Author: އެޑުމިން

  • އަދުގެ ޒުވާނުންނަކީ ޒިންމާދާރު ބައެއް ހެއްޔެވެ؟

    އަދުގެ ޒުވާނުންނަކީ ޒިންމާދާރު ބައެއް ހެއްޔެވެ؟

    ފާތިމަތު ލައިސާ ނާޖިޙް(11B)

     ޤައުމެއް ތަރައްޤީވެ ކުރިއަރާ ދިޔުމުގެ މައި ނާރެސް ކަމުގައި ވެފައިވަނީ “ އަހަރެންގެ މޭ ޤައުމަށް ޓަކައި އައްޑަނަ އަކަށް ދިއްކޮށްލުމީ، ފަހު ނޭވަޔަށް ދަންދެން މޮޓޯ ކަމުގައި ޚިޔާރުކުރާނަމޭ“ ބުނަން ކެރޭ ފެންވަރުގެ ހިތްވަރުގަދަ ކެރުންތެރި ޒުވާނުންނެވެ. ތާރީޚުގެ ފަތްފުށްތަކުން ފެނި ހާމަވަނީ ދަރަނިވެރިވެ ބަނގުރޫޓުވެފައި އޮތް އިޤްތިސާދުތައް ހަލި ދުވެލީގައި ކުރިއަރުވާ އަރަނިވެރި ކުރުވި މޭސްތިރިންނަކީ އެ ޤައުމުތަކުގެ ޒުވާނުންކަމެވެ. ނަމަވެސް މިއަދު ލޯތަކުން ކަރުނަ އޮހޮރުވައިލާ ހިތި ހަޤީގަތަކީ އެ ޖޯޝާއި ޒިންމާދާރުކަން ދިވެހި އުންމަތުގެ ރައުސުލްމާލު ކަމުގައިވާ އަދުގެ ޒުވާނުންގެ ކިބައިން ނުފެނުމެވެ.

           އަދުގެ ޒުވާނުންގެ ޒިންމާދާރުކަމެއް ނެތްކަން ހާމަވާ އެންމެ އަލިގަދަ ހެއްކަކީ ވަޒީފާއެއް ނެތް ޒުވާނުންގެ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމެވެ. ގަޑިއަށް ފަރުވާތެރިނުވުމާއި ހަވާލުކުރެވޭ ޒިންމާތައް ފުރިހަމައަށް އަދާ ނުކުރުމުގެ ސަބަބުން ކޮންމެ އަހަރަކު އެތައް ޒުވާނުންނެއް ވަޒީފާ އިން ވަކިކުރެއެވެ. އާމްދަނީ ހޯދޭނެ ގޮތެއްނެތި އަތްމަތި ދަތިވުމުން ގިނަ ޒުވާނުން ދެން ޚިޔާރުކުރަނީ މަސްތުގެ ކަށިކުނބުރު ޖަންގަލީގެ ތެރެޔަށް ވަދެގެން ދިޔުމަށެވެ. މިކަމުގެ އާޚިރު ނަތީޖާ އަކީ ރޭގަނޑެއް ދުވާލެއް ވަކިކުރަން ނޭނގި މަސްތުގެ ރަން ދުނިޔެއެއްގާ ހަޔާތުގެ އަގުހުރި ވަގުތުތައް ނަގައިލަމުންދާ ނޫކަށިފުރައިގެ ޒުވާނުން މުޖުތަމަޢުގެ ބަލައިލާ  ކޮންމެ ދިމާލަކުންވެސް ފެންނަމުން ދިޔުމެވެ. ވަޒީފާގެ މައިދާނުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައިވާ އަދުގެ ޒުވާނުން ވަނީ ޒުވާނުންގެ ޒިންމާ އަދާކުރުމަށް ނުކުޅެދިފައެވެ.

          ޒުވާނުންގެ ޒިންމާދާރުކަމެއް ނެތްކަން ހާމަވާ އަނެއްކަމަކީ ކުށުގެ ވެށީގައި ޒުވާނުންގެ ހިއްސާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔުމެވެ. އެގޮތުން ސްކޭމްކޯލްތަކާއި ފޭކް ލިންކްތަކުގެ ޒަރިއްޔާއިން ، އުމުރުދުވަހު ކުރި މަސައްކަތުން އެއްކުރެވުނުހާ ފައިސާއެއް ފޭރިގަންނަނީ އެސްފިޔަ ޖަހާލާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ވައްކަމާއި މަގުފޭރުމުގެ މައްސަލަތަކުގައި ވެސް އެންމެ ގިނައިން ހައްޔަރުކުރަނީ ޒުވާނުންނެވެ. ބިރުން ފިތްކަނޑައިގެންދާ ވަރުގެ ރަހުމްކުޑަ ގަތުލުތަކާއި އަނިޔާވެރި އެތައް މާރާމާރީއެއްގެ ފަހަތުގައިވެސް ތިބީ ހަމަ ޒުވާނުންނެވެ. ކުށުގެ ހާއްޔަކަށް ގައުމު ބަދަލުކުރުމުގެ މިލަ ޒުވާނުންގެ އަތްތަކުގައި ހޭކިފައިވުމުން ރަމްޒުކޮށްދެނީ ޒުވާނުންގެ ޒިންމާދާރުކަމެއް ނެތް ކަމެވެ.

            އަދުގެ ޒުވާނުންގެ ޒިންމާދާރުކަން ކުޑަވެފައިވާ މައިގަނޑު އެއް ސަބަބަކީ، ދިވެހި އުދަރެހުގެ އެންމެ އުހުގައި ޓެކްނޮލޮޖީ ފިޔަޖަހަން ފެށުމާއިއެކު، މި ޒުވާނުންގެ ހަޔާތުގެ އައްސޭރިއަށް ބިންދަންފެށި އޮންލައިން ގޭމްކުޅުމުގެ ވަރުނުލާ ރާޅުތަކެވެ. ގޭމް ކުޅުމަށް ދެވިހިފާ ގޭމްގެ ދުނިޔެއެއްގައި ފިޔަ ކޮށަލާފައިވާ ދޫނިތަކެއް ފަދައިން ބަންދުވެފައި މިއަދު އެތައް ޒުވާނުންނެއް އެބަތިއްބެވެ. އިޖުތިމާއީ އެތައް މައްސަލައެއްގެ ތެރޭގައި ދިވެހި އުންމަތް ހަނާވަމުންދާއިރު ވެސް އަދުގެ ޒުވާނުން ތިބީ ޣާފިލްކަމުގެ ނިދިން ނިދައިފައެވެ. އެޒުވާނުންގެ ހިކުމަތާއި ހިންމަތަށް އެދި ޙުއްބުލްވަތަން ރޮއި އާދޭސްކުރަމުންދާއިރު ވެސް ގޭމްތަކުގެ އަވައިގައި ޖެހި ވަގުތުތައް ނަގައިލާނީ ޒިންމާ ނެގުމުގެ ގާބިލްކަން އެ ޒުވާނުންގެ ކިބައިގައި ނެތުމުންނެވެ.

            މައިންބަފައިން މުސްކުޅިވީ ދުވަހު އެމީހުންނާއި މެދު އިހުމާލުވެ ފަރުވާކުޑަކުރަމުން ދަނީ މި ޒުވާނުންގެ ކިބައިގައި ޒިންމާދާރުކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތުމުންނެވެ. މައިންބަފައިން އެމީހުންގެ ދެލޮލުގެ ކޮއިފަދައިން ބަލާ ބޮޑުކުރި ދަރިން އެ މައިންބަފައިން މުސްކުޅިވާ ދުވަހު، ފެނުކައްކާ ބޮލީގެ ޢިއްޒަތް ދީފައި، ގުރައިދޫގައި ހުންނަ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންގޮސް ލާއިރު، އެ ދަރިންގެ ހިތުގައި އިންސާނިއްޔަތު ކަމުގެ ކުނޑިފަށެއް ވެސް ނެތީ ބާއެވެ؟ ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އިސްރަށްވެހިންގެ ދުލުން އޮހޮރި އެމުނެމުން ދަނީ، އެމީހުންގެ ޒުވާން ދަރިންގެ ފަރާތުން ތަޙައްމަލް ކުރަން ޖެހިފައިވާ އަނިޔާއާއި އިހުމާލުން، ކަޅިވެފައިވީ ވޭނީ ފަސާނާތަކެވެ. މަންމަގެ ފައިތިލަ ދަށުގައި ސުވަރުގެ ވާއިރު އެ މައިމީހާ އާއި މެދު އެހާ އިހާނެތިކޮށް އަމަލުކުރަންކެރޭނީ އަދުގެ ގިނަ ޒުވާނުންގެ ކިބައިގައި ޒިންމާދާރުކަމެއް ރަހުމެއް ޙަމްދަރުދީއެއް ނެތުމުންނެވެ.

          ޤައުމުގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލި ނަމަވެސް ފެނިގެންދަނީ އަދުގެ ޒުވާނުންގެ ޒިންމާދާރުކަމެއް ނެތް ކަމެވެ. ގިނަ ޒުވާނުން ވަނީ ހަރުދަނާ ވަޒިފާއެއްގެ ނަސީބުން އަމިއްލަ ނަފްސު މަހުރޫމް ކޮށްފައެވެ. ތަޣައްޔަރު ވެފައިވާ ދިވެހި ކުށުގެ ވެށީގައި ފައިތިލަ ސާބިތުކޮށްފައެވެ. އަވާމެންދުރެއް ފަދަ އޮންލައިން ގޭމްގެ އަވައިގައި ޖެހި ހަޔާތް އޮޔާ ލައިފައެވެ. ދެގޮތެއް ނުވެ އަބަދުވެސް ގާތުގައިވީ މައިންބަފައިން މުސްކުޅިވީ ދުވަހު ބާކީ ކޮށްލައިފައެވެ. ކަންމިހެން ހުރުމާއިއެކު ދިވެހި ޤައުމުގެ މުސްތަޤުބަލް ރޯޝަންކޮށް ހުޅުދާން ކުރެވޭނީ  ”ނާރުތަކުގާ ދިވެހި ލޭ ހިނގާ ނަމަ މަގޭ ޖާނުގަ ވިންދު މިގޮތަށް ޖަހާ ނަމަ އިނގޭ، ބާރުގައި ނަމަ އެކަނި ފައިގެ ފިޔަވަޅު ނެގޭ ފާރަވެރިވާން މި ގައުމަށް މަ ހުންނާނަމޭ“ ބުނާނެ ފަދަ ޒިންމާދާރު ޒުވާން ޖީލެއް ބިނާ ކުރެވިގެންނެވެ.

