ހުސާމަތު: ކުޅުދުއްފުށީގެ ކުޅަދާނަ އުފެއްދުންތެރިއެއް!

ޙަމްދާ ޙަސަން ޙަމީދު (12ސީ)

އޭނާގެ މަސައްކަތުގެ މާހައުލަށް ނަޒަރުހިންގާލުމުން ފެންނަނީ ހުނަރުވެރިކަމެވެ. މާބޮނޑިތަކާއި ސަޤާފީ ރުމާފަޅިތަކެވެ. ރިބަނުން ތަފާތު ޑިޒައިން ތަކަށް މާޖަހާފައިވާ ހެދުމާއި ބާލީސްއުރައެވެ. މިއީ ހދ. ކުޅުދުއްފުށްޓަށް އުފަން ހުސާމަތު އަބްދުﷲގެ ހުނަރުން ފުރިފައިވާ މިންނެތް މަސައްކަތްތަކެވެ.

”ކުޑައިރުވެސް ހަމަ އާޓުގެ އެކި ކަހަލަ މަސައްކަތް ވަރަށް ކުރާހިތްވޭ. ދެން 2012ވަނަ އަހަރު ހެދިން ބޭސިކް ރިބަން އެންބްރޮއިޑެރީ ކޯހަކާއި އައިސިން ކޭކު އަޅާ ކޯހެއް. ކޭކު އެޅީ ގިނައިން ހަމަ އާއިލާ ކުދިންނަށް.  2019ވަނަ އަހަރުގެ ފަހުން ބޮޑަށް ރިބަނުން އެއްޗެހި ހަދަން ފެށީ. ހަމަ ވަރަށް ކުރާހިތްވާ ކަމެއް އެއީ. ޔޫޓިއުބުން ބަލައިގެން ތަފާތު އެކި ޑިޒައިން ދަސްކުރިން.“ ހުސާމަތު އޭނާގެ ހުނަރުތައް ފެށުނު ގޮތް ޚުލާޞާކުރަމުން ކިޔައިދިނެވެ. ރިބަނުން މާ ޖަހާފައި އޭނާ ފަހާ ހެދުންތަކުން ވެސް ހުސާމަތުގެ ހުނަރުވެރިކަން ދައްކައިދެއެވެ.

”2019 ވަނަ އަހަރު ހެދިން ފަހާ ކޯހެއް. އޭގެ ކުރިންވެސް ހެދުމެއްގައި ފަށްޗެއް ޖަހާލުން ކަހަލަ އާދައިގެ ކަންކަން ކުރަން އެނގޭ. ދެން އަމިއްލަ އަށް ހެދުން ފަހާ، ހެދުމާއި ގުޅޭ ރިބަން މާޖެހި ބޭންޑުވެސް ހަދަން“ ހުސާމަތު އޭނާގެ ފެހުމާ ބެހޭގޮތުން ކިޔައިދިނެވެ.  ރިބަނުން މާ ހެދުމުގެ އިތުރުން ސަޤާފީ ހެދުމާއެކު ޖަހާ ރުމާފައްޗާއި ސްކޫލު ކުދިންގެ ޓައީ ދަތިވެސް ހުސާމަތު ހަދައެވެ.

”ސްކޫލު ހުޅުވޭ ދުވަސްވަރާ ދިމާކޮށްފައި ވަރަށް އޯޑަރު ލިބޭ ބޮލުގައި ޖަހާ ޓައީ ދައްޗަށް. ދެން ސަޤާފީ ހެދުން ލާ ދުވަސްވަރު ހަމަ އެކި ކަހަލަ ރުމާފަޅިވެސް ވަރަށް މަޤުބޫލުވޭ.“ އޭނާ ތައްޔާރު ކޮށްފައިވާ ރުމާފަޅިތަކަށް އިޝާރާތްކޮށް ހުސާމަތު ބުންޏެވެ.

