އަޙުމަދު ރަޒާން އާދަމް، މުޙައްމަދު އައިމަން އާދަމް، މުޙައްމަދު އުނައިޝް، މަރިޔަމް އަޒްހާ މުޙައްމަދު- 12ސީ

ސުވާލު:

ރިފާއުއަކީ ވެޓަރަނަރީ ސައިންސް (ޖަނަވާރުތަކުގެ ބަލިތަކާ ބެހޭ) ދާއިރާއިން ރާއްޖެއިން ބޭރަށް ކިޔަވަންދާން ތައްޔާރުވެފައިވާ ޒުވާނެކެވެ. ސްކޮލާރޝިޕުގެ ދަށުން ރިފާއު ކިޔެވުމަށް ނިންމައިފައިވަނީ މެލޭޝިޔާގެ ޔުނިވާރސިޓީއަކުންނެވެ. މިއަދަކީ މެލޭޝިޔާއަށް ދިޔުމަށް ޓަކައި ރިފާއު މާލެ ދާން ހަމަޖެހިފައިވާ ދުވަހެވެ. ރިފާއު ފުރުވާލުމަށް އޭނާގެ އާއިލާ ކުޅުދުއްފުށި އެއާޕޯޓުގެ ފުރާ ގިމަތައިގައި ތިބެ،  ރިފާއު ފުރުމުގެ ކުރިން ޢާއިލާ މީހުން އޭނާ ގާތު ދައްކާނެ ވާހަކައަށް ބިނާކޮށް ރޭޑިޔޯ ޑްރާމާއެއްގެ މަންޒަރެއް ލިޔާށެވެ!

މަންޒަރު       1   

ތަނާއި ވަގުތު:    ކުޅުދުއްފުށި އެއާޕޯޓް / ހަވީރުގެ ވަގުތު

ބައިވެރިން:      ރިފާއު

             އައިމިނަތު (ރިފާއުގެ މަންމަ)

             އާދަމް (ރިފާއުގެ ބައްޕަ)

             ރަޒާނާ (ރިފާއުގެ ދައްތަ)  

—————————————————————————————————————-

އެފްއެކްސް:     (ޓްރޯލީ ދަމާ އަޑު، އުޅަނދުފަހަރު ދުއްވާ އަޑު، ދުރުދުރުން މީހުން ވާހަކަ ދައްކާ އަޑު)

އައިމިނަތު:      (ދެރަވެފައި) ދަރިފުޅާ ރިފާއު. އެންމެފަހުން ފުރާ ދުވަސް ވެސް އައީ. ދަރިފުޅު ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެންތައް ޙަޤީޤަތަކަށް ވާން ދެން އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަހެއް ނެތް.

ރިފާއު:        (މަޑުމޮޅި ރާގަކަށް) ލައްބަ މަންމާ. ހީވެސް ނުކުރަން މި ދުވަސް މިހާ އަވަހަށް އަތުވެދާނެ ކަމަކަށް. އެންމެނާ ހާދަ ދުރަކަށޭ ދާން ވެސް މި ޖެހެ-

އާދަމް:        (އަވަސްއަވަހަށް) ބައްޕަމެންނާ ކިތަންމެ ދުރަށް ދާން ޖެހުނަސް އެއީ މައްސަލައެއް ނޫން. މިއަދު ލިބިފައިވާ ތިވާ ފަހި ފުރުސަތުގެ ބޭނުންހިފައި މުޖުތަމަޢު ބަލައިގަންނާނެ މީހަކަށް ދަރިފުޅު ވުމަކީ ބައްޕަގެ އުއްމީދު.

އައިމިނަތު:      (ނަސޭހަތުގެ ރާގަށް) މަންމަގެ އުއްމީދަކީ ވެސް ހަމަ އެއީ. މަންމަމެން ފަޚްރުވެރިވާފަދަ ޚިދުމަތްތެރި މީހަކަށް ދަރިފުޅުވުން. މިކަމާމެދެ ކުޑަ ވެސް ޝައްކެއް މަންމަ ނުކުރަން.

