Author: އެޑުމިން

  • މީސްމީޑިއާގެ ދަންތުރައިގައި ޖެހި އާއިލީ ގުޅުންތައް ހީނަރުވެފައި

    މީސްމީޑިއާގެ ދަންތުރައިގައި ޖެހި އާއިލީ ގުޅުންތައް ހީނަރުވެފައި

    އާއިލާއެކު ކެއުމަކަށް އިންޞާފުކޮށްލަން ރެސްޓޯރެންޓަކަށް ދިޔަ ދުވަހު، ދަރިން އެ އުޅުނު ގޮތުން އަޖައިބުވެ އަންތަރީސްވާވަރު ވިއެވެ. ”އެކަކުވެސް ކާންނުފަށާތި، ސްނެޕްކޮށްލައި، އިންސްޓަގްރާމް ސްޓޯރީއަށް ލާނޭ ފޮޓޯއެއް ނެގެންދެން އިހަށް ތިބޭ!“ ގޮނޑިމައްޗަށް ކޮޅަށްއަރައި، ފޮޓޯނަގަން ހުރެފައި، އަހަރެންގެ ސޯޅަ އަހަރަށްދާ އަންހެންދަރި ބުންޏެވެ. ވަށައިގެން ނަޒަރު ހިންގާލުމުން މުޅިންވެސް ފެނުނީ އެ ޒާތުގެ މަންޒަރުތަކެވެ.

    ހަމައެކަނި ކާއެއްޗެހި ފޮޓޯނަގައި މީސްމީޑިއާއަށް ދޫކުރުމަކުން ނިމުނީއެއް ނޫނެވެ. ކެއުމުގެ ތެރޭގައިވެސް އެކަކު އަނެކަކާ ވާހަކަދެއްކޭވަރެއް ނުވިއެވެ. އެކަކު އިނީ އޭނާ ފޭސްބުކަށް ލީ ފޮޓޯއަށް ލިބޭ ”ލައިކް“ ގުނާށެވެ. އަނެކަކު އިނީ ސްނެޕްގްރޫޕުގައި، އޭނާގެ ”ދުރުގައި ތިބި ރައްޓެހިންނާ“ ވާހަކަދައްކާށެވެ.

    މިއީ މިއަދުގެ މުޖުތަމައުން ވަރަށް އާންމުކޮށް ފެންނަމުންދާ، އެހެނަސް ގަބޫލުކުރަން ދަތި ހިތި ޙަޤީޤަތެކެވެ. މީސްމީޑިއާގެ އަވައިގައި ޖެހި ކައިރީގައި ގާތް މީހުން އެއީ ޙަޤީޤަތުގައި ދުރު، ބީރައްޓެހި ބަޔަކަށް ވެއްޖެއެވެ. ”އަހަރެމެން މިއަދު ތިބީ އެއް މޭޒެއްގެ ދެފަރާތުގައި ކަމަށްވިޔަސް، ހަގީގަތުގައި ތިބީ އެކި ދުނިޔެތަކުގައި“ އިޖުތިމާޢީ މައްސަލަތައް ދިރާސާކުރާ ބޭފުޅަކު ވިދާޅުވިއެވެ. އާއިލީ ސުފުރާތަކާއި، އެކުވެރިންގެ އެއްވުންތަކަކީ އެކަކު އަނެކަކުގެ ހާލުބަލައި، އުފަލާއި ހިތާމަ ހިއްސާކުރާ ވަގުތުތަކަކަށް ވުމުގެ ބަދަލުގައި، މިއަދު އެއީ މީސްމީޑިއާއަށް ”ކޮންޓެންޓް“ އުފައްދާ މައިދާނަކަށް ވަނީ ބަދަލުވެފައެވެ.

    މީސްމީޑިއާގެ މަންސަތަކުން ލިބޭ ”ލައިކް“ ތަކާއި ”ކޮމެންޓް“ ތަކަކީ އިންސާނާގެ ނަފްސާނީ ހަމަޖެހުމާއި އުފާވެރިކަން މިންކުރާ މިންގަނޑަކަށް ހެދުމުގެ ނަތީޖާއަކީ، ހަގީގީ ދުނިޔޭގައި ލިބޭ އުފާތަކަށް ދެވޭ ސަމާލުކަން ކުޑަވުމެވެ. ”ގިނަ މީހުންގެ ސަމާލުކަން މުޅިން ހުންނަނީ ފޯނުގެ ސްކްރީނަށް، ކުރިމަތީގައި ތިބި އާއިލާގެ މޫނުތަކަކަށް ނޫން“ މިއީ މިއަދުގެ ގިނަ ޒުވާނުންގެ ހާލަތު އަމިއްލައަށް ގަބޫލުކުރާ ގޮތެވެ. ޒުވާނުންނާއި ކުޑަކުދިންގެ ހާއްސަ އިހުސާސްތައް މިއަދު ގުޅިފައިވަނީ ސްކްރީނުގެ ފަހަތުގައި ތިބި އޭނާ ނުވެސް ދަންނަ އެތައް ބަޔަކު ދޭ ތައުރީފާއެވެ. މީގެ ސަބަބުން، ކުރިމަތީގައި ތިބި މައިންބަފައިންނާއި، ދަރިންނާއި، ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ޚާއްޞަ ލޯތްބާއި ގުޅުން ދަނީ ދުވަހުން ދުވަހަށް ހީނަރުވަމުންނެވެ.

    ”މީސްމީޑިއާއަށް ދެވިހިފުމަކީ އާއިލީ ގުޅުންތައް ހީނަރުވެ، ދަރިންގެ މުއާމަލާތްކުރުމުގެ ހުނަރު ކުޑަކޮށްދޭ ކަމެއް“ ނަފްސާނީ ޢިލްމުވެރިއަކު އޭނާގެ ރައުޔު ފާޅުކުރަމުން ބުންޏެވެ. މި ފަދަ އާދަތަކުގެ ސަބަބުން ކުޑަކުދިންގެ އިޖުތިމާއީ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. މީސްމީޑިއަށް ދެވިހިފާފައި ތިބޭ ކުދިންގެ ފަރާތުން ފާހަގަވަނީ މޫނަށް ބަލައިގެން ވާހަކަދެއްކުމާއި، މީހުންގެ އިހުސާސްތައް ދެނެގަތުމުގެ ގާބިލުކަން ކުޑަވެ، އެކަނިވެރިކަމުގެ އިހުސާސްކުރެވޭ މިންވަރު އިތުރުވާކަމެވެ. ވަގުތީ އުފަލަކަށްޓަކައި މީސްމީޑިއާގައި ކުރާ ޕޯސްޓްތަކުގެ ފަހަތުން ދުވާއިރު، އަހަރެމެންގެ އަތުން ބީވެގެން މިދަނީ އެނބުރި ނުލިބޭނެ އަގުހުރި ވަގުތުތަކެވެ. އާއިލާއާއެކު ހޭދަކުރެވޭ އުފާވެރި ހަނދާންތަކުގެ ބަދަލުގައި، އާޚިރުގައި އެކަކު އަނެކަކަށް ދެނެގަނެވޭނީ ސްކްރީނުން ފެންނަ ނަގުލީ ތަސްވީރެކެވެ.

    ”ފޯނު ނިއްވާލުމަކީ އުނދަގޫ ކަމެއް އެހެނަސް އެއީ އާއިލާއަށް ސަމާލުކަން ދޭން ކުރަންޖެހޭ މުހިންމުކަމެއް“ ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންކުރުމާ ގުޅޭ ގޮތުން  ވާހަކަދައްކަމުން ވަސޭހަތްތެރިއަކު ފާހަގަކުރިއެވެ. މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި އަހަރެމެންގެ އަމަލީ ދިރިއުޅުމަށް އަވަސް ބަދަލުތަކެއް ގެންނަންޖެހެއެވެ. ކާންއިށީންނަ ވަގުތުތަކާއި، އާއިލީ އެއްވުންތަކުގައި ފޯނު ބޭނުންނުކުރާނެ ސަރަހައްދުތަކާއި ވަގުތުތައް ކަނޑައެޅުން މުހިންމެވެ. މީސްމީޑިއާގެ ވަސްވާސްތަކުން ދުރުވެ، ކުރިމަތީގައި ތިބި އާއިލާގެ މެންބަރުންގެ ވާހަކަތަކަށް އަޑުއަހައި، އެމީހުންގެ އިހުސާސްތަކުގައި ބައިވެރިވުމަކީ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ.

    ހަގީގީ ދިރިއުޅުމުގެ ރީތިކަން އޮތީ ސްކްރީނުގެ އަލީގެ ތެރެއަކު ނޫނެވެ. އެއީ ކުރިމަތީގައި ތިބި އާއިލާއާއި އެކުވެރިންގެ ހިނިތުންވުމާއި، އެމީހުންނާއެކު ހޭދަކުރެވޭ ހަގީގީ ވަގުތުތަކުގައެވެ. މިއީ މީސްމީޑިއާގެ ކަސްތޮޅުއެޅުން ނެއްޓި އާއިލީ ގުޅުންތައް އާލާކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން މިއަދު މިވަނީ މަޖުބޫރުވެފައެވެ.

