ލޫޠު އަޙުމަދު (ޖަލާލުއްދީން ސްކޫލް 12ބީ)
ދިރިއުޅޭ ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ ހިތްހަމަޖެހުމާއި ބުރަކަން ލިބޭ ކަމެކެވެ. ނަމަވެސް ޒަމާނުންސުރެ މިއީ ދިވެހީން ވެސް ކުރަމުން އައި ކަމެކެވެ. ގޭތެރެއަށް ދޫކޮށްލައިގެން ބުޅަލާއި ކުކުޅާއި މުސަޅުފަދަ ޖަނަވާރުތައް ގެންގުޅުމުގެ ތާރީޚު ރާއްޖޭގައިވެސް އެބައޮތެވެ. މިހާރު މި ގޮތަށް ގެންގުޅެނީ ހަމައެކަނި މި ބަޔާންކުރި ފަދަ ޖަނަވާރުތަކެއް ނޫނެވެ. އެއާ ޚިލާފަށް ފާޑުފާޑުގެ ދޫންޏާއި މަހާއި ބޮނޑާއި މީދަލުގެ އާއިލާއަށް ނިސްބަތްވާ ޖަނަވާރުތައް ވެސް އޮޅުކޮށްގެން ގެންގުޅެއެވެ. އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން އެކަނިވެރިކަމާއި ފަޅުކަން ފިލުވައިދެއެވެ. ހަމައެހެންމެ މިއީ އެތައް ވަގުތަކާއި ހޭދައެއް ހޭދަވާ ކަމެކެވެ. އެހެންކަމުން ދިރިއުޅޭ ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ އެކަމުން ފައިދާއާއި ގެއްލުން ލިބޭ ކަމެކެވެ.
ދިރިއުޅޭ ގޭތެރޭގައި އޮޅުކޮށްގެން އެކި ވައްތަރުގެ ޖަނަވާރު ގެންގުޅުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ގޭތެރޭގައި އެކަނިވެފައި އިންނަންޖެހުނަސް އޮޅު ޖަނަވާރުތަކުގެ ސަބަބުން އެކަނިވެރިކަން އިހުސާސްކޮށްދޭ މިންވަރު ކުޑަކޮށްދެއެވެ. އެސޮރުމެން ކިޔައިދޭ ލަވަތަކާއި ރީތި ރާގުތަކާ ކުރާ ފަރި ހަރަކާތްތަކަކީ ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަންކަމެވެ. ބައެއް ދޫންޏަކީ އިންސާނުންގެ ބަހުރުވައިން ވާހަކަދައްކާ އެއްޗެއްސެވެ. ވުމާއެކު އެކަމުން ވެސް ހިތަށް އިތުރު ތަސައްލީ ގެނެސްދެއެވެ. އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަން އިތުރުވުމަކީ ދިރިއުޅޭ ގޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން ލިބޭ މުހިންމު ފައިދާއެކެވެ.
ދިރިއުޅޭ ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުވުމާއެކު، ޒިންމާދާރުވާން ދަސްވެއެވެ. އެހެނީ އޮޅުކޮށްގެން ޖަނަވާރެއް ގެއްގުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ޤަވާޢިދުން އެ ސޮރުމެނަށް އެތައް ކަމެއް ކޮށްދޭން ޖެހެއެވެ. ކޮންމެ ދުވަހަކު ބަރާބަރަށް ކާންބޯން ދޭންޖެހެއެވެ. ފެންވަރުވާ ތާހިރުކުރަން ޖެހެއެވެ. އެސޮރުމެންގެ ކޮށި ސާފުކޮށް ބަލަހައްޓަންޖެހެއެވެ. ބުނެލަން ފަސޭހަވިއަސް މި ކަންކަން ކުރެވޭނީ ފިސާރި މުރާލިވެގެންނެވެ. އަދި ޒިންމާދާރުވެގެންނެވެ. އޮޅުކޮށްގެން ޖަނަވާރެއް ގެންގުޅޭނަމަ އެ ސިފަތައް އަށަގަންނާނެއެވެ. ވުމާއެކު ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން ޒިންމާދާރުވުމުގެ ސިފަ އަށަގަތުމަކީ އެކަމުން ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ.