  • ރިވެތި އަޚްލާޤުގެ މުހިންމުކަން: އަމިއްލަ އަދި އިޖުތިމާޢީ ހަމަޖެހުމުގެ މަގެއް!

    ރިވެތި އަޚްލާޤުގެ މުހިންމުކަން: އަމިއްލަ އަދި އިޖުތިމާޢީ ހަމަޖެހުމުގެ މަގެއް!

    އަޙްމަދު ޢަޠޫފު މުޙައްމަދު – 12ބީ (2024)

    بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ.

    ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ، وَٱلصَّلاَةُ وَٱلسَّلَامُ عَلَى اَشْرَفِ ٱلْأَنْبِيَاءِ وَٱلْمُرْسَلِيْنَ، وَعَلَى اٰلِهِ وَصَحْبِهِ اَجْمَعِيْنَ.

    ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ އާމިނަތު މުޙައްމަދު، ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް އަޙްމަދު ނިޔާޒް، ސްކޫލުގެ ހީވާގީ ސީނިއަރ މެނޭޖްމަންޓް ޓީމް،  ސްކޫލުގެ ޕީ.ޓީ.އޭގެ ހިންގުންތެރި މެމްބަރުން، ލީޑިންގ ޓީޗަރުން، މުދައްރިސުން، އަޅުގަނޑެކޭ އެއްފަދައިން މި ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ އެކުވެރި ދަރިވަރުން އަދި އެ ދަރިވަރުންގެ ބެލެނިވެރިން.

    ‏ٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللهِ وَبَرَكَاتُهُ‎.

    އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުގައި ވަކިވަކި އަދަބުތަކަކާއި އުޞޫލުތަކެއް އޮންނަންޖެހޭ ކަމަށް ހުރިހާ ބޭފުޅުންވެސް ޤަބޫލުކުރައްވާނެކަން ޔަޤީން. ނަމަވެސް މި އަދަބުތަކާއި އުޞޫލުތަކަށް ޢަމަލުކުރާ މަންޒަރު ވަރަށް މަދުން ނޫނީ ނުފެނޭ. ޚާއްޞަކޮށް ރިވެތި އަޚްލާޤެއްގެ މަތީގައި ދެމިތިބޭ ވަރަށް މަދު ބަޔަކު ނޫނީ ނުފެންނަކަން ވަރަށް ހިތާމައާއެކު ފާހަގަކުރަން. އެހެންކަމުން އަޅުގަނޑު ވާހަކަދައްކާނީ ”ރިވެތި އަޚްލާޤުގެ މުޙިންމުކަމާއި މި ސިފަ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އޮތް މިންވަރު“ މި މައުޟޫޢަށް.

    އާދެ! ޝައްކެއްވެސް ނެތް. ރިވެތި އަޚްލާޤަކީ އަޅުގަނޑުމެން އެންމެންވެސް އަށަގަންނަންޖެހޭ ވަރަށް މުޙިންމު ސިފައެއް. އެގޮތުން މާތް ﷲ ރުއްސުންލެއްވި އަބޫ ޙުރައިރާގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި މިކަން ވަރަށް ޞަރީޙަކޮށް ބަޔާންކޮށްދެއްވާފައިވޭ. އެ ޙަދީޘް ބަސްފުޅުގެ މާނައިގައި ވަނީ ”މުއުމިނުންކުރެ އެބައެއްގެ އީމާންކަން އެންމެ ފުރިހަމަ ބަޔަކީ، އެބައެއްގެ އަޚްލާޤު އެންމެ ހެޔޮ ބައެކެވެ.“ މި ބަސްފުޅުން އަޅުގަނޑުމެންނަށް އެނގެނީ ރިވެތި އަޚްލާޤަކީ އެކަމުގެ ސަބަބުން ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދޭ ޢަމަލެއްކަން. އަދި ރިވެތި އަޚްލާޤާ ނުލައި އަޅުގަނޑުމެންގެ އީމާންތެރިކަން ފުރިހަމަ ނުވާނެކަން ވެސް މި ބަސްފުޅުން އެބަ ދޭހަވޭ. އެހެންނޫންތޯ؟ އެހެންކަމުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރިވެތި އަޚްލާޤު އަށަގަތުމަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ވަރަށް މުޙިންމު ކަމެކޭ.

    ދެން ބަލާލަމާ ޢާންމުންގެ ތެރޭގައި މި ސިފަ އޮތް މިންވަރަށް. އެގޮތުން ސްކޫލުގައި މުދައްރިސުން ކިޔަވައި ދެއްވާ ވަގުތުގައި ކުދިން ސަކަރާތްޖަހާ މަންޒަރަކީ މި ދުވަސްވަރު ވަރަށް ޢާންމުކޮށް ފެންނަ މަންޒަރެއް. އަދި އެ ހިސާބުން ނިމުނީކީ ނޫނޭ! މުދައްރިސް ބުނުއްވާ އެއްޗެހީގެ ބަދަލަށް ވެސް ކުދިން ވާހަކަ ދައްކައޭ! އެހެންކަމުން މިއީ ރިވެތި އަޚްލާޤުގެ ސިފަ އަށަގަތުމަށް ހުރަސްއަޅާ ވަރަށް ބޮޑު ކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން.

    އާދެ! ދެން އޮތީ މައިންބަފައިންނަށް ކަމޭހިތުން. މައިބަފައިންނަށް ކަމޭހިތުމަކީ ރިވެތި އަޚްލާޤުގެ ތެރޭގައި ހިމެނޭ ވަރަށް އަޢުލާކަން ބޮޑު ޢަމަލެއް. އެހެންނޫންތޯ؟ އެކަމަކު މިހާރަކަށް އައިސް އަޅުގަނޑުމެންނަށް ފެންނަނީ ދަރިން މައިންބަފައިންނާ ދިމާލަށް އޭތިމީތި ގޮވައި ބޭނުންހާ އެއްޗެއް ކިޔާ މަންޒަރު. މިއީ ރިވެތި އަޚްލާޤުގެ ސިފަ ނެތިދިއުމަށް ދިމާވާ ވަރަށް ބޮޑު މައްސަލައެއް. އެހެންކަމުން މައިންބަފައިންނަށް ކަމޭނުހިތައި، އެބައިމީހުންނަށް އިޙްތިރާމް ނުކުރުމުން ރިވެތި އަޚްލާޤުގެ ޞިފައަށް ހީނަރުކަން ލިބުމަކީ ވުން ވަރަށް ގާތުގައިވާ ކަމެއް.

    ޝައްކެއްވެސް ނެތްގޮތުގައި ރިވެތި އަޚްލާޤަކީ އަޅުގަނޑުމެން އަށަގަންނަންޖެހޭ ވަރަށްވެސް މުޙިންމު ޞިފައެއް. އެހެންކަމުން އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑު މި ދިން މަޢުލޫމާތުގެ އަލީގައި ތިޔަ އެންމެހޭ ބޭފުޅުން ވެސް ޢިބުރަތް ޙާޞިލްކުރާނެކަމަށް. އަޅުގަނޑުގެ ދުޢާއަކީ މި ސްކޫލަށާއި ދިވެހި މުޖުތަމަޢުއަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކޮށްދެއްވުން.

    އާމީން.

    وَٱلسَّلَامُ عَلَيْكُمْ وَرَحْمَةُ ٱللهِ وَبَرَكَاتُهُ‎.

  • ރަނގަޅު މަޒުމޫނެއް ލިޔާނީ ކިހިނެއް؟

    ރަނގަޅު މަޒުމޫނެއް ލިޔާނީ ކިހިނެއް؟

    ޢާއިޝަތު ޙަނާން އިލްޔާސް- 12ސީ

    ތަޢާރަފު:

    މަޒުމޫނަކީ ކޮބައިތޯއެވެ؟ ދިވެހިބަހުގެ ރަދީފްގައި ވާގޮތުން ނަމަ، ”މަޒުމޫނު“ މި ލަފުޒުގެ މާނައަކީ ”މައިގަނޑުނަމެއްގެ މައްޗަށް ލިޔެފައިވާ ބަޔާން“އެވެ. ލިޔުންތެރިން އެއްބަސްވާ ގޮތުގައި މަޒުމޫނަކީ ވަކި މައިގަނޑު ނަމެއްގެ މައްޗަށް ބިނާކޮށްގެން އެއްކުރެވިފައިވާ ޕެރެގްރާފުތަކެކެވެ. އެހެންވީމާ ރަނގަޅު މަޒުމޫނަކީ ރީތި ފެށުމަކާއި އޮއްޓަރު ހުރި ބަދަހި މައިގަނޑަކާއި ޚުލާޞާކޮށްދެނިވި ނިންމުމެއް ގެނެސްފައިވާގޮތަށް ތަފާތު ނުކުތާތަކުގެ މައްޗަށް ވަކި ޚިޔާލެއްގެ މައްޗަށް ލިޔެ އެއްކުރެވިފައިވާ މަޢުލޫމާތުތަކެކެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ އެސްއެސްސީ އަދި އެޗްއެސްސީ އިމްތިޙާނުގައި ހިމެނޭ އޮޅުންފިލުވައިދޭ މަޒުމޫނަށެވެ.