  • ފަހީމިއްޔާ ސްކޫލުގެ އަހަރީ އަދަބީ ފޯވަހި

    ފަހީމިއްޔާ ސްކޫލުގެ އަހަރީ އަދަބީ ފޯވަހި

    އިވެންޓް ރިކައުންޓު

    ފަހީމިއްޔާ ސްކޫލުގެ ދިވެހި ކްލަބުން އިންތިޒާމުކުރި އެ ސްކޫލުގެ ”އަހަރީ އަދަބީ ފޯވަހި“ ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ 3 ސެޕްޓެންބަރު ވީ ހޮނިހިރު ދުވަހުގެ ރޭ އެ ސްކޫލުގެ ހޯލުގައެވެ. މި ފޯވަހީގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ދިވެހި ބަހަށް އޮތް ލޯބި އިތުރުކޮށް، ވާހަކަދެއްކުމާއި، ޅެންހެދުމާއި، ބަޙުޘްކުރުން ފަދަ އަދަބީ ހުނަރުތައް ތަރައްޤީކޮށް، ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

    ރަސްމިއްޔާތު ފެށުނީ އެ ރޭ 8:00 ގައެވެ. ކީރިތި ޤުރްއާނުގެ ބަރަކާތުން ރަސްމިއްޔާތު ފެށުމަށްފަހު، ދިވެހި ކްލަބުގެ ރައީސް، މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަދެއްކިއެވެ. އެއަށްފަހު، ފާއިތުވި ހަފުތާގެ ތެރޭގައި ކުރިއަށްދިޔަ މުބާރާތްތަކުގެ (ޅެންހެދުން، މަޒުމޫނު ލިޔުން، ކުރުވާހަކަ ލިޔުން އަދި ޚަބަރު ކިޔުން) ތަފްޞީލު ހިމެނޭ ވީޑިއޯ ރިޕޯޓެއް ހުށަހެޅިއެވެ. މި ރިޕޯޓުން ދަރިވަރުން މުޅި ހަފުތާގައި ކުރި ބުރަ މަސައްކަތާއި، އެ ކުދިންގެ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ސިފަވިއެވެ.

    އެ ރޭގެ އެންމެ ޚާއްޞަ އަދި ފޯރިގަދަ ޙަރަކާތެއްގެ ގޮތުގައި ކުރިއަށްދިޔައީ ރޭގަނޑު 8:45 ގައި އޮތް ހައުސްތަކުގެ މެދުގައި ބޭއްވުނު ބަޙުޘް މުބާރާތުގެ ފައިނަލް މެޗެވެ. މި މެޗުގައި ވާދަކުރީ ”ޣާޒީ ހައުސް“ އާއި ”ހުރަވީ ހައުސް“ އެވެ. ބަޙުޘްގެ މައުޟޫޢަކީ ”ޤައުމީ ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީއެވެ.“ ދެ ހައުސްގެ ބައިވެރިންވެސް ވަރަށް ފުރިހަމައަށް އެ ޓީމެއްގެ ކޮޅަށް ހެކިދައްކައި ވަކާލާތުކޮށް، ސާބިތު ދަލީލުތައް ހުށައެޅިއެވެ. އިދިކޮޅު ޕޮއިންޓުތައް މުގުރުމަށް، ދިން ވަރުގަދަ ރައްދުތަކުގެ ސަބަބުން ހޯލުގައި ތިބި ބެލެނިވެރިންނާއި ދަރިވަރުންގެ ތަރުހީބުގެ އަތްތިލަބަޑީގެ އަޑުން، އިރުއިރުކޮޅުން ހޯލުތެރެ ގުގުމާލިއެވެ.

    ބަޙުޘް މެޗު ނިމުމަށްފަހު، ރޭގަނޑު 9:45 ގައި ދަރިވަރުންގެ ޚާއްޞަ އަދަބީ ހުށަހެޅުމެއް ކުރިއަށްދިޔައެވެ. މީގެ ތެރޭގައި ދަރިވަރުން ހުށަހެޅި ވާދަ ރައިވަރުތަކާއި، ދިވެހި ބަހުގެ މުއްސަނދިކަން ދައްކުވައިދޭ ކުރު ތަމްސީލުތައް ހިމެނުނެވެ. އެއަށްފަހު، ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ދިވެހި ބަހާއި ސަޤާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

    ރޭގަނޑު 10:15 ގައި ކުރިއަށްދިޔައީ މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށާއި ހައުސްތަކަށް އިނާމާއި ސެޓްފިކެޓް ހަވާލުކުރުމެވެ. ކޮންމެ މުބާރާތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ ދަރިވަރުންނަށް ތަށްޓާއި ސެޓްފިކެޓް ދިނެވެ. މުޅި ފޯވަހިން އެންމެ މޮޅު ވާހަކަދެއްކުންތެރިޔާގެ މަޤާމު ގްރޭޑް 10 ގެ ދަރިވަރަކު ހޯދިއިރު، މުޅި މުބާރާތުން އެއްވަނަ ހައުސްގެ ތަށި އުފުލާލީ ”ޣާޒީ ހައުސް“ އެވެ.

    ރޭގަނޑު 11:00 ގައި ރަސްމިއްޔާތު ނިމުނުއިރު، އެންމެންގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. މިއީ ހަމައެކަނި ވަނަތަކެއް ހޮވުމަށް ބޭއްވުނު ރަސްމިއްޔާތެއް ނޫނެވެ. މިއީ ދިވެހި ބަހުގެ މުއްސަނދިކަން އިޙްސާސްކޮށްދީ، ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރާއި ޔަގީންކަން އިތުރުކޮށްދިން، ފުރިހަމަ ފޯރިގަދަ އަދަބީ އިވެންޓެކެވެ.

  • އަމަލީ ތަޖުރިބާގެ ދަތުރު

    އަމަލީ ތަޖުރިބާގެ ދަތުރު

    އިވެންޓް ރިކައުންޓު

    ތިމާވެށީގެ ދިރުންތަކާއި އެ ދިރުންތަކުގެ މާހައުލާ ބެހޭ ގޮތުން ދިރާސާކުރުމަށް، ހަމީދިއްޔާ ސްކޫލުގެ ސައިންސް ކުލަބުގެ ދަރިވަރުން، މާލެ އަތޮޅު ދިއްފުށްޓަށް ދަތުރު ދިޔައީ 29 އޯގަސްޓު ވީ ހޮނިހިރު ދުވަހުއެވެ. ދަތުރުގެ މައިގަނޑު މަޤްޞަދަކީ ކުޅިތަކާއި މާހައުލުތަކުގައިވާ ދިރުންތައް ދެނެގަނެ، އެ މާހައުލުތަކުގެ ސިފަތައް ދެނެގަތުމެވެ.

    ދަތުރުގެ ކަންކަން ފެށުނީ އެ ދުވަހުގެ ހެނދުނު 6:00 ގައެވެ. ދަރިވަރުންނާއި މުދައްރިސުން މާލޭގެ އުތުރު ޖެޓީ ސަރަހައްދަށް ޖަމާވުމަށްފަހު، ހާޒިރީ ބަލައި، ބޭނުންވާ ސާމާނު ހަމަތޯ ބެލުމަށްފަހު ދިއްފުށްޓަށް ދިޔުމަށް ފުރީ 6:30 ގައެވެ. ދަތުރު ކުރީ 28 މީޙުންގެ ޖާގައިގެ ބޮޑު ލޯންޗެއްގައެވެ. މޫސުން ރީތިވެފައި ކަނޑުވެސް ތެމާކޮށް އޮތުމުގެ ސަބަބުން ދަތުރުގެ މާޙައުލު ވަރަށް އުފާވެރިއެވެ. ހެނދުނު 7:15 ގައި ދިއްފުށްޓަށް ލެފުމާއެކު، އެންމެ ފުރަތަމަ ކުރިއަށްދިޔައީ ރައްކާތެރިކަމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައެކެވެ. އެ މަޢުލޫމާތު ދިނީ އެ ރަށުގެ ކައުންސިލުގެ މުވައްޒަފުންނެވެ. އެއަށްފަހު، ދަރިވަރުން 4 ގްރޫޕަކަށް ބަހާލައި، ކޮންމެ ގްރޫޕަކަށް ޓީޗަރަކާއި އެ މާހައުލުގެ އާޖުފާޖު އެނގޭ އެ ރަށު މީހަކު ހަމަޖެއްސިއެވެ.

