ނާފިޒް، ސައްމާޙް، ޝައިޙާ، ދުންޔާ، އަމާނީ 11ސީ
ތަޢުލީމީ ގޮތުން ގިނަ ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާ، ހ.ދ ކުޅުދުއްދުފުށީ ނީލަމް، އާއިޝަތު ޙަނާން އިލްޔާސްއަކީ ހދ. ކުޅުދުއްފުށީ ރޯޒްބޭންކް ޝަރީފާ ޢަލީއާއި ހަމަ އެރަށު ނީލަމް އިލްޔާސް ޙަސަންގެ ހުރި ހަމައެކަނި ދަރިފުޅެވެ. 14 މެއި 2005 ގައި ދުނިޔޭގެ އަލިކަން ދުށް ހަނާންއަކީ ސަކަ މިޒާޖެއްގެ ވެރި، އެހެނަސް ކޮންމެ ކަމެއް ކުރުމުގައިވެސް ގަދައަޅާ މަސައްކަތްކުރާ ކުއްޖެއްކަމަށް އޭނާގެ ޢާއިލާއާއި ގާތް ރައްޓެހިން އިއްތިފާޤުވެއެވެ.
ޕްރީސްކޫލްގެ ފުރަތަމަ މަރުހަލާއަށް އޭނާ 2008 ވަނަ އަހަރު ގުޅުނީ އަމީރު އަމީން ސްކޫލާއެވެ. ނަމަވެސް 2009 ވަނަ އަހަރު އެ ސްކޫލުން ވަކިވެ ޕްރީސްކޫލް ދައުރު އޭނާ ނިންމާލީ އައި.ޕީ.އެސްގައެވެ. އެއަށްފަހު 2012 އިން 2022 އަށް ޢަފީފުއްދީން ސްކޫލުގައި ތަޢުލީމް ހާސިލްކުރުމަށްފަހު 2022 އިން ފެށިގެން މިއަދާ ޖެހެންދެން އޭނާ ތަޢުލީމް ޙާޞިލްކުރަމުން ގެންދަނީ ޖަލާލުއްދީން ސްކޫލުގައެވެ.
ސްކޫލް ދައުރުގައި ޙަނާން ވަނީ އެކި މަޤާމުތަކުގެ މަސްޢޫލިއްޔަތުތައް އަދާކޮށްފައެވެ. އެގޮތުން ގްރޭޑް 9 ގައި އުޅުނު އިރު އީ.އެލް.އޭގެ ރައީސްކަން ކުރުމާއި ގްރޭޑް 10ގައި އުޅުނު އަހަރު ސްކޫލް ކެޕްޓަންގެ މަޤާމު ފުރުން ހިމެނެއެވެ. މީގެއިތުރުން، ޙަނާން ވަނީ އެކި މުބާރާތްތަކުގައި ވާދަކޮށް، ކާމިޔާބީގައި އޭނާގެ ނަން ރަން އަކުރުން ފަވާލާފައެވެ. އެގޮތުން އޭނާ އެންމެ ވިދާލާފައިވަނީ 2018 ވަނަ އަހަރު ރަށު ޤުރުޢާން މުބާރާތުން ލިބުނު ފުރިހަމަ ކާމިޔާބީގެ ސަބަބުންނެވެ. މީގެ ނަތީޖާއަކަށް ވެގެން ދިޔައީ އަތޮޅު މުބާރާތްތަކުންވެސް އޭނާއަށް ފުރުޞަތު ލިބެން ފެށުމެވެ.
2019 ވަނަ އަހަރު ޢަފީފުއްދީން ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ހުށަހަޅަން ލިބުން ވެގެން ދިޔައީ އޭނާގެ އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ ބެސްޓް އޯލް ރައުންޑް ހޯދުމަށް އޭނާއަށް އެދެވެން ފެށުނު ސަބަބަށެވެ. އެދުވަހު ސްޓޭޖްމަތިން ކުދިން އިނާމް ހާސިލް ކުރިތަން ފެނި އޭނާވެސް އެފަދަ ކާމިޔާބީއެއް ހޯދުމަށް ނުގުޑާފަދަ ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ.
އެހެނަސް ފައިނަލް އިމްތިޙާނަށް ތައްޔާރުވަމުން ދަނިކޮށް ނޭނގި ހުއްޓައި އޭނާގެ ޙަޔާތަށް ބިޔަ ރާޅެއް ބިންދާލިއެވެ. ގްރޭޑް 10ގެ އަހަރު ކުއްލިއަކަށް އޭނާ ބަލިވެ، ޞިއްޙަތު ދަށަށް ދިޔުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ނަފްސާނީ ގޮތުންވެސް ބަލިކަށިކަމާއި ކުރިމަތިލާން ޖެހުމެވެ. ކުރު ގޮތަކަށް ބުނާނަމަ އެ ރާޅުގެ ދަށުނުވެ އޭނާ ސަލާމަތްވީ ކިރިޔާއެވެ. އެހެނަސް މައިންބަފައިންގެ ލޯތްބާއި އެތައް ބައެއްގެ އެހީތެރިކަމުގެ ނަތީޖާއަކަށްވެގެން ދިޔައީ ގަދަ 10ގެ ދެވަނައިގައި އޭނާ ހިމެނި، ސާނަވީ މަރުހަލާއަށް އޭނާ ކަނޑައެޅި ގިނަ ލަނޑުދަނޑިތަކަށް ވާސިލްވެވުމެވެ.
މިހާރު އޭނާ ކިޔަވަމުންދަނީ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 12ގައެވެ. މިހާރު ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ޙަނާންގެ އުންމީދަކީ މަތީ ސާނަވީގެ ގަދަ 10ގައި ހިމެނި ހައި އެޗީވާސް ސްކޮލާޝިޕް ހޯދުމެވެ. އޭލެވެލް ކިޔަވާ ދަރިވަރުންނަށް އޭނާ ދޭ ނަސޭހަތަކީ އެންމެ ފުރަތަމަ ދުވަހުއްސުރެ ކުރެވޭ އެންމެ ބޮޑަކަށް މަސައްކަތް ކުރާށޭއެވެ. މާތްﷲގެ އިރާދަފުޅުން ޙަނާންގެ އެންމެހައި ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެހި، ކާމިޔާބީގެ އިތުރު ހަރުފަތްތަކަކަށް ވާސިލްވުމުގެ ހެޔޮ ތަޢުފީޤު ދެއްވާށި! އާމީން.