ކަތަރަންފުށި ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް ”ބިޒްނަސް ޕިޗް“ ޕްރޮގްރާމެއް ހިންގުމަށް އެހީތެރިވުމަށް އެދި ހުށައަޅާ ޕްރޮޕޯޒަލް

12އޭ

ސުވާލު

ފ. ކަތަރަންފުށީ ސްކޫލުގެ މަތީ ސާނަވީ އަށް ކިޔަވަމުން އަންނަ ބިޒްނަސް ސްޓްރީމްގެ ދަރިވަރުންގެ ވިޔަފާރި ކުރުމާބެހޭ މައުލޫމާތު މުއްސަނދި ކުރުމަށްޓަކައި އެދަރިވަރުންނަށް ޚާއްސަކޮށް ”ބިޒްނަސް ޕިޗް“ ޕްރޮގުރާމެއް ކުރިޔަށް ގެންދިޔުމަށް އެ ސްކޫލުން ބޭނުން ވެޔެވެ. ވީމާ މި ޕްރޮގުރާމު ކުރިޔަށް ގެނޮދިޔުމަށް ބޭނުންވާނެ ފައިސާ ހޯދުމުގެ ގޮތުން، މިފަދަ ކަންކަމަށް ފައިސާގެ އެހީ ފޯރުކޮށްދޭ ފަރެތެއްކަމަށްވާ ”އެސް.ވީ ޗެރިޓީ އެސޯސިއޭޝަން“ އަށް ހުށައަޅާނެ ޕްރޮޕޯޒަލް އެއް ލިޔާށެވެ.

މި ޕްރޮޕޯޒަލް ގައި މި ޕްރޮގުރާމްގެ މުހިންމުކަމާއި، ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ގޮތާއި، ދަރިވަރުންގެ އަދަދާއި، މުއްދަތުގެ އިތުރުން، މިކަމަށް ދާނެ ޚަރަދު (ބަޖެޓް) ވެސް އޮޅުންފިލުވައިދޭންވާނެއެވެ.

މިޕްރޮޕޯޒަލްގެ ދިގުމިނަކީ 25 ފޮޅުވަތާއި 30 ފޮޅުވަތާއި ދެމެދުއެވެ.

ކަތަރަންފުށި ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް ”ބިޒްނަސް ޕިޗް“ ޕްރޮގްރާމެއް ހިންގުމަށް އެހީތެރިވުމަށް އެދި ހުށައަޅާ ޕްރޮޕޯޒަލް

ތަޢާރަފު:

  މިޕްރޮޕޯޒަލްގެ ބޭނުމަކީ ފ. ކަތަރަންފުށީ ސްކޫލުގެ މަތީ ސާނަވީގައި ކިޔަވަމުން އަންނަ ބިޒްނަސް ސްޓްރީމް ދަރިވަރުންގެ ވިޔަފާރި ކުރުމާބެހޭ ގޮތުން މަޢުލޫމާތު މުއްސަނދި ކުރުމަށްޓަކައި އެ ދަރިވަރުންނަށް ”ބިޒްނަސް ޕިޗް“ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް އެދި ހުށައެޅުމެވެ. މިޕްރޮޕޯޒަލްގައި ދަރިވަރުންނަށް މި ޕްރޮގްރާމް މުހިންމުވާ ސަބަބުތަކާއި، ޕްރޮގްރާމް ރޭވުމަށް ހަމަޖެހިފައިވާ ގޮތާއި، މި ޕްރޮގްރާމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ ޚަރަދުތަކަށް އަލިއަޅުވާލެވޭނެއެވެ.

ޕްރޮގްރާމްގެ މުހިންމުކަން:

  މިފަދަ ޕްރޮގްރާމެއް ބޭއްވުމަކީ ބިޒްނަސް ސްޓްރީމްގެ ދަރިވަރުންނަށް ވިޔަފާރިއާ ގުޅޭ ގޮތުން މުހިންމު ފިލާވަޅުތަކެއް ލިބޭނެ ކަމެކެވެ. އެދަރިވަރުން ކިޔަވަމުން ގެންދާ ބިޒްނަސް މާއްދާގެ ބޮޑުބައެއްގައި މިކަމަށް އަލިއަޅުވާލާފައި ވުމާއެކު، ދަރިވަރުންނަށް ވިޔަފާރީއެއް ހިންގާނެ ގޮތުގެ ހުނަރުތައް ދަސްކޮށް، ކުރިއެރުވުމަށް މިފަދަ ޕްރޮގްރާމަކުން އެހީވެދޭނެއެވެ. ނަތީޖާއެއްގެ ގޮތުން މުސްތަގްބަލުގައި ދަރިވަރުންނަށް ކާމިޔާބު ވިޔަފާރިއެއް ގާއިމްކުރުމަށް މަގުފަހިވާނެއެވެ.

ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ މުއްދަތާއި ބައިވެރިންގެ އަދަދު:

  މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކޮންމެ ދުވަހަކު 6 ގަޑިއިރުއެވެ. އަދި މި ޕްރޮގްރާމަކީ މަތީ ސާނަވީ ދަރިވަރުންނަށް ޚާއްސަކުރެވިފައިވާ ޕްރޮގްރާމެއްކަމުން މި ޕްރޮގްރާމުގައި ބައިވެރިވާނީ މި ސްކޫލުގެ ބިޒްނަސް ސްޓްރީމްގެ ގްރޭޑް 11 ގައި ކިޔަވާ 20 ދަރިވަރުންނާއި ގްރޭޑް 12 ގައި ކިޔަވާ 15 ދަރިވަރުން (ޖުމްލަ 35 ދަރިވަރުން) ނެވެ.

މި ޕްރޮގްރާމް ގެންދިޔުމަށް ރާވާފައިވާ ގޮތް:

  މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ގަސްތުކުރެވިފައިވަނީ ކަތަރަންފުށި ސްކޫލް ހޯލުގައެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޓަކައި ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ބޭފުޅުން ގެނެސް، އެބޭފުޅުންގެ ފަންނީ އެހީތެރިކަން ހޯދުމަށް ވަނީ ރާވާފައެވެ. އެގޮތުން މި ޕްރޮގްރާމުގެ ފުރަތަމަ 2 ދުވަސް ޚާއްޞަކުރެވިގެން ދާނީ މި ބޭބޭފުޅުންގެ ތަޖުރިބާއާއި ދަރިވަރުންނަށް މުހިންމު މަޢުލޫމާތު ހިއްސާކުރުމަށެވެ. ހަމަ މިއާއެކު މި ޕްރޮގްރާމަކީ މުބާރާތެއްގެ ގޮތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް ވާތީ މި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންގެ އަމިއްލަ ”ބިޒްނަސް ޕިޗް“ ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމަށް ދާނެ ޚަރަދު:

  ދަރިވަރުންނަށް ޚާއްޞަކޮށްގެން މިފަދަ ހިންގުމަކީ ގިނަގުނަ ޚަރަދުތަކެއް ހިނގާނެކަމެކެވެ. އެގޮތުން     ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޓަކައި ވަޑައިގަންނަވާ ފަންނީ 4 ބޭފުޅުންގެ އުޖޫރައަށް 16000 ރުފިޔާ ޚަރަދުވާނެއެވެ. މީގެ އިތުރުން ޕްރޮގްރާމުގެ ކަންކަން އިންތިޒާމުކޮށް ލިޔެކިޔުމަށް ބޭނުންވާ ތަކެތި ގަތުމަށް 850 ރުފިޔާ ޚަރަދުވާއިރު ޕްރޮގްރާމުގެ ތެރެއިން ހިންގުމަށް ހަމަޖައްސާފައިވާ މުބާރާތުގެ ވަނަތަކަށް ދާ ދަރިވަރުންގެ ޓްރޮފީއާއި އިނާމަށް 4200 ރުފިޔާ ޚަރަދުވާނެއެވެ. ހަމަމިއާއެކު ޕްރޮގްރާމް ހިނގަމުން ދާ ވަގުތު ސަޔާ ކެއުމެގެ ކަންކަން ހަމަޖެއްސުމަށް 10800 ޚަރަދުވާނެއެވެ. އެހެންކަމުން، މި އެންމެހައި ކަންކަމަށް ޖުމުލަ 31850 ރުފިޔާ ޚަރަދުވާނެއެވެ.

ނިންމުން:

ތިޔަ އެސޯސިއޭޝަނުން މި ފައިސާ ދެއްވައިފިނަމަ، މި ޕްރޮގްރާމް ވަރަށް ފުރިހަމަކަމާއެކު ނިންމާލެވި ދަރިވަރުންގެ ހުނަރުތަކާއި ތަޖުރިބާ އިތުރަށް ކުރިއަރުވާ، ދިރިއުޅުމުގެ ކުރިއަށް އޮތްތަނުގައި ކާމިޔާބު ބައެއް ކަމުގައި ވާނެ ކަމަށް ގަބޫލުކުރެވެއެވެ. ތިޔަ ފަރާތަކީ މިފަދަ ކަންކަމަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތެއްކަމަށްވާތީ، މި ޕްރޮޕޯޒަލްގައި ހިމެނޭ ކަންކަމަށް ރިއާޔަތްކުރައްވައި، މި ފައިސާ ލިބޭނެގޮތް ހަމަޖައްސަވައިދެއްވުން އެދި ޕްރޮޕޯސަލް ހުށައަޅަމެވެ.

Leave a Reply

Your email address will not be published. Required fields are marked *