    ދަތުރުގެ މެންދުރުކުރީގެ ވަގުތުތައް ޚާއްޞަކުރެވުނީ ޢަމަލީ ދިރާސާގެ މަސައްކަތްތަކަށެވެ. ކޮންމެ ގްރޫޕަކުން ވެސް އެ ގްރޫޕަކަށް ހަވާލުވި ސަރައްހަދުގެ ދިރުންތަކާއި އެ ދިރުންތައް އުޅޭ މާހައުލުގެ ސިފަތައް ދިރާސާކުރިއެވެ. އެއް ގްރޫޕުން ކުޅީގެ ސަރައްހައްދު ބެލިއެވެ. އަނެއް ގްރޫޕުން ކަނޑޫފަލުގެ ގަސްގަހާގެހީގެ ފަތްތަކާއި މޫތަކުގެ އަސާސީ ސިފަތައް ނޯޓުކޮށް، އެ ސަރަޙައްދުގައި އުޅޭ ތަފާތު ދޫނިސޫފާސޫފީގެ މަޢުލޫމާތު އެއްކުރިއެވެ. އެހެން ގްރޫޕަކުން ކުޅީގެ ފެނުގެ ކޮލިޓީ ޓެސްޓުކުރުމާއި، މާޙައުލުގައިވާ ތަފާތު ދިރުންތަކާ ބެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ. މި މަސައްކަތުގެ ތެރެއިން ދަރިވަރުން ވަނީ ފޮތުން އެނގުނު އެތައް ކަމެއް ލޮލުން ދެކެ، އަތުންހިފައި ތަޖުރިބާކޮށްފައެވެ.

    މެންދުރު 12:30 ގައި އެންމެން އެކުގައި މެންދުރުގެ ކެއުމަށް އަތިރިމަތީގައި ހުރި ހިޔާބޮޑު ގަހެއްގެދަށަށް ޖަމާވިއެވެ. ދަރިވަރުން ގެންދިޔަ ކާބޯތަކެތި އެކަކު އަނެކަކާ ހިއްސާކޮށް، ތަޖުރިބާގެ ވާހަކަތަކާއި މަޖާ ސަމާސާގައި ވަގުތު ހޭދަކުރިއެވެ. ކެއުމަށްފަހު، 1:30 ގައި ކުރިއަށްދިޔައީ ގްރޫޕްތަކުގެ މެދުގައި ބޭއްވުނު ސުވާލު މުބާރާތެކެވެ. މި މުބާރާތުގައި މުޅި ދުވަހު އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސުވާލުކުރެވުނުއިރު، ދަރިވަރުންގެ މެދުގައި ވަރަށް ވާދަވެރި އަދި ފޯރިގަދަ މާޙައުލެއް އުފެދިގެންދިޔައެވެ. އެއަށްފަހު، ރަށުގެ ތިމާވެށި ރައްކާތެރިކުރުމުގެ އަމަލީ ހަރަކާތެއްގެ ގޮތުން ގުދުރަތީ ސަރަޙައްދު ސާފުކުރުމުގެ އިޖުތިމާޢީ މަސައްކަތެއް ކުރިއަށްދިޔައެވެ. މީގެ ސަބަބުން ޕްލާސްޓިކް ކުނީގެ ނުރައްކާތެރިކަން ދަރިވަރުންނަށް އިތުރަށް އިޙްސާސް ކުރެވުނެވެ.

    އިރުއޮއްސެން ކައިރިވެފައި ވަނިކޮށް، ހަވީރު 5:30 ގައި އެނބުރި މާލެ ދިޔުމަށް ލޯންޗުގައި ދަތުރުފެށިއެވެ. މުޅި ދުވަހު އަވީގައި އުޅުމުގެ ސަބަބުންނާއި ކުރެވުނު ބުރަ މަސައްކަތުން ވަރުބަލިވި ނަމަވެސް، އެންމެންގެ މޫނުމަތިންވެސް ފެންނުނީ އުފާވެރިކަމާއި، އާ މަޢުލޫމާތުތަކެއް ލިބުމުގެ ހިތްހަމަޖެހުމެވެ.

    މި ދަތުރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުރެވުނު ދަތުރެއް ނޫނެވެ. މިއީ ދަރިވަރުންނަށް، ތިމާވެށި ރައްކާތެރިކުރުމުގެ މަޢުލޫމާތު ލިބުމުގެ އިތުރުން އެ ފަދަ މާހައުލުތައް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބުނު ދަތުރެކެވެ.

  • ބިރުވެރި ކުމުންދޫ ދަތުރު

    ބިރުވެރި ކުމުންދޫ ދަތުރު

    ލޫޠު އަޙުމަދު (ޖަލާލުއްދީން ސްކޫލް، 12ބީ)

    މިއީ އަހަރެން (ކުޅުދުއްފުށި ސިޓީ، ބިންބިވިލާ، އަޙުމަދު މުނީޒު) އާއި އަހަރެންނާއެކު ހޮސްޕިޓަލުގައި މަސައްކަތްކުރާ އިތުރު ދެ ނަރުހުންނާއި ސީއެންބިއުލާންސްގެ ފަޅުވެރިއަކާއި ކައްޕިއާއެކު، ބަލިމީހަކު ބަލައި ކުޅުދުއްފުށި ސިޓީން ހދ.ކުމުންދޫއަށް ކުރި ދަތުރުގެ ދަތުރުނާމާއެވެ. ކުއްލި ޙާލަތުގައި ކުމުންދޫ ޞިއްޙީ މަރުކަޒުގައި އޮތް ބަލި މީހަކު ކުޅުދުއްދުށީ ހޮސްޕިޓަލަށް ގެންނަންޖެހޭކަން މެނޭޖުމަންޓުން އެންގުމުން އަހަރެމެން ދަތުރަށް ފުރީ، 2026 ޖުލައި 2ވަނަ ދުވަހުގެ ރޭ ދަންވަރު 1:30 ގައެވެ. އާންމުކޮށް ބަލިމީހަކު ބަލައި ކުރާ ދަތުރުތަކުގައި ގެންދާ ކުއްލި ޙާލަތުގައި ފަރުވާދެވޭނޭ ސާމާނާއި އަތުގައި އޮތް ފޯނު ފިޔަވައި އިތުރު އެއްޗެއް އަހަރެމެން ނުގެންދަމެވެ.

    ދަތުރަކީ އެ ދުވަހުގެ ހަވީރު ކުރަން އޮތް ދަތުރެއް ނަމަވެސް އެރޭ ދަންވަރަށް ދަތުރު ފަސްކުރެވުނީ ވެސް ވިއްސާރަވެ ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކޮށް، މުސުމާބެހޭ އިދާރާއިން އޮރެންޖު ސަމާލު ނެރެފައިވާތީއެވެ. އެހެން ނަމަވެސް ބަލިމީހާގެ ނާޒުކު ހާލަތަށް ބަލައި، އޮރެންޖު ސަމާލު ހުދު ސަމާލަކަށް ބަދަލުވީމާ، އަދި އެއީ 15ވަރަކަށް މިނެޓުން ދެވޭހާ ކައިރީގައި އޮތް ރަށަކަށް ވާތީއާ ވެސް އެކުގައި، އެހެން ގޮތެއް ނެތުމުން ދަތުރަށް ފެށީއެވެ.

    ބޮޑުމުޙައްމަދު ކަލޭފާނު ބަނދަރުން ނުކުމެގެން ރަށުގެ ނިވަލަށް ނުދެވެނީސް ފުރަތަމަ ރާޅު ލޯންޗުގެ ތެރެއަށް ބިންދާލިއެވެ. އެވަގުތު ސިފަކުރެވުނީ ވަރަށް ބިރުވެރި، އަދި އެހާމެ ނުރައްކާތެރިކޮށެވެ. އަހަރެމެން އެންމެނަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު ތަކުބީރު ކިޔަން ފެށުނީ އިޚްތިޔާރަކާނުލައެވެ. އެންމެންގެ މޫނުމަތިން ވެސް ފެނުނީ ނުތަނަވަސްކަމާއި ހާސްކަމެވެ. ލޯންޗުތެރެއަށް ލޮނުގަނޑު ވައްދާލީ ކުރީކޮޅުގެ ދޮރުގެ ތަންޑު ނޭޅުވި ހުރީމާކަމަށް ބުނެ ފަޅުވެރި މޫސަ ތަންޑު ރަނގަޅަށް އަޅުވައިލުމުން ކައްޕި އާދިލް ލޯންޗުގެ ދުވެލި ހަރުކޮށްލިއެވެ. މާކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން އެއް ރާޅު މަތިން، އަނެއް ރާޅުގައި ކަތި ވިއްދަމުން ލޯންޗުގަނޑު ތަޅުވަމުން ދިޔައިރު ހީވީ ދެންމެދެންމެ ލޯންޗު ފަޅައިގެން ހިނގައިދާނޭ ހެންނެވެ.

    ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑަކާއެކު ދޮރުގައި ހުރި ތަންޑުގަނޑު ބިންދާލައި ދެވަނަ ރާޅު ލޯންޗުގެ ތެރެއަށް ވައްދާލީ ކުމުންދޫ ކަނޑިންމާ ފައިކަށިކައިރިން ފަޅަށް ވަންނަށް ހުންގާނު އަނބުރާލި ވަގުތުއެވެ. އިސާހިތަކު ލޯންޗުގެ ތެރޭގައި ދިޔަބޮޑުވެ ލޯންޗުގެ ބެޓެރި ސެޓަށް ލޮނުއެޅި އިންޖީނު ނިވުނެވެ. އަހަރެމެންނަށް ރަށުގެ ފަޅުތެރެއަށް ވަދެވުނީ އެ ވަގުތު އެ ރަށު ފަޅަށް ވަން މުދާއުފުލާ ބޯޓެއްގެ އެހީގައެވެ.

    ލޯންޗުގެ އިންޖީނު އިސްޓާޓުނުވުމުން، ބަލައިދިޔަ ބަލިމީހާ ގޮވައިގެން ސީއެންބިއުލާންސުގައި އެ ރަށުން ފުރޭ ގޮތެއް ނުވިއެވެ. އެ ރަށު އަމިއްލަ މީހެއްގެ ލޯންޗެއްގައި އެނބުރި ކުޅުދުއްފުށްޓަށް އައުމަށް ފުރީ ބަލިމީހާއާއި ބަލިމީހާގެ އެހީތެރިއަކާއި އަހަންނާއި އަހަންނާއެކު ދަތުރުގައި ބައިވެރިވި އަނެއް ދެ ނަރުހުންނެވެ. ކައްޕިއާއި ފަޅުވެރިޔާ މަޑުކުރީ ސީއެންބިއުލާންސް މަރާމާތުކުރާށެވެ. އެނބުރި އައިއިރު ދަތުރުކުރީ ވަޔާ އެއްކޮޅަށް ކަމަށް ވާތީ ކަނޑުގަދަކަމުގެ އިހްސާސްކުރެވުނީ ތަންކޮޅެއް ކުޑަކޮށެވެ. އެހެން ނަމަވެސް ކަނޑު މަޑެއް ނޫނެވެ.

    ﷲގެ ހެޔޮ ރަޙުމަތުން ދަތުރުގެ މަޤްޞަދު ހާސިލުކޮށް ކުޅުދުއްފުށީ ބަނދަރަށް ލޯންޗު ބިތްކުރިއިރު މެންދަމު 3:30 ވަނީއެވެ. އޭރު އެންބިއުލާންސް އަހަރެމެންގެ އިންތިޒާރުގައި އެ ސަރަހައްދުގައި އޮތެވެ. އެއީ ދުވަހަކުވެސް ހަނދާނުން ނުފިލާނޭ ބިރުވެރި ދަތުރެކެވެ.

  • ”ބަދިގެއިން“ ވިދާލި ސަލީމު: ދިވެހި ރަހަތަކުގެ އެންމެ އުހަށް!

    ”ބަދިގެއިން“ ވިދާލި ސަލީމު: ދިވެހި ރަހަތަކުގެ އެންމެ އުހަށް!

    މަރިޔަމް ޖަނާން މުޙައްމަދު (ޖަލާލުއްދީން ސްކޫލް، 12ބީ)

    ބ.ބޮލިދޫ، ފެންފިޔާޒުގޭގެ ދޮރާށިން އެތެރެވުމާއެކު ފުރަތަމަ ވެސް ލޮލުގައިއަޅައިގަތީ މެދުގޯތީގެ އެއްފަރާތެއްގައި ތަރުތީބުކޮށްފައިވާ ދަރުބޮނޑިތަކެވެ. ގެއާ އިންވެގެން ހުރި ދަރުބަދިގެއިން އޭރު ވެސް ދުވަނީ މީރު ރިހާކުރުވަހެވެ. މެދުގޯތީގައި އަވީލައިފައި ހުރި މަސްލީލިތައް ވެސް ހުރީ ކުޅުދިޔާވާ ކަހަލަ ގޮތަކަށެވެ. އަހަރެމެން ގޮވާލި ސަލާމަށް އިޖާބަދެމުން ބަދިގެ ތެރެއިން ނުކުމެ ހިނިތުންވެލީ ދެވަނަ އެހެން މީހެއް ނޫނެވެ. މުޅި ރާއްޖެއަށް މަޝްހޫރު ”ބަދިގެއިން“ ބުރޭންޑު ވުޖޫދުކުރި މުޙައްމަދު ސަލީމެވެ.

    ”ފުރަތަމަ ހެދީ ޓީޗިންގ، ދެން ރަށުން ވަޒީފާއެއް ނުލިބުނީމާ ބޭނުންވީ ގޭގައި ހުރެގެން ކުރެވޭނޭ ކަހަލަ މަސައްކަތެއް ކުރަން“ އޭނާގެ ދަރުބަދިގެއަށް ވަނުމަށް އަތުން އިޝާރާތްކުރަމުން، މަސައްކަތް ފެށުނު ގޮތް، 27 އަހަރުގެ ސަލީމު ކިޔައިދިނެވެ. ދިރިއުޅުމުގެ މިސްރާބު އެހެން ދިމާއަކަށް އަނބުރާލަން ޖެހޭ ވަރަށް ގިނަ ޙާލަތްތައް އަންނާނެއެވެ. ސަލީމުގެ ނަސީބަކަށްވީ އޭނާގެ އުފަން ގެއަކީ މަސްދޯންޏެއް ދުއްވާ ގެއަކަށް ވުމެވެ. އެހެންކަމުން ކައްކާނޭ މަސް ހޯދުމަށް ތަކުލީފެއް އުފުލާއަކަށް އޭނާއަކަށް ނުޖެހުނެވެ. ބައްޕައާއި ދޮށްޓަށް ތިބޭ ދެ ބޭބެއިން ގެއަށް ގެންނަ މަސްތައް ކަނޑައި ސާފުކޮށް ކެއްކުކުމުގެ ހުރިހާ މަސައްކަތަކާ ސަލީމު ހަވާލުވީ އޭނާ އަމިއްލައަށް ބޭނުންވެގެންނެވެ.

    ”ކުރިން ވެސް މަންމަމެން ވަރަށް ގިނައިން މަސް ދިލަޖައްސާނެ، ގޭގައި ބޭނުންކުރާވަރަށް. އެމީހުންގެ މަސައްކަތް ފެނި އެކަމުގެ ތެރޭގައި ކުރިން ވެސް ކޮންމެވެސް ވަރަކަށް އުޅެވޭ. އެ ގޮތަށް އަސްލު މި މަސައްކަތް ދަސްވީ.“ މަސައްކަތުގެ ތެރެއަށް ވަދެވުނުގޮތާއި ޚިޔާލު ލިބުނުގޮތް ކިޔައިދެމުން ޒުވާން ސަލީމު ބުންޏެވެ. މަސައްކަތުގައި އޭނާ އަބަދުވެސް ކަށަވަރު ކުރަމުން ދިޔައީ އުފައްދާ ބާވަތްތަކުގެ ފެންވަރެވެ. އެކަން އެގޮތަށް ކުރުމުގެ ނަތީޖާއަކަށްވީ އޭނާގެ ބާވަތްތަކަށް އޮތް ”ޑިމާންޑު“ ބޮޑުވުމެވެ. މިއަދު އޭނާގެ ”ބްރޭންޑް ބަދިގެއިން“ ގެ ލޭބަލު ޖެހިގެން ނުކުންނަ ވަޅޯމަހާއި، ހިކިމަހާއި، ތުނިމަހާއި، ރިހާކުރަކީ އާންމުން އެ ރަހަތަކަށް އެދިއެދި ތިބޭ ރަހަތަކަކަށް ވަނީ ވެފައެވެ.

    ”ރިހާކުރު ކެއްކީ އަސްލު އަޖުމަ ބަލާލަން. ފުރަތަމަ ވިއްކީ ވެސް ގާތް މީހުންނަށް. އެކަމަކު ފަހުން ފަހުން އެނގިއްޖެ ރިހާކުރުން ލިބޭ ނަފާ މާ ބޮޑަށް ވެސް އިތުރުކަން“ އުނދުންމަތީގައި އޮލަވާން ފަށާފައިހުރި ރިހާކުރު ލޯގަނޑުގެ ތެރޭގައި ދޭފަތް ހިންގާލަމުން ސަލީމު ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ ހަޑި މަސައްކަތެއް ނޫނެވެ. އަދި ”އަންހެން“ މަސައްކަތެއް ވެސް ނޫނެވެ.

    ކިޔަވައިދިނުމުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ ހުވަފެން ދެކެމުން އައިސް، ހަޔާތުގެ ލަގަން އެހެން ދިމާއަކަށް ބަދަލުކޮށްލުމަށް ފަހު ޒުވާން އުމުރުގައި މަސްކައްކަން ބަދިގެއަށް ވަނުމަކީ، ސަލީމު ދެކޭގޮތުގައި އޭނާއަށް ނިންމުނު އެންމެ ރަނގަޅު ނިންމުމެވެ. ”ބަދިގެއިން“ ބްރޭންޑާއެކު މުޅި ރާއްޖެއަށް ވިދާލި ސަލީމު މިއަދު ވަނީ ދިވެހި ރަތަކުގެ އެންމެ އުހަށް ވާސިލުވެފައެވެ.