    އޮނިގަނޑު:

    މަޒުމޫނެއްގެ އޮނިގަނޑު މައިގަނޑު ތިން ބަޔަކަށް ބަހާލެވެއެވެ. އެއީ:

    1. ފެށުން:

    މަޒުމޫނުގެ ފެށުމަކީ މަޒުމޫނުގެ އެންމެ މުހިންމު ބައިކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ، ކިޔާ މީހާ އެންމެ ފުރަތަމަ ކިޔާނީ މި ޕެރެގުރާފެވެ. އެހެންކަމުން މި ޕެރެގްރާފު ވާންޖެހޭނީ ކިޔާމީހާ އެ މަޒުމޫނެއް ކިޔުމަށް ޝައުޤުވެރި ކުރުވާނެ ޕެރެގުރާފަކަށެވެ.

    • މައިގަނޑު:

    މަޒުމޫނުގައި ހިމެނޭ މުހިއްމު ހުރިހާ މަޢުލޫމާތެއް (އޮއްޓަރު) ހިމެނިފައިވަނީ މިބައިގައެވެ. އަދި މަޒުމޫނުގެ މޮޅު/ދެރަ މިން ބިނާވެފައިވާނީ މި އޮއްޓަރުގެ މައްޗަށެވެ. ވީމާ މޮޅު، ފެންވަރު ރަނގަޅު މަޒުމޫނެއް ނަމަ، މައިގަނޑު ޚިޔާލާއި ނުވަތަ ޕޮއިންޓާއި ގުޅުންހުރި ގޮތަކަށް މުހިންމު ގިނަ މައުލޫމާތުތަކެއް، އެމުނި އެކުލެވިފައިވާ ޢިބާރާތުން މައިގަނޑު ބައިގައި ހިމެނުން މުހިންމެވެ.

    • ނިންމުން:

    މަޒުމޫނެއްގެ ނިންމާ ޕެރެގުރާފުގެ މައިގަނޑު މަޤްޞަދަކީ، ލިޔުމުގައި ގެނެސްދީފައިވާ ޚިޔާލުތައް ޚުލާޞާކުރުމާއެކު، ލިޔުން ވަށާޖައްސާލުމެވެ. އަދި ހަމަ އެހެންމެ، ކިޔުންތެރިޔާގެ ވިސްނުން ބަދަލުކޮށްލުމަށްވެސް އެންމެ މުހިންމުވާނީ ޤަބޫލޫކުރެވޭނެ ފެންވަރެއްގެ ނިންމުމެކެވެ.

    ފެށުން:

    މަޒުމޫނުގެ ކޮންމެ ޕެރެގުރާފެއްގައިވެސް ވަކި އޮނިގަނޑެއް އޮވެއެވެ. އެގޮތުން، ފަށާ ޕެރެގުރާފުގެ އޮނިގަނޑަކީ:

    • ހޫކް ޖުމްލަ

    ހޫކް ޖުމުލައަކީ ކިޔުންތެރިޔާގެ ޝައުގުވެރިކަން ދަމައިގަތުމަށް އެންމެ މުހިންމު ޖުމުލައެވެ. މި ޖުމުލަ ގެނެވޭނެ ބައިވަރު ގޮތްތައް ހުރެއެވެ. އެގޮތުން، ސުވާލަކުން، ނޫނީ އަދުގެ ޙާލަތުންވެސް ފެށިދާނެއެވެ. މަޤުޞަދަކީ ކިޔުންތެރިޔާ މި މަޒުމޫނު ކިޔަން މަޖުބޫރު ކުރުވުމެވެ.

    ތިރީގައި މިވަނީ ހޫކްޖުމުލަ ގެނެވިދާނެ އިތުރު ބައެއް ގޮތްތަކެވެ.

    • މަޝްހޫރު މީހެއްގެ ބުނުމެއް (މައުޟޫޢާ ގުޅޭ)ބަހުގެ ޢިލްމުވެރިޔާ ޑޭވިޑް ކުރިސްޓަލް ހާމަކުރައްވާގޮތުގައި އެހެންޤައުމުތަކުން އަންނަ ބީދޭސީންނާއި، ވަޒަންވެރިން، އެޤައުމުގެ ބަހަށް ބަދަލުތައް ގެނައުމުގެ ސަބަބުން، ބަސް މަރުވާން ދިމާވެއެވެ. މައުޟޫޢުގައި ހިމެނޭ ލަފުޒެއްގެ މާނަ ބުނެދީގެންދިވެހި ބަސްފޮތުގައި ވާގޮތުން ހަކަތައަކީ އެއްޗެއްގައި ހުންނަ އެއްޗެއް ހިންގައިދިނުމަށް ކިޔާ ނަމެކެވެ.ސުރުޚީގައި ހިމެނޭ އެންމެ މުހިއްމު ވާހަކައަށް އަލިއަޅުވާލައިގެން. ދިވެހި ބަހަކީ ދިވެހިންގެ މާދަރީބަހުގެ އިތުރުން ދިވެހިންގެ ޤައުމިއްޔަތުގެ ރަމްޒެވެ. މައުޟޫޢާ ގުޅޭ ގޮތުން ވަޒަންބަހުރުވައިގެ ބާވަތެއް ބަސްބަހީ މީހުން ހަދާ އެއްޗެއް ބަލަގަ ނޫނޭ ތެދޭ

                    އަސްތަ އަސްތާ ގުދުރަތުގެ އޭ އެއްޗެކޭ ހަމަ ހިންގަވާ

    • ފަސްމަންޒަރު

    ފަސްމަންޒަރުގެ ބޭނުމަކީ ލިޔުން ކިޔަން ފެށުމުގެ ކުރިން ކިޔުންތެރިޔާއަށް ބޭނުންވާނެ އިތުރު މަޢުލޫމާތު ހިއްސާކޮށްދިނުމެވެ. މިސާލަކަށް، މަޒުމޫނަކީ ޓެކްނޮލޮޖީގެ ގެއްލުންތައް އޮޅުންފިލުވައިދޭ މަޒުމޫނެއް ކަމަށްވާނަމަ، ފަސްމަންޒަރުގައި އަދުގެ ދުނިޔޭގައި ޓެކްނޮލޮޖީ އާންމުވެފައިވާ މިންވަރު އަންގައިދޭކަހަލަ ވާހަކަތައް ހިމެނިދާނެއެވެ. އޭރުން ޓެކްނޮލޮޖީގެ މި ގެއްލުންދެނިވި އަސަރުތަކުގެ މުހިންމުކަން ކިޔުންތެރިޔާއަށް މާ ފަސޭހައިން ދެނެގަނެވޭނެއެވެ.

    • ތީސީސް ޖުމުލަ/ތީސީސް ޖުމުލަތައް

    އާމިނަތު އިބްރާހީމް، އަޙުމަދު ޙާޝިމާއި ޙަވާލާދެއްވާ (އަޙްމަދު ޝަބީ، (2015)(. ހާމަކުރައްވާ ގޮތުގައި “މަޒުމޫނެއްގައި ނަމަ ކިޔުންތެރިޔާއަށް މަޒުމޫނު ހުޅުވާލަދޭ ތީސިސް ޖުމްލަ އޮންނަންވާނެއެވެ. އަދި ތީސިސް ޖުމްލައަކީ މަޒުމޫނު ކުރިޔަށް ގެންދާނެ ގޮތުގެ މަގުޗާޓެވެ. އަދި ހަމައެހެންމެ ތީސީސް ޖުމްލައަކީ މަޒުމޫނުގެ ކުރިއަށް އޮތްބައިގައި ލިޔަން ޚިޔާލުކުރާ ކަމެއް ވީއެންމެ ރަނގަޅަކަށް ސާފޮކޮށްދީފައި އޮންނަ ޖުމްލައެވެ“.

    ތީސީސް ޖުމުލަ ނުވަތަ ތީސީސް ސްޓޭޓްމެންޓުން މަޒުމޫނު ކުރިއަށްދާނެގޮތާއި، ލިޔުންތެރިޔާގެ ވިސްނުމަކީ ކޮބައިކަން ސާފުވާން ޖެހޭނެއެވެ.

    މައިގަނޑު:

    މައިގަނޑު ޕެރެގުރާފުވެސް ބަހާލެވިފައިވަނީ ތިން ބަޔަކަށެވެ. އެއީ:

    • މައިގަނޑު ޖުމުލަ

    މައިގަނޑު ޖުމުލައަކީ އެ ޕެރެގުރާފެއްގައި ގެނެސްދޭނެ ޚިޔާލު ހުށައަޅައިދޭ ޖުމުލައެވެ. މައިގަނޑު ޖުމުލަ ކިޔާލުމުން، އެ ޕެރެގުރާފުގައި ދެކެވޭނީ ކޮން ވާހަކައެއްކަން ކިޔުންތެރިޔާއަށް ދޭހަވާން ޖެހޭނެއެވެ.

    • ހެކި، މިސާލު، ތަފާސްހިސާބު

    މިއީ ކުރިން ގެނެސްދިން މައިގަނޑު ޖުމުލައިގެ ތެދުކަން ސާބިތުކޮށްދިނުމަށްޓަކައި ގެނެސްދޭ ބާރުދޭ ޖުމުލަތަކެވެ. މިސާލަކަށް ބަލާލާނަމަ، މައިގަނޑު ޖުމުލައިގައި ގެނެސްދިނީ ޓެކްނޮލޮޖީގެ ސަބަބުން ޞިއްޙަތަށް ލިބޭ ގެއްލުންތައް ކަމަށްވާނަމަ، ބާރުދޭ ޖުމުލަތަކުގައި ހުންނަންވާނީ ޞިއްޙަތަށް ލިބޭ ގެއްލުންތަކާ، އެކަން ސާބިތުކޮށްދޭ ހެކިތަކެވެ.

    • ވަށާޖައްސާ ޖުމުލަ

    ވަށާޖައްސާ ޖުމުލައިން މުޅި ޕެރެގުރާފު ޚުލާޞާކުރެވެން ވާނެއެވެ. އެއީ އަލުން އަނބުރާ މައިގަނޑު ޖުމުލައަށް ދިއުމެވެ. ނުވަތަ ރީފްރޭސް ކޮށްލުމެވެ.

    ނިންމުން:

    ނިންމުން ބަހާލެވިފައިވަނީ އަންނަނިވި ތިން ބަޔަށެވެ.

