތަންމެ ގިނަ މުވައްޒަފުންނެއް ގެންގުޅުނު ނަމަވެސް އޭނާގެ ހުރި ހުށިޔާރުކަމެވެ. މަސައްކަތްތެރިކަމާއި މުރާލިކަމެވެ. އޭނާގެ އެހީ ބޭނުންވި ކޮންމެ މީހަކަށް އެއްވެސް ފަސްޖެހުމެއް ނެތި ފޯރުކޮށްދޭ އެހީތެރިކަމެވެ. ދެގޮތެއްނުވާ އިޖުތިމާޢީ ޚިދުމަތެވެ. މިއަދު ވެސް މޫސާގެ ހުރިހާ ވިޔަފާރިއެއް ހުއްޓުމެއް، މަޑުޖެހުމެއް ނެތި ހިނގަމުން ދާ ދިއުން މިކަމުގެ ހެތްކަކަށް ފުދެއެވެ.
2001ވަނަ އަހަރު ޒަވާޖީ ޙަޔާތެއް ފެށި މޫސާއަކީ ރާއްޖޭގެ އެންމެންގެ ޤަދަރާއި އިޙްތިރާމް ހޯދާފައިވާ މަހުޖަނެއްގެ އިތުރުން ތިން ކުދިންގެ ބައްޕަވެސްމެއެވެ. އޭނާގެ ލޮބުވެތި އަންހެނުން ޒުލައިޚާ ރަފީޢާއެކު އުފާވެރި ޒަވާޖީ ޙަޔާތެއް ވޭތުކުރަމުންދާ މޫސާ ޢަލީ މުޙައްމަދުގެ އުއްމީދަކީ ކައިރި މުސްތަޤުބަލެއްގައި ރާއްޖެއިން ބޭރަށް އޭނާގެ ”އެންޕަޔަރ“ ފުޅާކުރުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މޫސާ ޢަލީގެ މަސައްކަތުގައި މާތް ﷲ ބަރަކާތްލައްވައި އޭނާގެ އުއްމީދުތައް ފުރިހަމަކޮށްދެއްވުމެވެ.