ރިފާއު:        (ޖޯޝުގައި) މަންމައާއި ބައްޕަ ތިޔަ ކުރާ ފޮނި އުއްމީދުތައް ހާސިލްކުރެވޭތޯ ހިތްވަރާއެކު އަޅުގަނޑު ވަރަށް މަސައްކަތްކުރާނަން. (ސަމާސާ ރާގަކަށް) އެނބުރި އައިސް މި ރަށުގައި ވެސް ވެޓް ކުލިނިކެއް ހުޅުވާނަނަން!

އެފްއެކްސް:     އެންމެން އެކީ ހޭ އަޑު.
އާދަމް:        (ސުވާލުގެ ރާގަކަށް) ކޮބާތަ ރަޒާނާ؟ މިހާރު އަންނަހާއިރު ވެއްޖެއެއް ނޫންތަ؟

ރިފާއު:        (ކަންބޮޑުވެފައި) ދޮންތިއަށް ގުޅަންވީ ދޯ.

އައިމިނަތު:      ގުޅާނެ ކަމެއް ނެތް… (ހެވިފައި) އެހެރަ އަންނަނީ.

އެފްއެކްސް:     (ފޭޑް އިން) ފިޔަވަޅުތަކުގެ އަޑު.

ރަޒާނާ:        (އަވަސް އަވަހަށް) ލަސްވީ ދޯ. ދޮންތި ޑިޔުޓީ ނިންމި ގޮތަށް ހަމަ ސީދާ މިތަނަށް މިއައީ.

ރިފާއު:        (ސަމާސާ ރާގަކަށް) ނޫނޭ ގަޑިޔަށް ދޮންތިއަށް ތި އާދެވުނީ. ނަސީބެއްނު ފުރުމުގެ ކުރިން އާދެވުނު ކަން ވެސް.

ރަޒާނާ:        (ސަމާސާ ރާގަކަށް) އާނ ދެން ހެވޭ. މިއޮތީ ދޮންތިގެ ފަރާތުން ރިފައްކޮއަށް އޮތް ހަދިޔާއެއް. ދޮންތި ކުރިން ބޭނުންކުރި ކެމެރާ މި. މެލޭއަށް ގޮސް ވާނެ ރީތި ފޮޓޯތައް ނަގަން.

ރިފާއު:        (އުފާވެފައި) ޝުކުރިއްޔާ ދޮންތީ! ހުރިހާ ފޮޓޮއެއް ވެސް އެންމެ ފުރަތަމަ ފޮނުވާނީ ދޮންތިއަށް.

އެފްއެކްސް:     ފުލައިޓް ޖައްސާ އަޑު.

އާދަމް:        (ވިސްނައިދޭ ރާގަކަށް) މިހާރު ފުލައިޓަށް އަރާ ގަޑި ވެސް ކައިރިވީ ދޯ. ބައްޕަ ވާނެ ތުއްދޮންގެ ނަންބަރު ދަރިފުޅަށް ފޮނުވާފައި. އެ ގޭގައި ހުންނަ ދުވަސްކޮޅު ވާނެ އެ ގޭގެ އެންމެނާ ވީހާވެސް ގުޅިގެން އުޅެން. ދަރިފުޅަށް މާލެ ދެވުނީމަ ގުޅާތި!

އައިމިނަތު:      (ނަސޭހަތުގެ ރާގަކަށް) ދަރިފުޅު ގާތުގައި މަންމައާއި ބައްޕަ ނެތް ކަމުގައި ވިޔަސް ދީނީ ކަންކަމާ ދުރުނުވާތި. ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރަން ސަމާލުވާތި. ޙަޤީޤީ ކާމިޔާބު ލިބެން އޮތީ އޭރަށް. ފަރުވާކުޑަކޮށްނުލައި ގަޑިންގަޑިއަށް ރަނގަޅަށް ކާތި.

ރިފާއު:        (މަޑުމައިތިރިކަމާއެކު) ލައްބަ މަންމާ! ތި ހުރިހާ ކަމެއް ވެސް ތި ބުނި ގޮތަށް ކުރާނަން. މިހާރު އެންމެން ވެސް ވަންނަން ފަށައިފި. މަންމައާއި ބައްޕައާއި ދޮންތި މަތިން ވަރަށް ހަނދާންވާނެ. ހިތްހެޔޮ ކުރާތި.

އެފްއެކްސް:     (ފޭޑް އައުޓް) ދާން ހިނގައިގަންނަ އަޑު.

Leave a Reply

Your email address will not be published. Required fields are marked *