    • ތީސީސް ޖުމުލަ އެހެން ޢިބާރާތަކުން އަލުން ގެނައުން

    މިއީ ފެށުމުގައި ގެނެސްދިން ތީސީސް ސްޓޭޓްމެންޓް އަލުން، ރީފްރޭސް ކޮށްގެން ގެނެސްދިނުމެވެ.

    • މައިގަނޑުގެ ޚުލާޞާ

    ޚުލާސާގައި، މައިގަނޑުގައި ގެނެސްދިން ހުރިހާ ޕޮއިންޓެއް ކުރުގޮތަކަށް ގެނެސްދޭން ވާނެއެވެ.

    • ނިންމާ ޢިބާރާތް ( ހުރިހާ ވާހަކައެއް ވަށައިޖައްސާ ޖުމުލަ )

    މިއީ މުޅި ލިޔުން ވަށާޖައްސާ އިބާރާތެވެ. މި ޖުމުލަ އޮންނަންވާނީ މުޅި މަޒުމޫނުގައި ދެއްކި ވާހަކަތައް ވަށާޖައްސާ ނިންމާލާ ކަހަލަ ގޮތަކަށެވެ.

    މަޒުމޫނެއް ނިންމުމުގައި އަންނަނިވި ގޮތްތައް ވެސް ބޭނުންކުރެވިދާނެއެވެ.:

    • ތިމާ ޤަބޫލުކުރާގޮތެއް ބަޔާންކުރުން/ މައްސަލައާމެދު ދެކޭގޮތް
      • މައްސަލަ ހައްލުކުރަން ކުރެވިދާނެ ކަންކަން ބަޔާންކުރުން
        • ފެށުމުގައި ބޭނުންކުރި ބަސްތައް ތަކުރާރުކޮށްލުން
        • ކުރިމަގުގައި އަތުވެދާނެ/ ނުވަތަ ގެންނަން ފެންނަ ބަދަލުތައް ހާމަކޮށްދިނުން
        • މައިގަނޑުނަމާ ގުޅޭ ކޮމާކޯޅި ޢިބާރާތްކޮޅެއް ބޭނުންކުރުން

    ތިރީގައި މިވަނީ އެޗްއެސްސީ ގެ ފޯމެޓްއަށް ތައްޔާރުކޮށްފައިވާ ސުވާލަކާއި، ސުވާލުގެ ޖަވާބެކެވެ.

    ސުވާލު:

    ބަހަށް ބަދަލު އައުމަކީ ޠަބީޢީ ކަމެކެވެ. ބަހަކީ އިޖުތިމާޢީ އެއްޗެކެވެ. ފަރުދީ އެއްޗެއް ނޫނެވެ. އެހެންވީމާ މުޖުތަމަޢަށް އަންނަ ބަދަލު ބަހަށް އަންނާނެއެވެ. ބަހުގެ ބޭނުންކުރާ މީހާ ހަމައެކަނި ވާހަކަދައްކަނީއެއް ނޫނެވެ. އެ ވާހަކަތަކުގެ ޒަރީޢާއިން އޭނާގެ ވެށީގެ ހަމަތަކާއި ސަގާފަތާއި އާދަތައްވެސް ހާމަކުރަނީއެވެ. އެހެންވީމާ އެއިން ކޮންމެ ކަމަކަށް ބަދަލު އަޔަސް ބަހުގެ ތެރެއިން އެ ބަދަލެއް ފާޅުވެ ފެންނާނެއެވެ. ތިޔަ ދަރިވަރަކީ ދިވެހި ބަހާ ބެހޭގޮތުން ދިރާސާކުރަމުންދާ ދަރިވަރެއް ކަމުގައި ބަލައިގެން ދިވެހިބަހަށް އަންނަ މިފަދަ ބަދަލުތައް އޮޅުން ފިލުވައިދިނުމަށް މަޒުމޫނެއް ލިޔާށެވެ. މަޒުމޫނުގެ ދިގުމިނަކީ 55 ފޮޅުވަތާއި 65 ފޮޅުވަތާއި ދެމެދެވެ.

    ޖަވާބު:

          އެއްވެސް ކަމަކީ އަބަދު އެއްގޮތަކަށް އޮންނާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން ބޭނުންވިޔަސް ބޭނުންނުވިޔަސް ޒަމާނާއެކު ހުރިހާ ކަމެއްވެސް ދާނީ ބަދަލުވަމުންނެވެ. މި އުސޫލާއި އެއްގޮތަށް އަޅުގަނޑުމެންގެ ދިވެހިބަސްވެސް ދަނީ ފުރޮޅެމުން، އެނބުރެމުން، ބަދަލުވަމުންނެވެ. އެއް ތުނޑި ވޮޑެމުންދާއިރު އަނެއް ތުނޑި ގިރަމުންދާގޮތަށް މި ބަދަލުތަކުގެ ތެރޭގައި އެދެވޭ ބަދަލުތަކާއި ނޭދެވޭ ބަދަލުތައް ހިމެނޭނެކަމާމެދު ޝައްކެއްނެތެވެ. މިހާރު އަޅުގަނޑުމެން މި ވާހަކަދައްކާ ދިވެހިބަހާއި  އަޅުގަނޑުމެން ކާބަފައިން ވާހަކަދައްކާ އުޅުނު ދިވެހިބަހުގައި ތަފާތުތަކެއް، ބަދަލުތަކެއް ހުންނާނެއެވެ. ބަހުގެ ޠަބީޢަތަކީ އެއީއެވެ. އެއްގޮތެއްގައި ދެމިހުރުމަކީ ނާދިރުކަމެކެވެ. އެގޮތުން، ބަހަށް އަސަރުތައް ކުރުވާ އަދި ބަހަށް ބަދަލުއައުމަށް މެދުވެރިވާ ސަބަބުތަކަށް ބަލައިލުމަކީ މުހިއްމު ކަމެކެވެ.

          ދެބަސްވެވެންނެތް ޙަޤީގަތަކީ، ދިވެހިބަހަށް އެންމެ ބޮޑެތި އަސަރުތައް ކުރާ އެކައްޗަކީ ތަރައްޤީވުމުގެ ސަބަބުން ރާއްޖެއަށް ތަޢާރަފުވި ބަސްތަކެވެ. ވަކިން ޚާއްޞަކޮށް ދަންނަވާނަމަ އިނގިރޭސި ބަހެވެ. ޓެކްނޮލޮޖީގެ ގިނަ ވަޞީލަތްތައް ރާއްޖޭގައި ބޭނުންކުރެވޭއިރު، ހުރިހާ އާލާތެއްގައި އިންޓަރފޭސް މި ހުންނަނީ އިނގިރޭސިންނެވެ. މި ހުންނަ އިނގިރޭސި ބަސްތައް ވާހަކަދެއްކުމުގެ ތެރެއަށް ނުލައި ދައްކަން ބޭނުންވާ ވާހަކަ އަނެއް މީހާއަށް ފަހުމު ނުވެދާނެއެވެ. އެއްޗެއް އަޅާށޭ ބުނުމާއި އެއްޗެއް އަޕްލޯޑު ކުރާށޭ ބުނުމުން ދޭހަވާ މާނަ ތަފާތުވާނެކަން ޔަޤީނެވެ. ’އަޕްލޯޑް’ގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒެއް ހަދަން އުޅެވުނުއިރު އެ ލަފުޒު މި ވަނީ އެހެން ލަފުޒަކަށް ޖާގައެއް ދޭން އުނދަގޫ މިންވަރަށް ދިވެހިންގެ ދޫ މައްޗަށް ފަސޭހަވެފައެވެ. މީގެއިތުރުން މިފަދަ އިނގިރޭސި ބަސްތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ބަސް އާންމުންނަށް އެނގޭއިރު އެއްކަލަ އިނގިރޭސި ލަފުޒު އޮންނަނީ ވައިގަހިފާފައެވެ. ދިވެހި ބަހުގެ ތެރެއަށް ވަދެ ލާމެހިފައެވެ. ސުމޭކީ ދުނިޔެއެއްގައި ދިވެހިން އުޅެން މަޖުބޫރުވެފައިވަނީ މި ލާމެހުމާ އެކުގައެވެ. ނަތީޖާއެއްގެ ގޮތުން، އަދުގެ ދިވެހިބަސް ދަނީ ދިވެހިން ތަރައްޤީވަމުން ދާ ވަރަކަށް ބަދަލުވަމުންނެވެ.

          ތަރައްޤީގެ ސަބަބުން ތަޢާރަފުވާ އެހެން ބަސްބަހުގެ އިތުރުން، އަލަށް ތަޢާރަފްކުރެވޭ އާލާތްތަކާއި އެއްޗެއްސަކީވެސް ބަސް ބަދަލުކުރުވާ އެއްޗެއްސެވެ. މިކަމަށް ހެކިދޭ އެންމެ ފަސޭހަ މިސާލަކީ ”އޯމޯ“ގެ މިސާލެވެ. ނަމުގައި އެއީ ދޮންނަކުނޑި ކަމަށް ވިޔަސް، ދިވެހިންނަށް އެއީ އޯމޯ ނޫން އެއްޗަކަށް ނުވެއެވެ. އެއީ އެ ދޮންނަކުނޑީގެ އިނގިރޭސި ނަމެއް ނޫނެވެ. އެހެންނަމަވެސް އެއީ އެންމެ ފުރަތަމަ ރާއްޖެ އެތެރެކުރެވުނު ދޮންނަކުނޑީގެ ބްރޭޑް ނަމެވެ. އާ އެއްޗެއް ތަޢާރަފުވުމުން އެންމެ ފަސޭހައިން އެއަށް ކިޔޭނެ އެއްޗެއް ކިޔާ، އެ ނަން ހަރުލަނީއެވެ. ހައިމާކަކީ ވެސް އެކްސްކަވޭޓަރަށް މިފަދައިން ދެވުނު ނަމެއް ކަމަށް ބެލެވެއެވެ. އަލަށް އެއްޗެއް ތަޢާރަފްވުމާއެކު ދިވެހިން މި އޮންނަނީ އެ އެއްޗަކަށް ފަސޭހަ ނަމެއްދީ ހަރުކޮށްފައެވެ. ރަސްމީ ނަމެއް ދެވޭއިރު އެންމެ ފުރަތަމަ އެއަށް ކިޔާ ނަން ހުންނަނީ ބިންވަޅުނެގިފައެވެ. އެއްކަލަ ނަން ދިވެހިބަހުގެ ތެރެއަށް ވަދެފައެވެ. ދިވެހިބަހުގެ އުޞޫލުތަކަށް ފެތޭގޮތަށް ލަފުޒު ބަދަލުކޮށްލާފައެވެ. ތާރމޯސް ތަރުމޯޒަށް ވެފައި، ޝޯރްޓްސް ސޯޓަށްވެފައި މިހުންނަނީ މި ސަބަބަށްޓަކައެވެ. އެހެންކަމުން، މީހުންގެ ތެރެއަށް އާ އާލާތްތަކާއި ތަކެތި ތަޢާރަފުވުމަކީ ބަހަށް ބޮޑެތި ބަދަލުތައް ގެނެސްދޭ ކަމެއްކަމާމެދު ޝައްކެއްނެތެވެ.

          ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން، ތިމާވެއްޓަށް އައު އެއްޗިހި ތަޢާރަފުވެގެން ދިއުމަކީވެސް ބަހަށް ބޮޑެތި ބަދަލުތައް ގެނުވާ ކަމެކެވެ. އެތަންމިތަނުން އެކި ވައްތަރުގެ ގަސްގަހާގެއްސާއި މާމެލާމެލި ގެނެސް ގޯތިގެދޮރުގައި ހައްދާއިރު، މިއީ އިހުޒަމާނުގައި ދިވެހިން ހުވަފެނުންވެސް ދުށް ވައްތަރު ތަކެއްޗެއް ނޫނެވެ. އެހެންކަމުން މި ގަސްގަހަށް ކިޔާނެ ދިވެހި ނަމެއް ނޯވެއެވެ. މިދެންނެވީ އަޅުގަނޑުމެންގެ ވެށީގައި އާންމު މަގޫ، ނިކަ، ރުއް، ހިތި، ފަދަ ނަންތައް ކަހަލަ ”ދިވެހިވަންތަ“ ނަމެއް ނޯވެއެވެ. ޑްރެގަން ފްރުޓް އެއީ ޑްރެގަން ފްރުޓެވެ. ކިތަންމެ ގިނަ ގެއަކު ހެއްދި ނަމަވެސް މެއެވެ. ދުވަސްކޮޅަކުން އެ ނަން ”ދިވެހިވެގެން“ ޑުރެގަނު ފުރުޓަށް ވާ ތަން ފެނިދާނެއެވެ. އެ މޭވާއަށް އާ ”ދިވެހި“ ނަމެއް ހެދިޔަސް އެ ނަން އާންމު ނުވާ މަންޒަރު ފެނިގެން ހިނގައިދާނެއެވެ. މިއީ އަބަދުވެސް ކަން ހިނގާ އުސޫލެވެ. އެހެންވީމާ، ވަށައިގެންވާ ތިމާވެއްޓަށް އަންނަ ބަދަލުގެ ސަބަބުން ބަހަށްވެސް ބަދަލުތަކެއް އަންނަކަން ސާބިތުކޮށްދެއެވެ.   

          ދިރިއުޅުމުގެ އާދަކާދައަށް އަންނަމުންދާ ބަދަލުތަކަކީ ބަހަށް އެންމެ ބޮޑެތި ބަދަލުތައް ގެނުވާ އެއް ބަހާއެވެ. މީގެ މިސާލަކަށް ”ފޮޅިއެޅުން“ މި ބުނުމަށް ބަލާލަމާ ހިންގަވާށެވެ. ފޮޅިއެޅުމަކީ ކުރީގެ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނުނުކަމެކެވެ. ޚާއްޞަކޮށް ކުޅުދުއްފުށީގައި ކުރެވުނު ކަމެއްކަމަށް ބެލެވޭ ފޮޅިއެޅުމަކީ ނަދުރު ބުނެގެން އެ ނަދުރު ފުއްދުމަށް ކޮށްއުޅުނު ކަމެކެވެ. އެއީ ޞަލަވާތް ފާޠިޙާ ކިޔެވުމަށްފަހު ކުއްޖާގެ ހަށިގަނޑު ނިވާވަންދެން ހާލުފޮޅި ޖެއްސުމަށްފަހު އެ ފޮޅިތައް ޞަދަޤާތްކުރުމެވެ. ފޮޅިއެޅުމޭ ބުނުމުން އިހުގައި ދޭހަވާނީ އެ މާނައެވެ. ނަމަވެސް މިއަދު ދޭހަވަނީ ކޮން މާނައެއްތޯއެވެ؟ ދިވެހިންގެ އެ އާދަކާދަ ގެއްލިގެން ދިއުމުން، މިވެނި މީހަކު ފޮޅިއެޅިއްޔޭ ބުނުމުން ދޭހަވާ މާނަވެސް މުޅިން ބަދަލުވީއެވެ. ހާލުފޮޅި ޚިޔާލަށް ވެސް ނައިސް ކޮންމެވެސް މީހަކު ރުޅިއައިސްގެން އެއްޗެހިގޮވީކަން މިހާރު އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގޭނެއެވެ. މިފަދަ ”އާ މަޖާޒޭ“ މި ބުނެވޭ ގިނަ ބަސްތަކަކީ އެ ދުވަސްވަރެއްގެ އާދަކާދަޔާ ގުޅިގެން އަންނަ ބަސްތަކާއި ބުނުންތަކެވެ. އެހެންކަމުން، އާދަކާދަޔާއި އެކީ، ބަސްވެސް ބަދަލުވެގެންދާކަމީ ފެންނަންއޮތް ޙަޤީޤަތެވެ.

          އަދަދުނުކުރެވޭހާ ގިނަ ސަބަބުތަކާހުރެ ދިވެހިބަހަށް އަސަރުކޮށް، ބަސް ބަދަލުވެގެންދާ މަންޒަރު އަޅުގަނޑުމެން އެންމެންނަށްވެސް ފެނެއެވެ. ތަރައްޤީގެ ސަބަބުން ތަޢާރަފުވާ ބަސްބަހާއި ތަކެތީގެ އިތުރުން، ތިމާވެއްޓަށް އަންނަ ބަދަލުތަކަކީވެސް ބަސް ބަދަލުކުރުވާ ކަމެއްކަން ފެނިގެން އެބަދެއެވެ.  އަދި އާދަކާދަ ބަދަލުވުމުންވެސް ބަހަށް ބޮޑެތި ބަދަލުތަކެއް އަންނަކަން މިވަނީ ހާމަވެފައެވެ. މި އެންމެހާ ކަމަކުން ދޭހަވަނީ، ބަސް ބަދަލުވުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމެވެ. އަދި ބަސް އެނގުމަށް ވަށައިގެން ހިނގާ ހުރިހާ ކަމެއްވެސް އެނގެން ޖެހޭނޭކަމެވެ. ދިވެހި ބަހަކީ މިހާ ނާޒުކު، އެހެނަސް ފުރިހަމަ ބަހެކެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދޭހަވަނީ ދިވެހިބަހުގެ ”އެޑެޕްޓަބިލިޓީ“އެވެ. މާނައަކީ ހާލަތާއެކު ބަދަލުވުމުގެ ފުރިހަމަކަމެވެ. މިފަދައިން ބަދަލު ނުވާނަމަ، ބަސް ދެމިއޮތުމަށްވުރެ ނެތިދިއުން ގާތެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެންނަކީ ދިވެހިބަސް ދަސްކޮށް މާހައުލުގެ އެހީގައި ބަސް ދެނެގަނެ، ބަސް ކުރިއެރުވުމަށް މަސައްކަތްކުރާ ބަޔަކަށް ވަމާ ހިނގާށެވެ.

  • އުތުރުގެ ހިތް: ކުޅުދުއްފުށި ސިޓީ

    އުތުރުގެ ހިތް: ކުޅުދުއްފުށި ސިޓީ

    އަޙުމަދު ޒަކަރިއްޔާ

    ދިވެހިރާއްޖޭގެ އުތުރުން އެންމެ ބައިބޯ، މިހާރު ސިޓީއެއްގެ ދަރަޖަ ދީފައިވާ ކުޅުދުއްފުށި ސިޓީއަކީ އުތުރުގެ މައި ތަނބުގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ. އާބާދީގައި 10046 (ދިހަ ހާސް ސާޅީސް ހަ) މީހުންތިބި ކުޅުދުއްފުށި ސިޓީއަކީ 247 ހެކްޓަރުގެ ބޮޑު މާ ރަށެކެވެ. އޭގެ ތެރެއިން 180 ހެކްޓަރުގައި މީހުން ދިރިއުޅޭއިރު 67 ހެކްޓަރު ހިމެނިފައި އޮތީ މީހުން ދިރިނޫޅޭ ސަރަހައްދުގެ ގޮތުގައެވެ. ރަށުގެ ބިން ބޭނުންކުރެވޭ ގޮތަށް ބަލާއިރު ރަށުގައި މީހުން ދިރިއުޅުމަށް ރަށުގެ ބިމުން 4241 ގޯތި ދޫކޮށްފައިވާއިރު އޭގެ ތެރެއިން މީހުން ދިރިއުޅޭކަމަށް ރިކޯޑުކުރެވިފައިވަނީ 2784 ގޯތީގައެވެ. ބޮޑު އާބާދީތަކާ އަޅާބަލާއިރު ނިސްބަތުން ކުށް މަދު، ހަމަނުޖެހުން ކުޑަ ކުޅުދުއްފުށި ސިޓީއަކީ ހިތްހެޔޮ، އަދި ޙާޟިރު ޖަވާބު އަވަސް ބައެއްގެ ގޮތުގައި ފާހަގަކުރެވޭ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.