  • ދިރިއުޅޭ ގޭތެރޭގައި އޮޅު ޖަނަވާރު ގެންގުޅުމުގެ ފައިދާއާއި ގެއްލުން

    ދިރިއުޅޭ ގޭތެރޭގައި އޮޅު ޖަނަވާރު ގެންގުޅުމުގެ ފައިދާއާއި ގެއްލުން

    ލޫޠު އަޙުމަދު (ޖަލާލުއްދީން ސްކޫލް 12ބީ)

    ދިރިއުޅޭ ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ ހިތްހަމަޖެހުމާއި ބުރަކަން ލިބޭ ކަމެކެވެ. ނަމަވެސް ޒަމާނުންސުރެ މިއީ ދިވެހީން ވެސް ކުރަމުން އައި ކަމެކެވެ. ގޭތެރެއަށް ދޫކޮށްލައިގެން ބުޅަލާއި ކުކުޅާއި މުސަޅުފަދަ ޖަނަވާރުތައް ގެންގުޅުމުގެ ތާރީޚު ރާއްޖޭގައިވެސް އެބައޮތެވެ. މިހާރު މި ގޮތަށް ގެންގުޅެނީ ހަމައެކަނި މި ބަޔާންކުރި ފަދަ ޖަނަވާރުތަކެއް ނޫނެވެ. އެއާ ޚިލާފަށް ފާޑުފާޑުގެ ދޫންޏާއި މަހާއި ބޮނޑާއި މީދަލުގެ އާއިލާއަށް ނިސްބަތްވާ ޖަނަވާރުތައް ވެސް އޮޅުކޮށްގެން ގެންގުޅެއެވެ. އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން އެކަނިވެރިކަމާއި ފަޅުކަން ފިލުވައިދެއެވެ. ހަމައެހެންމެ މިއީ އެތައް ވަގުތަކާއި ހޭދައެއް ހޭދަވާ ކަމެކެވެ. އެހެންކަމުން ދިރިއުޅޭ ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ އެކަމުން ފައިދާއާއި ގެއްލުން ލިބޭ ކަމެކެވެ.

    ދިރިއުޅޭ ގޭތެރޭގައި އޮޅުކޮށްގެން އެކި ވައްތަރުގެ ޖަނަވާރު ގެންގުޅުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ގޭތެރޭގައި އެކަނިވެފައި އިންނަންޖެހުނަސް އޮޅު ޖަނަވާރުތަކުގެ ސަބަބުން އެކަނިވެރިކަން އިހުސާސްކޮށްދޭ މިންވަރު ކުޑަކޮށްދެއެވެ. އެސޮރުމެން ކިޔައިދޭ ލަވަތަކާއި ރީތި ރާގުތަކާ ކުރާ ފަރި ހަރަކާތްތަކަކީ ހިތަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަންކަމެވެ. ބައެއް ދޫންޏަކީ އިންސާނުންގެ ބަހުރުވައިން ވާހަކަދައްކާ އެއްޗެއްސެވެ. ވުމާއެކު އެކަމުން ވެސް ހިތަށް އިތުރު ތަސައްލީ ގެނެސްދެއެވެ. އެހެންކަމުން ނަފްސާނީ ދުޅަހެޔޮކަން އިތުރުވުމަކީ ދިރިއުޅޭ ގޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން ލިބޭ މުހިންމު ފައިދާއެކެވެ.

    ދިރިއުޅޭ ގޭތެރޭގައި  އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުވުމާއެކު، ޒިންމާދާރުވާން ދަސްވެއެވެ. އެހެނީ އޮޅުކޮށްގެން ޖަނަވާރެއް ގެއްގުޅުމަކީ ފަސޭހަކަމެއް ނޫނެވެ. ޤަވާޢިދުން އެ ސޮރުމެނަށް އެތައް ކަމެއް ކޮށްދޭން ޖެހެއެވެ. ކޮންމެ ދުވަހަކު ބަރާބަރަށް ކާންބޯން ދޭންޖެހެއެވެ.  ފެންވަރުވާ ތާހިރުކުރަން ޖެހެއެވެ. އެސޮރުމެންގެ ކޮށި ސާފުކޮށް ބަލަހައްޓަންޖެހެއެވެ. ބުނެލަން ފަސޭހަވިއަސް މި ކަންކަން ކުރެވޭނީ ފިސާރި މުރާލިވެގެންނެވެ. އަދި ޒިންމާދާރުވެގެންނެވެ. އޮޅުކޮށްގެން ޖަނަވާރެއް ގެންގުޅޭނަމަ އެ ސިފަތައް އަށަގަންނާނެއެވެ. ވުމާއެކު ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން ޒިންމާދާރުވުމުގެ ސިފަ އަށަގަތުމަކީ އެކަމުން ލިބޭ ވަރަށް ބޮޑު ފައިދާއެކެވެ.

    ކޮންމެކަމެއްގައި ވެސް ދެކޮޅު އޮންނަ ފަދައިން ގޭތެރޭގައި އޮޅު ޖަނަވާރު ގެންގުޅުމުން ފައިދާ ލިބޭ ފަދައިން ގެއްލުން ވެސް ލިބެއެވެ. އެގޮތުން ލިބޭ އެއް ގެއްލުމަކީ ޖީބަށް ބަރުވުމެވެ. ގެންގުޅޭ ޖަނަވާރު ނުވަތަ ޖަނަވާރުތަކަށް ބޭނުންވާ ކާނާއަކީ ހެޔޮއަގެއްގައި ލިބޭ އެއްޗެއްސެއް ނޫނެވެ. އެސޮރުމެނަށް ބައްޔެއް ޖެހިއްޖެނަމަ ބޭސްކުރުމަކީ ވެސް އެތައް ޚަރަދުތަކެއް ހިނގާ ކަމެކެވެ. ބުޅަލާއި މީދަލާއި މުސަޅުފަދަ ޖަނަވާރުތައް އޮޅުކޮށްގެން ގެންގުޅޭ މީހުން، އެސޮރުމެނަށް ޤަވާޢިދުން ވެކުސިން ވެސް ދެއެވެ. ހަމަ އެފަދައިން ދޫނިފަދަތަކެތި ކުޅޭނެ ބޯޅައާއި ފައިގައިޖަހާ ޗޭނުގަނޑާއި ކޮށިފަދަތަކެއްޗަކީ ވެސް ސަހަލު އަގެއްގައި ލިބޭ އެއްޗެއްސެއް ނޫނެވެ. އެހެންކަމުން ޖަނަވާރު އޮޅުކޮށްގެން ގެންގުޅުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ އެކަމުން ލިބޭ ގެއްލުމެކެވެ.

    ގެންގުޅޭ ޖަނަވާރުތަކުގެ ސަބަބުން ޖީބަށް ބަރުވުމުގެ އިތުރުން ގޭތެރެ ސާފުތާހިރު ނުވުމަކީ ވެސް އޮޅު ޖަނަވާރު ގެންގުޅުމުން ލިބޭ ގެއްލުމެކެވެ. ކިތަންމެ ރަނގަޅަށް ސާފުކުރި ނަމަވެސް އެ ސޮރުމެންގެ ނަޖިހުން ނުލާހިކު އަވަހަށް ތަންތަން ހަޑިވެއެވެ. އެކަމުގެ ސަބަބުން ގޭތެރޭގައި މެހި ފަދަ ދިރޭ ސޫފިތައް ގިނަވެއެވެ. އެސޮރުމެން ބޯން ބަހައްޓާފައި ހުންނަ ފެންތަށްޓަށްވެސް ނަޖިސްއެޅި ފެންތަށި ހަޑިވެ ވަރަށް އަވަހަށް ނުބައި ވަސް ދުވައެވެ. އަދި ކާއެއްޗެހި ނަގައިގެން ގެންގޮސް ހާލީގައި ނުވަތަ އެހެން ކޮންމެވެސް ތާކު ފޮރުވުމަކީ ވެސް ބައެއް ޖަނަވާރުގެ ޠަބީއަތުގައި ވާ ސިފައެކެވެ. އެހެން ފޮރުވާފައި ހުންނަ ކާއެއްޗެހީގައި ފުޅައަޅައި ތަންތަން ހަޑިވެ ވަސް ނުބައިވާކަށް ގިނަ ދުވަހެއް ނުނަގައެވެ. ކަން މިހެން ހުރުމުން ގޭތެރެ ހަޑިވުމަކީ އޮޅު ޖަނަވާރު ގެންގުޅުމުން ލިބޭ ގެއްލުމެކެވެ.