ކޮންމެކަމެއްގައި ވެސް ދެކޮޅު އޮންނަ ފަދައިން ގޭތެރޭގައި އޮޅު ޖަނަވާރު ގެންގުޅުމުން ފައިދާ ލިބޭ ފަދައިން ގެއްލުން ވެސް ލިބެއެވެ. އެގޮތުން ލިބޭ އެއް ގެއްލުމަކީ ޖީބަށް ބަރުވުމެވެ. ގެންގުޅޭ ޖަނަވާރު ނުވަތަ ޖަނަވާރުތަކަށް ބޭނުންވާ ކާނާއަކީ ހެޔޮއަގެއްގައި ލިބޭ އެއްޗެއްސެއް ނޫނެވެ. އެސޮރުމެނަށް ބައްޔެއް ޖެހިއްޖެނަމަ ބޭސްކުރުމަކީ ވެސް އެތައް ޚަރަދުތަކެއް ހިނގާ ކަމެކެވެ. ބުޅަލާއި މީދަލާއި މުސަޅުފަދަ ޖަނަވާރުތައް އޮޅުކޮށްގެން ގެންގުޅޭ މީހުން، އެސޮރުމެނަށް ޤަވާޢިދުން ވެކުސިން ވެސް ދެއެވެ. ހަމަ އެފަދައިން ދޫނިފަދަތަކެތި ކުޅޭނެ ބޯޅައާއި ފައިގައިޖަހާ ޗޭނުގަނޑާއި ކޮށިފަދަތަކެއްޗަކީ ވެސް ސަހަލު އަގެއްގައި ލިބޭ އެއްޗެއްސެއް ނޫނެވެ. އެހެންކަމުން ޖަނަވާރު އޮޅުކޮށްގެން ގެންގުޅުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ އެކަމުން ލިބޭ ގެއްލުމެކެވެ.
ގެންގުޅޭ ޖަނަވާރުތަކުގެ ސަބަބުން ޖީބަށް ބަރުވުމުގެ އިތުރުން ގޭތެރެ ސާފުތާހިރު ނުވުމަކީ ވެސް އޮޅު ޖަނަވާރު ގެންގުޅުމުން ލިބޭ ގެއްލުމެކެވެ. ކިތަންމެ ރަނގަޅަށް ސާފުކުރި ނަމަވެސް އެ ސޮރުމެންގެ ނަޖިހުން ނުލާހިކު އަވަހަށް ތަންތަން ހަޑިވެއެވެ. އެކަމުގެ ސަބަބުން ގޭތެރޭގައި މެހި ފަދަ ދިރޭ ސޫފިތައް ގިނަވެއެވެ. އެސޮރުމެން ބޯން ބަހައްޓާފައި ހުންނަ ފެންތަށްޓަށްވެސް ނަޖިސްއެޅި ފެންތަށި ހަޑިވެ ވަރަށް އަވަހަށް ނުބައި ވަސް ދުވައެވެ. އަދި ކާއެއްޗެހި ނަގައިގެން ގެންގޮސް ހާލީގައި ނުވަތަ އެހެން ކޮންމެވެސް ތާކު ފޮރުވުމަކީ ވެސް ބައެއް ޖަނަވާރުގެ ޠަބީއަތުގައި ވާ ސިފައެކެވެ. އެހެން ފޮރުވާފައި ހުންނަ ކާއެއްޗެހީގައި ފުޅައަޅައި ތަންތަން ހަޑިވެ ވަސް ނުބައިވާކަށް ގިނަ ދުވަހެއް ނުނަގައެވެ. ކަން މިހެން ހުރުމުން ގޭތެރެ ހަޑިވުމަކީ އޮޅު ޖަނަވާރު ގެންގުޅުމުން ލިބޭ ގެއްލުމެކެވެ.
ދިރިއުޅޭ ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ އެކަމުން ފައިދާއާއި ގެއްލުންވާ ކަމެކެވެ. ގޭތެރޭގެ ފަޅުކަން ފިލުވައިދީ އެކަނިވެރިކަން ފިލުވައިދިނުމަކީ އޮޅުޖަނަވާރު ގެންގުޅުމުން ލިބޭ ފައިދާއެކެވެ. ހަމަ އެހެންމެ ނަފްސާނީ ދުޅަހެޔޮކަށް ރަނގަޅުކޮށްދިނުމަކީ ވެސް ލިބޭ ފައިދާއެކެވެ. މިއާޚިލާފަށް އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން ޖީބަށް ބަރުވެ އެކަމަށް ބޮޑު ހޭދައެއް ހިނގައެވެ. އަދި ގޭތެރޭގެ ސާފުތާހިރުކަން ގެއްލެއެވެ. މިއީ އެކަމުން ލިބޭ ބައެއް ގެއްލުންތަކެވެ. އެހެންކަމުން ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ އެކަމުގެ ސަބަބުން ފައިދާތަކާއި ގެއްލުންތައް ލިބޭ ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.