    ޒަމާނުއްސުރެ ކުޅުދުއްފުށި މަޝްހޫރުވެފައިވަނީ ރޯނުވެށުމަށް އެންމެ ކުޅަދާނަ މީހުން ތިބި ރަށުގެ ގޮތުގައެވެ. ރަށުގެ އަންހެނުންނަށް ޚާއްޞަ މި މަސައްކަތުގައި، އިހުގައި އާބާދީގެ ބޮޑު އިންސައްތައެއް ހިއްސާވިކަމުގައި ވިޔަސް، ޒަމާނަށް އައި އެކިއެކި ބަދަލުތަކާއި، އާމްދަނީ ހޯދޭނޭ އިތުރު މަގުތަކާއި ގޮތްތައް ތަޢާރަފުވުމާވެސް އެކު، މިހާރު ރޯނުވެށުމުގެ މަސައްކަތުގައި ތިބި މީހުންގެ ނިސްބަތް ކުރިއާ އަޅައިބަލާއިރު މާބޮޑަށްވެސް މަދެވެ. ކަނބުރުވެރިކަމަކީ ކުޅުދުއްފުށި ސިޓީގެ ފިރިހެނުން ޒަމާނުއްސުރެ ކުރަމުން އަންނަ ވަރަށް ޚާޢްޞަ މަސައްކަތެކެވެ. މި މަސައްކަތްކުރާ މީހުންގެ ޢަދަދު މަދުކަމުގައި ވިޔަސް މި މަސައްކަތުން އުފައްދާ ތަކެތި ފާހަގަކުރެވެނީ މުޅި ރާއްޖެއަށްވެސް ވެސް މަޝްހޫރު ”ބްރޭންޑު“ ތަކެއްގެ ގޮތުގައެވެ. ހަމައެހެންމެ މަސްވެރިކަމުންނާއި އިމާރާތްކުރުމުގެ މަސައްކަތްތައްވެސް ފާހަގަކުރެވެނީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ އާމްދަނީ ބަރޯސާވާ މަސައްކަތްތަކެއްގެ ގޮތުގައެވެ. ރަށުގެ ނަމާއެކު ކެވެލިޖެހިފައިވާ އަނެއް މަސައްކަތްކަމުގައިވާ ހާލުފޮޅި ފިހުމުގެ މަސައްކަތަކީ މިއަދުވެސް އެ މަސައްކަތަށް ބޮޑު ’ޑިމާންޑެއް‘ އޮތް، ތަރައްޤީވަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތުން އުފައްދާ ހާލުފޮޅިއަކީ ކުޅުދުއްފުށްޓަށް ޚާއްޞަ، މުޅި ރާއްޖެއަށް މަޝްހޫރު ފޮނިކާއެއްޗެކެވެ.

    ކުޅުދުއްފުށީގެ އަސްލަކީ ”ކުޅިދުށްފުށި“ ކަމަށް އިހުގެ މީހުން ބުނާ ސަބަބަކީ ރަށުގައި އޮތް ބޮޑު މަށިކުޅިއެވެ. ރާއްޖޭގެ އެހެން ކުޅިތަކާ ތަފާތު ހުދުމަށްޓަށް ޚާއްޞަ މި ކުޅިއަކީ ރަށުގައި އޮތް އެންމެ ޚާއްޞަ އެއް ސަރަހެއްދެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންގެ އެއް މަންޒިލަކަށްވާ ކުޅުދުއްފުށީގެ ކުޅިއަކީ ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ތަނެކެވެ. ރަށުގެ ވައިގެބަނދަރު އެޅުމަށް ކުޅިން ބައެއް ހިއްކިކަމުގައި ވިޔަސް، އަސްލު ނުގެއްލޭގޮތަށް އެ ގުދުރަތީ މުއްސަނދިކަމާއެކު ކުޅި އަދިވެސް އެބައޮތެވެ. ދޭތެރެދޭތެރެއިން އަންނަ ގުޑުގުޑާދޫނި ފަދަ މޫސުމީ ދޫނިތަކުގެ މަންޒިލަކަށްވެފައިވާ ކުޅުދުއްފުށީކުޅިއަކީ ފޮޓޯގްރާފަރުންގެ ލެންސުތައް އަމާޒުކުރާ ޚާއްޞަ ސަރަހައްދެކެވެ. ކުޅުދުއްފުށްޓާއި ރާއްޖޭގެ ތާރީޚާއި ސަގާފަތާ ގުޅިފައިވާ އެތައް ކަމެއް އެއްތާކުން ދުށުމަށް، ރަށަށް އަންނަ މެހެމާނުންގެ ޒިޔާރަތްކުރާ ރަށްވެހި އާސާރަކީވެސް ރަށުގައި ހުރި، މަޝްހޫރުތަނެކެވެ. އަމިއްލަ ފަރާތަކުން އިސްނަންގަވައިގެން ޚިދުމަތްދެއްވާ މި އާސާރަކީ ކުޅުދުއްފުށި ސިޓީއަށް މުހިންމު ތަނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

    ކުޅުދުއްފުށި ސިޓީއަށް ޚާއްޞަ، ދަމުހިނގުމާއި ހިތްޗަށްވަޑައިގަތުންފަދަ ސަގާފީ ކުޅިވަރުތަކަކީ އެންމެ އިހު ޒަމާނުއްސުރެ ރަށުގައި ކުޅެމުންއަންނަ ދިވެހިވަންތަ ކުޅިވަރުތަކެކެވެ. އަދި ފަހުން މި ލިސްޓަށް އިތުރުވި މަށިމާލި ޕެރޭޑަކީ ޢީދުގައި ކުޅޭކުޅިވަރަކަށް ވިޔަސް މުޅި ރާއްޖެއަށްވެސް މަޝްހޫރު ކުޅިވަރަކަށް މިހާރުވަނީ ވެފައެވެ. މުޅި ރަށަށާއި އަތޮޅަށްވެސް ޚާއްޞަ، ހޮނިހިރު ބާޒާރަކީވެސް ރަށުގެ ސަގާފަތުގެ ތެރެއިން ޖާޖަހޯދާފައިވާ، ކޮންމެ ހޮނިހިރު ދުވަހަކު އޮންނަ ބާޒާރެކެވެ. އުތުރުގެ ތިން އަތޮޅުގެ މީހުން އެމީހުންގެ ވިޔަފާރީގެ މައި މަރުކަޒުކަމުގައި ދެކޭ ކުޅުދުއްފުށީގައި ހޯލްސޭލަށް މުޅިރާއްޖެއަށްވެސް މަޝްހޫރު ވިޔަފާރިތަކުގެ ގޮފިތަކާއި ރީޓެއިލް ފިހާރަތައްވެސް ވަރަށް ގިނައެވެ. މީގެ އިތުރުން ރާއްޖެއާއި ބޭރު ޤައުމުތަކާމެދު ދުއްވާ ބޯޓުފަހަރަށް ޚާއްޞަ ބައިނަލްއަގުވާމީ ބަނދަރަކާއި އިތުރު ލޯކަލް ދެ ބަނދަރު އޮންނަ ކުޅުދުއްފުށި ސިޓީގައި މިހާރުވަނީ ވައިގެވައިގެ ބަނދަރެއްވެސް އަޅައި އެތެރޭގެ އުނދުހުންތަކުގެ ދަތުރުތައް ފަށައި ޚިދުމަތްދޭން ފަށާފައެވެ. އަދި ހަމައެހެންމެ ކަނޑުމަގުން ރަށްތައް ގުޅާލުމަށް ސަރުކާރުން ފެށި އާރް.ޓީ.އެލް ފެރީތަކަށް ޚާއްޞަ ބަނދަރެއްގެ ޚިދުމަތް ލިބޭ ކުޅުދުއްފުށިސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ދެ ޓެކްސީ ސެންޓަރަކުން ޓެކްސީގެ ޚިދުމަތްވެސް ފަސޭހަކަމާއެކު އެ ސިޓީއިން ލިބެއެވެ.

    އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނަ ސިއްހީ ޚިދުމަތްތަކަކީވެސް ކުޅުދުއްފުށި ސިޓީން ފާހަގަކުރެވޭ ޚިދުމަތެވެ. ރާއްޖެއިން ލިބެންހުރި ސިއްހީ ފަރުވާތަކުގެ ތެރެއިން ގިނަ ފަރުވާތަކެއް ލިބެންހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުން މީހުން ފަރުވާހޯދާ، މުހިންމު ހޮސްޕިޓަލެކެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ކްލިނިކްތައްވެސް ކުޅުދުއްފުށި ސިޓީގައި ގާއިމުވެފައިވާކަން ފާހަގަކުރެވެއެވެ.

    ކުޅުދުއްފުށި ސްކޫލުތަކުން، ހޯދާ ޢިލްމީ ރަންވަނަތަކަކީ ތަޢުލީމީގޮތުން ކުޅުދުއްފުށި ސިޓީ ފާހަގަވާ އަނެއް ސަބަބެވެ. ސަރުކާރުގެ ތިން ސްކޫލާއި އަމިއްލަ ފަރާތަކުން ހިންގާ ޕްލޭ ސްކޫލެއް ކުޅުދުއްފުށި ސިޓީގައި ހުރެއެވެ. އަދި ހަމަ އެހެންމެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަކާއި އަމިއްލަ ކޮލެޖުތަކުގެ ކެމްޕަސްތައް ހުރި ކުޅުދުއްފުށި ސިޓީން އިބްތިދާޢީ ތަޢުލީމުން ފެށިގެން މަތީ ތަޢުލީމުގެ އެންމެ މަތީ ހަރުފަތަށް ވާސިލުވުމުގެ މަގުވެސް ފަހިވެފައިވާކަން ފާހަގަކުރެވެއެވެ.

    ސަރުކާރުގެ ވަޒީފާ ނުވަތަ ސިވިލްސަރވިސްގެ މަޤާމުތަކުގައި ގިނަބަޔަކު ވަޒީފާއަދާކުރާ ކުޅުދުއްފުށި ސިޓީގައި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް އެބަހުއްޓެވެ. އަދި ދެ ބޭންކާއި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ދެ ކުއްފުނީގެ މަރުޒުތައްވެސް އެ ސިޓީގައި ޤާއިމުވެފައި ހުރިކަން ފާހަގަކުރެވެއެވެ.

