ހަނާން؛ ވިދަމުން އަންނަ ތަރި

އާމިނަތު އިނާލާ އާދަމް، މަރިޔަމް ޝައުސަން ބަޝީރް، އާމިނަތު މާޝާ ޢަބްދުއްސަލާމް،  އާލިމާ އަބުދުލް މަޖީދު، އާމިނަތު އަމާނާ އަޒީމް   11ބީ

ހދ.ކުޅުދުއްފުށި ނީލަމް ޢާއިޝަތު ޙަނާން އިލްޔާސްއަކީ ހަމަ އެގޭ އިލްޔާސް ހަސަނަށާއި ރޯޒްބޭންކް ޝަރީފާ ޢަލީއަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. ޙަނާން އުފަންވީ 2005ވަނަ އަހަރުގެ މެއި މަހުގެ 14ވީ ހޮނިހިރު ދުވަހުއެވެ. ޞިއްޙީ ދާއިރާއިން ކުރިއަށް ދިޔުމުގެ ހުވަފެން ދެކެމުން ދާ ޙަނާންއަކީ މައިންބަފައިންނާއި އެކުވެރިން ބުނާގޮތުގައި ކުދިންނާ ގުޅިގެން މަސައްކަތްކުރާ، ކަންކަމުގައި އިސްނަގާ، ސަކަ މިޒާޖެއްގެ ކުއްޖެކެވެ.

ޙަނާންގެ އެންމެ ފުރަތަމަ  އެދުރަކީ އޭނާގެ މަންމަ ނަމަވެސް އުމުރުން އެންމެ 3 އަހަރުގައި  އަމީރް އަމީން ސްކޫލުން ތަޢުލީމީ ޙަޔާތުގެ ބިންގާ އަޅައިފިއެވެ. އެ ސްކޫލުގައި 1 އަހަރު ހޭދަކުރުމަށް ފަހު ޕްރީސްކޫލުގެ ބާކީ އޮތް އަހަރުތައް  ނިންމާލީ އިރުމަތި އަވަށު ޕްރީސްކޫލް (އައި.ޕީ.އެސް) އިންނެވެ. އެއަށްފަހު އުމުރުން 6 އަހަރުގައި ޢަފީފުއްދީން ސްކޫލުގެ ގްރޭޑް 1ގައި ކިޔެވުން ފެށިއެވެ.

ޢަފީފުއްދީން ސްކޫލުގައި ގްރޭޑް 10 ނިމެންދެން ކިޔެވިއިރު، ޙަނާންއަކީ ޕްރިފެކްޓެއްގެ އިތުރުން ސްކޫލްގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ހަރަކާތްތެރި ދަރިވަރެކެވެ.  އެގޮތުން ނެޓްބޯޅައާއި ޤުރުއާން މުބާރާތްތަކުގައާއި ދިވެހި އަދި އިނގިރޭސި އަދަބީ މުބާރާތްތަކުގައި ބައިވެރިވެ ގިނަގުނަ ކާމިޔާބުތަކެއް ހޯދާފައިވެއެވެ.  މީގެއިތުރުން ޙަނާންއަކީ ލިޓިލްމެއިޑް އަދި ގަރލްގައިޑްގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. އިންޓަރ ހައުސް މުބާރާތްތަކުގެ އިތުރުން ސްކޫލުން ބައިވެރިވި ޤުރުއާން މުބާރާތްތަކުގައި ޙަނާން ވަނީ ސްކޫލު ތަމްސީލުކޮށް ސްކޫލަށް ރީތި ނަން ހޯދައިދީފައެވެ. އަދި ގްރޭޑް 9ގައި އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަންގެ ޕްރެޒިޑެންޓްގެ މަޤާމް އަދާކުރުމަށްފަހު ގްރޭޑް 10ގައި ސްކޫލު ކެޕްޓަންކަމުގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކޮށްފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން ކިޔެވުމަށް ކުރި މިންނަތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން  އޯލެވެލް އިމްތިޙާން ނިންމާލީ ޤައުމީ ގަދަ 10ގެ ދެވަނަ ކާމިޔާބު ކުރުމަށްފަހުއެވެ.  މީގެ އިތުރުން އޭނާ ޢަފީފުއްދީން ސްކޫލުން ވަކިވެގެން ދިޔައީ 3 ފަހަރުމަތިން ބެސްޓު އެކަޑަމިކް ގައިޑަރ އާއި ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ފަޚުރުވެރި މަޤާމް ވެސް ޙާޞިލްކޮށްފައެވެ.

މި ހުރިހާ ކާމިޔާބެއް ޙާޞިލްކުރުމުގެ ތެރެއިން ހަނާންއަށް ވަނީ ގޮންޖެހުންތަކަކާވެސް ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އޭނާއަކީ ހަމައެކަނި ދަރިފުޅު ކަމުގައި ވެފައި މައިންބަފައިން ގިނަވަގުތު ވަޒީފާގައި ހޭދަކުރަންޖެހޭތީ ކުޑައިރުއްސުރެ އެކަނިވެރިކަން އިޙުސާސްކުރަން ޖެހުނުކަން އޭނާ ފާހަގަކުރިއެވެ. އޯލެވެލް އިމްތިޙާނަށް ތައްޔާރުވަމުން އައި ދުވަސްވަރު ދިމާވި ނަފްސާނީ އަދި ޖިސްމާނީ ބަލިމަޑުކަމުގެ ސަބަބުން އެތައް ގޮންޖެހުންތަކަކާއި  ކުރިމަތިލާންޖެހުނެވެ.  

ދިމާވި ހުރިހާ ގޮންޖެހުންތަކަކާ ކުރިމަތިލައި، ކާމިޔާބު ޙާޞިލްކޮށް، މިހާރު ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12ގައި ކިޔަވަމުންދާ ޙަނާންގެ އުންމީދަކީ އޭލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދާ، މެޑިކަލް ދާއިރާއިން ކުރިއަށް ދިއުމަށްޓަކައި ސްކޮލަރޝިޕެއް ހޯދުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ މާތް ﷲ ޙަނާންގެ ހުވަފެންތައް ޙަޤީޤަތަކަށް ހައްދަވައި، އުފާފާގަތި ދުވަސްތަކެއް މިންވަރު ކޮށްދެއްވުމެވެ.  

Leave a Reply

Your email address will not be published. Required fields are marked *