”2023 ވަނަ އަހަރު ވޫލުން ވިޔަން (ކްރޮޝޭ) ވެސް ދަސްކުރިން. އޭގެ ފަހުން މިދިޔަ އަހަރު ޕައިޕްކްލީނަރުން ވެސް މާބޮނޑި ހަދަން ފެށިން. އޮފީސް ކުއްޖަކު ދިން ޚިޔާލެއް އެއީ. އެދުވަހު ހަމަ އޮފީހުން އައިސް ވަރަށް މަޢުލޫމާތު ހޯދިން އެކަމާ ބެހޭގޮތުން. ދެން ވަރަށް ކަމުދިޔަ، އެހެންވެ ހަމަ ތަކެތި އޯޑަރުކޮށްގެން މި މަސައްކަތް ވެސް ކުރަން ފެށީ.“ ހުސާމަތު ބުނާ ގޮތުގައި މިދުވަސްވަރު ޕައިޕްކްލީނަރުން ހަދާ މާ ބޮނޑިއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބެއެވެ.

މާބޮނޑި ތަކުގެ އިތުރުން، ޗޮކުލެޓު ފަދަ އެއްޗެހި އަޅާފައި ބޮކޭ އަދި ގިފްޓް ބޮކްސް ވެސް ހުސާމަތު ތައްޔާރު ކޮށްދެއެވެ. އޭނާގެ މިފަދަ ހުރިހާ އުފެއްދުންތައް އެއްތަނަކުން ލިބޭނެހެން މިހާރު އިންސްޓަގުރާމުގައި އޭނާގެ ޕޭޖެއްވެސް ވަނީ ހަދާފައެވެ.

”ކުރިންވެސް ޕޭޖެއް ހަދަން ވިސްނައިގެން ހުއްޓާ އޮފީސް ކުއްޖަކު ދިން ޚިޔާލެއް އެއީ. މިހާރު ވަރަށް ފަސޭހަ ޕޭޖެއް އޮތީމާ.“ އޭނާ ދާދި ފަހުން ”ކްރާފްޓް ބައި ހުޝާ“ ގެ ނަމުގައި ހުޅުވި ޕޭޖުގެ ފެށުން ކިޔައިދެމުން ބުންޏެވެ.

”ރިބަން ކަހަލަ އެއްޗެހި ބޭނުންވާ ކުލަ ކުލައިން ނުލިބޭ މި ރަށުން. ދެން ޕައިޕްކްލީނަރު ކަހަލަ އެއްޗެއްސަކީވެސް އޯޑަރު ކޮށްގެން ގެންނަން ޖެހޭ އެއްޗެހި. އަދި އެއީ ވަރަށް އަގުބޮޑު އެއްޗެހި. އެހެންވެ ވަރަށް އުނދަގުވޭ. އަސްލު ހަމަ ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ރަށުން ތަކެތި ނުލިބުން.“ ހުސާމަތު އޭނާގެ މަސައްކަތުގައި ދިމާވާ ދަތިތައް ހިއްސާކުރިއެވެ.

”އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ފަރާތުން ސަޕޯޓު ލިބޭ ކޮންމެ ކަމަކަށްވެސް. އެހެންވެ ވަރަށް އުފާވޭ. ރަށުން ބޭރުން އޯޑަރު އަންނާތީވެސް ހަމަ ވަރަށް ހިތްހަމަޖެހޭ. އަމިއްލަ ޕޭޖެއް އުފެއްދި ފަހުން ވަރަށް ފަސޭހަ. އަޅުގަނޑު ދެން ބޭނުމީ މިހާރަށް ވުރެވެސް މި ވިޔަފާރި ފުޅާކުރަން.“ ހުސާމަތު އޭނާގެ ވާހަކަ ކުރުކޮށްލަމުން ބުންޏެވެ. ތަފާތު އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް އޭނާގެ ޝައުގުވެރިކަން އޮންނަ މިންވަރު ހާމަވާ އެންމެ ބޮޑު ކަމަކީ މިއިން ކޮންމެ ކަމަކަށްވެސް  ވަގުތު ހުސްކުރުމާއި، ނުހަނު ކުރާހިތުން ކުރުމެވެ. އޭނާގެ ބުރަ މަސައްކަތަށް ސަޕޯޓުކުރާ އެންމެން ދޭ ހިތްވަރާއެކު އަދިވެސް ކުރިއަށް ދިޔުމަށް ހުސާމަތު ހުރީ ވަރުގަދަ އަޒުމެއްގައިއެވެ. އަޅުގަނޑު އެދެނީ ހުސާމަތުގެ މަސައްކަތަށް ގިނަބައެއްގެ ސަމާލުކަން ލިބި، އިތުރު ކާމިޔާބީތަކެވެ.

Leave a Reply

Your email address will not be published. Required fields are marked *