    ޝަހީދު ހުސައިން އާދަމް ޕާކާއި ރަށްމަތިފަންނާއި އާޓިފިޝަލް ބީޗާއި ތަރިޕާކުފަދަ ފިނިމައިޒާންތަކުގެ އިތުރުން ކުޅިވަރުކުޅުމަށް ޚާއްޞަ ސަރަހައްދީ ޒޯން ސްޓޭޑިޔަމަކާއި ފުޓްބޯޅަކުޅުމަށް ޚާއްޞަ 3 ފުޓްބޯޅަ ދަނޑާއި އިންޑޯ ކުޅިވަރުތަކަށް ޚާއްޞަ މަރުކަޒަކާއި ބާސްކެޓް ކޯޓަކާއި ނެޓްބޯޅަ ކޯޓަކާއި ފުޓްސެލްއަށް ޚާއްޞަ ދަނޑެއްވެސް އޮތް ކުޅުދުއްފުށި ސިޓީއަކީ ގިނަ ކުޅިވަރުތަކެއް ކުޅެވޭނޭ މަގުފަހިވެފައިވާ ރަށެއްކަން ފާހަގަކުރެވެއެވެ.

    ބޮޑު 6 މިސްކިތާއި އަންހެނުން ނަމާދުކުރުމަށް ޚާއްޞަ 2ނަމާދުގެ ހުރި އަދި މީހުން ވަޅުލުމަށް 2ޤަބުރަސްތާނުވެސް އޮތް ކުޅުދުއްފުށި ސިޓީގައި އަދިވެސް ތަފާތު އެތައް ތަންތަނާއި ޚިދުމަތްތަކެއް ޤާއިމުވެފައި ވެއެވެ.

    ސިޓީއެއްގެ ދަރަޖަ ދިނުމުގެ އިތުރުން އަތޮޅުގެ ވެރި ރަށުގެ ގޮތުގައިވެސް އޮތް ކުޅުދުއްފުށި ސިޓީއަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞަ ސިޓީއެކެވެ. އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން އެތައް ކަމަކަށް ބަރޯސާވާ ސިޓީއެކެވެ. އެތައް ޚިދުމަތްތަކެއް އެއްތާކުން ލިބެންހުރި ދަތުރުފަތުރުކޮށް މުދާގަތުމަށް ފަސޭހަ ސިޓީއެކެވެ. މެހެމާނުން ހިތްހަމަޖައްސާލާނޭ ކަންތައްތަކަކާއި ގޮތްތަކެއް ގާޢިމުވެފައިހުރި އަމާން ސިޓީއެކެވެ.

  • ސަބަބު

    ސަބަބު

    އަޙުމަދު ޒަކަރިއްޔާ

    ދުވަސް ފެށުނީ ހަމަ އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށެވެ. ގޭތެރޭގެ މަސައްކަތްތައް ރަމަތަކޮށްލާފައި އާބިދާ މަގުކުނިހަން ނުކުތީ އެއީ ކޮންމެ ދުވަހަކުވެސް ހެނދުނުގެ ތާވަލުގައި އޮންނަ ކަމަކަށް ވާތީއެވެ. އޭރު ޖެހިގެން ހުރި ރާގުޑީގޭ ޝަރީފާ ވެސް މަގުމަތީގައި ކުނިކެހުމުގައި އުޅެއެވެ. ކުއްލިއަކަށް މަގުމަތި ހަލަބޮލިވެ މުޅި ސަރަހައްދުގައި އަޑުގަދަވިއެވެ. އޭރު ފޮނިތޮށިގޭ ސަކީނާގެ ރުއިމުގެ އަޑާއި އޭނާގެ ފިރި އާދަނުގެ ހަޅޭކުގެ އަޑުވެސް ގަދަވަމުން ދިޔައެވެ. ވަނީ ކީއްތޯ ބަލާލަން، އާބިދާއާއި ޝަރީފާވެސް އެ ދިމާއަށް މިސްރާބު ބެހެއްޓިއެވެ.

    އަނެއްކާ ފޮނިތޮށިގޭގައި ރޯވީތަ؟ މިއޮއް ހެނދުނާ ހާދަ އަޑުގަދަވަނީ އަނެއްކާ…؟ ވަލުން ފަން ހޮވައިގެން އަންނަމުން އެހިސާބާ އަރައިހަމަވެފައި ޝަރީފާގެ ފިރި އިލްޔާސް އައިސް ޝަރީފާގެ އުކުޅުގައި އިން ކުޑަކަނބުލޯ އުރާލަމުން އަހާލިއެވެ.

    ހިސާބުގަނޑަށް މީހުން އެއްވީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. އެއްވެސް މީހަކަށް ވާނުވާއެއް ނޭނގެއެވެ. އޭރު ފޮނިތޮށިގެ ހީވަނީ ރޫޅިދާނެހެންނެވެ. އެއްޗެހި އުކާއަޑާއި ސަކީނާގެ ރުއިމުގެ އަޑާއި އާދަނާއި، އާދަނުގެ ފިރިހެންދަރި ރާމިޒުގެ ޒުވާބުގެ އަޑުންނެވެ. ހިސާބުގަނޑުގައި ތިބި އެއްވެސް މީހަކަށް އެތެރެއަށް ވަދެވެ ޚަބަރު ބެލޭނޭ ގޮތެއް ނުވިއެވެ. ދޮރާށި ތަޅުލައިފައި ހުރީމައެވެ. އެވަރުންވެސް ފާރުމަތިން ބޯއަރުވައިގެން އެތެރެއިން އެއްޗެއް ފެނޭތޯ ބެލިއަސް އެކަން ކާމިޔާބެއް ނުވިއެވެ.

    ކޮންމެއަކަސް އެޒުވާބާ އެ ހަޅޭކުގެ އަޑުކެނޑި ހަޅަޖަހައި ހަޅަ މައިތިރިވީ ގަޑިއެއްހާއިރު ފަހުންނެވެ. ވީކަމެއް ހަމަ އެކަކަށްވެސް ނޭނގުނެވެ. އިވުނީ ހަމައެކަނި އަޑެކެވެ. ފޮނިތޮށިގޭގައި އުފެދުނު ހައިޖާނުގަނޑު އުފެދެން މެދުވެރިވި ސަބަބުވީ ބޮޑު ސިއްރަކަށެވެ.

    އާބިދާވެސް ކުނިކަހާ ނިންމާލާފައި ދަރިން ސްކޫލަށް ދިޔަ ދަރިން އިންޓޯލަށް އަންނަންވާއިރަށް ސައިތައްޔާރުކުރުމަށް އަވަސްވިއެވެ. ކުރީދުވަހު ކެއްކި ގަރުދިޔަތެލި ރިހާކުރަން ހެދުމުގެ މަސައްކަތް ފެށީ އެއަށްފަހުއެވެ. ހުސޭނު މަހުން ލަފަންވާއިރަށް މަސްކައްކާ ލޯގަނޑު ދޮވެ ތައްޔާރުކުރިއެވެ. މިއީ ހަމަ ކޮންމެ ދުވަހަކުވެސް އާބިދާގެ ދުވަހީ މަސައްކަތްތައް ހުންނަ ގޮތެވެ.

    އަސުރަށް އިރުތިރި ނުވަނީސް އަނެއްކާވެސް ފޮނިތޮށިގެއާ ދިމާގައި މީހުން ހޭލަމޭލަވާ ހެން ހީވެގެން އާބިދާވެސް އެދިމާއަށް މިސްރާބުޖެހިއެވެ. މަންޒަރު ފެނުނީ ހެނދުނާ މުޅިން ތަފާތުކޮށެވެ. ތަނަށް ވެރިވެފައިވަނީ ރުއިމުގެ އަޑެވެ. އާދަނުވެސް ހުރީ ބަސްހުއްޓިފައެވެ. ލޮލުން ކަރުނަ ހިލިފައެވެ. ކުރެވުނު ބޮޑުކުށަކަށް އިޢުތިރާފުވެގެން ހުރި ކުށްވެރިއެއްހެން ގޭގެ ދޮރުކަނީގައި ލެނގިގެން ހުއްޓެވެ. މީހުންގަނޑު ފަޅަމުން އާބިދާވެސް ގޭތެރެއަށް ވަނެވެ. އޭރު ސަކީނާގެ ހޭވެރިކަމެއް ނެތެވެ. އޭނަގެ މޫނަށް ފެންޖަހައި ހޭއެރުވޭތޯ ހޭހަންކުރުމުގެ މަސައްކަތުގައި ޝަރީފާމެން އުޅެމުން ދިޔައެވެ. ދެން ފެނުނު މަންޒަރުން އާބިދާގެ މޭގަނޑުވެސް އަތަށް އައި ކަހަލައެވެ. ކުރިމަތީގައި ހުރި ބޮޑުމޭޒުމަތީގައި އެ އޮތީ ރާމިޒެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ކަރުގައި އައްސާފައިހުރި ދަންމަޅިން ބައެއް އޭރުވެސް ނައްޓައިނުލައި ހުއްޓެވެ. ކުއްލިއަކަށް ރާމިޒުގެ ނެތިދިޔުމާއި ހެނދުނު ހިނގި ޒުވާބާ ކޮންމެވެސް ގުޅުމެއްވާނެއޭ އާބިދާ ހިތަށްއެރިއެވެ.

    ރާމިޒުގެ ކަށުނަމާދު އޮތީ އެރޭ އިޝާ ނަމާދަށްފަހުއެވެ. ކަށުކަމާކެމީގެ ހުރިހާކަމެއް ނިމި ރަށުތެރެއަށް ހަމަހިމޭންކަން ވެރިވިއެވެ. އާބިދާ އަދިވެސް ހުރީ ހިނގައިދިޔަ ކަންތައްގަނޑު ގަބޫލުކުރަން އުނދަގޫވެފައެވެ. ސަބަބު އޮޅުންފިލުވަން ބޭނުންވެފައެވެ. ރާމިޒުގެ މަރުގެ ސަބަބެވެ. ހެނދުނު ހިނގި ޒުވާބުގެ އަސްލެވެ. ހަމަ އެވަގުތު އެ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވިއެވެ. އެހެންކަމުން، ހުސޭނުވެސް ގޭގައި އުޅޭތީ އަވައްޓެރި ޝަރީފާ ހޯދަން ރާގުޑިގެއަށް ދިޔައެވެ.

