މައިހާ މުޙައްމަދު ޙަމީދު، މަރްޔަމް އަޙްލާ އަޙްމީމް، އާމިނަތު ޝާނީ، ޢާއިޝަތު ފައިހާ އިބްރާހީމް (11ބީ)
ހދ. ކުޅުދުއްފުށީ ރީނދޫމާގޭ މަރިޔަމް މަންހާ ޔޫނުސްއަކީ، ހދ. ކުޅުދުއްފުށީ ރީނދޫމާގޭ ޔޫނުސް އިބްރާހިމާއި، އއ. ތޮއްޑޫ އަންނާރުމާގޭ ސަމީނާ މުޙއްމަދަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. 2006 ވަނަ އަހަރު ޖޫން މަހުގެ 22 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް މަންހާއަކީ ޖަލާލުއްދީން ސްކޫލުގައި ތައުލީމު ޙާޞިލް ކުރަމުން އަންނަ ދަރިވަރެކެވެ. މަންހާގެ ރަހުމަތްތެރިން ބުނާގޮތުގައި އޭނާއަކީ ހިތްހެޔޮ، އޯގާތެރި އަދި ކުދިންނާއި ގުޅިގެން އުޅޭ ކުއްޖެކެވެ.
މަންހާގެ ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅުނީ އަމީރު އަމީން ސްކޫލުގައި 2009 ވަނަ އަހަރުއެވެ. ޕްރީސްކޫލްގެ ތައުލީމު ނިންމުމަށްފަހު ގްރޭޑް 1 އަށް ވަނީ ޢަފީފުއްދީން ސްކޫލަށެވެ. އެގޮތުން 2013 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ތަޢުލީމު ޙާޞިލުކުރީ ޢަފީފުއްދީން ސްކޫލުގައެވެ. ކިޔެވުމުގެ ޙަޔާތުގައި މަންހާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބުތަކެއް ހޯދާފައެވެ. މިގޮތުން އެތަކެއް ޤުރުއާން މުބާރާތް ތަކެއްގައި ބައިވެރިވެ، ވަނަތައް ހޯދާފައިވެއެވެ. މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކުގައިވެސް ބައިވެރިވެފައިވެއެވެ. ހަމައެއާއެކު އެ ސްކޫލުގައި ޕްރިފެކްޓުކަމުގެ މަގާމުވެސް އަދާކޮށްފައިވެއެވެ. އަދި ގާރލް ގައިޑަކަށްވެސް އުޅުނެވެ. އޭނާ ފާހަގަކުރާ ގޮތުގައި ގްރޭޑް ނިންމާލެވުނީ ހިތްއެދޭ ނަތީޖާއަކާއެކުއެވެ. އެގޮތުން ބެސްޓް އޯލް ރައުންޑާރގެ މަގާމު ޙާޞިލްވުމާއި ޤައުމީ ގަދަ 10އަކަށް އެރުން ވީ އޭނާގެ ތަޢުލީމީ ހަޔާތުގައި ރަން އަކުރުން ފަވާލެވުނު ކަމަކަށެވެ.
ކިޔެވުމުގެ ދުވަސްވަރު މަންހާއަށްވެސް ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރައްޓެއްސަކާއި ޖެހުނު މައްސަލައަކާއި ގުޅިގެން އޭނާގެ ކިޔެވުމަށް ކުރި އަސަރެވެ. މިކަމުގެ ސަބަބުން ނަފްސާނީ އެތަކެއް މައްސަލަތަކަކާއި ކުރިމަތި ލާންޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލުގެ މަސައްކަތަށް ބުރޫއެރިކަން އެނާ ފާހަގަކުރިއެވެ. މަންހާ ބުނާގޮތުގައި މި ކަމުން އަރައިގަތުމަށް އޭނާއަށް އެހީތެރިވެދިނީ ގާތް ރައްޓެއްސެކެވެ. އޭނާގެ ރަޙުމަތްތެރިޔާގެ ފަރާތުން ލިބުނު ހިތްވަރާއެކު އަލުން ކިޔެވުމުގެ މަސައްކުރަން ފެށިއެވެ.
މަންހާ މިހާރު ކުރަމުންދާ އުއްމީދަކީ އޭލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމާއެކު، ރަނގަޅު ކޮލެޖަކުން މަތީ ތަޢުލީމު ޙާޞިލްކުރުމެވެ. ހަމައެއާއެކު، މުސްތަޤުބަލުގައި ރަނގަޅު ވަޒީފާއެއް ހޯދުމެވެ. އޭނާ މިހާރުގެ ކިޔަވާ ކުދިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ދުރާލާ ފިލާވަޅު ދަސްކުރުމާއެކު ހުރިހާ ކަމެއްގައި ގުޅިގެން މަސައްކަތްކުރުމެވެ. އަޅުގަނޑުގެ ދުޢާއަކީ މަންހާގެ އުއްމީދުތައް ފުރިހަމަކޮށްދެއްވައި އުފާވެރި، ކާމިޔާބު ދުވަސްތަކެއް މިންވަރު ކޮށްދެއްވުމެވެ.