    ދިރިއުޅޭ ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ އެކަމުން ފައިދާއާއި ގެއްލުންވާ ކަމެކެވެ. ގޭތެރޭގެ ފަޅުކަން ފިލުވައިދީ އެކަނިވެރިކަން ފިލުވައިދިނުމަކީ އޮޅުޖަނަވާރު ގެންގުޅުމުން ލިބޭ ފައިދާއެކެވެ. ހަމަ އެހެންމެ ނަފްސާނީ ދުޅަހެޔޮކަށް ރަނގަޅުކޮށްދިނުމަކީ ވެސް ލިބޭ ފައިދާއެކެވެ. މިއާޚިލާފަށް އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމުން ޖީބަށް ބަރުވެ އެކަމަށް ބޮޑު ހޭދައެއް ހިނގައެވެ. އަދި ގޭތެރޭގެ ސާފުތާހިރުކަން ގެއްލެއެވެ. މިއީ އެކަމުން ލިބޭ ބައެއް ގެއްލުންތަކެވެ. އެހެންކަމުން ގޭތެރޭގައި އޮޅުކޮށްގެން ޖަނަވާރު ގެންގުޅުމަކީ އެކަމުގެ ސަބަބުން ފައިދާތަކާއި ގެއްލުންތައް ލިބޭ ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

  • ހުސާމަތު: ކުޅުދުއްފުށީގެ ކުޅަދާނަ އުފެއްދުންތެރިއެއް!

    ހުސާމަތު: ކުޅުދުއްފުށީގެ ކުޅަދާނަ އުފެއްދުންތެރިއެއް!

    ޙަމްދާ ޙަސަން ޙަމީދު (12ސީ)

    އޭނާގެ މަސައްކަތުގެ މާހައުލަށް ނަޒަރުހިންގާލުމުން ފެންނަނީ ހުނަރުވެރިކަމެވެ. މާބޮނޑިތަކާއި ސަޤާފީ ރުމާފަޅިތަކެވެ. ރިބަނުން ތަފާތު ޑިޒައިން ތަކަށް މާޖަހާފައިވާ ހެދުމާއި ބާލީސްއުރައެވެ. މިއީ ހދ. ކުޅުދުއްފުށްޓަށް އުފަން ހުސާމަތު އަބްދުﷲގެ ހުނަރުން ފުރިފައިވާ މިންނެތް މަސައްކަތްތަކެވެ.

    ”ކުޑައިރުވެސް ހަމަ އާޓުގެ އެކި ކަހަލަ މަސައްކަތް ވަރަށް ކުރާހިތްވޭ. ދެން 2012ވަނަ އަހަރު ހެދިން ބޭސިކް ރިބަން އެންބްރޮއިޑެރީ ކޯހަކާއި އައިސިން ކޭކު އަޅާ ކޯހެއް. ކޭކު އެޅީ ގިނައިން ހަމަ އާއިލާ ކުދިންނަށް.  2019ވަނަ އަހަރުގެ ފަހުން ބޮޑަށް ރިބަނުން އެއްޗެހި ހަދަން ފެށީ. ހަމަ ވަރަށް ކުރާހިތްވާ ކަމެއް އެއީ. ޔޫޓިއުބުން ބަލައިގެން ތަފާތު އެކި ޑިޒައިން ދަސްކުރިން.“ ހުސާމަތު އޭނާގެ ހުނަރުތައް ފެށުނު ގޮތް ޚުލާޞާކުރަމުން ކިޔައިދިނެވެ. ރިބަނުން މާ ޖަހާފައި އޭނާ ފަހާ ހެދުންތަކުން ވެސް ހުސާމަތުގެ ހުނަރުވެރިކަން ދައްކައިދެއެވެ.

    ”2019 ވަނަ އަހަރު ހެދިން ފަހާ ކޯހެއް. އޭގެ ކުރިންވެސް ހެދުމެއްގައި ފަށްޗެއް ޖަހާލުން ކަހަލަ އާދައިގެ ކަންކަން ކުރަން އެނގޭ. ދެން އަމިއްލަ އަށް ހެދުން ފަހާ، ހެދުމާއި ގުޅޭ ރިބަން މާޖެހި ބޭންޑުވެސް ހަދަން“ ހުސާމަތު އޭނާގެ ފެހުމާ ބެހޭގޮތުން ކިޔައިދިނެވެ.  ރިބަނުން މާ ހެދުމުގެ އިތުރުން ސަޤާފީ ހެދުމާއެކު ޖަހާ ރުމާފައްޗާއި ސްކޫލު ކުދިންގެ ޓައީ ދަތިވެސް ހުސާމަތު ހަދައެވެ.

    ”ސްކޫލު ހުޅުވޭ ދުވަސްވަރާ ދިމާކޮށްފައި ވަރަށް އޯޑަރު ލިބޭ ބޮލުގައި ޖަހާ ޓައީ ދައްޗަށް. ދެން ސަޤާފީ ހެދުން ލާ ދުވަސްވަރު ހަމަ އެކި ކަހަލަ ރުމާފަޅިވެސް ވަރަށް މަޤުބޫލުވޭ.“ އޭނާ ތައްޔާރު ކޮށްފައިވާ ރުމާފަޅިތަކަށް އިޝާރާތްކޮށް ހުސާމަތު ބުންޏެވެ.

    ”2023 ވަނަ އަހަރު ވޫލުން ވިޔަން (ކްރޮޝޭ) ވެސް ދަސްކުރިން. އޭގެ ފަހުން މިދިޔަ އަހަރު ޕައިޕްކްލީނަރުން ވެސް މާބޮނޑި ހަދަން ފެށިން. އޮފީސް ކުއްޖަކު ދިން ޚިޔާލެއް އެއީ. އެދުވަހު ހަމަ އޮފީހުން އައިސް ވަރަށް މަޢުލޫމާތު ހޯދިން އެކަމާ ބެހޭގޮތުން. ދެން ވަރަށް ކަމުދިޔަ، އެހެންވެ ހަމަ ތަކެތި އޯޑަރުކޮށްގެން މި މަސައްކަތް ވެސް ކުރަން ފެށީ.“ ހުސާމަތު ބުނާ ގޮތުގައި މިދުވަސްވަރު ޕައިޕްކްލީނަރުން ހަދާ މާ ބޮނޑިއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބެއެވެ.

    މާބޮނޑި ތަކުގެ އިތުރުން، ޗޮކުލެޓު ފަދަ އެއްޗެހި އަޅާފައި ބޮކޭ އަދި ގިފްޓް ބޮކްސް ވެސް ހުސާމަތު ތައްޔާރު ކޮށްދެއެވެ. އޭނާގެ މިފަދަ ހުރިހާ އުފެއްދުންތައް އެއްތަނަކުން ލިބޭނެހެން މިހާރު އިންސްޓަގުރާމުގައި އޭނާގެ ޕޭޖެއްވެސް ވަނީ ހަދާފައެވެ.

    ”ކުރިންވެސް ޕޭޖެއް ހަދަން ވިސްނައިގެން ހުއްޓާ އޮފީސް ކުއްޖަކު ދިން ޚިޔާލެއް އެއީ. މިހާރު ވަރަށް ފަސޭހަ ޕޭޖެއް އޮތީމާ.“ އޭނާ ދާދި ފަހުން ”ކްރާފްޓް ބައި ހުޝާ“ ގެ ނަމުގައި ހުޅުވި ޕޭޖުގެ ފެށުން ކިޔައިދެމުން ބުންޏެވެ.

    ”ރިބަން ކަހަލަ އެއްޗެހި ބޭނުންވާ ކުލަ ކުލައިން ނުލިބޭ މި ރަށުން. ދެން ޕައިޕްކްލީނަރު ކަހަލަ އެއްޗެއްސަކީވެސް އޯޑަރު ކޮށްގެން ގެންނަން ޖެހޭ އެއްޗެހި. އަދި އެއީ ވަރަށް އަގުބޮޑު އެއްޗެހި. އެހެންވެ ވަރަށް އުނދަގުވޭ. އަސްލު ހަމަ ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ރަށުން ތަކެތި ނުލިބުން.“ ހުސާމަތު އޭނާގެ މަސައްކަތުގައި ދިމާވާ ދަތިތައް ހިއްސާކުރިއެވެ.