    ޝަރީފާ ކިޔައިދިން ގޮތުން އެނގުނީ މީހަކު ދެއްކި ދޮގުވާހަކަތަކަކުން ރާމިޒުގެ އަންހެނުން އެގެއިން ނުކުމެގެން ދިޔަ ކަމެވެ. ކައިވެންޏަށް އަހަރެއް ވެސް ނުވަނީސް ވަރިއަށް އެދުނުކަމެވެ. ރާމިޒުގެ ބައްޕަވެސް ކުށްވެރިކުރީ ރާމިޒެވެ. ސަކީނާވެސް ދުށީ ހަމަ އެ ނަޒަރުންނެވެ. އެ ހިސާބުން އާބިދާ ދެލޮލުން ކަރުނަހިލި މުޅިމީހާ ދާހިއްލާ ހާސްވާގޮތްވިއެވެ. މުޅިން ނެގިމަޑުވެ އެގެއިން ނުކުމެގެން އަމިއްލަ ގެއާ ދިމާއަށް ހިނގަންފެށީ މަރުވެފައި ހުރި މައްޔިތެއް ހެންނެވެ.

    އާބިދާއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. ރާމިޒުގެ ގާތިލަކީ ޚުދު އޭނާކަމަށް އަމިއްލަ ޒަމީރު ބުނަމުން ދިޔަ ކަހަލައެވެ. އާނއެކެވެ. ރާމިޒުގެ ސައިކަލު ފަހަތަށް އޭނާގެ އޮފީހުގައި އުޅޭ ހައްވަ ލައިގެން ދިޔަ މަންޒަރު ފެނުނީ އާބިދާއަށެވެ. އެވާހަކަ ބޮޑުކޮށްގެން، ފޮނިތޮށި ކާފޫރުތޮޅި އަޅައިގެން ރާމިޒުގެ އަންހެނުންގާތުގައި ކީ ހަމަ އާބިދާއެވެ.

  • ބެހުނު ފަރުމަސް ދަތުރު

    ބެހުނު ފަރުމަސް ދަތުރު

    މުޙައްމަދު އިފްޙާމް 12ބީ

    2020ވަނަ އަހަރުގެ ޖެނުއަރީ 23ވީ ހުކުރު ދުވަހުގެ އަސުރުން ފައިބައިގެން އަހަރެން (ހއ.ތަކަންދޫ، ތަށިމުށިވިލާ ޢަލީ ޙާޝިމް) އާއި  އަހަރެންގެ އެކުވެރި ދިއްގާގޮސްދޮށުގޭ ފަރުހަތު ޒާހިރާއި ހަމަ އެގޭ ނުޢުމާން ޒާހިރުގެ އިތުރުން ތަތްކުރޮޅިގޭ ހަސަން އާމިރު ފަރުމަހަށް ނުކުތީ އިރުއޮއްސެން ވާއިރަށް އެރޭ ބާބަކިއު ހެދޭނޭ ވަރަށް ފަރުމަސް ބޭނުމުގެ ޢަޒުމުގައެވެ. އާމިރުގެ ބައްޕަގެ ކުޑަ ޑިންގީގަނޑުގައި ކުރެވުނު މި ދަތުރުގައި ނަނުބަޔަކާއި ދެފުޅި ބޯފެނުގެ އިތުރުން ފަސްލީޓަރު ޕެޓްރޯލު ފިޔަވައި އިތުރު އެއްޗެއް ނުގެންދަމެވެ.

    ރަށުން ފުރިގޮތަށް ފުރަތަމަވެސް އަހަރެމެން ދިޔައީ މާރަންދޫ ބޭރަށެވެ. އެއީ އަހަރެމެން އެންމެ އާންމުކޮށް ފަރުމަސް ބާނާ ވަންޏެވެ. ނަމަވެސް އެ ދުވަހު އެތަނުން ދެ ގިޔުޅު ފިޔަވައި އިތުރު އެއްޗެއް ނުލިބުމުން ގައްލަންދޫ ކަނޑުއޮޅީގައި އޮންނަ ތިލައާ ދިމާއަށް މިސްރާބު ބެހެއްޓީމެވެ. ތިލައަށް ފޯރިއިރު ގަޑިން ފަހެއް ޖަހަނީއެވެ. ނަސީބު ރަނގަޅުކަމުން މާގިނަ އިރަކު އެތާ މަޑުކުރާކަށްވެސް ނުޖެހުނެވެ. ވިއްސަކަށް މިނެޓު ތެރޭގައި އަހަރެމެން ބޭނުންވާ ވަރަށް ވުރެ އިތުރަށްވެސް މަސްބޭނިއްޖެއެވެ. އެހެންކަމުން ލަސްނުކޮށް ރަށަށް އަންނަން މިސްރާބުޖެހީމެވެ. އޭރު ހުޅަނގު އުތުރު ފަރާތުން ވިއްސާރަ ވިލާގަނޑެއްގެ ނިޝާންތައް ފެންނަން ހުއްޓެވެ. މާ ގިނައިރެއް ނުވެއެވެ. ވިލާގަނޑުގެ ވައި އަހަރެމެންނާ ހަމައަށް ފޯރައިފިއެވެ. އަހަރެމެން ދުށްވަމުން ދިޔައީ ވިލާގަނޑުގެ ކުރިން ރަށަށް ފޯރާތޯއެވެ.

    ކޮންމެއަކަސް ރަށާ އަރާ ހަމަނުވަނީސް ކޮޅިގަނޑުގައި ޖެހިއްޖެއެވެ. ވާރެވެހޭލެއް ބޯކަމުން ތަނެއްދޮރެއް ވަތްކެއް ނުވެއެވެ. އިންތިހާއަށް ވައިބާރުވެ ރާޅުތައް ގިނަވެ ކަނޑު މުޅިން ހުދުފޮނަށް ހަދާލައިފިއެވެ. ޑިންގީގަނޑު ދެފަރާތަށް ތަޅުވަމުން ކުރިޔަށް ދިޔަ ނަމަވެސް، ދެވޭ ނުދެވޭ ދިމާއެއް ނޭނގެއެވެ. އިރުއިރުކޮޅުން ޑިންގީގަނޑު ތެރެއަށް ބިންދާލާ ބިޔަ ރާޅުތައް ބިންދާލާއިރު ހީވަނީ ހަމަ ދެންމެދެންމެ އަޑިޔަށް ހިނގައިދާނެހެންނެވެ. ދޭތެރެދޭތެރެއިން އެ ޖަހާލާ ގުގުރީގެ ބާރު އަޑުފަށްގަނޑާއެކު ގެނުވާ ސިހުން އިތުރުވެއެވެ. ގޮތް ހުސްވެފައި ނުހުރެ ޑިންގީގައި އޮތް ހަންބުރިއަކުން އޭގެ ދިޔަގަނޑު ހިއްކޭތޯ މަސައްކަތްކުރީމެވެ. ދުއްވަން އިން ނުއުމާނުވެސް ރާޅުތަކާ ދެކޮޅަށް ގަދަ ހިތްވަރު ދެއްކިއެވެ. އެ ބިރުވެރިކަމުގައި ބައިގަޑިއިރަށްވުރެ ގިނައިރުވެފައި ވިލާގަނޑުގެ ވައިމަޑުވެ ވާރޭ ތުނިކޮށްލިއިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ތިބެވުނު ހިސާބު ބަލައިލިއިރު ވަނގާރު ކަނޑުން ރާއްޖެއިން ބޭރުވާން ދަނީއެވެ. ހުރި ޕެޓްރޯލުކޮޅުގެ މަދުކަމާއެކު އެންމެނަށް ވެސް އިއްތިފާގުވެވުނީ ހިކިފަސްތަނަކަށް ފައިބާށެވެ. އެހެންކަމުން މަޑުމަޑުން ދުއްވާފައި ވަނގާރަށް ކައިރިކުރީމެވެ.

    ވަނގާރަށް ފައިބައި ބޯނެ ކުރުނބާ އަޅައި ވަލުން ދެތިން ކާށްޓާއި ބޯކަށިކެޔޮގަނޑެއް ނެރެވުނުއިރު އިރުއޮއްސި މޫނުއަނދިރިކަން ވެރިވެއްޖެއެވެ. ފޯނުތަކަށް ލޮނުއެޅި ހަލާކުވެފައިވުމުން އަލިކުރެވޭނޭ ގޮތެއް ނެތެވެ. ޑިންގީގައި އޮތް ވަޅިއަކުން ކުރުނބާ ހަދައިގެން އެވަގުތަށް ހައިހޫނުކަން ފިލުވާލެވުނެވެ. އޭގެ އަނެއް ދުވަސްވެސް ވޭތުވީ ހަމަ އެފަދަ ހާލެއްގައެވެ. އެ ދުވަހުގެ ރޭ ކަނޑަށް ވެއްޓުނު އަލިގުޅައެއް ފެނި އެކަމާ ބިރުން، އެކަކުވެސް ނުނިދައެވެ.

    ޖެހިގެންއައި ދުވަހު ވަނގާރަށް، ކާށްޓާއި ފަންހޮވަން ބަޔަކު އައުންވީ އަހަރެމެންގެ ނަސީބަށެވެ. ތުރާކުނުން އައި އެ ދޯނީގައި އަހަރެމެންނަށް ރަށަށް އާދެވޭނޭގޮތް ހަމަޖެހުނެވެ. ހަނދާނުން ފިލުވާލަން ދަތި އެ ދަތުރުން އެނބުރި ރަށަށް ލެފުނުއިރު އަނބިދަރިންނަށާއި ޚުދު އަހަރެމެންނަށްވެސް ވަނީ ނަފްސާނީ އަސަރުތަކެއް ކޮށްފައެވެ.