ޖީލީން މިސް.
ވޭތުވެދިޔަ 4،3 އަހަރު ގާތްގަނޑަށް ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު އަހަރެންނަށް އަންނަ ފޯން ކޯލަކީ ލޭގެ ގުޅުމެއްނެތް އެހެނަސް އާއިލާގެ ގާތް ދުވަސްވީ ބޭބެއެއްގެ ފޯނު ކޯލެވެ.
އެންމެ ފުރަތަމަވެސް އަހާނީ މިއަދު މިއީ ހުކުރު ދުވަސް ކަމާއި ކަހަފް ސޫރަތް ކިޔަވައިފިންތޯ އަދި ކުދިން ލައްވާ ކިޔުއްވައިފިންތޯއެވެ.
ތަކުރާރުކޮށް ކޮންމެ ދުވަހެއްގައިވެސް ދޭ ނަސޭހަތަކީ ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔުމުގެ ފައިދާއާއި ކުދިން ލައްވާ ކިޔުއްވުމުގެ މުހިއްމުކަމެވެ.
ނަސޭހަތް ދެއްވުމުގައި ގެންގުޅޭ ޕޮޒިޓިވްނެސް ވަރަށް ފާހަގަކުރެވެއެވެ. ވޭތުވެދިޔަ ރަމަޟާން މަހުގެ ހުކުރު ދުވަހެއްގެ ކޯލްގައި ސުވާލުކުރީ ދަރިންނަށް ޚަތިމް ކުރެވޭތޯއެވެ. ނުކުރެވުނަސް އެއީ މައްސަލައެއް ނޫންކަމާއި އެކަމަށް ހިތްވަރު ދީ ކޮންމެދުވަހަކުވެސް އެހެން ބުނަމުން ގެންދަންވާނޭ ބުންޏެވެ. ސަބަބުވެސް ކިޔައިދިނެވެ. ކުދިން ކުޑަވީމަ އޭގެ މުހިއްމުކަން މާ ބޮޑަށް ނޭގުނަސް ކޮންމެ ދުވަހަކުވެސް މައިންބަފައިންގެ ދުލުން އެ ނަސޭހަތް ލޯބިން ދިނުމުން އެކުދިން ބޮޑުވެގެން އެ ނަސޭހަތުގެ މުހިއްމުކަން ހަނދާންކުރާނެ ވާހަކަ ކިޔައިދިނެވެ. އަދި އަމިއްލަ ދަރިން އެގޮތަށް ތަރުބިއްޔަތު ކުރުމުގެ ހިޔާލް ގެންގުޅޭނެކަން ބުނެދިނެވެ.
ކޮންމެ ދުވަހެއްގައިވެސް ކޮންމެވެސް އާ ނަސޭހަތެއްދެއެވެ. ނަސޭހަތްދޭއިރު އާންމުކޮށް އަހަރެމެންނަށް ގަސްތަކާ ނުލައި ހެދޭ ކުދިކުދި ގޯސްތައް ފާހަގަކޮށް އެއީ މައްސަލައެއްނޫންކަމާއި އެކަން ރަނގަޅުކޮށްލާނެގޮތް ވަރަށް މަޑުމައިތިރިކަމާއެކު ބުނެދެއެވެ.
އަހަރެމެންގެ އާޚިރްގެ މަންޒިލަކީ ސުވަރުގެ ކަމަށް ހެދޭނީ އަހަރެމެން މިއަދު ކުރި މަސައްކަތަކުން ކަމާއި ސުވަރުގޭގެ ރީތި ވާހަކަތައް ޅެންބަހުން ކިޔައިދިނުމަށް އަންނަނިވި ބައިތުތައް ކިޔައިދެއެވެ.
ޙަޔާތުގެ ފިކުރު ނެތް ތަނެކޭ މަރެއްގެ ޚިޔާލު ނެތްތަނެކޭ
ގަޔާ ވެވިގެން ތިބޭ މަތިވެރި ހަޔާތެއްވާ އެއީ ތަނެކޭ
އިމާރާތްތައް ނުހަނު މަތިވެރި ޚަޒާނާތައް ނުހަނު އަގުހުރި
ދިމާއަށް ހާމަވެވިފައިހުރި ނިޔާމަ އަރާމު ހުރި ތަނެކޭ
ހަމަ ކޮންމެ ދުވަހަކުވެސް ކޯލް ނިންމާލާނީ އަހަރެންގެ މައިންބަފައިންގެ ހާލުއަހާ އެމީހުންނަށް ހެޔޮ ދުޢާކުރަމުންނެވެ. އަދި އަހަރެން ކުރާ ކޮންމެ ދުޢާއެއްގައި މައިންބަފައިންގެ ނަން ހިމެނުމަށް ވަޞިއްޔަތްކުރަމުންނެވެ.
މިފަދަ ކޮންމެ ނަސޭހަތަކާއި ދައްކާ ވާހަކަތަކާއި އެބޭބެގެ އުޅުމާއި ގުޅުމުން އަހަރެންނަށް ފެންނަން ހުރި ފިލާވަޅަކީ އެއީ އެއްވެސް ބަދަލެއް ނެތި މީހުންނަށް ހެޔޮކޮށްހިތާ އެހީތެރިވާ އެއްވެސް މީހަކާމެދު ހިތުގައި ނަފްރަތެއް ރުޅިވެރިކަމެއް ނުވާ ސާފު ހިތެއްގެ ވެރިއެއްކަމެވެ. ހަމަޔަގީނުންވެސް ވަރަށް ގިނަ ބަޔަކަށް އެބޭބެގެ ފަރާތުން އެހީތެރިކަން ލިބިފައިވެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ފަރާތުން އުއްމީދެއް ނުކުރެއެވެ. މިއީ އެ ބޭބެގެ އުފާވެރިކަމުގެ އެއް ސަބަބެވެ.
ހަޔާތުގައި މިފަދަ ހެޔޮ މީހުން ލެއްވުމަކީ ހާދަހާ ބޮޑު ނަސީބެކެވެ. الحمدلله
ބޭބެގެ އުމުރުގައި ބަރަކާތް ލައްވައި ހެޔޮ ސިއްޙަތުގައި ލައްވާށި! އާމީން
ޢިބްރަތްތައް:
- ބައެއް މީހުންނަކީ ލޭގެ ގުޅުމެއް ނެތްކަމުގައި ހިތާ ގުޅިފައިވާ ބައެކެވެ.
- ދަރިންނަށް ހެޔޮ ނަސޭހަތްދިނުމުގައި ދެމިހުންނާށެވެ.
- ނަސޭހަތްދިނުމުގައި އެއްދުވަހާ ބައިވަރު ނަސޭހަތް ދިނުމުގެ ބަދަލުގައި، ލޯތްބާއެކު އެކި ދުވަސްތަކާ ހާލަތަށް ބަލާ ނަސޭހަތްދޭށެވެ.
- މީހަކަށް ގޯސްކަމެއް ކުރެވުމުން އިޞްލާޙްކުރެވޭނެ ގޮތް ބުނެދީ ހިތްވަރުދޭށެވެ.
- އަނެކުންނަށް ހެޔޮ ފޯރުކޮށްދިނުމުގައި ދެމިހުންނާށެވެ.
- އުފާވެރި މީހަކަށްވުމަށް މީހުންގެ ފުށުން މާބޮޑެތި އުއްމީދުތައް ނުކުރާށެވެ.
- اللهًއަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވާށެވެ.
- ތިމާގެ އަޚާއަށް ހެޔޮ ދުޢާކުރުމަކީ މާތް މީހުންގެ ސިފައެކެވެ.