    ”އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ފަރާތުން ސަޕޯޓު ލިބޭ ކޮންމެ ކަމަކަށްވެސް. އެހެންވެ ވަރަށް އުފާވޭ. ރަށުން ބޭރުން އޯޑަރު އަންނާތީވެސް ހަމަ ވަރަށް ހިތްހަމަޖެހޭ. އަމިއްލަ ޕޭޖެއް އުފެއްދި ފަހުން ވަރަށް ފަސޭހަ. އަޅުގަނޑު ދެން ބޭނުމީ މިހާރަށް ވުރެވެސް މި ވިޔަފާރި ފުޅާކުރަން.“ ހުސާމަތު އޭނާގެ ވާހަކަ ކުރުކޮށްލަމުން ބުންޏެވެ. ތަފާތު އެކި އުފެއްދުންތައް ތައްޔާރު ކުރުމަށް އޭނާގެ ޝައުގުވެރިކަން އޮންނަ މިންވަރު ހާމަވާ އެންމެ ބޮޑު ކަމަކީ މިއިން ކޮންމެ ކަމަކަށްވެސް  ވަގުތު ހުސްކުރުމާއި، ނުހަނު ކުރާހިތުން ކުރުމެވެ. އޭނާގެ ބުރަ މަސައްކަތަށް ސަޕޯޓުކުރާ އެންމެން ދޭ ހިތްވަރާއެކު އަދިވެސް ކުރިއަށް ދިޔުމަށް ހުސާމަތު ހުރީ ވަރުގަދަ އަޒުމެއްގައިއެވެ. އަޅުގަނޑު އެދެނީ ހުސާމަތުގެ މަސައްކަތަށް ގިނަބައެއްގެ ސަމާލުކަން ލިބި، އިތުރު ކާމިޔާބީތަކެވެ.

  • ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަންތައް ކުރަންވީގޮތް

    ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަންތައް ކުރަންވީގޮތް

    ޒިޔާދާ މުޙައްމަދު (ޒިޔާދާ މިސް) – 26 އޮކްޓޯބަރ 2024

    ދުނިޔޭގައި އުޅުމަށް ލިބޭ މަދު ދުވަސްކޮޅު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ނަމަވެސް މިފަދަ ޞިއްޙަތެއްގައި ދެމިހުރުމަށް ކުރަންޖެހޭ ކަންތައްތައް ގިނަފަހަރަށް އޮންނަނީ ނުކުރެވިފައެވެ. އެހެންކަމުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ޢަމަލުކުރަންވީ ގޮތުގެ އިރުޝާދުތައް ހިއްސާކޮށްލާނަމެވެ.

                ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި އެންމެ ފުރަތަމަވެސް ކެއުމުގައި ފަރުވާތެރިވާށެވެ. އެގޮތުން ކެއުމަކީ ދިރިހުރުމުގެ އަސާސެއްކަމުގައި ދެކިގެން ގަޑިންގަޑިއަށް ކާން އާދަކުރާށެވެ. އަދި ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް މިންހެޔޮކާނާ ބޭނުންކުރަން ސަމާލުކަންދޭށެވެ. ހަމަ އެއާއެކު އިންސާނަކަށް ކޮންމެ ދުވަހަކަށް ބޭނުންވާ މިންވަރަށް، 8 ތަށި ފެން ބޯށެވެ. ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް ހެނދުނު ވަރަށް ފުރިހަމައަށް ސައިބޯށެވެ. މެންދުރުގެ ކެއުން މެދުމިނެއްގައި ހިފަހައްޓާށެވެ. އަދި ރޭގަނޑުގެ ކެއުން މަދުކުރާށެވެ. ކެއުން މިގޮތަށް ބައްޓަންކުރުމާއެކު ޞިއްޙަތަށް ގެއްލުންވާފަދަ ތަކެއްޗާ ދުރުހެލިވާށެވެ. އެގޮތުން ތައްޔާރީ ކާނާއާއި އެނާޖީ ޑްރިކްސް ފަދަ ބުއިންތައް އެއްގޮތަކަށް ވެސް ބޭނުންނުކުރާށެވެ. އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްވެސް އެއްޗެއް ހަށިގަނޑުން އެތެރެނުކުރާށެވެ. މިގޮތަށް ކަންތައްކުރުމުން ކެއުމަށް ސަމާލުކަންދީގެން ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ލިބޭ ބާރަކަށް ވާނެއެވެ.

                ކެއުމަށް ސަމާލުކަންދިނުމާއެކު ބަރާބަރަށް ކަސްރަތުކުރަން އާދަކުރާށެވެ. އެގޮތުން ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ރަނގަޅު މީހަކަށް ވުމަށްޓަކައި މަދުވެގެން 15 މިނިޓް ކަސްރަތުކުރާށެވެ. މީގެ އިތުރުން ހަފްތާ ބަންދުގައި ކަސްރަތުކުރުމުގައި ގިނަ ވަގުތު ހޭދަކުރާށެވެ. އަމިއްލައަށް ކަސްރަތުކުރުމަށް ވަގުތު ހުސްކުރަން އުނދަގޫނަމަ، އެކަޑަމީއަކާ ގުޅިގެން ކުރިއަށްދާށެވެ. ފައިގެ މަސްތައް ވަރުގަދަކުރުމަށްޓަކައި، މޫދު ކަސްރަތު ވެސް ކުރާށެވެ. ބޭރަށް ގޮސް ކަސްރަތުކުރަން އުނދަގޫނަމަ، ގޭގައި ކުރެވޭނެ ކުދިކުދި ކަސްރަތުކުރާށެވެ. އޭރުން ލޭ ދައުރުކުރުމަށް ލުއި ލިބި، ބަލިތަކުން ދުރުކޮށްދީ ޞިއްޙަތު ރަނގަޅު މީހެއްގެ ގޮތުގައި ހުރުމަށް މަގުފަހިވެގެންދާނެއެވެ.

                ކަސްރަތުކުރުމާއެކު، ދުވާލެއްގެ މައްޗަށް ނިދި ހަމަ ކުރަންޖެހޭ މިންވަރަށް ނިދަން އާދަކުރާށެވެ. އެގޮތުން ރޭގަނޑު 8 ގަޑިއިރު ނިދަން ވަގުތު ހޯދާށެވެ. އަވަހަށް ނިދުމަށްފަހު އަވަހަށް ހޭލަން އާދަކުރާށެވެ. ރޭގަނޑު އެހެން ހަރަކާތެއްގައި ވަގުތު ހޭދަކުރަންޖެހޭ ނަމަ، ދުވަހުގެ ތާވަލުން، ނިދުމަށް ވަގުތުކޮޅެއް ހޯދާށެވެ. އޭރުން ނިދި މަދުވުމުން ދިމާވާ ޞިއްޙީ އެހެން މައްސަލަތަކާ ދުރުހެލިވެގެންދާނެއެވެ.

                ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ފުރަތަމަކަމަކަށް ކެއުމަށް ފަރުވާތެރިވާށެވެ. އެއަށްފަހު، ކަސްރަތުކުރުމަށް ވަގުތުކޮޅެއް ހުސްކުރާށެވެ. މީގެ އިތުރުން ނިދި ހަމަކުރާށެވެ. މި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކޮށްފިނަމަ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް އެހީއަކަށް ވާނެއެވެ.

  • މަންހާގެ ޙަޔާތުން ޞަފްޙާއެއް.

    މަންހާގެ ޙަޔާތުން ޞަފްޙާއެއް.

    މައިހާ މުޙައްމަދު ޙަމީދު، މަރްޔަމް އަޙްލާ އަޙްމީމް،  އާމިނަތު ޝާނީ، ޢާއިޝަތު ފައިހާ އިބްރާހީމް  (11ބީ)

    ހދ. ކުޅުދުއްފުށީ ރީނދޫމާގޭ މަރިޔަމް މަންހާ ޔޫނުސްއަކީ، ހދ. ކުޅުދުއްފުށީ ރީނދޫމާގޭ ޔޫނުސް އިބްރާހިމާއި، އއ. ތޮއްޑޫ އަންނާރުމާގޭ ސަމީނާ މުޙއްމަދަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. 2006 ވަނަ އަހަރު ޖޫން މަހުގެ 22 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދުށް މަންހާއަކީ ޖަލާލުއްދީން ސްކޫލުގައި ތައުލީމު ޙާޞިލް ކުރަމުން އަންނަ ދަރިވަރެކެވެ. މަންހާގެ ރަހުމަތްތެރިން ބުނާގޮތުގައި އޭނާއަކީ ހިތްހެޔޮ، އޯގާތެރި އަދި ކުދިންނާއި ގުޅިގެން އުޅޭ ކުއްޖެކެވެ.

    މަންހާގެ ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅުނީ އަމީރު އަމީން ސްކޫލުގައި 2009 ވަނަ އަހަރުއެވެ. ޕްރީސްކޫލްގެ ތައުލީމު ނިންމުމަށްފަހު ގްރޭޑް 1 އަށް ވަނީ ޢަފީފުއްދީން ސްކޫލަށެވެ. އެގޮތުން 2013 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ތަޢުލީމު ޙާޞިލުކުރީ ޢަފީފުއްދީން ސްކޫލުގައެވެ. ކިޔެވުމުގެ ޙަޔާތުގައި މަންހާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބުތަކެއް ހޯދާފައެވެ. މިގޮތުން އެތަކެއް ޤުރުއާން މުބާރާތް ތަކެއްގައި ބައިވެރިވެ، ވަނަތައް ހޯދާފައިވެއެވެ. މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކުގައިވެސް ބައިވެރިވެފައިވެއެވެ. ހަމައެއާއެކު އެ ސްކޫލުގައި ޕްރިފެކްޓުކަމުގެ މަގާމުވެސް އަދާކޮށްފައިވެއެވެ. އަދި ގާރލް ގައިޑަކަށްވެސް އުޅުނެވެ. އޭނާ ފާހަގަކުރާ ގޮތުގައި ގްރޭޑް ނިންމާލެވުނީ ހިތްއެދޭ ނަތީޖާއަކާއެކުއެވެ. އެގޮތުން ބެސްޓް އޯލް ރައުންޑާރގެ މަގާމު ޙާޞިލްވުމާއި ޤައުމީ ގަދަ 10އަކަށް އެރުން ވީ އޭނާގެ ތަޢުލީމީ ހަޔާތުގައި ރަން އަކުރުން ފަވާލެވުނު ކަމަކަށެވެ.

    ކިޔެވުމުގެ ދުވަސްވަރު މަންހާއަށްވެސް ވަނީ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރައްޓެއްސަކާއި ޖެހުނު މައްސަލައަކާއި ގުޅިގެން އޭނާގެ ކިޔެވުމަށް ކުރި އަސަރެވެ. މިކަމުގެ ސަބަބުން ނަފްސާނީ އެތަކެއް މައްސަލަތަކަކާއި ކުރިމަތި ލާންޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލުގެ މަސައްކަތަށް ބުރޫއެރިކަން އެނާ ފާހަގަކުރިއެވެ. މަންހާ ބުނާގޮތުގައި މި ކަމުން އަރައިގަތުމަށް އޭނާއަށް އެހީތެރިވެދިނީ ގާތް ރައްޓެއްސެކެވެ. އޭނާގެ ރަޙުމަތްތެރިޔާގެ ފަރާތުން ލިބުނު ހިތްވަރާއެކު އަލުން ކިޔެވުމުގެ މަސައްކުރަން ފެށިއެވެ.

    މަންހާ މިހާރު ކުރަމުންދާ އުއްމީދަކީ އޭލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމާއެކު، ރަނގަޅު ކޮލެޖަކުން މަތީ ތަޢުލީމު ޙާޞިލްކުރުމެވެ.  ހަމައެއާއެކު، މުސްތަޤުބަލުގައި ރަނގަޅު ވަޒީފާއެއް ހޯދުމެވެ. އޭނާ މިހާރުގެ ކިޔަވާ ކުދިންނަށް ދޭން ބޭނުންވާ ނަސޭހަތަކީ ދުރާލާ ފިލާވަޅު ދަސްކުރުމާއެކު ހުރިހާ ކަމެއްގައި ގުޅިގެން މަސައްކަތްކުރުމެވެ. އަޅުގަނޑުގެ ދުޢާއަކީ މަންހާގެ އުއްމީދުތައް ފުރިހަމަކޮށްދެއްވައި އުފާވެރި، ކާމިޔާބު ދުވަސްތަކެއް މިންވަރު ކޮށްދެއްވުމެވެ.

  • އަބާން : ދެ ރަށެއް ކަމަކު، މިސްރާބު އެއް ދިމާއަކަށް

    އަބާން : ދެ ރަށެއް ކަމަކު، މިސްރާބު އެއް ދިމާއަކަށް

    މުޙައްމަދު ޙާލިދު، އިބްރާހީމް މަލްސޫން މުޙައްމަދު، ޢަލީ އައްޒާމް މުޙައްމަދު، އީމާން އަޙުމަދު ސަޢުދު  – 11ބީ (2024-2025)

           ކުޅުދުއްފުށީ ސިޓީއަށް އުފަން އެރަށު ސީޒާގޭ މުޙައްމަދު އަބާން ޢަބްދު ﷲ ރަޝީދަކީ – ހދ ނެއްލައިދޫ ސިމާގު ޢަބްދު ﷲ ރަޝީދު ޢަބްދުލް ރަޝީދާއި، ކުޅުދުއްފުށީ ސިޓީ ސީޒާގޭ ފާޠިމަތު އާދަމަށް ލިބުނު 3 ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. 2006 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު، ދުނިޔޭގެ އަލިކަން ދުށް އަބާނަކީ މިހާރު އޭ.ލެވެލްގައި ކިޔަވަމުންދާ، މީހުންނާ ގުޅޭ، މަޑުމައިތިރިކަމަށް ލޯބިކުރާ، ހިތްވަރުގަދަ ދަރިވަރެކެވެ.

          އަބާންގެ ތަޢުލީމީ ޙަޔާތުގެ ބިންގާ އެޅިގެންދިޔައީ މަންމަގެ އުނގުންނެވެ. ޢުމުރުން 2 އަހަރުގައި އެދުރުގެއިން ކިޔަވަމުންގޮސް، ޕްރީ ސްކޫލުގެ މަރްޙަލާ އަބާން ނިންމާލީ ކުޅުދުއްފުށީ އަމީރް އަމީން ސްކޫލުގައެވެ. އެއަށްފަހު، އެރަށުގެ ޢަފީފުއްދީން ސްކޫލުގެ ގްރޭޑް 1 އަކަށް އަބާން ވަނީ ޢުމުރުން 6 އަހަރުގައެވެ. ޢަފީފުއްދީން ސްކޫލުގައި ހޭދަކުރި ދުވަސްތަކުގައި އަބާން ފާހަގަވެގެންދިޔައީ، ކުޅިވަރުގެ ރޮނގުގައި، ޢުމުރުގެ ތަފާތަކަށް ބެލުމެއްނެތި، އެންމެންނާ އެއްހަމައެއްގައި، ފަސްޖެހުމެއްނެތި ފައިހަމަކުރަމުންދިޔަ ހުނަރުވެރި ދަރިވަރެއްގެ ގޮތުގައެވެ.

          ކިޔެވުމުގެ ދުވަސްވަރު، އެކިކަހަލަ ގޮންޖެހުންތަކަކާ އަބާނަށް ކުރިމަތިލާންޖެހުނެވެ. ސައިންސް ސްޓްރީމްގެ މާއްދާތަކުގެ ނަތީޖާ ރަނގަޅުކުރުން އަބާނަށްވީ ދިމާވި ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މޮކް އިމްތިޙާނާއި އޯ.ލެވެލް އިމްތިޙާނާ ދެމެދު، ރަމަޟާން މަހުގެ ދުވަސްތައް ދިމާވުމުން، އޯ.ލެވެލް އިން ރަނގަޅު ނަތީޖާއެއް ނެރުމަށްޓަކައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުނެވެ.

          ކިޔެވުމުގައި ކުރިމަތިވީ އެންމެހާ އަޑިގުޑަންތައް ގިރާކޮށް އަބާން ގްރޭޑް 10 ނިންމާލީ، ފަޚުރުވެރި ޤައުމީ ގަދަ 10 ގައި އަބާންގެ ނަން ރަން އަކުރުން ފަވާލާފައެވެ. އަބާން ބައިވެރިވީ ކޮންމެ ކުޅިވަރުގެ މުބާރާތެއް – އެއީ ފުޓްބޯޅަ ކަމަށްވިޔަސް، ބާސްކެޓްބޯޅަ ކަމަށްވިޔަސް، އެތްލެޓިކްސް އަދި ފެތުމުގެ މުބާރާތްތައް ކަމުގައި ވީނަމަވެސް، އެ މުބާރާތްތައް އަބާން ނިންމާލާފައިވަނީ އެކިވަރުގެ ކާމިޔާބީތަކެއް ޙާޞިލުކޮށް، އަބާންގެ ލޮބުވެތި ޢާއިލާގެ ހިތްތައް އުފާކޮށްދީފައެވެ. ހަމަމިއާއެކު، އަބާންގެ ޢުމުރުން އެންމެ 13 އަހަރުގައި ރާއްޖޭގެ މަޝްހޫރު ވިކްޓްރީ ސްޕޯޓްސް ކްލަބުގައި ކުޅުމުގެ ޝަރަފު ލިބިގެންދިޔުމުން، އަބާންއަށް ޓަކައި މުޅި ރަށް ފަޚުރުވެރިވެއެވެ.

            ކުރިމަގުގައި އޭވިއޭޝަންގެ ދާއިރާއިން ކުރިއަށް ދިޔުމުގެ ޝައުޤުވެރިކަން ހުރި އަބާންގެ އެންމެ ބޮޑު އަމާޒަކީ ހައި ސްކޮލާރޝިޕް ޙާޞިލުކޮށް، އޭވިއޭޝަންގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ، އަބާންގެ އުންމީދުތައް ޙާޞިލުކުރުމުގެ މަގުތައް ﷲ ތަޢާލާ ފަހިކޮށްދެއްވަވާ، އަބާންގެ ކުރިމަގު އުޖާލާ ކުރައްވެވުމެވެ. އަދި އެ އިލާހުގެ ރަޙްމަތާއި ބަރަކާތުގައި އަބަދުމެ ލެއްވެވުމެވެ. އާމީން!